Support Us

ވާހަކަ: ހިތް އެދޭތީ -16 

އެ އަޑު ކަންފަތުގައި ޖެހުމުން ކުރިން ކެތްތެރިކަމާއެކު ހުރި ދީނާއަށް ރޮވެން ފެށުނެވެ. ގިސްލެވެން ފެށުނެވެ. އެހެން ކަމާއެކު ގެއާ ދިމާއަށް އެންމެފަހުން ދުއްވައިގަނެވުނެވެ.

އޮފީހުން ގެއަށް އައި މަގުމަތީގައި ސިމާމަށް ނަދުވާ ފެނުމުން އަވަސްއަވަހަށް އޭނާގެ ކައިރިއަށް އައެވެ.

"ކޮން އިރަކު މާލެ އައީ؟" ނަދުވާއާ އަރާ ހަމަވެފައި ސިމާމު އެހިއެވެ.

"ދުވަސްކޮޅެއް ވެއްޖެ."

"އެހެން. ކޮންތާކަށް ތިދަނީ؟"

"މީނަ ގޮވައިގެން ކުޑަކުދިންގެ ބަގީޗާއަށް،" ކުރިއަށް ހިނގަމުން ނަދުވާ ޖަވާބު ދިނެވެ.

"މިހާރު ކުއްޖެއްވެސް ލިބުނީ. ކައިވެނި ކުރި އިރު އަންގާވެސްނުލާ."

"ސިމާމު ދައްކާ ވާހަކަ… މީ އަހަރެންގެ ރައްޓެއްސެއްގެ ކުއްޖެއް. އަހަރެން ސިމާމު ހައި ނަސީބު ގަދައެއް ނޫނޭ. އަހަރެން މިއުޅެނީ ލޯބިވާނެ މީހެއްވެސް ނުވެގެން،" ކުޑަކޮށް ހީލަމުން ނަދުވާ ބުންޏެވެ.

"އެހެންދޯ؟ އަންހެނުންގެ ގޮތެއް ނޭނގޭނެވިއްޔަ. ދީނާވެސް ވަރަށް ބަދަލުވެއްޖެހެން ހާދަ ހީވެޔޭ… އެހެންވީމާ އަހަރެންވެސް މީ މާ ނަސީބު ގަދަ މީހެކޭވެސް ނުބުނެވޭނެ… ނަދުވާއަށް އަޅެ އެނގޭތަ ދީނާ އެހެން ކަމެއް ކުރާކަން؟" ސިމާމުގެ އުފާވެރި މޫނުމައްޗަށް ހިތާމައިގެ އަސަރު ފާޅުވިއެވެ.

"ކިހިނެއްވީ ތެހެންތި ބުނީ؟ ދީނާ ބަދަލުވިކަމެއް އަހަރެން ނުދެނެހުރިން،" ހައިރާންކަން މޫނަށް ގެނުވަމުން ނަދުވާ ވާހަކަ ދެއްކި ނަމަވެސް އޭނާއަށް ހުރިހާ ކަމެއް އެނގެއެވެ.

"މިހާރަކަށް އައިސް ދީނާ އަހަންނާ ވާހަކަ ދައްކަނީ ފޫހި ރާގަކަށް. އުޅޭނީވެސް ފޯނު ނުބޭއްވިގެން. ދީނާގެ ހުރިހާ ކަމެއް ނަދުވާ ހިއްސާ ކުރާނެކަން ގައިމު. ބެސްޓް ފުރެންޑް ވީމާ ހުރިހާ ކަމެއް ސިއްރުކުރަނީ ދޯ؟" ސިމާމު މާޔޫސްވެ ހުރެ ވާހަކަ ދެއްކިއެވެ.

ސިމާމު އެހެން ބުނުމުންނާއި ސިމާމުގެ މޫނުމައްޗަށް ވެރިވެފައިވާ ހިތާމައިގެ އަސަރުގެ ސަބަބުން ހުރިހާ ވާހަކައެއް ކިޔައިދީފާނަމޭވެސް ނަދުވާ ހިތަށް އެރިއެވެ. އެހެނަސް ބެސްޓް ފްރެންޑަށް ޓަކައި ދޮގުހަދަން މަޖުބޫރު ވީއެވެ.

"ނޫން… ނޫން އެއްގޮތަކަށްވެސް އެހެނެއް ނޫން. އަހަންނަށް އެނގިގެން ދީނާ އެހެން ފަރާތަކަށް ނުދޭ. އެހެން ކަމެއް ނުކުރޭ. މިފަހަރު އަންނަން ފެށީމަވެސް ބުނި ސިމާމު އާ ދިމާވެއްޖިއްޔާ ވަރަށް ގިނައިން ސަލާމް ބުނެދޭށޭ… އިންތިޒާރުގައި މީހަކު ރަށުގައި ހުރިކަން ހަނދާން ނައްތާނުލާށޭ ބުނެދޭށޭވެސް ބުނި،" ހިނތުން ވެވޭތޯ މަސައްކަތް ކުރަމުން ނަދުވާ ވާހަކަ ދެއްކިއެވެ.

"ލޯބިވެރިން ލޯބިވެރިންނަށް ރައްދުކުރަން ބުނާ މެސެޖަކީ ވަރަށް އަވަހަށް ރައްދު ކުރަންޖެހޭ އެއްޗެއް. އެކަމަކު ނަދުވާ ކަންތައް ތިކުރި ގޮތުން އަހަންނަށް ޔަގީންވެއްޖެ ދީނާ ކޮންމެވެސް ގަނޑެއް ގަނެފިކަން. އެންމެ ރަގަނޅު ނަދުވާ ނުބުންޏަސް… ވެގެން އުޅޭގޮތެއް އަހަރެން ސާފުކުރާނަން،" ސިމާމު ކުރިއަށް ހިނގައިގަތެވެ.

"ސިމާމު ރުޅިއައީތަ؟" ނަދުވާ މަޑުމަޑުން އަހައިލިއެވެ.

"ނޫން. ވަރަށް އަވަހަށް ތަނަކަށް ދާން ވެގެން މިދަނީ… އަދި ވާނެ ދިމާވާން،" ނަދުވާއާ ދިމާއަށް އެނބުރުމަށްފަހު ސިމާމު ހިނިތުން ވެލިއެވެ.

ރިޒޯޓްގެ މަސައްކަތް ނިންމާލުމަށްފަހު ރާފިއު ގެއަށް އައިސް ވަތް އިރު ފަޒްނާ ވަރަށް ހަމަޖެހިލާފައި ސޯފާގައި ޓީވީ ބަލަށް އިނެވެ. ރާފިއު އަށް މިއަދު ފަޒްނާގެ މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ. އެހެން ކަމުން ވެފައި ހުރި ވަރުބަލިކަންވެސް ފިލައިގެންދިޔަ ކަހަލައެވެ. މަޑުމަޑުން އައިސް ފަޒްނާގެ ކައިރީގައި ސޯފާގައި އިށީނެވެ. ހިނިތުންވުމާއެކު ފަޒްނާ ބަލައިލި ގޮތުން ރާފިއުގެ ހިތް ފުރުނު ކަހަލައެވެ. އެހެން ދުވަސް ދުވަހު ރިޒޯޓުން އަންނަ އިރު މޫޑް ހުންނަގޮތާއި މިއަދާ ހާސްބައި ތަފާތެވެ.

"މިފަހަރު ގެނައި ކުއްޖާ ކިހިނެއް؟" ފަޒްނާގެ ބޮލުގައި ފުރުމާލަމުން ރާފިއު އެހިއެވެ.

"މިފަހަރު އެހުރީ ޖަވާހިރެއް. ހުރިހާ މަސައްކަތެއް ވެސް ދަނޭ. އެހާ މުރާލި. އަހުލާގު ރަނގަޅު،" ފަޒްނާގެ ތައުރީފުގެ ބަސްތައް ނަދުވާއަށް ރައްދުވިއެވެ.

"މަށަށް އެނގުނޭ ފަޒްނާ އިންގޮތުންވެސް،"

"އާނ… އެހެންނު ވާނީ އަހަންނަށްވެސް އެހައި ލުއި. އެނެއްކޮޅުން ގޭ އެންމެންނާވެސް ގުޅޭ،" ފަޒްނާގެ ވާހަކައިން ނަދުވާގެ މަސައްކަތާ އޭނާ ރުހޭ މިންވަރު އެނގެއެވެ.

"ހޫނ. ދެން އެންމެ ރަނގަޅު،" ރާފިއުގެ ވާހަކަ އެހިސާބަށް ދިޔަތަނާ ނަދުވާ ބޭރުން އައިސް ގެއަށް ވަނެވެ.

"ދައްތަ ނަދުވާ އަށް ވަރަށް ތައުރީފުކޮށްފި،" ރާފިއު މިހެން ބުނުމުން ރަކި ފާޑަކަށް އިސްޖަހާލުމަށްފަހު ނަދުވާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

"އެމަންޖެ ވަންނައިރަށް ރާފިއު ތިޔަ ލަދުގަންނަވާލީނު،" ފަޒްނާ މިހެން ބުނަމުން ކާކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ފަހަތުން ރާފިއުވެސް ދިޔައެވެ.

ފަޒްނާމެން ދެމަފިރިން ކާކޮޓަރިއަށް ވަތްތަނާ ކުޑަ އިރުކޮޅެއް ވީފަހުން ނަދުވާ އައިސް އެތަނަށް ވަނެވެ. ނަމަވެސް އޭނާ ރާފިއުއާ ދިމާ ނުވެސް ބަލާލައި ގޮސް ބަދިގެ ބަޔަށް ވަނެވެ. ނަދުވާ ބަދިގެ ބަޔަށް ވަތްތަން ފެނުމުން ފަޒްނާވެސް އެދިމާއަށް ދިޔައެވެ. ނަދުވާ އަކީ ގޭގައި މަސައްކަތް ކުރަން ގެނެސްފައި ހުންނަ ކުއްޖެކޭ ކިޔާފައި ހުރިހާ ކަމެއް އޭނާ ލައްވާ ނުކުރުވައެވެ. ނަދުވާއަށް ލުއި ކޮށްދިނުމަށް ވަގުތު ވާވަރަކުން ފަޒްނާ ނޫނީ އޭނާގެ ދަރިފުޅު އެހީތެރިވެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނަދުވާއާއި ފަޒްނާ އާއި ދެމީހުން ވެގެން ކާންތައްޔާރު ކޮށްލިއެވެ. މޭޒުމަތީގައި ދެވައްތަރެއްގެ ރިހަ އާއި ސަޓަނި އަދި ބަތާއި ފުރުޓްސް ހުއްޓެވެ. އަދި އިތުރުން ތެލުލިމަހާއި ކަރާފަނި ތައްޔާރުކޮށްފައި ހުރި ދުވަހެކެވެ. ރާފިއު ގެއަށް އަންނަ ދުވަހެއް ވީމައި މޭޒުމަތިވެސް އޮތީ ވަރަށް ތިޔާގިކޮށެވެ. މިތަކެތި ފެނުމުން ރާފިއު ކުޅުދިޔާވިއެވެ.

"މިހާދަ މީރޭ. ނަދުވާ ހަދާ އެއްޗެހީގެ ވެސް ރަހަ މީރީއްޔޭދޯ؟" ތެލުލި މަސްކޮޅެއް ކާލަމުން މިހެން ބުނުމުން ނަދުވާއާއި ފަޒްނާއާއި ދެމީހުންނަށްވެސް ހެވުނެވެ.

"ބޭބޭ… ތެލުލިމަސް ތީ ދައްތަ ތައްޔާރު ކޮށްފައި. އެހެންވީމަ މީރުކަމުގެ ތައުރީފު ހައްގުވާނީ ދައްތަ އަށް،" ނަދުވާ ހެމުންހެމުން ބުންޏެވެ.

"ނޭނގޭނެ އެއްނު. ދައްތަ ބޭނުމެއް ނުވާނެ ތައުރީފުގެ ބަހެއް،" ރާފިއުވެސް އެމީހުންގެ ހުނުމުގައި ބައިވެރިވެލިއެވެ.

"ދެންވެސް ވާހަކަ ގިނަ ނުކޮށް ކައި ނިންމަ ބަލަ. އަހަރެމެންވެސް ހައިވެއްޖޭ،" ރާފިއުގެ އަނގަ ގަދަކަމުން ޒަފްނާ ބެނެލިއެވެ.

"ތީ އަހަރެން ބުނާ ވާހަކަ. ތި ބޯދާ އުސޫލު ދޫކޮށްލަބަލަ. މިޒަމާނުގައި އާއިލާ އެންމެން ކާންވާނީ އެއްކޮށް. އާއިލީ ގުޅުން ބަދަހި ވާނީވެސް އޭރުން،" ރާފިއު އަބަދުހެން ދައްކާ ވާހަކަ ފެށިއެވެ.

އޭނާ ބުންޏަސް އެއީ ތެދެކެވެ. އެންމެން ހަމަހަމަ ކުރާ މިޒަމާނުގައި އަންހެނުން ވަކިން ފަހުން ކާން މަޑުކުރަންވީ ސަބަބެއްނެތެވެ. ނަދުވާ ވެސް އެކަން ގަބޫލު ކުރެއެވެ. ނަމަވެސް އެއްޗެއް ނުބުނީ ފަޒްނާ ހިތްހަމަނުޖެހިދާނެ ތީއެވެ.

"ބައްޕަގެ ބަހަށް އަހަރެންވެސް ތާއީދު. މީގެ ފަހުން އަހަރެމެން ކާންވާނީ އެއްކޮށް،" ޝީޒާ އައިސް ކާކޮޓަރިއަށް ވަނުމަށްފަހު ގޮނޑިއެއްގައި އިށީނެވެ.

"އަހަރެން މި ނިންމީ ޗުއްޓީ ނަގައިގެން ރަށަށް ދާން،" އެނދުގައި ޖައްސާލަމުން ސިމާމު ވާހަކަ ދެއްކީ ޒައިން އާއެވެ.

(ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *