މިއަދަކީ އަހަރެން އެނދުމަތިވިތާ ތިން އަހަރުވީ ދުވަހެވެ. މިކަން އަހަރެން ވަށައިގެން އުޅޭ އެއްވެސް މީހަކު ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ. އެއީ އެމީހުން ހަނދާންކުރާ ވަރަށް މުހިންމު ދުވަހެއް ނޫނެވެ. އާންމުކޮށް މީހުން ހަނދާންކުރާނީ އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ކަންކަމެވެ. މިސާލަކަށް އަލަތު ކައިވެންޏަށް އަހަރު ފުރޭ ދުވަސް، ނުވަތަ އުފަންދުވަސް ފަދަ އުފާވެރި މުނާސަބާތުތަކެވެ. މީހަކު ވާގިނެތި އެނދުމަތިވި ދުވަހެއް ހަނދާންކުރާ ބަޔަކު ނޫޅެއެވެ. ފުރުސަތު ލިބޭނަމަ، މިފަދަ ބުރައެއް ހަނދާނުން ފޮހެލަން މީހުން ބޭނުންވާނެއެވެ. އެއީ އެމީހުންގެ ގޯސްކަމަކުން ނޫނެވެ. އިންސާނީ ތަބީޔަތެވެ.
މިއީ އަހަރެންނަށް ކުރިމަތިވެފައިވާ ހާލަތެވެ. މީގެ ތިން އަހަރު ކުރިން އަހަރެންނަކީ މުޅި މި އާއިލާގެ ހުރިހައި ކަމެއް ބެލެހެއްޓި، އެންމެންގެ އިހުތިރާމާއި ގަދަރު ލިބިފައިވާ މީހާއެވެ. އާއިލާގެ ކޮންމެ މީހަކު ވެސް ކަމަކު ޖެހުމުން އަންނާނީ އަހަރެން ކައިރިއަށެވެ. އެއްޗެއް ގަންނަން ޖެހިއްޖެނަމަ، އެކަމަށް އެދި ހުށަހަޅާނީ އަހަރެންނަށެވެ. އަހަރެންނަކީ ފުދިގެން އުޅުނު، ގާބިލު، ޒިންމާދާރު ބަފައެކެވެ. ލޯބި ދޭން އެނގުނު ފިރިޔެކެވެ. ނަމަވެސް ކުއްލިއަކަށް އެ ހުރިހައި ކަމެއް ބަދަލުވެގެން ދިޔައީއެވެ. ސްޓްރޯކެއް ޖެހި، އަތްފައިން ވާގިނެތި، އެނދުމަތިވީއެވެ. ދުލުގެ ބޭނުން ކެނޑުނީއެވެ. އަޑުއިވެއެވެ. ފެނެއެވެ. އެކަމަކު އެނދުގައި އެއްކޮޅުން އަނެއްކޮޅަށް އެނބުރިލަންވެސް މީހެއްގެ އެހީއަށް ބޭނުންވީއެވެ.
"ދުނިޔެއިން ގެންދަވާނީ ދުނިޔޭގައި ދައްކަވަން ހުރިތަނެއް ދައްކަވާފައޭ" މިހެން ކޮންމެވެސް މީހަކު ބުނި އަޑު އަހަރެން އެހީމެވެ. އެންމެ ފުރަތަމަ މި ހާލަތު ޖެހުމުން އަހަރެންގެ ލޯބިވާ އާއިލާ އަހަރެންގެ ވަށައިލިއެވެ. ކޮއްކޮމެންނާއި އެމީހުންގެ ފިރިން އަހަރެން ގޮވައިގެން ބޭރުގެ ގައުމުތަކަށް ގޮސް، އަހަރެންނަށް ގެއްލުނު ހަރަކާތްތައް އަލުން އަނބުރާ ލިބޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން އަހަރެންގެ ހާލަތަކަށް ބަދަލެއް ނާދެއެވެ.
އެއް އަހަރު ވުމުން އަހަރެންގެ ހާލަތު ދެން ބަދަލެއް ނުވާނެކަން އެމީހުން ގަބޫލުކުރިއެވެ. އިތުރު ތަކުލީފުތަކެއް ނުއުފުލުމަށް ނިންމައި އަހަރެންގެ ކޮޓަރީގައި ހަނި އެނދެއް ބަހައްޓައި، އަހަރެން އެ އެނދަށް ބަދަލުކުރިއެވެ. އަދި އަހަރެންގެ ކަންކަން ބެލުމަށް އާއިލާ މީހުންގެ ހަރަދުގައި ނޭޕާލު މެއިޑެއްވެސް ގެނައެވެ.
އޭގެ ކުރީގައި އަހަރެންގެ އަންހެނުންގެ މޫނުމަތިން އުދާސްކަން އަހަރެންނަށް ފާހަގަކުރެވެއެވެ. އޭނާގެ އުންމީދުން ފުރިފައިވާ ލޮލުން އަލުން އަނބުރާ ކުރީގެ ދިރިއުޅުމަށް ދެވިދާނެ ކަމުގެ ޖަޒުބާތު އަހަރެންނަށް ފެނެއެވެ. އަހަރެން ކައިރީގައި އިށީނދެ ވާހަކަ ދައްކަން ވަގުތު ހޭދަކުރިއެވެ. ނަމަވެސް ދެން އިތުރަށް އެކަމަށް ފަރުވާއެއް ނެތްކަން އެނގުމުން އޭނާ މަޑުމަޑުން ދުރަށް ޖެހިލިއެވެ. ގެއްލެމުން ގެއްލެމުން ގޮސް މިހާރު އޭނާ ކޮޓަރީގައި އުޅުނަސް އަހަރެންގެ އެނދު ކައިރިޔަކަށް ނާދެއެވެ.
މިހާރު އޭނާ ނިދުމުގެ ކުރިން އައިސް އަހަރެން އޮތް ތަން ބަލައިލާނެއެވެ. ނަމަވެސް ދުވާލު އެއްކޮށް އޭނާވެސް އަދި އަހަރެންގެ ތިން ދަރިން ތެރެއިން އެކަކުވެސް އަހަރެންގެ ހާލު ބަލައިލާކަށް ނުވަންނާނެއެވެ. ކަމަކު ކޮޓަރިއަށް ވަނަސް އަހަރެންނާ ހަތަރުކަޅި ހަމައެއް ނުކުރާނެއެވެ. އަނގަޔަކުން އެއްޗެއް ނުބުނާނެއެވެ. އެއީ އެމީހުންގެ ގޯސްކަމަކުން ނޫނެވެ. އެމީހުން ވާހަކަ ދެއްކިޔަސް އަހަރެންނަށް ޖަވާބެއް ނުދެވޭނެއެވެ. އަހަރެން ޖަވާބެއް ދޭން މަސައްކަތްކުރާއިރު އަހަރެންގެ މޫނަށް ވާ ގޮތް ފެނިފައި އެމީހުންނަށް އުނދަގޫވާކަން އެނގެއެވެ. އެމީހުންނަށް އަހަރެންގެ ހަރަކާތްތައް ފެނިފައި ލަދުވެތިވާކަން އިހުސާސްކުރެވެއެވެ. އެހެންވެ އަހަރެންނަށް ރަނގަޅީވެސް އެމީހުން އަހަރެން ކައިރިއަށް ނައިއްޔާއެވެ.
ނަމަވެސް އެހެން ބުންޏަސް އެއީ ތެދެއް ނޫނެވެ. އަހަރެންގެ ލޯ އެމީހުން ދުށުމަށް އަބަދުވެސް ވަނީ ފެންބޮވައިގެންފައެވެ. އިހަކަށް ދުވަހު އަންހެނުން އައިސް އަހަރެން ކައިރީގައި ދޮށީ ދަރިފުޅު ކައިވެނި ކުރަން އުޅޭ ވާހަކަ ބުންޏެވެ. އެއީ ކޮންމެ ބައްޕައަކަށްވެސް ލިބޭނެ އެންމެ އުފާވެރި އެއް ހަބަރުކަން ގައިމެވެ.
އަހަރެން ކުރަން ބޭނުންވި ވަރަށް ގިނަ ސުވާލު ހުއްޓެވެ. ކައިވެނި ކުރަނީ ކޮން ދުވަހަކުތޯ އަހަން ބޭނުންވިއެވެ. ކައިވެނީގެ ހަފުލާ އޮންނަނީ ކޮންއިރަކުތޯ އަހަން ބޭނުންވިއެވެ. އެ ކައިވެންޏަށް އަހަރެންނަށް ދެވޭނީކީއެއް ނޫނެވެ. ނަމަވެސް ހިތާހިތުން އަހަރެންނަށް އާދޭސްކުރެވުނެވެ. އެކަމުގައި އަހަރެން ބައިވެރިކުރޭތޯ ހިތާހިތުން އެދެވުނެވެ. އެ ދުވަހު އަހަރެންގެ ދޮށީ ދަރިފުޅު ދެކިލަން ވަރަށް ބޭނުންވިއެވެ. އޭނާގެ ކުޑައިރުގެ ހަނދާންތައް ސިކުނޑިއަށް ވެރިވިއެވެ. އެކަމަކު އެރޭ ވެސް ނިމިގެން ދިޔައީއެވެ. އޭނާއެއް ނާދެއެވެ. އަންހެނުން އެހެން ރެޔެކޭ އެއްފަދައިން އައިސް އޭނާގެ އެނދުގައި އޮށޯވެ ނިދީއެވެ.
މިއަދަކީވެސް ހަމަ އެހެން ދުވަސްތަކެކޭ އެއްފަދަ ދުވަހެކެވެ. އަހަރެންގެ ހިމޭން ދުނިޔެ ފެށެނީވެސް ނިމެނީވެސް އަހަރެންގެ ކޮޓަރިންނެވެ. ކުރީގައި ހަފުތާއަކު އެއްދުވަހު ސިޓިން ރޫމަށް ނެރެފައި އާއިލާއާ އެކުގައި ޓީވީ ބަލަން އަހަރެން ބައިންދައެވެ. ނަމަވެސް ފަހުންފަހުން އައިސް އެކަން ހުއްޓިއްޖެއެވެ. އަހަރެންގެ ލޯ ހިންގައި ހަދާނެ މާ ގިނަ އެއްޗެއް ސީލިންގުގައެއް ނެތެވެ. އެއް ކަނުގައި ފެން ވަދެގެން ކުލަފޮޅިފައިވާ ތަންގަނޑަކަށް ބަލަން ވަރަށް ގިނައިރު މިހާރު އޮންނަމެވެ. ބައެއް ފަހަރު ކުޑައިރު ރަހުމަތްތެރިންނާ އެކުގައި ދިޔަ ރަށެއް އެތަނުން ސިފަވާހެން ހީވެއެވެ. ބައެއް ފަހަރު އަންހެނެއްގެ މޫނު ފެންނަހެން ހީވެއެވެ. އެ ހަނދާންތައް އާވީމައި ހިތަށް ހިތްހަމަޖެހުން ލިބެއެވެ.
ބައެއް ފަހަރު އަހަރެންގެ ލޮލަށް ވަރުބަލިކަން އިހުސާސްކުރެވެއެވެ. އެގަޑީގައި އަހަރެންގެ ކަޅި އަހަރެންގެ އަތަށް ހުއްޓެއެވެ. އަހަރެންގެ އަތްކަމުގައި ވިޔަސް އެ އަތަށް ހަރަކާތެއް ގެނައުމުގެ ބާރެއް އަހަރެންނަކަށް ނުވެއެވެ. ނަމަވެސް އަތް ފެންނަ ކޮންމެ ފަހަރަކު އެ އަތަށް ހަރަކާތް ގެނައުމަށް އަހަރެންނަށް މަސައްކަތްކުރެވެއެވެ. އެހެން މީހުން އުންމީދު ކަނޑައިލިޔަސް، ދަރިއެއްގެ ބޮލުގައި ފިރުމައިލުމުގެ ބާރު ލިބޭނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރަމެވެ.
ނަސީބަކުން ކޮޓަރީގައި ހުރި ކުޑަދޮރުގެ ސަބަބުން ބޭރުން އަލި ކޮޓަރިއަށް ވަދެއެވެ. އެހެންވީމާ ރޭދުވާ ވަކިވެއެވެ. ބޭރުން އިވޭ އަޑުތަކުން އެ ގަޑީގައި ގޭތެރޭގައި ވަނީ ކީއްކަން އެނގެއެވެ. އެންމެ ދެރަވާ ވަގުތުތަކަކީ އެންމެން އެކުގައި ކާން އަރާ ގަޑިތަކެވެ. އެ ގަޑީގައި ތަށިތައް ތަޅުވައި އަޑާއި މީހުންގެ ހުނުމުގެ އަޑުއިވެއެވެ. އެއީ އެއް ޒަމާނެއްގައި އަހަރެންވެސް ބައިވެރިވި ކަންކަމެވެ. އެ ގަޑީގައި މެއިޑު އައިސް އަހަރެންނަށް ކާން ލައްވާނެއެވެ. ބައެއް ފަހަރު އޭނާ އުޅޭނީ ލައިނުގަނެގެންނެވެ. އަހަރެންނަށް ދިރުވޭ ވަރަށް ވުރެން އަވަހަށް އަނގަޔަށް ލައްވާނެއެވެ.
އަހަރެންގެ ހަށިގަނޑު އެއްކޮޅުން އަނެއްކޮޅަށް ފުރޮޅައި ފެންވަރުވައި، ސާފުކޮށް ހަދަނީ ވެސް މެއިޑެވެ. އެކަމުގައި އަހަރެންގެ އަންހެނުން އަދި ދަރިން ޝާމިލެއް ނުވެއެވެ. އޭނާ އަހަރެންގެ ހަށިގަނޑު އުފުލާއިރު އަހަރެންނަކީ ހަނޑޫ ބަސްތާއެކޭ އަހަރެންނަށް ހީވެއެވެ. އޭނާ އަހަރެންނަށް ގޯހެއް ނޫނެވެ. އެކަމަކު އޭނާ އަހަރެންގެ ހަށިގަނޑުގައި އަތްލާއިރު އެއީ އޭނާ ކުރަން ޖެހޭތީ ކުރާ ކަމެއްކަން އެނގެއެވެ. ބައެއް ފަހަރު އަހަރެން ސާފުކުރާއިރު ފަކުރުގަންނަ ކަމުގެ އަސަރު އޭނާގެ މޫނުމަތިން ފެންނަ ކަމަށް ހީވެއެވެ. އެކަހަލަ ވަގުތުތަކުގައި ހިތުގައި ޖެހެއެވެ. ނަމަވެސް މިއީ މިއަދު އަހަރެންނަށް ދެކެން ޖެހިފައިވާ ހާލަތުކަމުގައި ވިސްނައި ހިތްހަމަޖައްސައިލެވޭތޯ ބަލަމެވެ.
ޝުކުރުވެރިވާންޖެހޭ ކަންކަމާ މެދު ވިސްނުމުން ހިތަށް ލުއި ލިބެއެވެ. މިއަދު އަހަރެން ނުކުޅެދިފައި އޮންނަން ޖެހުނު ދުވަހު އަހަރެންގެ އަނބިދަރިންނަށް ގޮތެއް ހޯދައިދެވިފައި ވީތީއެވެ. އެމީހުންނަށް އަހަރެންގެ ކަންކަމުގައި އުޅެން ނުޖެހުނަސް، އަހަރެންގެ ކަންކަން ކުރަން މީހަކު ހަމަޖައްސައިދީފައި ހުރީތީއެވެ. ނަމަވެސް، ވާހަކަ ދެއްކޭނެ ގޮތެއް ނެތްކަމުގައި ވިޔަސް، އަހަރެންގެ ވިސްނުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ނަމަވެސް، މިފަދަ ހިޔާލުތައް ކުރެވޭ ހިނދު ހިތަށް ދެރަވެއެވެ. މި ވިސްނުމުން ދެން އަހަރެން ކުރާނީ ކޮންކަމެއްތޯ ސުވާލު އުފެދެއެވެ.
އާއިލާގެ މީހުން އަހަރެންގެ ހާލަތަށް ބަދަލެއް އާދޭތޯ ކުރަމުން ދިޔަ އުންމީދު ކަނޑައިނުލި ނަމައޭ ހިތަށް އަރައެވެ. އުންމީދެއް ނެތުމުން މީހުން އެކަމަކަށް ދޭ އަހައްމިއްޔަތު ނެތިގެން ދަނީއެވެ. އެންމެން ދުރަށް ޖެހެމުން ދިޔައީވެސް މަޑުމަޑުންނެވެ. އެންމެ ހިތްދަތިވަނީ އަންހެނުން ބަހައްޓާ ދުރުކަމުންނެވެ. ކައިވެންޏެއް ކުރާއިރުގައި މިފަދަ ދުވަހެއް އައިސްފާނެ ކަމަކަށް އެއްވެސް މީހަކު ނުވިސްނާނެއެވެ. މިއީ މިހެންވާނެ ކަމެއްކަން އަހަރެންނަށް ވިސްނުނަސް، ބައެއް ފަހަރު މި ހާލާތުގެ ސަބަބުން ހިތިކަން އިހުސާސްކުރެވެއެވެ. ކިތަންމެ ވިސްނަން ބޭނުން ނުވިޔަސް، ކުރިން މި އާއިލާގައި އަހަރެން ފުރި މުހިންމު މަގާމު ހަނދާނަކުން ނުފިލައެވެ. ނަމަވެސް މިއަދު އަހަރެންނަކަށް ފުރާނެ މަގާމެއް ނެތެވެ.
އަހަރެންގެ ބާލީސް ރަނގަޅުކޮށްދޭން ކޮންމެ ދުވަހަކު ހަވީރު މެއިޑު އައިސް އޭނާގެ ބަހުން އަހަރެންނާ ވާހަކަ ދައްކާނެއެވެ. ބައެއް ދުވަސްދުވަހު އޭނާގެ ބޮލުގައި ރިއްސާ ވާހަކަ ކިޔައިދޭނެއެވެ. އަނެއް ބައި ދުވަސްދުވަހު އޭނާގެ ތިމާގެ މީހަކަށް ފައިސާ ނުލިބިގެން އުޅޭ ވާހަކަ ދައްކާނެއެވެ. އޭނާ އަހަރެންގެ ޖަވާބަކަށް މަޑުކޮށްގެނެއް ނުހުރެއެވެ. އެކަމަކު އެހެން މީހުންނާ ހިލާފަށް އޭނާގެ ދިރިއުޅުމުގައި އަހަރެންނަށް ކޮންމެވެސް މަގާމެއް ފުރޭކަމުގެ އިހުސާސްވެއެވެ. އެކަމަށް ޝުކުރުވެރިވަމެވެ.
އެރޭ އަހަރެންގެ ރޭގަނޑުގެ ކެޔުން ނިންމައިލިތަނާ ދޮށީދަރިފުޅު ކޮޓަރިއަށް އައިސް އަހަރެންގެ ކައިރީގައި އިށީނެވެ. އޭނާ ފެނުމުން އަހަރެން ސިހުނެވެ. އަދި ވީ ވަރަކުން މޫނުމައްޗަށް ހިނިތުންވުމެއް ގެނެވޭތޯ މަސައްކަތްކުރީމެވެ. އޭނާ އައިސް އަހަރެންގެ ވާގިނެތިފައިވާ އަތް އޭނާގެ އަތުގެ ތެރެއަށް ލައިފައި ބޮސްދިނެވެ. އަދި އޭނާ ކައިވެންޏެއް ކުރަން އުޅޭ ވާހަކަ ކިޔައިދޭން ފެށިއެވެ. އޭނާގެ ލޮލުން ކަރުނަ އައިތަން ފެނުނެވެ. އޭނާ ނަގަން އުޅޭ ޒިންމާގެ ބޮޑުކަމުން ބިރުގަނެފައިވާކަން އަހަރެންނަށް އިހުސާސުކުރެވުނެވެ.
އަހަރެންގެ ސިކުނޑީގެ ތެރޭގައި އޭނާއަށް ހިތްވަރު ދިނުމުގެ ބަސްތައް ބުނަމުން ގެންދިޔައީމެވެ… އޭނާއަށް އަހަރެންގެ ލޮލުގެ ހަރަކާތުން އަހަރެންގެ ހެޔޮދުޢާ ވަނީ އޭނާއާ އެކުގައިކަން ބުނެދިނީމެވެ.
އެރޭ ދަރިފުޅު އަހަރެންގެ ކައިރިން ދިޔައީ ވަރަށް ގިނައިރު އިނދެފައެވެ. ގިނަ ވަގުތު ހޭދަކުރީ ހަމަހިމޭނުންނެވެ. އަހަރެންގެ ހަނދާނަށް އަންނަމުން ދިޔައީ އޭނާގެ ކުޑައިރުގެ ހަނދާންތަކެވެ. ސުކޫލުގައި ދިމާވާ ކޮންމެ ކަމެއްގައި ލަފާ ހޯދަން އަހަރެން އޮފީހުން އަންނަންދެން އޭނާ އިންނަ ހަނދާނެވެ. މި އެނދުގައި ތިން އަހަރުވީ ދުވަހު ދަރިފުޅު ކަންތައް ކުރި ގޮތުން އަހަރެންނަށް އަދިވެސް ދަރިފުޅުގެ ދިރިއުޅުމުގައި ހިތްވަރަށް އެދި އަންނަ މީހާގެ މަގާމު ފުރަނީ އަހަރެންކަން ވިސްނި އުފާވިއެވެ. އަދި ގިނަގިނައިން އެފަދަ ހިނދުކޮޅުތައް އަހަރެންނާ އެކުގައި ހިއްސާކުރާނެ ކަމަށް އުންމީދުކުރެވުނެވެ.



advertisment