Support Us

ވާހަކަ: ހިތް އެދޭތީ- 15 

ދީނާއަށް ލިބިފައިވާ ހިތްހަމަޖެހުން ކުއްލިއަކަށް ނުތަނަވަސް ކަމަށް ބަދަލުވީ އަތުގައި އޮތް ފޯނަށް ބަލައިލެވުމުންނެވެ. އޭރު ގަޑިން މެންދަމު 12.30 ވަނީއެވެ.

އެހާ ދަންވެއްޖެކަން އެނގުމާއެކު، އަދި އެކަނި މާއެކަނި އެކަހެރި ހިސާބެއްގައި ހުރެވުމުގެ ސަބަބުން ހިތަށް ބިރުވެރިކަން ވެރިވާން ފަށައިފިއެވެ. ފަތިސް ހަނދުވަރު، ގިނިހިލަ އަދި ސަދުރަވިރޭ ފަދަ ބިރުވެރި ފިލްމުތަކުގެ މަންޒަރުތައް ސިފަވާން ފަށައިފިއެވެ. އޭނާގެ ހިތް މަޑުން ނޯވެ ބާރުބާރަށް ތެޅެން ފަށައިފިއެވެ. ހީވީ އެހިތް އޭގެ ޖާގައިގައި މަޑުން ނޯވެ ހަށިގަނޑުން ބޭރަށް ނުކުމެދާނެހެނެވެ.

ދީނާގެ މޫނުމަތިން ހާސްވުމާއި ބިރުގަތުމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ. ގައިން ހީބިހި ނަގައިފާ ހުރުމުގެ ސަބަބުން ލޯލި އިސްތަށިތައް ވަނީ ކޮޅަށްޖެހިފައެވެ. މީހާ ދާހިތްލާ ފޯވާން ފެށިއެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުކުރަން ނުކެރޭނެތީއެވެ. ދީނާ އިންތަނުން ތެދުވެ އަވަށާ ދިމާއަށް ހިނގައިގަތެވެ. ސުނޭއާ ބައްދަލު ނުވީމައެވެ.

ނަމަވެސް ސުނޭއަށް ނާދެވުނީ ކީއްވެތޯ ބަލާލުމުގެ ނިޔަތުގައި، ގެއަށް ދިއުމުގެ ކުރިން އެ ގޭދޮށަށް ދިއުމަށް މިސްރާބު ޖެހިއެވެ. ސުނޭމެން ގެއާ ވަރަށް ކައިރިއަށް ދެވިފައި ހުއްޓާ އެގޭ ދޮށުގައި ހުންނަ ޖޯލިފަތީގައި ދެމީހަކު ތިބިކަން އިޙްސާސްވުމުން ދީނާއަށް ކުޑަކޮށް މަޑުޖެހިލެވުނެވެ. އެއީ ސުނޭގެ މައިންބަފައިންނަށް ވެސް ވެދާނެތީއާ އެކުގައެވެ. އެހެނަސް އެއަށްވުރެ ކައިރިއަށް ޖެހިލެވުމާއެކު، އެއީ ކޮންބައެއްކަން ދީނާއަށް އެނގުނެވެ.

އެއީ ކޮންބައެއްކަން އެނގުމާއެކު ދީނާއަށް ހުއްޓެވުނެވެ. ކުރިމަތިން ފެންނަމުންދާ މަންޒަރު ގަބޫލުކުރަން ދަތި ހާލުގައެވެ. ސުނޭއާއި އެހެން އަންހެން ކުއްޖަކު މިގޮތަށް ގައިގޯޅިވެގެން ތިބިތަން ފެނުމުންނާއި، އެމީހުން ދައްކަމުންދިޔަ ވާހަކަތަކުން ދީނާގެ ހިތް ކުދިކުދިވި ކަހަލައެވެ. އިތުރު މީހަކު އެތާ ހުރިކަމެއް ސުނޭމެންނަކަށް ރޭކާވެސް ނުލައެވެ. އެނގޭވަރަށްވުރެ ބޮޑަށް އެ ދެމީހުން ތިބީ ލޯބީގެ އިޝްގީ މަސްތުގެ ތެރެއަށް ޣަރަގުވެފައެވެ.

"ސުނޭ އަހަންނާ އިންނާނީ ކޮން ދުވަހަކުން؟… މިހާރުވެސް ސުނޭއާ ވަކިން އަހަންނަށް ކެތްވަނީކީ ނޫން،" ސުނޭގެ ކޮނޑުގައި ބޯއަޅާލައިގެން ހޮވެ އެ އަންހެން ކުއްޖާ ވާހަކަ ދެއްކިއެވެ.

"ސަހުމާ ކައިރީ ކިތައް ފަހަރު ބުނެވިއްޖެ ދީނާއަށް ރަނގަޅު ލަޑެއް ދީފައި ތީނައާ އިންނާނަމޭ… މިހާރު ހީވަނީ ދެމީހުން ދެމެދުގައި މައްސަލަ ޖެހެން ފަށައިފިހެން. ދީނާގެ ދިރިއުޅުން ހަލާކުކޮށްލެވުނީމަ އަހަރެން މީ ސަހުމާގެ މީހެއް… ޔަގީންކުރޭ…"

"އަސްލުވެސްތަ… އަހަރެން ސުނޭ ދެކެ ވަރަށް ލޯބިވޭ،" ސަހުމާ އިތުރަށް ސުނޭއާ ގާތްވެލިއެވެ.

"އަހަރެންވެސް… ސަހުމާ ކަހަލަ ރީތި ކުއްޖަކު ލިބުނީމާ ވަރަށް އުފާވޭ… ވަރަށް ހިތްހަމަޖެހޭ."

"ދެން ދީނާޔޯ؟" ތުންފަތަށް ފާޑެއްގެ ވައްތަރެއް ޖައްސަމުން ސަހުމާ އެހިއެވެ.

"ސަހުމާއަށް ކީއްވެތަ އަންޑަސްޓޭންޑް ނުވަނީ… އެއީ އަހަރެން ދީނާއަށް ލަނޑެއް ދިނުމުގެ ނިޔަތުގައި ކުރާ ކަމެކޭ… އަހަރެން ކުޑަކޮށްވެސް ދީނާ ދެކެ ލޯތްބެއްނުވޭ،" ސުނޭގެ އަޑު ބާރުވިއެވެ.

ސުނޭގެ ހަޤީޤަތް އެނގުމުން އެންމެ ހިދުކޮޅެއްގައިވެސް ހިމޭނުން ހުންނާކަށް ދީނާ ބޭނުމެއް ނުވިއެވެ. ސުނޭއަށްޓަކައި ވީ ގުރުބާނީގެ އަގު މިއަދު ސުނޭ އެވަނީ އޭނާގެ ކަންފަތާ ހަމައަށް ފޯރުކޮށްދީފައެވެ. އެހެންކަމުން މި ވީހާ ދުވަހު ދީނާގެ ހިތުގައި ސުނޭގެ މައްޗަށް އޮތް ލޯބި ނަފްރަތާއި ރުޅިވެރިކަމަށް ބަދަލުވެއްޖެއެވެ.

"ސުނޭ… ދެން ފުދިއްޖެ،" ދީނާގެ ރުޅިވެރި އަޑު ޖެހުމާއެކު، ސުނޭ އާއި ސަހުމާ ދިޔައީ ސިއްސައިގެންނެވެ. ހަމަ އެ ހިނދުކޮޅުގައި ދެމީހުންނަށް ދުރަށް ޖެހިލެވުނެވެ. ހަމަހިމޭން ކަމުގެ ވަގުތުކޮޅަކަށް ފަހު، ސުނޭ އެއްވެސް އެއްޗެއް ނުބުނެ އިނުމުން ދެންވެސް ވާހަކަ ދެއްކީ ދީނާއެވެ.

"ތިޔަ ނާޗަރަންގީ ދެކެން މިތާ އަހަރެން ހުންނަތާ ލައްކަ ގިނައިރު ވެއްޖެ… ބުނަން ރަގަނޅު ވާހަކައެއް… ކަލޭގެ ތިޔަ އެދުން ދުވަހަކުވެސް ކާމިޔާބެއް ނުވާނެ،" ދީނާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ނަފްތަރެވެ.

"ދީ… ދީނާ.. ކޮން… ކޮންއިރަކު މިތަނަށް އައީ؟… އަހަރެން މިއުޅެނީ ދާން،" ސުނޭއަށް ލިބުނު ކުއްލި ސިހުމާއެކު ވާހަކަ ދެއްކުނީވެސް އަޅައިގަންނަމުންނެވެ.

"ދާންށޭ؟… ކޮންތާކަށް؟ މިހާރު އަހަންނަށް ރަނގަޅީ ސުނޭ ދެން އަހަންނާ ބައްދަލުކުރަން ނައިއްޔާ… އަހަންނަށް މިތަނަށް އާދެވުނީ ކަލޭމެންގެ ތިޔަ ކުޅިގަނޑުގެ އެންމެ ފޯރި ގަދަވި ވަގުތު. އަހަންނަށް މިހާރު ހުރިހާ ކަމެއްވެސް އެނގިއްޖެ. އެކަމަކު ބުނަން ޚަބަރުދާރު ދެން ސުނޭއަކަށް އަހަރެން ހައްލުވައެއް ނުލެވޭނެ،" މަލާމާތުގެ ރާގެއްގައި ދީނާ ވާހަކަ ދެއްކިއެވެ.

"މިހާރު ތިއޮތީ ވާނެ އެއްޗެއް ވެފައި… ދީނާ އެދުވަހު ބޫނީމެއްނު އަހަރެން ވަރަ ބިނދުނު ވާހަކަ… މިހާރު އެވަރަ ރަނގަޅުވެ އަހަންނަށް އުދުހެވެން ފެށުނުއިރު ދީނާ ތި ވަނީ ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށި ދަނޑުވެސް ގެއްލިފައި،" ސުނޭ ބާރަށް ހީނގަތެވެ. ސުނޭގެ އެ ހުނުމުގައި، ކައިރީގައި އިން ސަހުމާވެސް ބައިވެރިވިއެވެ.

"ބާރަށް ހީ… އެކަމަކު ބުންނަ ސުނޭ ތިޔަ ވިޔާނުދާ އުޅުމުގެ ހިތި ރަހަ އަދި ސުނޭގެ ކަރުބުޑުގައި ލާނެ… އެދުވަހަކުން އަހަރެން އުފާކުރާނަން،"

"ހީނުކުރާތި އަހަރެންގެ ވަކިތަކުން ސަލާމަތް ވީއްޔޭ… މިފަހަރު ކާމިޔާބީއާ ހަމައަށް ނުދެވުނަސް އަދި އެ މަންޒިލްވެސް އަތުޖެހޭނެ… އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް އަހަރެންގެ އަމާޒަކަށް ވާނީ ކަލެއަށް އުނދަގޫކުރުން…. ކަލޭގެ ދިރިއުޅުން ހަލާކުކޮށްލުން،" މިހެން ބުނަމުން ސުނޭ ސަހުމާ ގެނެސް އޭނާއާ ގާތްކޮށްލިއެވެ. މިތަން ފެނިފައި ދީނާއަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. ލޮލުން ކަރުނަ ފާއްދާލިއެވެ. ނަމަވެސް ސުނޭގެ ކުރިމަތީގައި ހިތްވަރު ދެރަ ނުކުރާންވެގެން ކަރުނަތައް ފުހެލަމުން ވާހަކަ ދައްކަން ފެށިއެވެ.

"މީހެއްގެ ދިރިއުޅުން ހަލާކު ކޮއްލެވޭނީ… ފުރަތަމަ ތިމާއަށް ދިރިއުޅެން އެނގިގެންނު.. އަބަދުވެސް ކަމަކީ އަންހެން ކުދިންނަށް ދަޅަ ދައްކައިގެން އެކުދިންގެ ފަރާތުން ނާޖާއިޒް ފައިދާ ނެގުން. ކަލެއަށް އެއްކަމެއްވެސް ނުކުރެވޭނެ… ކުރެވޭނެހާވެސް ކަމަކީ ތިޔަ ކުއްޖާ ގޮވައިގެން ނާޗަރަންގީ ކުޅުން. ދުވަސްކޮޅަކުން ތިމާވެސް ގެއްލިދާނެ،" ދީނާ އެވަގުތު ދުލަށް އައިހާ އެއްޗެއް ސުނޭއާ ދިމާއަށް ކިޔާފައި ހިނގައިގަތުމާއެކު، ސުނޭއާއި ސަހުމާއާ ދެމީހުން ވެގެން ދީނާއަށް މަލާމާތްކޮށްކޮށްފައި ހޭންފެށިއެވެ. އެއަޑު ކަންފަތުގައި ޖެހުމުން ކުރިން ކެތްތެރިކަމާއެކު ހުރި ދީނާއަށް ރޮވެން ފެށުނެވެ. ގިސްލެވެން ފެށުނެވެ. އެހެން ކަމާއެކު ގެއާ ދިމާއަށް އެންމެފަހުން ދުއްވައި ގަނެވުނެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *