މާޝާ ކައިރީގައި ބުނި ފަދައިން އޭގެ އަނެއް ދުވަހު އެ ކޮންޓޭނަރު ހަވާލުކުރުމަށް އޭނާއަށް ގުޅީމެވެ. އެއީ ކުދި ރަތް ހިތްތަކެއް ޖަހައިފައިވާ ކޮންޓޭނަރެކެވެ. އެ ކޮންޓޭނަރާ ދިމާލަށް ބަލަން އަހަރެން ވަރަށް ގިނަ އިރު އިނީމެވެ. އެހެން މީހެއްގެ އަތަށް ދީފައި އޭތި ހަވާލުކުރަން ވެސް ވިސްނީމެވެ. އެކަމަކު އޭނާ ބަލައިލަން ބޭނުންވާލެއއް ބޮޑުކަމުން އަމިއްލައަށް އޭތި ހަވާލުކުރަން ނިންމީމެވެ. ބޭނުންވީ ވީހާވެސް އަވަހަކަށް އޭނާއާ އޭތި ހަވާލުކުރުމަށް ފަހު އެކަމުން މިންޖުވާށެވެ.
"ކޮންތާކަށް ކޮންޓޭނަރު ގެންގޮސްދޭންވީ؟" މާޝާ ފޯނު ނެގުމުން އެހީމެވެ.
"މިއުޅެނީ ގެއިން ބޭރުގައި. މިރޭ ހަވާލުކޮށްލަން އުނދަގޫވާނެތަ؟" މާޝާ ޖަވާބުދިނެވެ.
"މިރޭ ނުކުންނާކަށް އެހާ ފަސޭހައެއް ނުވާނެ. މިހާރު ތި ހުރިތަނަކަށް ލައިދީފާނަން. އުނދަގޫވާނޭތަ؟" އަހަރެން އަހައިލީމެވެ.
"މިހިރީ ބުކްޝޮޕެއްގައި. އެކަމަކު އޯކޭ ވާނެ އާދޭ،" މާޝާ ޖަވާބުދިނެވެ. ކުޑަ އިރުކޮޅަކުން މާޝާ ހުރި ބުކްޝޮޕުގެ އެޑްރެސް ފޮނުވިއެވެ. އެއީ އަހަރެންގެ އެޕާޓުމަންޓާ އެހާ ދުރުނޫން ހިސާބެއްގައި ހުރި ތަނެކެވެ. އަވަސްކޮށްލައިފައި އެދިމާލަށް ދިޔައީމެވެ.
ބުކްޝޮޕުތެރެއިން މާޝާ ފެނުނު އިރު އޭނާގެ އަތް ފުރެދެން އޮތީ ފޮތެވެ. ބަރިބަރިއަށް ފޮތެވެ. ކޮންޓޭނަރު ލައިފައި އޮތް ކޮތަޅު އޭނާއަށް ދިއްކޮށްލައިފައި ވެސް އަލުން އަތް ތިރިކޮށްލީމެވެ. އޭނާ ހުރީ އެއްވެސް އެއްޗެއް ހިފޭ ހާލަތެއްގައެއް ނޫނެވެ. އޭނާއަށް އަހަރެންގެ ހަރަކާތް ފެނުމުން ފާޑަކަށް ހޭންފެށިއެވެ. ދީވާނާވެފައި ހުރި އާވާރާއެއްހެން އަހަރެންނަށް ވެސް ހެވުނެވެ. މާޝާއަކީ ޖާދޫގަރެއްބާއޭ އަހަރެން ހިތަށް އެރިއެވެ.
"މާލެ ދިޔުމުގެ ކުރިން ގަންނަން ޖެހޭ ލިސްޓަށް އެއްޗެހި ހަމަކުރަނީ،" އަހަރެންގެ މޫނަށް ބަލައިލައިފައި އަހަރެންގެ ބޮލުގައި އެނބުރެމުން ދިޔަ ސުވާލުތަކަށް މާޝާ ޖަވާބު ދިނެވެ.
"މާލެ ގެންދަނީ ހުސް ފޮތްތަ؟" އަހަރެން ސުވާލުކުރީމެވެ.
"ހީވަނީ އެހެންދޯ؟" އޭނާ ހޭން ފެށިއެވެ. އަހަރެންނަށް ވެސް ހެވުނެވެ. އެވަގުތު އޭނާގެ އަތުން ބައެއް ފޮތްތައް އަރިއަޅައިލައިގެން ވެއްޓުނެވެ. އަހަރެން ގުދުވެފައި އެ ފޮތްތައް ނަގައިދިނީމެވެ. ދެން އައި 30 މިނެޓު އަހަރެން ބަދަލުވެފައި ހުރީ މާޝާގެ ފޮތްތައް އުފުލައިދޭ ބައިވެރިޔާއަށެވެ. އެހާ ބައިވަރު ވާހަކަތަކެއް ނުދެއްކެއެވެ. އޭނާގެ ލޯ ހިންގަމުން ގެންދިޔައީ އެތާނގެ ޝެލްފުތަކުގައި ބަހައްޓައިފައި ހުރި ފޮތްތަކަށެވެ. ތަންކޮޅެއް ފަހަތުގައި ހުރެގެން އަހަރެން ސިއްރުސިއްރުން އޭނާގެ މޫނަށް ބަލަމުން ގެންދިޔައީމެވެ. އޭނާ އެހާ ރީތީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ވުރެން ރީތި ކުދިންވެސް އަހަރެންނަށް ވަނީ ފެނިފައެވެ. އެކަމަކު އޭނާ…. އަހަރެންގެ ހިތަށް މާޝާ ފެނުމުން ގޮތްގޮތް ވަނީ ކިހިނެތްވެގެން ބާއޭ ހިތަށް އަރަމުން ދިޔައެވެ.
ބައެއް ފަހަރު އޭނާ އެނބުރިލައިފައި އަހަރެންނަށް ބަލައިލައެވެ. ދެފަހަރަކު އަހަރެންނަށް އުނދަގޫވެފައިތޯ ސުވާލުކޮށްލިއެވެ. އަހަރެން ކޮންމެ ފަހަރަކު އޭނާގެ ކައިރީގައި އުނދަގުލެއް ނުވެޔޭ ބުނަމެވެ. އެތަނުން އަހަރުމެން ދެމީހުންނަށް ނުކުމެވުނުއިރުގައި މެންދުރު ބާރަ ޖަހައިފިއެވެ.
"ތެންކިޔު އަރީޝް،" ބުކްޝޮޕު ބޭރުގައި މަޑުކޮށްލައިފައި މާޝާ ހީލައިފައި ބުންޏެވެ. އޭނާގެ އަތުގައި އަޅުވައިފައި އޮތް ދެކޮތަޅު ފުރެންދެން ހުރީ ފޮތެވެ. އަހަރެންގެ އަތުގައިވެސް ހުސް ފޮތްކޮތަޅުތަކެވެ.
"މަރުހަބާ،" އަހަރެން ލަދުން އިސްދަށަށް ޖަހައިލައިފައި ބުނީމެވެ.
މާޝާ ގުޅި ކާރު އޭރު އެތާ ދޮރުމައްޗަށް މަޑުކޮށްލައިފިއެވެ. އަހަރެން މާޝާގެ ފޮތްތައް އެޔަށް އަރުވަން އެހީވެދިނީމެވެ. ކާރު ނައްޓައިލުމުން މާޝާ އެތެރޭގައި އިނދެފައި އަހަރެންނަށް ހަނާ އަޅައިލިއެވެ. އާވާރާވެފައި އަހަރެންވެސް ހަނާ އަޅައިލީމެވެ. އެވަގުތު އެ ގޮތް ނޭނގޭ ސިލްސިލާގެ ނިމުނީތީ އުފަލުގެ ބަދަލުގައި ހިތްދަތިކަން އިހުސާސްކުރެވެން ފެށުނެވެ. މަޑުމަޑުން ހިނގަމުން ގޮސް އެޕާޓުމަންޓަށް ވަންނަން ދޮރަށް ތަޅުދަނޑި ޖަހައިލި ގަޑީގައި އަތުގައި އަޅުވައިފައި އޮތް ކޮތަޅަށް ސަމާލުކަން ހުއްޓުނެވެ. އޭގައި އޮތީ މާޝާގެ ކޮންޓޭނަރެވެ. ކާރަށް ތަކެތި އެރުވި ގަޑީގައި އަހަރެންގެ ލޮލުން އެ ކޮތަޅު ކައްސައިލީއެވެ. އަހަރެންގެ ހިތް ތެޅިގަތެވެ. މާޝާގެ ސިލްސިލާއަށް އަދި ނިމުމެއް އަންނާކަށް ނެތްތާއޭ ހިތަށް އަރައި އުފާވިއެވެ.
"އޭނ. ކޮންޓޭނަރު ނުލައި ތިދިޔައީ،" އަހަރެން އަވަސްކޮށްލައިފައި މާޝާއަށް ގުޅީމެވެ.
"އައްޔޯ. ކިހިނެތް ހަދާނީ؟" މާޝާ ހެމުން ހެމުން އަހައިލިއެވެ.
"ތިގޭ އެޑްރެސް ފޮނުވާ. އޭރު އަހަރެން ލައިދޭން ގޮސްފާނަން،" އަހަރެން ބުނީމެވެ.
"މިއަދު ވަރަށް ބޮޑަށް އަހަރެންނަށް ހެލްޕްކޮށްދީފީމެއްނު. ހިނގައި ތާކަށް ގޮސް ކާން. މަގޭ ޓްރީޓް،" މާޝާ އެހެން ބުނުމުން އަހަރެންގެ ހިތަށް ލޮޅުން އެރިއެވެ.
"ނޫނޭ އޯކޭ ވާނެ ކާން ނުދިނަސް. ގެއަށް ގޮސް ގުޅައިލާ. އަހަރެން ދާނަން މީތި ވައްޓައިލަން،" ހިތް އެކަމަށް އެދުނަސް އެ ވަގުތު ކޮޅަކީ އެކަކު އަނެކަކާ ދެމެދު ގިނަ މުއާމަލާތުތަކެއް ހިނގައިފާނޭ ފަދަ ވަގުތުކޮޅަކަށް ވާނޭތީ ސިކުނޑި އެކަމަށް އިންކާރުކުރިއެވެ.
"އަޅޭ. ގޭގައި މިއަދު އެއްވެސް އެއްޗެއް ކައްކާފައެއް ނުހުންނާނެ. އެހެންވެ ހަމަ ވަންނަގޮތަށް ނުކުންނާނަން ކޮންމެވެސް ތަނަކަށް ވަދެ ކާން. ވަރަށް ބަނޑުހައި. އަހަރެން ތަނަކަށް ވަދެފައި ލޮކޭޝަން ފޮނުވައިލާނަން އިނގޭ،" މާޝާ އެހެން ބުނެފައި ފޯނު ބޭއްވިއެވެ.
އޭގެ ކުޑައިރުކޮޅަކަށް ފަހުން މާޝާ ފޮނުވި ލޮކޭޝަނަށް ގޮސް އެ ކެފޭއަށް ވަނތް އިރު ކަނުގައި ހުރި މޭޒެއްގެ ކައިރީގައި މާޝާ އިނެވެ. އަހަރެން ފެނުމުން ހަނާއަޅައިލިއެވެ. އަހަރެން ގޮސް އޭނާގެ ކައިރިޔަށް ހުއްޓި އެ ކޮންޓޭނަރު މޭޒުމަތީ ބެހެއްޓީމެވެ.
"ދެން ހަމަ އެއްވެސް އެއްޗެއް ނުކާނަންތަ؟" މާޝާ ސުވާލުކުރިއެވެ.
"އާނ. އެކަމަކު ތެންކިޔު،" އަހަރެން އެހެން ބުނެފައި ދާން ހިނގައިގަތީމެވެ.
"ދެން އާދޭ ކޮންމެވެސް އެއްޗެއް ބޯލައިގެން ދާންވާނީ،" މާޝާ އަނެއްކާވެސް އޭނާއާ އެކުގައި މަޑުކުރުމަށް ދައުވަތު ދިނެވެ. އަހަރެންގެ ހިތް ވިރުނެވެ. އެނބުރިފައި ގޮސް އޭނާގެ ކުރިމަތީގައި އިށީނީމެވެ. އޭނާ ހިނިތުންވެލައިފައި އަހަރެންނާ ދިމާލަށް މެނޫ ދިއްކޮށްލިއެވެ.
އަހަރެންގެ ހިޔާލީ ދުނިޔެއިން ހޭވެރިކަމަށް ގެނުވީ އަހަރެންގެ ބައްޕަ އަތުގައި ހިފައިލުމުންނެވެ.
"ދަރިފުޅާ ހާދަ މަޑުންނޭ ތި އިންނަނީ،" ބައްޕައަށް އަހަރެންގެ ހަމަހިމޭންކަން ފާހަގަކުރެވިގެން އަހައިލިއެވެ.
"ވަރުބަލީ،" އަހަރެން މަޑުމަޑުން ޖަވާބު ދިނީމެވެ. އޭރުވެސް އަހަރެންގެ އަތުގައި އެ ރަތް ފަތް އޮތެވެ.
"މިއަދު މީ މިހާ ދުވަސް ވަންދެން ދެކެމުން ދިޔަ ހުވަފެން ސީދާވާ ދުވަސް. ދަރިފުޅުގެ ކައިވެނި ކުރެވޭ ކުއްޖާއާއި ދަރިފުޅާ ދިމާވާ ދުވަސް. ދަރިފުޅު އުފާވޭތަ؟" ބައްޕަ އަހައިލިއެވެ. އަހަރެން އެއްޗެކޭ ނުބުނެ ބޯޖަހައިލީމެވެ.
އަހަރެންގެ ހިތަށް އެންމެ ފުރަތަމަ ދުވަހު އަޝްފާގެ ފޮޓޯ ފެނުމުން ވެރިވި ބިރުވެރިކަން ވެރިވާން ފެށިއެވެ. ކައިވެންޏަށް އިންކާރުކުރަން ހިތް އެދި ގޮވަން ފެށިއެވެ. އަހަރެންގެ ބައްޕައަށް އަހަރެންގެ އާދޭސް ވިސްނޭނެ ކަންނޭނގެއެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަމަށް ވުރެން ބޮޑީ ހިތާމައެވެ. ހަޔާތުގެ އެހާ ހިސާބަށް ދިޔައިރު އަހަރެން ގުޑުވައިނުލާނަމޭ ހިތުއަޅައިގެން އުޅުނު ސާބިތުކަން ވަނީ ގުޑައިފައެވެ. އަހަރެންގެ ސިކުނޑި ބަރާކޮށްލައިފައިވަނީ މާޝާގެ ހަނދާންތަކެވެ. އެ ހަނދާންތަކާ ދުރަށް ދާނީ އަދި ދެވޭނީ ކިހިނެތްކަމެއް އަހަރެންނަކަށް ނޭގެއެވެ. ތަގުދީރުގައި މިފަދަ ހިތްދަތިކަމެއް އަހަރެންނަށް ލިޔެވިފައިވަނީ ކީއްވެ ހެއްޔޭ ހިތަށް އަރަން ފެށިއެވެ.
ލޯމަރައިލިޔަސް ފެންނަނީ މާޝާއާ އެކުގައި އެ ކެފޭގައި ހޭދަކުރި ވަގުތެވެ. ބޭއިހުތިޔާރުގައި އޭނާގެ ވާހަކައިގެ ތެރެއަށް ވަދެވިގެން ދިޔަގޮތެވެ. އެ ދުވަހު ހަވީރުވީ އިރުވެސް އަހަރުމެން ދެމީހުން ހަމަ އެތަނުން ނުތެދުވެ ތިބި ހަނދާނެވެ. އެކި ގޮތްގޮތުން އޭނާ އަހަރެން ހެއްވައިލި ގޮތެވެ. އޭނާގެ ސަކަ މިޒާޖެވެ. އެއް ވާހަކައަކުން އަނެއް ވާހަކައެއް ފަޅަމުން ދިޔަ ގޮތެވެ. އޭނާގެ، ޖަންބުކުލަ އަރާ ކޯތާފަތެވެ. އެ ތުންފަތެވެ. އަހަރެންގެ ސިކުނޑި އެތަނުން ތެދުވެގެން ފިލުމަށް ހަޅޭލަވަމުން ދިޔަ ވަރު ހަނދާނަށް އައެވެ. އެކަމަކު އަހަރެންގެ ހިތް…. އަހަރެންގެ ހިތް އެދުނީ މާޝާއާ އެކުގައި އެ ހިނދުކޮޅު އުމުރަށް ދެމިގެން ދިޔުމަށެވެ. އެންމެ ދުވަހެކެވެ. އެންމެ ރެއެކެވެ. އެންމެ…
އެރޭ މާޝާ ގެއަށް ލައިދީފައި އެނބުރި ގެއަށް އައިއިރު ހަޔާތް ބަރުބާދުވެއްޖެކަން އިހުސާސްކުރެވުނެވެ. މާޝާ އަނެއްކާ ދެކިލުމަށް ހިތް އެދި ގޮވަމުން ދިޔައެވެ. އޭގެ އަނެއް ދުވަހު ހެނދުނު ހޭލެވުނީ މާޝާގެ ހަނދާނާ އެކުގައެވެ. މާޝާ އަހަރެންނަށް މެސެޖު ކުރުމުން އެ މެސެޖަށް ޖަވާބު ނުދިނީ ދެން އިތުރަށް އެ ގުޅުން ކުރިއަށް ދާން ތަންދީފިނަމަ ބައްޕަގެ ވައުދުގައި ސާބިތުވެ ނުހުރެވޭނޭކަން ޔަގީންވުމުންނެވެ. އަހަރެންގެ ޖަވާބެއް ނުލިބުމުން މާޝާ އަހަރެން ޖަވާބު ނުދިނީ ކީއްވެގެންތޯ އަހައިފައި ސުވާލުކޮށް އޭގެ ދެދުވަސް ފަހުން މެސެޖު ކުރިއެވެ. އޭނާއަށް ކަމެއް ގޯސްކޮށް ކުރެވުނީތޯ އެއްސެވެ. އެ ދުވަހު މާޝާއާ ރަހުމަތްތެރިކަން ނުބޭއްވޭނޭ ކަމަށް ބުނެފައި އަހަރެން މެސެޖު ކުރީމެވެ. އޭނާ އެ މެސެޖަށް ލައިކެއް ދިނެވެ. އިތުރު އެއްޗެކޭ ނުބުނެއެވެ. އެ ހުވަފެން ނިމުމަކަށް އައީއެވެ.
އެ ރަށަށް ފޭބިއިރު އަހަރުމެން ބަލައި އިބްރާހިމްބެ އައިސް ހުއްޓެވެ. އަހަރެން ފެނުމުން އޭނާ އައިސް އަހަރެންގެ މުލައްދަނޑީގައި ހިފަހައްޓައިލިއެވެ. އަދި ވަރަށް ގާތްކޮށް ދަރިފުޅު ކިޔައިފައި މުހާތަބުކުރިއެވެ. ހިތް ރޮމުން ދިޔަނަމަވެސް ހިނިތުންވީމެވެ. އަދި އިހުތިރާމާ އެކީގައި އިބްރާހިމްބެއާ ވާހަކަ ދެއްކީމެވެ.
ކާރުގައި ތިބި އިރު ބައްޕައާއި އިބްރާހިމްބެ މެދުކެނޑުމެއް ނެތި ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެން އިނީ ރަށުގެ ރީތިމަގުތަކަށް ގެއްލިފައެވެ. އަހަރުމެން ކާރުގައި ގޮސް އިބްރާހިމްބެގެ ގެއަށް މަޑުކުރިއިރު އިބްރާހިމްބޭގެ އަންހެނުން އަހަރުމެންގެ އިސްތިގްބާލުގައި ނުކުމެ ހުއްޓެވެ. އިބްރާހިމްބެގެ އަންހެނުންގެ މޫނުމަތިން ފެންނަނީ ހިތްހެޔޮކަމެވެ. ވަށައިގެން ހޯދައި އަޝްފާ ފެނޭތޯ ބަލައިލީމެވެ. އިތުރު އެއްވެސް މީހެއް އެ ގޯތި ތެރޭގައި ފެންނާކަށް ނެތެވެ. އެއީ ވެސް ނަސީބެއް ކަންނޭނގެއެވެ.
ގެއަށް ވަނތްއިރު މެންދުރު ކާން ހަދައިފައި ހުއްޓެވެ. ފޮށިތައް ކޮޓަރިއަށް ލައިފައި އަތްދޮވެލައިގެން އައިސް އިށީނދެފައި މޭޒުމަތީގައި އަތުރައިފައިވާ ކެއުމަށް ބަލައިލީމެވެ. ދެ ވައްތަރެއްގެ ރިހައާއި ސަޓަނި ހުއްޓެވެ. ވަރަށް މީރުކޮށް ހަދައިފައި ހުރި މަސްހުންޏެއްވެސް ހުއްޓެވެ. އަހަރެން މަސްހުނި ތަށި ގާތްކޮށްލުމަށް ފަހު މަސްހުނި ކޮޅެއް ތައްޓަށް އަޅައިލީމެވެ.
"ނަސީރާ ކޮބައި ރޮށި ތަށި؟" އިބްރާހިމްބެއަށް އަހަރެން މަސްހުނި އެޅިތަން ފެނުމުން އޭނާގެ އަނބިމީހާއަށް ގޮވައިލައިފައި އަހައިލިއެވެ. އެވަގުތު އޭނާ ނުކުމެގެން އައީ ރޮށި އަޅައިފައިވާ އެތި ހިފައިގެންނެވެ. އޭތި ފެނިފައި އަހަރެން ސިހުނެވެ. އެއީ މާޝާގެ ކޮންޓޭނަރު ފަދައިން ކުދި ހިތްތަކެއް ޖަހައިފައިވާ ކޮންޓޭނަރެކެވެ. އަހަރެންގެ ހިތަށް އިތުރު މާޔޫސްކަމެއް ލިބުނެވެ. ބަލައިލާ ކޮންމެ ދިމާލަކުން މާޝާ މަތިން ހަނދާންވާ ކަހަލަ ކަންތައް ފެންނަނީއެވެ. ބައްޕަގެ ވައުދު ފުއްދޭނޭބާއޭ ހިތަށް އެރިއެވެ.
"ކޮބާ އެ މަންޖެ؟" އިބްރާހިމްބެ އޭނާގެ އަންހެނުން ގާތު އެއްސެވެ.
"ނަމާދު ކޮށްލައިގެން އެބަ ނުކުމޭ،" ނަސީރާ އަހަރެންނާ ދިމާލަށް ބަލައިލައިފައި ހީލައިފައި ޖަވާބު ދިނެވެ. އެ ވާހަކަ އިވިފައި އަހަރެންގެ ރޫހު ފަނޑުވިޔެއެވެ. އަހަރެންގެ އަޖަލުގައި ކައިވެނި ކުރެވެން އޮތް މީހާއަށް އަހަރެން ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ދޭނީ ކޮން ހިތެއް ހެއްޔެވެ؟ ހަގީގަތަށް ކިޔައިދޭނީއެވެ. ލޯބި ނޫން އެހެން ހުރިހައި ކަމެއް އޭނާއަށް ދޭން ވައުދުވާނީއެވެ. އެކަމަކު ލޯބި އެހެން މީހެއް ދެކެ ވާ ހިނދު އޭނާއާ ގުޅުމަކީ އޭނާއަށް ކިހާ ބޮޑު ނާ އިންސާފެއް ހެއްޔެވެ؟
އަހަރުމެން ކާން ފެށިތަނާ ކާގޭ ދޮރުމަތިން މީހެއްގެ ހިލަން ވެގެން އަހަރެން ބަލައިލީމެވެ. އެ ހިސާބުން ހިތް ހުއްޓުނު ފަދައެވެ. ދޮރުމަތީގައި ބޯދިއްކޮށްލައިގެން ފިލައި ބޮނދައިގެން ހުރީ މާޝާއެވެ!
އެއީ ކިހިނެތް ވާނޭ ކަމެއް ހެއްޔެވެ؟
ކުޑަކޮށް ލޯ ތަގުޅި ކޮށްލައިފައި އެއީ ފެންނަ ހުވަފެނެއް ބާއޭ ހިތަށް އަރައިފައި އަނެއްކާ ވެސް ދޮރާ ދިމާލަށް ބަލައިލީމެވެ. އެއީ ހަމަ މާޝާއެވެ! އޭނާއާ ހަތަރުކަޅި ހަމަވުމުން މާޝާ ހިނިތުން ވެލައިފައި އެއްލޯ މަރައިލިއެވެ. އަހަރެންގެ ހިތް ތެޅިގަތެވެ. އިބްރާހިމްބެއަށް އަހަރެންގެ ލޮލުގެ ހަރަކާތުން ކޮންމެވެސް ކަމެއް ވެއްޖެކަން އެނގި ދޮރާދިމާލަށް ބަލައިލައިފައި ހީލިއެވެ.
"ދާއޫދު. ކޮބާ މިއޮއް އައީ އިނގޭތޯ އަޅުގަނޑުގެ ލޮލުގެ ކޮއެ. އަޝްފާ ދަރިފުޅާ އާދޭ އެތެރެއަށް. މި ތިއްބެވީ ބައްޕަގެ ޝަރަފުވެރި މެހެމާނުން،" އިބްރާހިމްބެ އަތުން ހަނާ އަޅައިލުމުން މާޝާ އެތެރެއަށް ވަދެގެން އައެވެ.
އެއީ ހަމަ އަސްލުވެސް މާޝާއެވެ. އޭނާ އަޝްފާއަށް ވާނީ ކިހިނެތް ހެއްޔެވެ؟ މާޝާގެ ހަނދާނުގައި އަހަރެން މޮޔަވީކަން ޔަގީނެވެ.
"އަޅުގަނޑަށް އަސްލު ކިޔަނީ މާޝާ އިނގޭތޯ. ބައްޕަ އެކަނި އަޅުގަނޑަށް އަޝްފާ ކިޔާނީ،" ކުޑަކޮށް ތުން އަނބުރައިލައިފައި އިބްރާހިމްބެއާ ދިމާލަށް ބަލައިލައިފައި މާޝާ ބުންޏެވެ. އަހަރެންގެ ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔައީ ލޯތްބެވެ. އޯގާތެރިކަމެވެ. އުޖާލާކަމެވެ.
"މީނާއަށް ދެ އަހަރުގައި މާ ބަލިވާތީ ކޮންމެވެސް މީހަކު ލަފާދިނީ ނަން ބަދަލުކުރަން. އޭގެ ފަހުން އަޅުގަނޑުމެން މާޝާއޭ ކީ މީނައަށް. އެކަމަކުވެސް ކީއްތޯ ކުރާނީ؟ އަޅުގަނޑަށް އަދިވެސް މި މަންޖެއަށް ކިޔެނީ އަޝްފާ،" އިބްރާހިމްބެ އެނަމުގެ ފަހަތުގައިވާ ސަބަބު ކިޔައިދިނެވެ.
އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައި މާޝާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ފުނޑުފުނޑުވެފައިވާ ހިތް އަލުން އާރާސްތުވެ ބާރުބާރަށް ތެޅެން ފެށިއެވެ. މާޝާ އަހަރެންނާ ދިމާލަށް ވައްކަޅިން ބަލައިލައިފައި ލަދުން އިސްޖަހައިލިއެވެ.
އެ ހިނދު އަހަރެންނަށް ކަލާނގެ ކުޅަދުންވަންތަވެރިކަމާ މެދު ވިސްނުނެވެ. ހިތުގައި އެންމެ ފުރަތަމަ ފަހަރަށް އެ މީހަކަށްޓަކައި ވިންދުޖަހަން ފެށީ ކައިވެނީގެ ގޮތުން ގުޅެން ވައުދުވެވިފައިވާ މީހާ ފެނިގެންކަން ވިސްނުމުން މުޅި މީހާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ގުދުރަތު ނިޔާގައި ލިޔެވިފައިވާ ގޮތް ވިސްނޭނީ ފަހެ ކާކަށް ބާއެވެ؟ މާޝާއަކީ އަހަރެންގެ އަލަތު ލޯތްބެވެ. އަދި އަލަތު ކައިވެންޏަކުން ގުޅެން ވައުދުވެފައިވާ މީހާއެވެ. މިފަދަ މޮޅު ރޭވުމެއް ރޭވޭނީ ހަމައެކަނި ހެއްދެވި ފަރާތަށްކަން ކަށަވަރެވެ.



advertisment