"އައި ޑޯންޓް ނޯ ވައި އައި ފީލް މައި ބޭބީ އިޒް ނޮޓް ސޭފް،" މާޔާއަށް ހިތް ޝައްކުވާ ގޮތްވިއެވެ. ޝީތު މޫނު ހިއްލައިލީ އެއަޑު އަހާފައެވެ. ޝީތުގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް މާޔާއަށް ފެނުނެވެ.
އެހާ ބާރަށް އޭނާގެ ހިތް ތެޅިގެން ހަނދާނެއް ނެތެވެ. އޭނާ ބޭނުންވީ އެނދުން ތެދުވާށެވެ. ނޫނީ ދަރިފުޅާއެ ކިޔައި ހަޅެއްލަވައިގަންނާށެވެ. އެނދުން ތެދުވަން ހަށިގަނޑު ހިއްލާލިތަނާއި ދަށްބަނޑުގައި ހުރި ރިހުން އިހްސާސްވިއެވެ.ދެފައިގެ އައްސިކަން ހުއްޓެވެ. އެނދުގައި އަތް ވިއްދާލާފައި މަޑުޖެހިލެވުނީ އަމިއްލަ ހަށިގަނޑުގައި ދުވެފައި ދެވޭނެ ހިތްވަރު ނެތްކަން އެނގުމުންނެވެ.
"މާޔާ، ސޮރީ ޓު ޓެލް ޔޫ" ޝީތު ތެދުވެ އައިސް މާޔާގެ ބޮލުގައި ފިރުމާލިއެވެ. ޝީތުގެ މޫނަށް މާޔާއަށް ބަލައިލެވުނެވެ. ޝީތު ބުނަން އުޅޭ އެއްޗެއް އޭނާ ނަގައިގަންނަން މަސައްކަތްކުރިއެވެ. އެއިން ކޮންމެ ފަހަރަކު އޭނާގެ ހިތް ތެޅިގަންނަނީ މޭ ފުޅާއަޅުވާލާފައި ނިކުންނަހާ ބާރަށެވެ.
"އަހަރެން ބޭނުން އެނގެން، އަހަރެންގެ ދަރިފުޅަށް ވީ ކިހިނެއްކަން،" މިފަހަރު މާޔާގެ ދެލޮލުގައި ކަރުނައިގެ އަސަރެއް ނެތެވެ. އޭނާ ދެލޯ ރަތްވެގެން އައީ އެތެރެއިން އުފެދެމުން ދިޔަ ރުޅީގެ ސަބަބުންނެވެ.
"ޝީ އިޒް ނޯ މޯ" ފަހަތުން މާޒީންގެ އަޑު އަހާފައި ޝީތުއަށް ބަލައިލެވުނެވެ. މާޒީން އާއި އެކު އެކީގައި ވަދެގެން އައި މިކިއަލް ހުރީ އިސްޖަހައިގެންނެވެ. އެއިން ކޮންމެ މީހެއްގެ މޫނުން ވެސް ފެންނަނީ މާޔާ އާއި ކުރިމަތިލާނެ ހިތްވަރެއް ނެތް ކަމެވެ. އެމީހުންގެ ދުލުން ހިތްވަރުދޭނެ ލަފްޒުތައް ހީވަނީ ހުސްވެފައިވާހެންނެވެ.
"ވީގޮތެއް އެނގެން އަހަރެން ބޭނުން." މާޔާ އަމުރުވެރިކަމާއި އެކު ބުނުމުން މިކިއަލް ކުރިއަށް ޖެހިލިއެވެ.
"މާޔާގެ ދަރިފުޅު އުފަންވީ ދުވަސް ނުފުރާ، އެތައް ބައިވަރު އައިބުތަކާއި އެކު، ޑޮކްޓަރުން އެމީހުންނަށްވީ އެންމެ ފުރިހަމައަށް މަސައްކަތްކުރި، އެކަމަކު ފުރާނަ އަކީ ﷲގެ މިލްކެއް،" މިކިއަލް ހުރީ މާޔާއަށް ޖަވާބުދޭން ތައްޔާރުވެގެންނެވެ.
މާޔާއަށް އަތް ގެންގޮސް އަނގަމަތި ފޮރުވާލެވުނެވެ. އެވަރުގެ ސިހުމެއް އޭނާއަކަށް ނުލިބެއެވެ. މިކިއަލްގެ މޫނަށް ބަލަހައްޓައިގެން އޭނާ އިނީ އެނދުގައި ބައިންދާފައި އިން ބުދެއްހެންނެވެ. އެސްފިޔަޖެހުމެއް އަދި ނޭވާލުމެއް ނުވާ ފަދައެވެ. އެއްދިމާލަކަށް ކަޅި ހުއްޓިފައިވިއަސް އެ ސާފު ލޮލުގެ ތެރެއަށް ގިނަވަމުން ދިޔަ ކަރުނަތައް ދިޔައީ އިތުރުވަމުންނެވެ. އެސްފިޔަތަކަށް ކުޅަދާނަ ނުވެގެން ކަރުނަތައް ކޯތާފަތަށް ފައިބަންފެށިއެވެ. މާޔާގެ ކޮނޑުގައި އަތްޖައްސާލާފައި ޝީތުއަށް ގޮވާލެވުނެވެ. ލިބުނު ސިހުމާއި އެކު މާޔާގެ ހިތަށް ކުރި އަސަރުގެ މިންވަރު ނޭނގޭތީ ޝީތުހުރީ ކަންބޮޑުވެފައެވެ.
** **
ދެދުވަސް ފާއިތުވެގެން ދިޔައިރު މާޔާ ހަމައެކަނި ލޯ ހުޅުވައިލަނީ ފެންފޮދެއް ބޯލުމަށެވެ. ސަމުސަލަކުން ފެން ސަމުސަލެއް ޖެއްސުމުން އެ ދިރުވާލާފައި އަނެއްކާވެސް އޮންނަނީ އެއްވެސް ދިރުމެއް ނެތް އިންސާނެއް ފަދައިންނެވެ. މިކިއަލް އެންމެ ވަގުތުކޮޅަކަށްވެސް އެތަނުން ދުރަކަށް ނުދެއެވެ. ޝީތު އާއި މާޒީންވެސް މާޔާއަށްޓަކައި ތިބީ ހުސްވެގެންނެވެ. އެކަމަކު އެއިން އެއްވެސް މީހެއްގެ ނަޞޭހަތަކުން ނުވަތަ ހިތްވަރަކުން މާޔާއަކަށް ބަދަލެއް ނައެވެ. އޭނާ އަޑުވީއްލައި ރުއީ ދަރިފުޅުގެ މޫނު ދެކިލަން ގެނައި ވަގުތެވެ. މާޔާއަށް ތެދުވެގެން ނުދެވޭނެތީ އެކުއްޖާ ގެނެސްދިންއިރު އުރާލަންވެސް އެދުނެވެ. އެއީ މަންމަގެ ފަރާތުން ދަރިފުޅަށް ލިބޭނެ އެންމެ ފަހުގެ ހަދިޔާއަށް ބަލާފައި މާޔާއަށް އެ ފުރުޞަތުވެސް ދިނެވެ. ދަރިފުޅު ހިނަވަން ގެންދަން އެދުމުން މާޔާ ފުރަތަމަ ދެކޮޅު ހެދިއެވެ. އޭނާގެ ހައްޓާއި ދަރިފުޅު ވަކިނުކޮށްލަން އެދުނެވެ.
އެވަގުތު މާޔާގެ ޢަމަލުތައް ހުރީ ކުޑަކުއްޖެއްގެ ފަދައިންނެވެ. އޭނާގެ ތަބީއަތް ބަދަލުވެގެން ދިޔައެވެ. ދިރުހުރުމާއި މެދު އޭނާގެ ހިތުގައި ފޫހިކަން އުފެދިއްޖެކަމުގައި ބުނަމުން ދިޔައެވެ. އަދި ދަރިފުޅާއި އެކު އޭނާވެސް ވަޅުލައިދިނުމަށް އެދުނެވެ. މާޔާއަށް ވިސްނައިދިނުންވީ އުދަނގޫކަމަކަށެވެ. އޭނާގެ ކިބައިން ކެއްތެރިކަމެއް ނުފެނުނެވެ. ދަރިފުޅު ގެންދިއުމާއި އެކު ބޮލުގެ އިސްތަށިގަނޑުގައި ހިފާ އަޑު ގަދަކުރިއެވެ. ކެނިއުލާ ނައްޓާލަން މަސައްކަތްކުރިއެވެ. އެންމެ ފަހުން އޭނާ މަޑުވީ ޑޮކްޓަރުން ޖެހި އިންޖެކްޝަންއަށް ފަހުގައެވެ.
** **
ދެހަފްތާ ފަހެވެ. މިހާރު މަދުމަދުން ހަރު އެއްޗެހި މާޔާއަށް ކެވެއެވެ. އެކަނި ހިނގައި އުޅެވެއެވެ. އެކަމަކު އަދިވެސް އިންނަނީ ބަސްމަދުވެފައެވެ. ކައުންސިލިން ދެމުން ދިޔައިރުވެސް މާބޮޑު ބަދަލެއް އަންނަ ތަނެއް ނުފެނެއެވެ.
މިކިއަލް އައުމުން ޝީތު ގެއަށް ދިއުމުގެ ހުއްދައަށް އެދުނެވެ. މިކިއަލް އަށް ތަންދެމުން ޝީތު ބުނެލީ މާޔާ ދޫކޮށްލަން އުޅޭ ވާހަކައެވެ. އަދި ޝީތުގެ ގެއަށް ބަދަލުކުރުމަށް ފަހުގައިވެސް މިކިއަލް އައިސް ބައްދަލުކުރާށޭ ބުންޏެވެ. ޝީތުއަށް ހީވަނީ މިކިއަލް އާއި މާޔާ އަދި ގުޅޭނެއޭ އޭނާ ހިތަށް އަރައެވެ. މިކިއަލް ބަހައްޓާ އޯގާތެރިކަމުގެ ފަހަތުގައި އޮތީ އިންސާނިޔަތުގެ ގުޅުން ނޫންކަމުގައި ޝީތުއަށް ޤަބޫލުކުރެވެއެވެ.
"މާޔާ' މިކިއަލް އާއި ދިމާލަށް މާޔާ ބަލައިލިއެވެ. މިކިއަލް ހިނިތުންވެލިއަސް އެ އަސަރު މާޔާގެ މޫނަކުން ނުފެނެއެވެ.
"މާޔާ ރަނގަޅު ވުމަށްފަހު އެންމެ ފުރަތަމަ ދާނީ ބައްޕަގެ ކައިރިއަށް، އައި ޓޯލްޑް ހިމް…. އެބައުޓް ޔޫ." މިކިއަލް ވާހަކަ ދައްކަމުން ދިޔައިރު މާޔާއަށް އަންނަ ކޮންމެ ބަދަލެއް ސިކުނޑީގައި ނޯޓްކުރަމުން ދިޔައެވެ. ދުވަހަކުވެސް އެއްވެސް އަސަރެއް އެ މޫނުން ނުފެނުނު ކަމުގައި ވިއަސް ބައްޕަގެ ނަމާއި އެކު އޭނާގެ ދެބުމަ އުފުލިގެން ދިޔަތަން ފެނި އެއީ ޝައުޤުވެރިވާ ވާހަކައެއްކަން މިކިއަލްއަށް ޔަޤީންވިއެވެ.
"ބޭބެގެ ދުލުން މާޔާގެ ނަން އަހާފައި އަހަރެންވެސް އަޖައިބުވި، އެއްވެސް ކަމެއްގެ މަތިން ހަނދާން ނެތަސް ބޭބެގެ ސިކުނޑީގައި މާޔާގެ ނަން ވޭ." މިކިއަލް މާޔާގެ އަތުގައި ހިފާލި ވަގުތު މާޔާގެ އިނގިލިތަކުން އޭނާގެ އަތަށް ބާރުކޮށްލިއެވެ. އަވަސް އަވަހަށް ކަޅި ހިންގާލިއިރު އެދެލޮލަށް މަޑުމަޑުން ޖަމާވަމުން ދިޔަ ކަރުނަތައް ސިއްރެއް ނުވެއެވެ. އެންމެ ހައިރާންކުރުވަނިވި ކަމަކަށް މިކިއަލްއަށް ފެނުނީ ލޮލަށް ގިނަވި ކަރުނަތަކާއި އެކުވެސް އެ ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުމެވެ. މިކިއަލްގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ވަގުތީ ހިތްހަމަޖެހުމެއް ހޯދައިދިނުމުގެ ނިޔަތުގައި އޭނާއަށް މި ވެވޭ ވައުދުގެ ސަބަބުން ފަހުން ހަޤީޤަތް ހާމަވެދާއިރު އެއަށްވުރެ ބޮޑު ހިތާމައެއްގެ ތެރެއަށް މާޔާ ވެއްޓިދާނެކަމުގެ ބިރެވެ.
"އައި ލަވް ޓު ސީ ހިމް" މާޔާގެ އަޑުގައިވަނީ ރިހުމެވެ. މިކިއަލް އަޖައިބުވީ ދެހަފްތާވެގެންދިޔައިރު އެންމެ ލަފްޒެއްވެސް ނުބުނެ ހިމޭންވެފައި އޮތް މާޔާއަށް މި އައި ބަދަލު ފެނިފައެވެ. މިއީ ޑޮކްޓަރުގެ އިރުޝާދާއި އެކު މިކިއަލް އަމިއްލައަށް ފެށި މަސައްކަތުގެ ނަތީޖާއެވެ. މާޔާގެ ސަމާލުކަން ލިބޭނެ ވާހަކައެއް ހޯދުމުގައި އޭނާ ރެޔާއި ދުވާލު ހޭދަކުރީ ފުން ވިސްނުމުގައެވެ.
"ސޫން." މާޔާގެ އިނގިލިތަކުގައި މިކިއަލްއަށް ފިރުމާލެވުނެވެ. މިފަހަރު އޭނާ އަމިއްލަ ޟަމީރަށް ވައުދުވިއެވެ. މިއީ ހަމައެކަނި މާޔާ ހިތްހަމަޖައްސަން ދައްކާ ވާހަކައަކަށް ނުހެދުމަށެވެ. މިތަނުން މާޔާ ނުކުމެ ފުރަތަމަވެސް ބައްޕަ އާއި ބައްދަލުކުރެވޭނެ ހުރިހާ ކަމެއް ހަމަޖައްސަން މިކިއަލް ބޭނުންވިއެވެ.
އެރޭ މިކިއަލް އާއި އެކު މާޔާ ބަނޑު ފުރެންދެން ކެޔެވެ. މާދަމާ ގެއަށް ދެވޭނެ އުއްމީދު ޑޮކްޓަރު ދެއްވުމުން މާޔާ ނިދަން އޮތީ ހިތްހަމަޖެހިގެންނެވެ. މާޔާގެ ކައިރީ ޑިއުޓީގައި އިން މިކިއަލް ފޯނު ނެގިއެވެ. އޭނާ ގުޅީ ނަވާޒްއަށެވެ. މިކިއަލް ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނުމުން އެކޮޅުން ދެކޮޅު ހެދީހެން ހީވެއެވެ. އޭނާ މާޔާގެ ނަން ބުނީ ދެނެވެ. ބޭބެ އާއި ބައްދަލުކޮށްދޭށޭ ބުނެ އާދޭސްކުރިއެވެ. ފޯނު ނިންމާލުމުގެކުރިން ގޭގެ އެޑްރެސް މިކިއަލް ނޯޓްކުރިއެވެ.
** **
އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ. ފޯނަށް އައިސްފައި ހުރި މެސެޖުތަކަށް ބަލާލަން ވަގުތުވީ އަދި ކިރިޔާއެވެ. މާޔާގެ ހާލުބަލާ ހިތުން ރާމީން ކޮށްފައިވާ މެސެޖު ފެނިފައި މިކިއަލްގެ ހިތުގައި ހީވީ ރިހުމެއް އުފެދުނުހެންނެވެ. ރާމީން އާއި މާޔާ ދުރުގައި ބޭތިއްބުމަށް އޭނާއަށް ވީ ހުރިހާ ކަމެއް ކޮށްފިއެވެ. އެކަމަކު ރާމީން ހުއްޓުވާނެ ގޮތެއް މިހާރު އޭނާގެ ސިކުނޑިއަކު ނުވެއެވެ.
ރާމީންގެ ނުކުޅެދުންތެރިކަމަކީ މިވަގުތު މިކިއަލްގެ ނަޞީބެވެ. އެހެން ނަމަ މިއަދު މާޔާއަށް އެހީވާން އޭނާގެ ބަދަލުގައި ހުންނާނީ ރާމީންއެވެ. މާޔާ ކއިރީ އުޅެން ފެށުމުން އޭނާގެ ހިތުގައި އުފެދެންފެށި އިހްސާސްތައް ތަފާތުވާން ފަށައިފިއެވެ. އޭނާއަށް ކުރެވުނު ފާފަތަކުގެމަތިން ހަނދާންވެ އިސްޖަހައިލެވެއެވެ. މިއަދު މާޔާގެ ހާލަތީ އޭނާ ޒިންމާ ނަގަންޖެހޭ ކަމެކޭ ހީވެއެވެ.
މިކިއަލް އާއި އަންހެނުންގެ ދެމެދުގައި އެއްވެސް ގުޅުމެއް ނެތެވެ. މިކިއަލްގެ ނުބައި އާދަތަކުގެ ހަޤީޤަތް އެނގުމާއި އެކު އަންހެނުން އަމިއްލައަށް ވަރިވާން ނިންމިއެވެ. ދަރިފުޅުގެ ކަންތަކުގައި ބޮޑު ބަހުސަކަށް ވިއަސް މިހާރު ކާމިޔާބު ލިބުނީ އަންހެނުންގެ ކޮޅަށެވެ.
** **
މިކިއަލްއަށް ހޭލެވުނީ ކަނދުރާއަށް ތަދުވާ ގޮތްވެގެންނެވެ. ގޮނޑީގައި އިނދެވުނު ގޮތުން އެ ތަދު އެރީ އެހެން އިނދެ ނިދެވުނީތީއެވެ. ކަނދުރާގައި އަތް ފިރުމަމުން ގޮސް މިކިއަލްއަށް ހުއްޓުން އެރީ ކުރިމަތީގައި ހުރި އެނދު ހުސްކަން އެނގުމުންނެވެ. ފުރަތަމަ އޭނާ ހަމަޖެހިލަން މަސައްކަތްކުރީ މާޔާ ފާޚާނާއަށް ދިޔައީކަމަށް ހީކޮށެވެ. އެކަމަކު އެނދުގެ ފައިލާކޮޅުގައި ބޮނޑިއަކަށް އޮތް ބެޑްޝީޓުގައި ހުރި ލޭ ފެނިފައި އޭނާ ބިރުގަތެވެ. އެނދުގެ ތިރިއަށް ވެއްޓިފައި އޮތް ކެނިއުލާ ފެނުނީ ދެނެވެ. އޭގައިވެސް ތާޒާ ލޭހުއްޓެވެ.
އެންމެ ފަހަރަކުވެސް މާޔާ ފިލައިގެން ގޮސްދާނެކަމުގެ ބިރު އޭނާގެ ހިތަކު ނެތެވެ. އެހެންނަމަ އެންމެ ސިކުންތަކަށްވެސް އޭނާ ނުނިދީހެވެ. ދުވެފައި މިކިއަލްއަށް ނިކުމެވުނުއިރު ފެނުނީ މީހެއްގެ ހިލަމެއް ނެތް ހަމަހިމޭން ކޮރިޑޯތަކެވެ. ނަރުހުންގެ ކައުންޓަރުގައި މާޔާގެ ވާހަކަ ބުނެފައި މިކިއަލް ދުވެފައި ދިޔައީ ތިރިއަށެވެ. އެމީހުންގެ ތެރެއިން ޝިފްޓްގެ އިންޗާރޖަކަށް ހުރި މީހާ ވެބްކެމެރާ ބެލުމަށް އިރުޝާދު ދިން އަޑު އިވުނެވެ.
މިކިއަލް ފޯނު ނަގައި ޝީތުއަށް ގުޅިއެވެ. އެގެއަށް މާޔާ ދިޔައީތޯ އަހާލެވުނެވެ. ޝީތު އަޖައިބުވެފައި މި ދަންވަރު މާޔާއަށް އެގެއަށް ވަދެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަން ފާހަގަކޮށްލިއެވެ. އެކަމަކުވެސް ގޭގެ ބޭރުގައި މާޔާ ހުރިތޯ އޭނާވެސް ޗެކުކޮށްލަން ނިކުތެވެ.
ހޮސްޕިޓަލުގެ ފުޓޭޖުން މާޔާ ބޭރަށް ނިކުންކަން ކަށަވަރު ކޮށްދިނެވެ. އޭގެންވެސް ނޭނގުނީ މާޔާ ނިކުމެގެން ދިޔަ ތަނެކެވެ. މުޅި މާލެތެރެ ބަލައިގެން ނޫނީ މިކިއަލްއަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އޭނާ ގޮތްހުސްވީ މާޔާ ދާނެ ވަކި ތަނެއް ނޫނީ ރައްޓެއްސެއްގެ މައުލޫމާތުވެސް އެނގިފައި ނުވާތީއެވެ.
** **
ނިދަން އޮވެފައި ޝެހެނާޒްއަށް ހޭލެވުނީ ގޭގެ ރަނގަބީލްވާ އަޑަށެވެ. އޭނާ ޖެހިލުންވެފައި ނަވާޒްއަށް ގޮވާލިއެވެ. އެއަޑު ނާހައި ނަވާޒް ދެއްކީ އޭނާ އޮފީހަށް ދާންޖެހޭތީ ނިދި ބޭނުންވާ ވާހަކައެވެ. ޝެހެނާޒް ތެދުވެ ދޮރާއި ދިމާލަށް ހިނގައިގަތެވެ.
ދޮރު ހުޅުވިއިރު ކުރިމަތީގައިހުރި މާޔާ ފެނިފައި ހުރެވުނީ ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ. އެތެރެއަށް ވަންނން ތަން ދީފައި ޝެހެނާޒް އަހައިލީ ހުރިހާ ކަމެއް ރަނގަޅުތޯއެވެ. މާޔާއަށް ހުރެވުނީ އެއް އަތް މެޔާއި ހަމައަށް އުފުލައިގެންނެވެ. ކެނިއުލާ ނައްޓާލިފަހުން މިހާރު ލޭމަނާވެއްޖެއެވެ. އެކަމަކު އެ އަތުގައި ރިހޭވަރުން އިރުކޮޅުކޮޅާއި ފރުމާލެވެއެވެ. އެ ނޫނީ އޭނާއަށް އުދަނގުވާކަމެއް ނެތެވެ.
"ނަވާޒްއަށް ގޮވާލެވިދާނެތަ؟"
ބުނާނެ އެއްޗެއް ނޭނގިފައި ޝެހެނާޒްއަށް ހުރެވުނެވެ. (ނުނިމޭ)