Support Us

ވާހަކަ: ހިތް އެދޭތީ- 18 

ސިޒާންގެ ކޮޓަރި ސާފުކޮށް ތަރުތީބު ކޮށްލުމަށްފަހު ނަދުވާ ގޭތެރެވެސް ސާފުކޮށްލިއެވެ. އަދި ބަދިގެއަށް ދިޔައެވެ. ބަދިގޭގައި އަވަދިނެތި އުޅެނިކޮށް ގެއަށް ބަޔަކު އައި އަޑު އިވެގެން ނަދުވާ އަވަސްއަވަހަށް ސިޓިންގ ރޫމަށް ދިޔައެވެ. އޭރު ފަޒްނާމެން ސިޓިންގ ރޫމްގައި ތިއްބެވެ. އެތާ ތިބި މީހުންގެ ތެރެއިން ސިޒާން ދެނެގަންނާކަށް ނަދުވާއަކަށް އުނދަގުލެއް ނުވިއެވެ. ނަދުވާ ނުދަންނަ މީހަކަށް ހުރީ އެންމެ މީހެއް ކަމަށް ވާތީއެވެ.

ނަދުވާ ސިޓިންގ ރޫމަށް އައީއްސުރެން ސިޒާންގެ ކަޅި އަމާޒުވެފައި ހުރީ ނަދުވާއަށެވެ. ނަދުވާ ބަލާލައި ކޮންމެ ފަހަރަކު ސިޒާން ހުންނަނީ އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެހެންވެ ނަދުވާ ވަރަށް ލަދުގަތެވެ. އަވަސް އަވަހަށް އިސްޖަހާލިއެވެ. ސިޒާންވެސް ކުޑަ ހިދުކޮޅަކަށް ހުއްޓުން އަރާފައި ހުރިމަށްފަހު ހިނގައިގަތެވެ.

"ނަދުވާ ދޭބަލަ އެންމެންނަށް ކާންހަދަން،" ފަޒްނާގެ އަޑަށް ސިހިފައި ނަދުވާ އިސް އުފުލާލިއެވެ. އަދި އަވަސްއަވަހަށް އާނއެކޭ ބުނުމަށްފަހު ބަދިގެއަށް ދިޔައެވެ.

ސިޒާން ގޮސް ވަނީ ކޮޓަރިއަށެވެ. ވެފައި ހުރި ވަރުބަލިކަމުގެ ސަބަބުން އެނދުގައި އޮށޯވެލިއެވެ. އަދި އޭނާއަށް ދެންމެ ފެނުނު ކުއްޖާއާ މެދު ޚިޔާލު ކުރެވެން ފެށުނެވެ. ސިޒާނަށް ވަމުންދިޔަ ގޮތް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އަދި އެއްފަހަރު އެ ސޫރަ ދެކޭ ހިތްވަނީއެވެ. އެ ރީތިކަމެވެ. އެ ލަދުރަކި ހިނިތުންވުމެވެ. ސިޒާންގެ ހިތަށް އަރަމުން ދިޔައެވެ. އެއީ ކޮން ކުއްޖެއް ބާއެވެ؟ މިގޭގައި ގެންގުޅޭ ކުއްޖާނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އޭރުން އަހަރެން ވަރަށް އުފާވާނެއެވެ. މި ޚިޔާލުތަކަށް ގެއްލިފައި ސިޒާން ކުޑަ އިރުކޮޅަކު އޮތެވެ. ދެން ތެދުވެ ފަންވަރާލައިގެން ކާކޮޓަރިއަށް މިސްރާބު ޖެހިއެވެ.

"މަންމަ މި އަންނަނީ ދަރިފުޅު ލަސްވެގެން. އެންމެން އެބަތިބި ދަރިފުޅު ނައިސްގެން އިންތިޒާރުގައި ކާންވެސް ނުފެށިފައި… އަވަހަށް އާދޭ."

"އެހެންތަ؟ އަހަރެންވެސް މިދަނީއޭ މަންމާ،" ފަޒްނާ އާއި ސިޒާން އެކުގައި ގޮސް ކާކޮޓަރިއަށް ވަނެވެ. ސިޒާން އޭނާގެ ކޮއްކޮގެ ބޮލުގައި އަތް ޖައްސާލުމަށްފަހު ކޮއްކޮގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. ސިޒާންގެ ލޮލުގައި ނަދުވާ އަޅައިގަތީ އިށީން ވަގުތުގައެވެ. އެހެންކަމުން އޭނާ ހިނިތުންވެލިއެވެ. ދުށުމަށް އެދޭ ހޫރު ކުރިމަތީގައި ހުރީމައެވެ.

ސިޒާންގެ ލޯ އަމާޒުވެފައި ހުރީ އެ ނުދަންނަ ރީތި ޒުވާނާއާ ދިމާއަށެވެ. ކަޅި ޖަހާނުލައި ސިޒާން ބަލަމުން ދާންފެށުމުން ނަދުވާއަށް އެކަން އެނގި ހާސްވާގޮތް ވާން ފެށިއެވެ. އެތާ ތިބި އެހެން މީހުންނަށް އެކަން އެނގިދާނެތީއެވެ. އެމީހުން ހީކޮށްފާނެ އެއްޗަކާމެދު ކަންބޮޑުވާން ފެށިއެވެ.

ސީޒާއަށް އެކަން އެނގޭކަށް މާގިނަ އިރުތަކެއް ނުނެގިއެވެ. އޭނާ އެއްފަހަރު ނަދުވާގެ މޫނަށް އަނެއް ފަހަރު ސިޒާންގެ މޫނަށް ބަލާލިއެވެ. ނަދުވާގެ މޫނަށް ކަޅި ޖަހާނުލައި ސިޒާން ބަލަމުން ދިޔުމުން ސީޒާގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.

ނަދުވާ އިސްދަށަށް ޖަހާލައިގެން ކަމުން ދިޔަ ނަމަވެސް އިރުއިރުކޮޅާ ސިޒާން އިނީ އޭނާއާ ދިމާއަށް ބަލަހައްޓައިގެންތޯ ބަލާލައެވެ. މިގޮތަށް ކަންތައް ހިނގަމުން ދިޔަ ނަމަވެސް ސިޒާންގެ މައިންބަފައިންނަށް މިއިން ކަމެއް ރޭކާވެސް ނުލައެވެ. މިގޮތަށް މާގިނަ އިރު ވާންފެށުމުން ސިޒާންގެ އަތުގައި ސީޒާ ޖެހިގަތެވެ. ނުދެނެހުރި ކަމަށް ހަދާފައެވެ. ކުއްލިއަކަށް އަތުގައި ޖެހިގަތުމުން ސިޒާންގެ އަތުން ސައިތަށި ބަންޑުންވިއެވެ.

"ސޮރީ ބޭބޭ،" ސީޒާ އަވަސްއަވަހަށް ބުނެލިއެވެ.

"ދަރިފުޅާ ކީއްތިކުރީ؟" ފަޒްނާއާއި ރާފިއުއަށް އެއްފަހަރާ ބުނެލެވުނެވެ.

"މީ ސީޒާ ކަންތަކޭ… ނަސީބެއްނު ގަޔަށް ނޭޅުނުކަން،" ކުޑަކޮށް ކޮށިއަރާގޮތް ވަމުން ސިޒާން ބުނެލިއެވެ. ހަމަ އެވަގުތުއެވެ. ފޯނެއް އައުމުން ނަދުވާ ބޭރަށް ނުކުމެލިއެވެ.

"ދަރިފުޅާ ނިމުނީތަ؟ ހާދަ އަވަހަކަށް،" ސިޒާން ކައިގެން ފައިބައިގެން ދާން ފެށުމުން ފަޒްނާ އަހައިލިއެވެ.

"ހެލޯ… ދީނާ. ހާދަ ދުވަސްކޮށްލާފައި ކިހިނެއްވީ؟" ފޯނު ނަގަމުން ނަދުވާ ވާހަކަ ދެއްކިއެވެ.

"ވަރަށް ގިނަ ދުވަސް ވެއްޖެ ދޯ؟… ކިހިނެއްތަ ނަދޫ؟… ވަރަށް ޚާއްސަ ކަމަކު މިގުޅީ،" ދީނާގެ އަޑުގައި ހުރީ އުފާވެރިކަމެވެ.

"އެހެން… ޚާއްސަ ކަމެއް އޮތީމަ ދޯ އަހަރެންގެ މަތިން މިހާރު ހަދާންވެސްތި ވަނީ… އަހަރެން ރަނގަޅު ދީނާ ކިހިނެއް؟" ޝަކުވާ ކޮށްލަމުން

"އަހަރެން ވަރަށް ރަނގަޅު… އެހެންހެން ނޫން ނަދޫ… ބިޒީކަމުން ހަމަ ގުޅާނުލެވެނީ،"

"އެހެން… އޯކޭ… ދެން ތިޔަ ޚާއްސަ ހަބަރު ދީބަލަ… އަހާހިތުން ކެތްމަދުވެފައި މި ހުންނަނީ،"

"ނަދޫ… އަހަރެން މިއުޅެނީ ކައިވެނި ކުރަން. ކޮންމެހެންވެސް ނަދޫ އަންނަންވާނެ،" ދީނާގެ ވާހަކައިން އޭނާ އުފާވެފައި ހުރި ވަރު އަންގައިދެއެވެ.

"ސުނޭއާތަ؟" ނަދުވާ ޔަގީންކޮށްލުމުގެ ނިޔަތުގައި އަހައިލިއެވެ.

"ދެން ނަދޫ… މަލާމާތް ނުކޮށްބަލަ. ސިމާމު ނޫން ދެން ކާކު؟"

"އަސްލުވެސް. ސިމާމު ތިކޮޅުގަ ދޯ؟ ކޮން އިރަކުން ކައިވެނިކުރަނީ؟ އޭރުންތާ އެނގޭނީވެސް ދެވޭނެކަން. ވަރަށް މަސައްކަތް ކުރާނަން ދެވޭތޯ،"

"ޖުލައި 3 ގައި.. ކޮންމެހެންވެސް ނަދޫ އަންނަންވާނެ،" ދީނާ ފޯނު ބޭއްވިއެވެ.

ކައި ނިމުމުން ސިޒާން ދިޔައީ ސީޒާމެން ކޮޓަރިއަށެވެ. އޭނާއާ ބައްދަލުކުރުމަށެވެ.

"ކޮއްކޯ އާދެބަލަ. ބޭބެ ކޮޓަރިއަށް،" ދޮރު ހުޅުވާލަމުން ސިޒާން އެދުނީ އޭނާގެ ކޮޓަރިއަށް ސީޒާ އައުމަށެވެ.

"ކިހިނެއްވީ؟… ބޮޑުކަމެއް ޖެހުނީމަ ނޫނީ ކޮއްކޮއެއް ހުންނަކަން ހަދާންވެސް ނުވާނެ. ހިނގާބަލަ،" ސީޒާ ހެމުންހެމުން ބޭރަށް ނުކުތެވެ.

"އެއީ ކޮންނަމެއް ކިޔާ ކުއްޖެއްތަ؟" ކޮޓަރިއަށް ވަނުމަށްފަހު ސިޒާން ދޮރުފަތް ލައްޕާލިއެވެ.

"ކާކުތަ؟" ހައިރާންވެފައި ސީޒާ އަހައިލިއެވެ.

"ނޭނގޭ ކަމަށް ހަދާނެ ކަމެއްނެތް… މިގޭގައި އެ އުޅެނީނު؟" ސިޒާން ހުރީ މައުލޫމާތު އޮލުންފިލުވުމަށް ކެތްމަދުވެފައެވެ.

"ހޫނ… އެނގިއްޖެ. ސިޒާންބެ ކާން އިންއިރު ކަޅި ހުއްޓިފައި ހުރި ކުއްޖާދޯ؟… އެކުއްޖާގެ މަސްތުގައި ޖެހުނު ވަރުން މަންމަމެން އެތަނުގައި ތިބިކަންވެސް ނޭނގުނު ވީއްޔަ،" ސީޒާ ދިމާކޮށްލިއެވެ.

"ދެން… ސަމާސާ ނުކޮށް ބެނެބަލަ… ކޮން ނަމެއްތަ ކިޔަނީ؟" ކުޑަކޮށް ނުރުހިފައި ސިޒާން ބުންޏެވެ.

"ތިވަރު ބޮޑު… އަޅައިގަތީދޯ؟… އޭނާ ކައިރީ އަހާބަލަ… ކީއްކުރަން އަހަރެން ކައިރީ އަހަންވީ،" ސީޒާ އިތުރަށް މަލާމާތް ކޮށްލިއެވެ.

"މިގޭގައި އުޅޭ ކުއްޖެއް… އަހަންނަށްވެސް އޭނާގެ ނަން ހޯދިދާނެ… ދެން ކޮއްކޮ ދިޔަސް އެންމެ ރަނގަޅު،" ސިޒާން ހަމަ އަސްލުވެސް ރުޅިއައެވެ.

(ނުނިމޭ)

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ހާދަ ކުރޭ. ތަންކޮޅެއް ދިގުކޮށް ގެނެސްދީބަލަ. އެކަމަކުވެސް ވަރަށް ރީތި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *