...

Support Us

ވާހަކަ: ހިތްއެދޭތީ- 14

"ކާކު؟… ކާކުހޭ؟" ދީނާ އެމީހަކުގެ އަތުގައި އަތް ކާއްތަމުން އެއީ ކާކުތޯ ދެނެގަތުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

"ސުނޭ ދޯ؟ އަހަންނަށް އެނގިއްޖޭ…" ދީނާ ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ.

"ކިހިނެއް އެނގުނީ އަހަރެންކަން؟" ދީނާއާ ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ސުނޭ އަހައިލިއެވެ.

"ސުނޭ ނޫން ދެން ކާކު އަންނާނީ؟" ސުނޭގެ މޫނަށް ބަލަހައްޓައިގެން އިނދެ ދީނާ ބުންޏެވެ.

"އަހަރެން އަންނާނެ ކަމުގެ ޔަގީންކަން އޮވޭދޯ؟… ހިޔެއް ނުވޭތަ އަހަރެން ދީނާއާ ރުޅިވެދާނެހެން؟"

"ތިކަހަލަ ވާހަކަ ދައްކަންޏާ އަހަރެން މިދަނީ… އަލުން ސުނޭއާ ގުޅުން މިވީ ބޭކާރު ކަމަކަށްނު.." ދީނާ ތެދުވެގެން ދާން އުޅުނުވެ. އެކަމަކު ސުނޭ ހުރީ ހުށިޔާރު ވެގެންނެވެ. އޭގެ ކުރިން ސުނޭ ދީނާގެ އަތުގައި ހިފެހެއްޓިއެވެ.

"ތީ އެއްގޮތަކަށްވެސް ބޭކާރު ކަމެއް ނޫން… އަހަރެން ދީނާ ދެކެ ވަރަށް ލޯބިވޭ…"

"ދެން ކީއްވެ އެކަހަލަ ވާހަކަ ދައްކަނީ؟… އަހަރެން އަބަދުވެސް ބޭނުންވަނީ ސުނޭގެ މީހެއްގެ ގޮތުގައި ހުންނަން. ޕްލީސް ދެން އެކަހަލަ ވާހަކަ ނުދައްކައްޗޭ…" ދީނާގެ ލޮލުން ކަރުނަ ނިރާލިއެވެ.

"ސޮރީ ލޯބީ… އަހަންނާ ދެއަތްނބަށް ވިއަސް ހެޔޮތަ؟" ސުނޭ އެއް މިޔަކަނުން ހީނލިއެވެ.

"ސުނޭ… ހަމަ މިހާރު އަހަރެން އަތުން ދޫކުރޭ… އެންމެ ހިނދުކޮޅެއް ވެސް މިތަނުގައި ހުންނާކަށް ބޭނުމެއް ނޫން. އަހަރެން މިތަނަށް ގެނައީ އެހެން އަންހެން ކުދިންގެ ވާހަކަ ދައްކައިގެން އަހަރެން ހިތުގައި ޖައްސަންތަ؟" ސުނޭގެ އަތުގެ ތެރެއިން އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ނުރުހުންވެ ހުރެ ދީނާ ވާހަކަ ދެއްކިއެވެ.

"އިހަށް މަޑުކޮށްބަލަ… އަހަރެން މި ބަލާލީ ދީނާ އަހަރެން ދެކެ ކިހާ ވަރަކަށް ލޯބިވޭތޯ… މިހާރު އެނގިއްޖެ އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަން… އެހެން މީހަކު ދެކެ ލޯބިނުވާ ވަރަށް އަހަރެން ދެކެ ލޯބިވާކަން އެނގުމުން މިރޭ އަހަރެން ވަރަށް އުފާވެއްޖެ،" ސުނޭ ހުރީ އުފަލުންނެވެ.

"ތިޔަ ހީކުރީ އަދި ރަނގަޅަކަށް ނޫން… އަހަރެން އެންމެ ބޮޑަށް ލޯބިވަނީ… އަހަރެންގެ މައިންބަފައިން ދެކެ… ބުނަން ސުނޭ… ސުނޭއެއްކަމު ދެން ތިޔަ ކަހަލަ ވާހަކަ ދައްކައިގެން ނުވާނެ… އަހަރެން ވަރަށް ފޫހިވޭ ތިޔަ ގޮތަށް ވާހަކަ ދައްކާތީ.."

"އޯކޭ… އޯކޭ… ދީނާ މޫޑު ގޯސްވާ ކަހަލަ އެއްވެސް ވާހަކައެއް ދެން އަހަރެން ނުދައްކާނަން. އަހަރެން ބޭނުންވަނީ ދީނާ އަބަދުވެސް އުފަލުގައި ހުރުން.."

"ހަމަ ތެދެއްތަ؟… ސުނޭ އަހަރެން ދެކެ އެހާވެސް ލޯބިވޭތަ؟" ޖޯލީގައި އިށީނދެލަމުން ދީނާ ކުރިއަށްވުރެ ވެސް ސުނޭއާ ކައިރިވެލިއެވެ.

"ނޭނގިގެންތަ ތިއެހީ؟" މަސްތީ ގޮތަކަށް ދީނާގެ މޫނުގައި އަތުގެ އިނގިލި ހިންގާލަމުން ސުނޭ ބުނެލިއެވެ. ދީނާއަށް ދެލޯ މަރާލެވުނެވެ. ސުނޭގެ އިނގިލިތަކުން ދީނާގެ ތުންފަތާ ކުޅެލިއެވެ. އަދި މަޑުމަޑުން ސުނޭ ދީނާގެ ތުންފަތާ ދިމާއަށް ގުދުވެލިއެވެ. އޭނާގެ ނޭވައިގެ ހޫނު ވައި ދީނާގެ މޫނަށް އެޅޭހާ ކައިރިވެލިއެވެ. މަސްތީ ނަޒަރަކުން ދީނާގެ ތުންފަތާ ދިމާއަށް ސުނޭގެ ނަޒަރު ސީދާކޮށްލިއެވެ.

ސަކީނާގެ ދެމައިން ޓެކްސީން ފައިބައިގެން ކުރިމަތީގައި ހުރި ގެއަށް ނަޒަރު ހިންގާލުމަށްފަހު ދޮރާށި ހުޅުވާލައި ދެފަހަރަކު ސަލާމް ގޮވާލިއެވެ. ގޭތެރެއިން ސަލާމް ބަލައިގަތުމަށްފަހު ނުކުތީ މެދު އުމުރަށް ވުރެ ދޮށީ އަންހެނެކެވެ.

"ކީއްކުރާ ބައެއްތަ؟" ގޭތެރެއިން ނުކުތް ފަޒްނާ އަށް ބޭރުގައި ދެމީހުންގެ އަތުގައި ފޮއްޓާއި ދަބަހެއް އޮއްވާ ފެނުމުން އަހައިލިއެވެ.

"މީނަ މީ މި ގޭގައި ބަހައްޓަން ގެނައި ކުއްޖާ… އަހަރެންމީ އޭނަގެ މަންމަ،" ސަކީނާ އޮޅުންފިލުވައިދިނެވެ.

"އެހެންތަ މީތަ އެ މަންޖެއަކީ؟… އާބިދާ ބުންޏޭ މިއަދު އަންނާނެއޭވެސް… އަހަރެން މިހުރީ ހަނދާންވެސް ނެތިފާ… ކޮން ނަމެއްތަ ކިޔަނީ؟" ފަޒްނާ އޯގާތެރިކަމާއެކު އަހާލިއެވެ.

"އަހަންނަކީ ސަކީނާ… ދެން މިހުރީ އަހަރެންގެ ދަރުފުޅު… ނަދުވާ…"

"އަހަންނަށް ކިޔަނީ ފަޒްނާ… ދެމައިން އާދޭ އެތެރެއަށް… ފޮއްޓާއި ދަބަސް އިހަށް މިތާ ބަހައްޓާ… އިށީނދެބަލަ… އެބަ އަންނަން ބޯލާނެ އެއްޗެއް ހިފައިގެން،" މިހެން ބުނުމަށްފަހު އިށީންނާނެ ތަން ދައްކަމުން ފަޒްނާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ސަކީނާއާއި ނަދުވާ އެތަނުން ސޯފާއެއްގައި އިށީނެވެ. ނަދުވާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ތަނަވަސް ބޮޑު ގެއެކެވެ. ޓީވީއެއް ސިޓިންގ ރޫމްގައި ބަހައްޓާފައި ހުރި އިރު މަސްޓޭންކެއް އެއްކަނުގައި ހުއްޓެވެ. ފާރުގައި އެކި ކަހަލަ ތަސްވީރުތައް ބަހައްޓާފައި ހުއްޓެވެ. ދެ ސޯފާ ހުރިއިރު އެއް ސޯފާ ކައިރީގައި ކޮފީ މޭޒެއް ހުއްޓެވެ. ނަދުވާގެ ހަޔާތުގައި ވެސް މިފަދަ ބޮޑު ގެއެއްގައި އުޅެން ޖެހުނު މީ ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާ ހުރީ ކުޑަކޮށް ހާސްވެ ކަންތައް ބޮޑުވެފައެވެ.

"މިހުރީ ޖޫސް،" ދެތަށި ޖޫސް ހިފައިގެން އައިސް ސަކީނާމެން ދެމައިންނަށް ދިއްކޮށްލިއެވެ.

"އަހަރެން ގަސްތު ކުރަނީ… ތިޔަ ބޭފުޅާ ގަބޫލުނަމަ… ހަފްތާއެއް މިގޭގައި ނަދުވާ ކައިރީގައި މަޑުކޮށްލަން… އެހާ ދުވަހުން ނަދުވާ ވެސް މާލެއަށް ފަރިތަވެލާނެއެއްނު؟" ޖޫސްތަށި ބޯލުމަށްފަހު، ތަށި ފަޒްނާ އަތަށް ދެމުން ސަކީނާ ވާހަކަ ދެއްކިއެވެ.

"ސަކީނާމެން ދެމައިން ބޭނުން ދުވަހަކު މިގޭގައި ތިބެވޭނެ."

"ހާދަ ރަގަނޅޭ… މިގޭގައި ކޮންކޮން މަސައްކަތެއް ކުރަންޖެހޭނީ..؟" ސަކީނާ އަހައިލިއެވެ.

"މާކަ ގިނަ ކަންތައްތަކެއް ކުރާކަށް ނުޖެހޭނެ… ކެއްކުމާއި ދެން އޮންނާނީ ގެ ސާފުކުރުން. މިކަންކަމުގައި އަހަރެންނާއި ދަރިފުޅުވެސް ކޮންމެވެސް ވަރަކަށް ބައިވެރިވާނަން… އަހަރެން ނިންމައިގެން މިހުރީ ނަދުވާ ބޭނުން ނަމަ ކޮންމެވެސް ކޯހެއް ހަދައިދޭންކަމަށް.." ގޭގައި ކުރަންޖެހޭ ކަންތައްތައް އޮޅުންފިލުވާ ދިނުމަށްފަހު ފަޒްނާ ޚިޔާލުކުރާގޮތް ވެސް ބުނެދިނެވެ.

"ފަޒްނާގެ ތިޔަ އިޙްސާންތެރިކަން ދުވަހަކުވެސް އަހަރެން ހަނދާން ނުނެތޭނެ،" ސަކީނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

"މީ ތި ދެމައިންގެ ކޮޓަރި… ސަކީނާ ދިއުމުން މި ކޮޓަރީގައި ނަދުވާއާ އެކު އަހަރެންގެ ދަރިފުޅު ޝީޒާ ނިދާނެ…"

"ކޮބާ އެމަންޖެ؟.. .ފަޒްނާ ނޫން އެކަކުވެސް ނޫޅެނީތަ؟" އެކި ފަރާތްތަކަށް ނަޒަރު ހިންގާލަމުން ސަކީނާ އެހިއެވެ.

"ޝީޒާ ވީ އޮފީހުގައި… އަހަރެންގެ ފިރިމީހާ އަބަދުހެން އުޅޭނީ ރިޒޯޓްގައި… އަހަރެންގެ ފިރިހެން ދަރިފުޅު ހުންނާނީ ކިޔަވަން އޮސްޓްރޭލިޔާގައި… ސަކީނާ ތިވަރަށް ވާހަކަ ދައްކާއިރުވެސް މިމަންޖެ ހަމަ އަނގައިންވެސް ނުބުނޭ… ތިހެން ބީރައްޓެހިވެގެން ނުހުރެބަލަ؟"

"އެއީ ތެދެއް ދަރިފުޅާ.. މިގޭ އެންމެންނާވެސް ފަރިތަ ވާންވާނެ…"

ނަދުވާ މާލެ ދިއުމަށްފަހުވެސް، ދީނާއާއި ސުނޭގެ ބައްދަލުވުން ދިޔައީ ކުރިއަށެވެ. ކިތަންމެ އަނދިރި ރެއެއް ނަމަވެސް ދީނާ ޖެހިލުމެއް ނުވެއެވެ. ސުނޭ ބުނި ތަނަކަށް ބުނި ގަޑިއަކަށް ހުންނަނީ ގޮހެވެ. ބައެއް ރޭރޭ ސުނޭއަށް ވުރެވެސް ކުރިންނެވެ. އެހާވެސް ދީނާ ހުންނަނީ ސުނޭއާ ހެދި ދީވާނާ ވެފައެވެ. އެހާވެސް ސުނޭ ދެކެ އޭނާ ލޯބިވާ ކަހަލައެވެ.

އާދައިގެ މަތިން މި ރެއަކީވެސް، މިގޮތަށް ބާއްވަމުންދިޔަ ބައްދަލުވުންތަކުގެ ސިލްސިލާއަށް އިތުރުވީ ބޮޅެކެވެ. ދީނާ ހުރީ ތުނޑީގައި ހުރި ދިގު ރުކެއްގައި ލެގިލައިގެންނެވެ. ސުނޭގެ އިންތިޒާރުގައެވެ. އެގޮތަށް ހުންނަތާ އެތައް އިރެއް ވީއިރުވެސް ސުނޭއެއް ނައެވެ. ނަމަވެސް ދީނާ ހަމަޖެހިލައިގެން ހުރީ އޭނާއަށް މާކުރީގައި އާދެވުނީ ކަމަށް ހީކޮށެވެ.

ދީނާއަށް ލިބިފައިވާ ހަމަޖެހުން ކުއްލިއަކަށް ނުތަނަވަސް ކަމަށް ބަދަލުވީ އަތުގައި އޮތް ފޯނަށް ބަލައިލެވުމުންނެވެ. އޭރު ގަޑިން މެންދަމު ބާރަގަޑި ތިރީސް ވަނީއެވެ.

(ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.