Support Us

ވާހަކަ: ހިތް އެދޭތީ- 17 

"އަހަރެން މި ނިންމީ ޗުއްޓީ ނަގައިގެން ރަށަށް ދާން،" އެނދުގައި ޖައްސާލަމުން ސިމާމު ވާހަކަ ދެއްކީ ޒައިން އާއެވެ.

"އެއީ؟ ކުއްލިއަކަށް ރަށަށް ދާން ތިޔަ ނިންމީ ކިހިނެއްވީ؟ އަދި އަހަރު މިވީ ކިރިޔާ،" ޒައިން ހައިރާންވެފައި އަހައިލިއެވެ.

"ދީނާ ކަންތައްކުރާ ގޮތުން ވެގެން އުޅޭ ގޮތެއް ސާފެއްނުވޭ. އަހަރެން ބޭނުން ވެގެން އުޅޭގޮތް ސާފުކުރަން… ނަދުވާވެސް ނުބުނި،" ދެރަވެފައި ސިމާމު ބުންޏެވެ.

"ރަނގަޅު ވާހަކައެއް…. ދީނާގެ ހުރިހާ ކަމެއްވެސް ނަދުވާއަށް އެނގޭނެ. ނަދުވާ އެއީ ވަރަށް ރަނގަޅު ކުއްޖެއް. އޭނަ ހީނުވޭ ދޮގު ހަދާނެހެން،" ޒައިން ހާމަކުރީ އޭނާ ދެކޭ ގޮތެވެ.

"ކުއްލިއަކަށް ނަދުވާ ރަނގަޅުވީ. އަނެއްކާ އަޅައިގަތީއެއް ނޫން؟" ޒައިންނާ ދިމާއަށް ގަބޫލުކުރަން ދަތި ގޮތަކަށް ބަލަން ހުރެފައި ހެމުންހެމުން ސިމާމު އަހާލިއެވެ.

"ތިހެންވެއްޖެހެން މަށަށްވެސް ހީވޭ… އަބަދުވެސް މި ކުރެވެނީ ނަދުވާގެ ޚިޔާލު،" ޒައިން ސީރިއަސް ވެލިއެވެ.

"ތިވަރުވެގެން ދިޔައިރު އަހަރެން ހުރިކަން ނޭނގުނު ދޯ؟ ނަދުވާ ކުރެން އަހަންވީތަ؟"

"ނަދުވާ އަށް އެނގޭނެއެއްނު އަހަރެން ކުރިން އުޅުނު ގޮތް. އެހެންވެ ބުނާނެ އެއްޗެއް ނޭނގޭތީ ހަމަ ޖެހިލުންވަނީ،" ޒައިން ހިންދެމެލިއެވެ. އޭނާގެ ވާހަކައިން ނަދުވާ ބޭނުންވެފައި ހުރިކަން އެނގެއެވެ.

"ތިހެން ކަމަކު ނުދާނެ. އަހަރެން ރަށުން އައިސް ތިކަމާ އުޅޭނަން."

"ނޫނޭ. އަހަރެންގެ ކަންތައް އަހަރެން އަމިއްލައަށްވެސް ކުރެވޭނެ. ސީދާ އަހަރެން މިކަންތައް ކުރާނީ. އެކަމަކު ސިމާމުގެ ލަފާގެ މަތިން،" އަމިއްލަ ނަފްސަށް ހިތްވަރު ލިބިގަންނަމުން ޒައިން ބުންޏެވެ.

ކޮންމެ ދުވަހަކުވެސް އާދައިގެ މަތިން ފަތިސް ނަމާދުގެ ވަގުތުގެ ކުރިން ނަދުވާ ތެދުވެއެވެ. ފަތިސް ނަމާދު ކޮށްލައިގެން އޭނާ ވަންނަނީ ބަދިގެއަށެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. ފަޒްނާއާއި ޝީޒާ އަންނާނީ ނަދުވާ ގިނަ މަސައްކަތްތައް ނިންމާލާ ފަހުންނެވެ. ނަމަވެސް މިއަދު އެންމެން ވަރަށް ފަތިހާ ތެދުވެގެން އުޅެން ފެށުމުން ނަދުވާއަށް ލިބުނީ ހައިރާންކަމެވެ.

"ކީއްވެ އެންމެން އެހާ ހެނދުނާއި ހޭލާ ތިޔަ އުޅެނީ؟" ސީޒާ އެކަނިވި ވަގުތު ނަދުވާ އަހައިލިއެވެ.

"އަނގައެއް އިތުރު ވަނީނު… ނަދުވާއަށް ބާރު ބޮޑުވާނީ،" ހިނިތުން ވެލަމުން ސީޒާ ބުންޏެވެ.

"ތިކިޔާ އެއްޗެއް ނުވިސްނުނު…. ތަންކޮޅެއް ސާފުކޮށް ތިލަކޮށް ބުނެބަލަ،" ސީޒާ ބުނި އެއްޗެއް ރަނގަޅަށް ނަގައިނުގަނެވުމުން ނަދުވާ އިތުރަށް އޮޅުންފިލުވުމުގެ ގޮތުން އަހާލިއެވެ.

"މަންމަ ނުބުނޭތަ؟.. އަހަރެންގެ ދޮންބެ މާލެ އަންނަނީނު،" ސީޒާ މިހެން ބުނުމުން މަންމަ ނުބުނެޔޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

ހަވީރުގެ ވަގުތެވެ. ހިތްފަސޭހަ، ހިތްގަމު ދުވަހެކެވެ. އަވިމަޑު، ވައިރޯޅި މަޑު ދުވަހެކެވެ. އުޑުމަތި ސާފެވެ. ކުދި، މަދު ކޮތަރި ވިލާކޮޅުތައް ފިޔަވައެވެ. ރަށަށް އާދެވުމާއެކު، ސިމާމު މަސައްކަތަކަށްވީ ދީނާއާ ބައްދަލު ކުރުމަށެވެ. ސިމާމު އޭނާގެ މަންމަ ކައިރީ ބުނުމަށްފަހު ގެއިން ނުކުތެވެ. އޭނާގެ މިސްރާބު ހުރީ ދީނާމެން ގެއާ ދިމާއަށެވެ. ކޮންމެވެސް ގޮތަކުން ދީނާއަށް އޮތީ ސިމާމު ރަށަށް އައި ޚަބަރު ލިބިފައެވެ. ސިމާމު ނެތީސް އޭނާއަށް އުޅެވުނު ގޮތް ހިތަށް އަރާފައި ދީނާ އުޅުނީ ސިމާމަށް ނުފެނި އުޅެވޭތޯއެވެ. ސުނޭގެ ފަރާތުން ހުރިހާ ކަމެއް ސިމާމަށް ފަޅާއަރާފާނެތީ ވެސް ދީނާ ހުރީ ބިރުންނެވެ. އެހެންކަމުން ދީނާ ގެއިންވެސް ބޭރަށް ނުނިކުމެއެވެ. އޭނާ ހިތަށް އެރީ ސީމާމަށް އެގެއަށް އަންނަން ނުކެރޭނެ ކަމަށެވެ.

"އަހަނ… ސިމާމު… ކޮންއިރަކުއައީ؟… ދީނާ ނުވެސް ބުނޭ އަންނަ ވާހަކައެއް،" ދިޔާނާއަށް ސިމާމު ފެނުމުން އަހައިލިއެވެ. އަދި އެތެރެއަށް ވަނުމަށް ބުންޏެވެ.

"ރޭގަ އައީ… ކޮބައިތަ ދީނާ؟" ދެފަރާތަށް ބަލައިލަމުން ސިމާމު އެހިއެވެ.

"އެމަންޖެ ވެއްޖެ ކޮޓަރީގައި… ދޭބަލަ،" ދީނާގެ މަންމަ މިހެން ބުނުމުން ސިމާމު ދީނާގެ ކޮޓަރިއާ ދިމާއަށެވެ. ދިޔާނާ ހިނތުންވެލައިގެން ހުއްޓެވެ. ސިމާމު ދެފަހަރަކު ދޮރުގައި ޓަކި ޖަހާލިއެވެ.

"ވަދޭ އެތެރެއަށް… ދޮރު ހުޅުވާފައި ހުންނާނީ،" އެތެރެއިން ދީނާގެ އަޑު އިވުނެވެ. ވަންނަން ހުއްދަ ލިބުމުން ސިމާމު އެތެރެއަށް ވަނެވެ. އޭރު އެނދުގައި އޮށޯވެލައިގެން ދީނާ އޮތެވެ. ސިމާމު ފެނުމާއެކު، ދީނާ އެނދުން ތެދުވިއެވެ.

"އަހަންނާ ފިލައިގެން ދޯ ތިޔަ އުޅެނީ؟.. މިއޮއް ކުޑަ ރަށުގައި ކިހިނެއް ތިޔަހެން ފިލައިގެން އުޅޭނީ؟" ދީނާގެ ކައިރިއަށް އަންނަމުން ސިމާމު ޝަކުވާކުރިއެވެ.

"އަހަރެން ކައިރީ ނުވެސް ބުނަމެއްނު؟…. އެހެންނަމަތާ ރިސީވްކުރަން ދެވޭނީވެސް،" އަންގާވެސް ނުލައި ރަށަށް ސިމާމު އައުމުން އެކަމުގެ ޝަކުވާ ދީނާވެސް ކުރިއެވެ.

"ފޯނުން ވާހަކަ ދައްކާ ގޮތުން އަހަރެން އަސްލު ހީކުރީ މިހާރު ކުރީގެ ގުޅުން ނެތުނީ ކަމަށް… އެހެންވެ.."

"އެކީއްވެތަ؟… ސިމާމު ތީގެ އެއްޗެހި ހިތަށް އަރުވަނީ…. އަހަރެން އަބަދުވެސް ބުނަމެއްނު ސިމާމުގެ މީހެއްގެ ގޮތުގައި ހުރެދޭނަމޭ… އަހަންނަށް އިތުބާރުވެސް ނުކުރަންދޯ؟" ހިތާމައިގެ އަސަރު ދީނާގެ އަޑުގައި އެކުލެވުނެވެ.

"ސޮރީ… ލޯބީ. ދެން އެހެންނުވާނެ،" ޝައްކު ކުރެވުނީތީ ސިމާމު ދެރަވިއެވެ.

"އަހަރެން ފޯނުން ވާހަކަ ދައްކާއިރު އެހެން ކަންތައް ކުރީ…. އަހަންނަށް އެނގޭ އޭރުން ސިމާމު އަހަރެން ކައިރިއަށް އަވަހަށް އަންނާނެކަން،" ދީނާ މަސައްކަތްކުރީ ވޭތުވެދިޔަ ކަންތައްތައް އޮއްބާލައި، އުޅުވާލުމެއްގެ ތެރޭގައި ސިމާމު ގެންގުޅުމަށެވެ. އަދި އޭނާއަށް ކުރެވުނު ކަންތައްތަކަށް ރަނގަޅަށް ފަސްއަޅައި ފޮރުވާލިއެވެ. ވަރަށް ފަސޭހައިން ދީނާ ދެއްކި ވާހަކަ ސިމާމު ގަބޫލު ކުރިއެވެ.

"މޮޔަގަނޑު… ލޯބި ކަންތައް ތިޔަ ކުރިގޮތުން އަހަންނަށް ކިރިޔާ ވަޒީފާ ދޫކޮށްލާފައި ރަށަށް ނާދެވުނީ. އެހާވެސް އަހަރެން މާޔޫސްވި،" ދީނާގެ އަތަށް ފިތާލަމުން ސިމާމު ހީލިއެވެ. ޖަވާބުގައި ދީނާވެސް ހީލިއެވެ. އޭނާގެ ޕްލޭން ކާމިޔާބު ވީމައެވެ.

"އަހަންނަށް ފެންނަނީ އަވަހަށް ކައިވެނިކުރަން. އެހެންނޫނީ،" ވަކި ހިސާބަކަށް ބުނުމަށްފަހު ދީނާ ވާހަކަ ހުއްޓާލިއެވެ.

"އެހެން ނޫނީ… ކިހިނެއްވީ؟ އަދި އަހަރެމެން ކައިވެނިކުރަން ނިންމި ތާރީޚްވެސް ނުޖެހޭނު. އެކަމަކު ދީނާ ތިވަރަށް އެދެންޏާ މިފަހަރު ދާނީ ކައިވެނިކޮށްފަ،" ސިމާމު އޭނާގެ މޭގައި ދީނާ ބޮނޑިކޮށްލިއެވެ. އެހާ ފަސޭހައިން ސިމާމު ކައިވެންޏަށް އެއްބަސްވުމުން ދީނާ ހުރީ އުފަލުންނެވެ. އެހެންކަމުން ސިމާމު ގައިގާ ބާރަށް ބައްދާލިއެވެ.

ފަޒްނާމެން ދިޔައީ އެމީހުންގެ ދަރިފުޅު ސިޒާން އޮސްޓްރޭލިޔާއިން އަންނާތީވެ އެއަރޕޯޓަށެވެ. މި ފަހަރަކީ ސިޒާން ޑިގްރީ ފުރިހަމަކޮށް މައިންބަފައިން ކައިރިއަށް އަންނަ ފަހަރެވެ. ދާއިމަށް މަންމަމެން ގާތުގައި ހުރުމަށެވެ. ސިޒާން އައުމުން ގެއަށް ދިރުމެއް ގެނެސްދޭނެއެވެ. އެކަމާ ފަޒްނާ ހުންނަނީ ވަރަށް އުފަލުންނެވެ. ސިޒާންއަށް މީރު ކާއެއްޗެއް ތައްޔާރުކުރިއެވެ. ސިޒާންގެ ކޮޓަރި ސާފުކޮށް ތަރުތީބު ކުރުމަށް ނަދުވާ ކައިރީ ބުންޏެވެ.

ސިޒާންގެ ކޮޓަރި ސާފުކޮށް ތަރުތީބު ކޮށްލުމަށްފަހު ނަދުވާ ގޭތެރެވެސް ސާފުކޮށްލިއެވެ. އަދި ބަދިގެއަށް ދިޔައެވެ. ބަދިގޭގައި އަވަދިނެތި އުޅެނިކޮށް ގެއަށް ބަޔަކު އައި އަޑު އިވެގެން ނަދުވާ އަވަސްއަވަހަށް ސިޓިންގ ރޫމަށް ދިޔައެވެ. އޭރު ފަޒްނާމެން ސިޓިންގ ރޫމްގައި އިނެވެ. އެތާ ތިބި މީހުންގެ ތެރެއިން ސިޒާން ދެނެގަންނާކަށް ނަދުވާއަކަށް އުނދަގުލެއް ނުވިއެވެ. ނަދުވާ ނުދަންނަ މީހަކަށް ހުރީ އެންމެ މީހެއް ކަމަށް ވާތީއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *