Support Us

ވާހަކަ: ހިތްއެދޭތީ- 13

ދުނިޔެއަކީ އަބަދު އެއްގޮތަކަށް އޮންނަ ތަނެއް ނޫނެވެ. މޫސުމީ ބަދަލުތައް އަބަދުވެސް އައިސްއައިސް ހުރެއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ އަބަދުވެސް ބުނެ އުޅެއެވެ. ތާއަބަދު ހިތާމައިގައި އުޅޭކަށް ނުޖެހޭނެއޭ ވެސް ބުނެއުޅޭނޫން ހެއްޔެވެ؟ ދީނާގެ ހަޔާތުގައިވެސް ތަފާތު ދުވަސްތައް ތަމްސީލްވަމުން ދާން ފަށައިފިއެވެ. ދީނާގެ ހަޔާތުގައި މިހާރު މީހަކީ ސުނޭއެވެ. ސިމާމު ކިޔާ މީހަކު ހަޔާތަށް އައިކަމެއް މިހާރު ދީނާގެ ހަނދާނުގައި ނެތް ކަހަލައެވެ. ސިމާމު ކައިރީގައި ވި އަހުދުތަކާއި ވައުދުތައް ވީ އަގެއް ނެތް ބުނުން ތަކަކަށެވެ. ސިމަމު މާލެ ދިޔަ ފަހުން މިވީ މަދު ދުވަސްތަކުގައި ސުނޭ އާއި ދީނާގެ ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބަދަހިވަމުން ދިޔައެވެ. ރަށުގެ އެތަންމިތަނުގައި ބާއްވަމުންދާ ބައްދަލުވުންތައް، ރޭގަނޑުގެ ހަމަހިމޭން ޖައްވުގައި ފިޔަ ޖަހަމުންދާ ތަރިތައް ހެކިވަމުން ދިޔައެވެ. ގެއިން ބޭރުގައި ދީނާ ހޭދަކުރަމުން ދިޔަ ވަގުތުތައް ދިގުވަމުން ދިއުމުގެ ނަތީޖާއަކަށްވީ ދީނާގެ މައިންބަފައިންގެ ހިތުގައި ޝައްކު އުފެދިގެން ދިއުމުގެ ސަބަބަކަށެވެ.

"ދަރުފުޅާ ދީނާ… އާދެބަލަ މިކޮޅަށް. މިހާރަކަށް އައިސް މާދަންވަންދެން ބޭރުގައި އުޅެވޭގޮތް އެވަނީ ކީއްވެތަ؟… ކުރިންވެސް ބުނެފަ އޮންނާނީ އަވަހަށް ގެއަށް އަންނަންވާނެއޭ. ތިޔައީ އަންހެން ކުއްޖެކޭ ކީއްވެތަ ބުނާގޮތް ނުހެދެނީ؟ ސިމާމުވެސް ހުރީކީ ނޫން ދެން،" ދީނާގެ ބައްޕަ ހަސަނުގެ އަޑު ހަރުކައްޓެވެ.

"ދީނާއާއޭ އަހަރެން މި ވާހަކަ ދައްކަނީ. ކީއްވެ އެއްޗެއް ނުބުނެ ތިޔަ ހުންނަނީ؟" ދީނާ އެއްޗެއް ނުބުނެ ހުރުމުން ހަސަނު އިތުރަށް ރުޅިގަދަވިއެވެ.

"އަ…އަ…. އަހަ..ރެން ނަދުވާމެން ގޭގަ..،" ދީނާއަށް ވާހަކަ ދެއްކުނީ އަޅައިގަންނަމުންނެވެ.

"ދީނާއަށް އެނގޭތަ… ސިމާމާއި ދަރިފުޅުގެ ކައިވެނި ކުރުމަށް ނިންމާފައި އޮތް އިރު ތިޔަ ގޮތަށް މާދަންވަންދެން ބޭރުގައި އުޅުނީމަ ވާނެ ގޮތް… މީހުން ކިޔަން ފަށައިފި އެއްޗެއް ނުހުއްޓުވޭނެ. ރީތި އަޑެއް ނާރާނެ އަބުރު ގެއްލުމުގެ ކުރިން ރައްކާތެރި ވީއްޔާ ރަނގަޅުވާނީ. ދަރިފުޅު މިކަމާ ވިސްނާނެ ކަމަށް ބައްޕަ އުންމީދު ކުރަން. ދެން އެންމެ ރަނގަޅު ނިދަން ދިޔަސް،" ބައްޕަގެ ވާހަކަ ނިމުމުން ދީނާ މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި ހުރި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލި ވަގުތު އެސޫރަ އޭނާއާ ދިމާއަށް ބުނާ ކަހަލައެވެ.

"ދީނާ.. ކަލޭތީ ބޭވަފާތެރިއެއް… ކެހިވެރިއެއް ސިމާމުއަށް ތިހެން ނުހަދާ… އެފަކީރު ހިތް ހަލާކު ވެދާނެ… އޭނާއަށް ދެރައެއް ދީފައި ދީނާ ހީކުރަނީ އުފަލުގައި އުޅެވޭނެ ކަމަށްތަ؟… އެހެންނެއް ނުވާނެ. މީހަކަށް ދެރައެއް ދީފައި އަނެކަކަށް އުފަލުގައެއް ނޫޅެވޭނެ. ހަނދާން ކުރާތި… ހަނދާން ކުރާތި!" ކުއްލިއަކަށް ދީނާ އަށް ފުންނޭވާއެއް ދޫކޮށްލެވިނެވެ. ޚިޔާލުތަކާއެކު ދީނާގެ ހިތް ސިމާމަށްޓަކައި ހަމްދަރުދީން ފުރުނު ކަމުގެ އިޙްސާސް ދީނާއަށް ކުރިއެވެ. އޭނާގެ ހިތް ދެވަނަ ފަހަރަށް ސިމާމާ ދިމާއަށް އެނބުރިދާނެތީ އަވަސްއަވަހަށް އެނދުގައި އޮށޯވެ ދެލޯމަރާލިއެވެ. އަދި ޚިޔާލުތަކާ ދުރުވުމަށްޓަކައި ކައިރީގައި ހުރި ރޭޑިއޯ ހުޅުވާލިއެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވަމުން ގޮސް ދީނާއާއި ނަދުވާގެ ކިޔެވުމުގެ ދައުރުވެސް ނިމިއްޖެއެވެ. ރަށުން ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔަވާ ނިމުމުން ކުރިންވެސް ނަދުވާގެ މަންމަ ގަސްތުކޮށްފައިވާ ފަދައިން ނަދުވާ މާލެ ފޮނުވުމަށް ނަދުވާގެ މަންމަ އޭނަގެ ރައްޓެއްސަކާ ވާހަކަ ދެއްކިއެވެ. ނަދުވާގެ މަންމަގެ ރައްޓެހި މީހާ ހޯދައިދިން ގެއަކަށް ދިއުމަށް ހުރިހާ ކަމެއް ހަމަޖެހުމުން، ނަދުވާ ފުރަތަމަވެސް ދިޔައީ އެޚަބަރު ދީނާއަށް ދިނުމަށް އެގެއަށެވެ.

"އަހަރެން މިއުޅެނީ މާލެ ދާން،" ކޮޓަރިއަށް ވަދެވުމާއެކު ނަދުވާ ބުނި ޖުމްލައިން ކުޑަކޮށް ހުއްޓުން އަރާފައި ދީނާއަށް ހުރެވުނެވެ.

"އަޅޭ އަދި ކިރިޔާދޯ ކިޔަވާ ނިމުނީވެސް… މިހާ އަވަހަށް ވަކިވާން ޖެހޭތީދޯ؟ މަޖާކޮށްލާ ހަދަން ރަށުގައި އަދި މަޑުކޮށްލަންވީނު… ދެން އަހަރެން ވަރަށް ފޫހިވެސް ވާނެ ދޯ؟" ދީނާ ފޫހި ރާގަކަށް ބުނެލިއެވެ.

"ދީނާއަށްވެސް އެނގެއެއްނު އަހަރެންގެ މަޖުބޫރީ ހާލަތު. އެހެން ނޫނަސް ސުނޭވެސް އެހުރީނު. ދީނާ ފޫހިވާކަށް ނުޖެހޭނެއެއްނު،" ނަދުވާ ހިނިގަޑެއް ޖަހާލިއެވެ.

"ނަދުވާ ދައްކާ ވާހަކަ… އަބަދު އޭނާއާ އެކު އުޅެވޭތަ؟… މިހާރުވެސް ތަންވަޅެއް މި ލިބެނީ ހާލަކުން ފަހަރަކު… އެވެސް ރޭގަނޑު… ބައްދަލުކުރެވޭލެއް މަދުކަމުން ސުނޭ އެ ހުންނަނީ ރުޅިއައިސްފަ،"

"އަހަރެން މާލެ ދިއުމަށްފަހު ކީކޭތަ ސިމާމު ކައިރީގައި ބުނަންވީ؟… އޭނާ އަހާނެތާ ދީނާގެ ވާހަކަ؟" ނަދުވާ ޝައުގުވެރިކަމާއެކު އަހާލިއެވެ. ދީނާ ބުނާ އެއްޗެއް ބަލާލުމަށެވެ.

"ބުނޭ ސިމާމުގެ އިންތިޒާރުގައި ކެތް މަދުވެފައި އެބަހުއްޓޭ… އަދި ވަރަށް ގިނައިން ސަލާމް ބުނެދޭތި،" ދީނާ ހިނިތުން ވެލަމުން ބުންޏެވެ.

"އޯކޭ.. ދެން ގޮސްލީ… މަންމަ ހުންނާނެ އަހަރެން ނައިސްގެން،" ނަދުވާ ނުކުތެވެ.

ފަހަކަށް އައިސް ދީނާ އަބަދު ހުންނަނީ ސުނޭއާ ބައްދަލު ކުރެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. ސުނޭއާ ބައްދަލުވާން ހަމަޖެހިފައިވާ ރެއެއްނަމަ ކައި ނިންމައިގެން އަވަސްއަވަހަށް ކޮޓަރިއަށް ވަދެއެވެ. މައިންބަފައިންގެ ލޮލުގައި ނިދަން އޮތްކަމުގެ އަނދުން އެޅުވުމަށެވެ.

ކިތަންމެ ވަރަކަށް ދެލޯ ތަގުޅިކޮށްގެން އޮތް ނަމަވެސް ދީނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އެ ރެއަކީ ސުނޭއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ރެއަކަށް ވާނަމައެވެ. ސުނޭއާ ބައްދަލުވާން ޕްލޭން ކޮށްފައިވާ ރެއެއްނަމަ، ގަޑި ހިނގާލެއްވެސް ދީނާއަށް ހުންނާނީ ލަސްވެފައެވެ. ގަޑިން 11 ޖެހުމާ އެކުހެން ގެއިން އެހާ ފަސޭހައިން ނުކުންނަނީ، މައިންބަފައިން ނިދާފައި ތިބުމުގެ ސަބަބުންނެވެ.

އާދައިގެ މަތިން މިރެއަކީވެސް ދީނާމެން ބައްދަލުވުމަށް ހަމަޖެހިފައިވާ ރޭތަކުގެ ތެރެއިން ރެއެކެވެ. ހަމަޖެހިފައިވާ ގޮތުގެ މަތީން ސުނޭމެން ގޭދޮށަށް ދިއުމަށް ދީނާ ހިނގައިގަތެވެ. މަޑު ހިނގުމެއްގައި ގޮސް ސުނޭމެން ގޭކައިރީގައި މަގުމަތީގައި ހުރި ޖޯލިފައްޗެއްގައި އިށީނދެލިއެވެ. މަގުމަތި ފުދޭ ވަރަކަށް އަލި ނަމަވެސް ޖޯލިފަތި ހުރި ތަނަކީ އަނދިރި ހިސާބެކެވެ. ގަސްތައް ހެދިފައިވާ ގޮތުގެ ސަބަބުން މަގު ބައްތީގެ އަލިކަން އެ ހިސާބަކަށް ނުފޯރައެވެ. އެއީ ދީނާގެ ނަސީބެވެ. އެތަނުގައި އިށީން ސަބަބެވެ.

ދީނާ ޖޯލީގައި ރަނގަޅަށް ހަމަޖެހިނުލެވި އުޅެނިކޮށް ފަހަތުން މީހަކު އޭނާގެ ލޮލުގައި އަތް އެޅިއެވެ. ލިބުނު ސިހުމާއެކު ދީނާއަށް ހަޅޭލަވައިނުގަނެވުނީވެސް ހަމަ ކިރިޔާއެވެ.

"ކާކު؟… ކާކުހޭ؟" ދީނާ އެމީހަކުގެ އަތުގައި އަތް ކާއްތަމުން އެއީ ކަކުތޯ ދެނެގަތުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

(ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *