މި ގަޑީގައިވެސް ދުނިޔޭގައި ކޮންމެވެސް މީހެއް ހޭނެއެވެ. ކޮންމެވެސް މީހެއް ރޯނެއެވެ. މިއީ ދުނިޔޭގެ އާދައެވެ. އަހަރެންނާ ޖެހިގެން ފްލައިޓުގައި އިން ބައްޕަގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. ޔަގީނެވެ. މިއަދަކީ ބައްޕަގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހެވެ. ނަމަވެސް އަހަރެން….
އަހަރެންގެ ހިތަށް އަރައިފައިބާ އިހުސާސްތައް ހުދު އަހަރެންނަށްވެސް ނޭނގެއެވެ. ފްލައިޓު ނައްޓައިލުމުގެ ކުރީގައި، އަހަރެން ފޮނުވި މެސެޖެއް ހުޅުވައި އަލުން ބަލައިލީމެވެ. ހިންދިރުވައިލަން އުނދަގޫވިއެވެ. އެއީ މާޝާއަށް ފޮނުވި މެސެޖެކެވެ.
"އަހަރެންނަށް މާފުކުރޭ. އަހަރެންނަށް މާޝާގެ ރަހުމަތްތެރިޔަކަށް ނުވެވޭނެ."
އެއީ އެތައް ފަހަރަކު މާޝާ އަހަރެންގެ ފަރާތުން ޖަވާބެއް ހޯދަން މެސެޖު ކުރި ފަހުން އަހަރެން ފޮނުވި މެސެޖެވެ. އެ މެސެޖު ފޮނުވިއިރު ހިތް ރުޔެވެ. އަދިވެސް ހިތް ރޮނީއެވެ. މާޝާގެ ހިތުގައި ޖެއްސުނީތީއެވެ. އޭނާގެ އެއްވެސް ކުށެއް ނެތެވެ. ކުށްވެރިޔެއް މިކަމުގައި ވާނަމަ އެއީ އަހަރެންނެވެ. އިތުރު މީހެއް ނޫނެވެ. ލޯބިވެވޭކަން އެނގި ހުރެ ކުރިޔަށް ދިޔައީތީއެވެ.
ފްލައިޓު ރަންވޭ މަތިން ދުއްވައިލަން ފެށުމުން ލޯމަރައިލީމެވެ. އަހަރެންގެ ހިޔާލަށް ވެރިވަމުން ދިޔައީ މާޝާގެ ރީތި ހިނިތުންވުމެވެ. ހަނދާނަށް އައީ މީގެ ދެމަސް ދުވަސް ކުރިއެވެ. އަހަރެންގެ ހަޔާތަށް މާޝާ އައި ދުވަހެވެ. އަހަރެން ހުރީ އެކަމަށް ތައްޔާރުވެގެންނެއް ނޫނެވެ. އެ ހިނދުކޮޅު ދެން އަލުން ތަކުރާރުވިޔަސް އަހަރެންނަކަށް ތައްޔާރެއް ނުވެވޭނެއެވެ. ޔަގީނެވެ.
ދެމަސް ކުރިއެވެ. ކޮލެޖުގެ ކަންކަން ނިމި ހުރިހައި ރަހުމަތްތެރިން އެންމެ ފަހު ވަގުތު މަޖާކޮށްލަން ދަތުރެއް ދިޔުމަށް މަޝްހޫލުވެގެން އުޅެމުން ދިޔަ ދަނޑިވަޅެވެ. އެމީހުން ދާން ނިންމައިފައި އޮތީ ކޮލެޖުކައިރީގައި ވާ އަވަށަކަށެވެ. ކޮންމެ މީހެއްވެސް އެމީހެއް ރައްޓެހިވެގެން އުޅޭ ކުއްޖާ ގޮވައިގެންނެވެ. ނަމަވެސް އަހަރެންގެ ހަޔާތުގައި އެކަހަލަ ބައިވެރިޔެއް ނެތުމުން އެ ދަތުރުގައި އަހަރެން ބައިވެރިނުވާ ގޮތަށް ނިންމީމެވެ. އެކަނި ގޭގައި މަޑުކޮށްލަން ދެތިން ދުވަސް ލިބޭތީ އެކަމާ އަހަރެން ހުރީ ވަރަށް އުފާވެފައެވެ.
އަހަރެންގެ ހަޔާތުގައި ބައިވެރިޔެއް ނެތީމައި ރަހުމަތްތެރިން ދިމާކުރިޔަސް އަހަރެންގެ ފަރުވާލެއް ނޯވެއެވެ. އަހަރެން މީހަކާ ރައްޓެހިނުވެ އުޅެން ހިޔާރުކުރީ ކީއްވެތޯ އެއްވެސް މީހަކަށް ކިޔައިދޭންޖެހޭ ކަމަކަށް އަހަރެންނެއް ނުދެކެމެވެ. ނަމަވެސް އަހަރެންގެ ނިންމުމުގެ ފަހަތުގައި ވަރަށް ބޮޑު ސަބަބެއް ވެއެވެ.
އެ ސަބަބު މެދުވެރިވީ އަހަރެންގެ އުމުރުން ހަތަރު އަހަރުގައެވެ. އަހަރެންގެ ބައްޕައަކީ މާލޭގެ ސިޔާސީ މައިދާނުގައި ސަރުކާރަށް ފާޑުކިޔައި އުޅުނު މީހެކެވެ. އެ އަހަރު ބޮޑު ސިޔާސީ ކަންތައްގަނޑެއްގައި ބެދި ބައްޕަ ރާއްޖެތެރެއަށް އަރުވައިލިއެވެ. ބައްޕަ އަރުވައިލީ ބައްޕަ ދަންނަ އެއްވެސް މީހަކު އުޅޭ ރަށަކަށް ނޫނެވެ. އެ ރަށުގެ އިބްރާހިމްބެ ކިޔައި ކެޔޮޅެއް ބައްޕައާ މެދު ހިތުގައި ހަމްދަރުދީ އުފެދި ބައްޕަ އެ ގޭގައި ބަހައްޓައިދިނެވެ. އޭރު ބައްޕައާ މެދު އެގޭ މީހުން ބެހެއްޓި އިހުސާންތެރިކަމުގެ ސަބަބުން ތާއަބަދު އެ އާއިލާއަށް ބަލާނޭ ކަމަށް ބައްޕަ ވައުދެއް ވިއެވެ. އަދި ބައްޕަގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ތަސައްރަފު ފުދުމުން، އިބްރާހިމްބެގެ އަންހެން ދަރިފުޅު އަޝްފާއާ ކައިވެނި ކުރުވާނަން ކަމަށް ވެސް ވައުދުވިއެވެ.
އަހަރެން ބޮޑުވެގެން އައި އިރު މިވާހަކަ އަކީ އަހަރުމެންގެ ގޭތެރޭގައި ފޯރިއާ އެކުގައި ދެކެވޭ ވާހަކައެކެވެ. އުމުރުން އަށް އަހަރުގައި އަހަރެން ކައިވެނި ކުރާނޭ އަންހެން ކުއްޖާއޭ ކިޔައިފައި އަޝްފާގެ ވަރަށް ކުޑައިރު ފޮޓޮއެއް ދެއްކިއެވެ. މިހާރު އެ ފޮޓޮއިން ފެނުނު ސޫރަ އަހަރެންގެ ހަނދާނުގައެއް ނެތެވެ. އެ ފޮޓޯ ފެނުމުން އުފާވުމުގެ ބަދަލުގައި އަހަރެންގެ ހިތުގައި އުފެދުނީ ފާޑެއްގެ ބިރުވެރި ކަމެކެވެ. ކުޑަ އިރުކޮޅަކު އެ ފޮޓޯ ބަލައިލުމަށް ފަހު ރޮއެގެންފައި މަންމަގާތު އެ ކައިވެންޏެއް ނުކުރާނަމޭ ބުނެ އިންކާރު ކުރީމެވެ. އެދުވަހު ބައްޕަ ގެއަށް އައީމައި މަންމަ އެވާހަކަ ކިޔައިދިނުމުން ބައްޕަ އަހަރެން ގޮވައިގެން ގެއިން ބޭރަށް ނުކުމެ އޯގާތެރިކަމާއެކު ނަސޭހަތް ދިނެވެ.
"ދަރިފުޅާ. އެއީ ބައްޕަ އިބްރާހިމްބެއަށް ވެފައިވާ ވައުދެއް. އެ ވައުދު ފުއްދުން ނޫން އެހެން ގޮތެއް ނޯންނާނެ. ބައްޕަވެސް އެނގި ހުރެ ބައްޕަގެ ލޯބިވާ ދަރިފުޅުގެ ދިރިއުޅުމަށް ގޯސް ގޮތެއް ހިޔާރު ނުކުރާނެކަން ދަރިފުޅު ގަބޫލުކުރޭ. އެމީހުންނަކީ ވަރަށް އޯގާތެރި ބައެއް. އޭނާގެ ދަރިއަކާ ދަރިފުޅު ކައިވެނި ކޮށްފިނަމަ ދަރިފުޅުގެ މުސްތަގުބަލު ފާގަތިވެ އުޖާލާވާނެ."
އެ ދުވަހުގެ ފަހުން އަހަރެންނަށް އޮތް ގޮތަކީ އެއީ ކަމަށް އަހަރެން ރުހި ގަބޫލުކުރީމެވެ. އެކަމަކު އެ ދުވަހުގެ ފަހުން ދެން ދުވަހަކުވެސް އަޝްފާގެ ވާހަކަ އަހަރެންގެ ގާތުގައި ނުދެއްކުމަށް ގޭ މީހުންގެ ގާތުގައި އެދުނީމެވެ. އަހަރެން ކައިވެނި ކުރާނީ ކިޔަވައި ނިމިގެން ކަމަށާއި އެހާތަނަށް އޭނާއާ އެއްވެސް ގުޅުމެއް ބަދަހިކުރަން ބޭނުން ނުވާ ވާހަކަ ބުނީމެވެ. އެ އެދުމަށް އަހަރެންގެ ގޭ މީހުން އިހުތިރާމުކުރިއެވެ.
ބައްޕަ އިބްރާހިމްބެއަށް ވެފައިވާ ވައުދު ފުއްދައިދިނުމުގެ ސާބިތުކަންމަތީގައި ހުންނާކަށް އެ ހިސާބުން އުނދަގުލެއް ނުވިއެވެ. އަބަދުވެސް ކައިވެނި ކުރާނީ އަޝްފާއާކަން އަހަރެން ހަނދާނުގައި ބަހައްޓަމެވެ. އެހެންވެ ޖަޒުބާތީ ގޮތުން އަންހެން ކުއްޖަކާ ގުޅުމުގެ ޝައުގުވެރިކަމެއް ނުހުރެއެވެ. އަހަރެންގެ ރަހުމަތްތެރިންގެ ހަޔާތުގައި ދިމާވާ ކަހަލަ ޑްރާމާއެއް އަހަރެންނަކަށް ދިމައެއް ނުވެއެވެ. އެމީހުން ލޯތްބަށްޓަކައި އުފުލާ ވޭން އުފުލާކަށް ނުޖެހުނެވެ. ކިޔެވެމުގައި ކުރިޔަށް ދާކަށް ހުރަސްއެޅޭ ކަމެއް ނުވެއެވެ. ކޮންމެ ރެއަކު ހަމަ ނިދި ނިދާލެވެއެވެ. އަންހެން ކުއްޖެއްގެ އަވައިގައި ޖެހި ގަބަރާވެ، އާވާރާވެގެން އުޅޭކަށް ނުޖެހުނެވެ. ނަމަވެސް އެ ހުރިހައި ކަމެއް ބަދަލުވީ މާޝާއާ ދިމާވުމުންނެވެ.
މާޝާއާ ދިމާވި ދުވަސް ދުވަހަކުވެސް ހަނދާނަކުން ނުދާނެއެވެ. އެ ދަތުރު އެންމެން ނައްޓައިލަން ރާވައިފައި އޮތީ އަހަރުމެންގެ ފްލެޓުންނެވެ. އެހެން ކަމުން އެ ދުވަހު ހެނދުނުން ފެށިގެން ދަތުރުދާ މީހުން އަހަރުމެންގެ ފްލެޓަށް އެއްވާން ފަށައިފިއެވެ. ފްލެޓުގައި އުޅޭ ފައިރޫޒު މެންދުރު އައިސް، ތިރިޔަށް ގޮސް އެމީހުން ދަތުރު ގެންދަން އޯޑަރު ދީފައިވާ ރޮށިކޮޅަކާ ހަވާލުވެދޭން އެދުނެވެ. އޭނާގެ އެދުމަށް ތިރިއަށް ދިޔައިރުގައި އެއްވެސް މީހަކު އެތާކު ނެތެވެ.
"ފައިރޫ ކިހިނެތް ހުންނަ މީހެއްތަ ތީ؟" އިރުގަނޑެއް ކޮށްލައިފައި އަހަރެން ފައިރޫޒަށް ގުޅައިފައި އެހީމެވެ.
"ނެތްތަ؟ މަޑުކުރޭ އޭނާގެ ނަންބަރު މި ފޮނުވަނީ،" އެހެން ކިޔައިފައި ފޯނު ބޭއްވުމަށް ފަހު ފައިރޫޒް އަހަރެންނަށް ނަމްބަރެއް ފޮނުވިއެވެ.
"ހަލޯ،" އެ ނަމްބަރުން ފޯނުނެގީ އަންހެން ކުއްޖެކެވެ.
"މިހިރީ ތިރީގައި. ކޮބާ؟" އަހަރެން އަހައިލީމެވެ.
"މިހިރީ ހަމަ ތި ބިލްޑިންގެ ދޮރުމަތީގައި،" އެކުއްޖާ ޖަވާބު ދިނެވެ. އަހަރެން ކޮޅުކޮޅަށް އެނބުރި ހޯދައިލީމެވެ.
"ނުފެނޭ. ކޮންކުލައެއްގެ އެއްޗެއް ލައިގެން ތިހިރީ؟" އަހަރެން ސުވާލުކުރީމެވެ.
"ރަތްކުލައިގެ އެއްޗެއް،" އެކޮޅުން ޖަވާބުދިނެވެ. އަހަރެން ކުޑަކޮށް މަގަށް ނުކުމެ ހޯދައިލީމެވެ. އޭރު ޖެހިގެން ހުރި އެޕާޓްމަންޓު ބިލްޑިންގު ކައިރީގައި ރަތްކުލައިގެ ފާކިސްތާނު ހެދުމެއް ލައިގެން ހުރި އަންހެން ކުއްޖެއް ކޮތަޅެއް ހިފައިގެން ހުރިތަން ފެނުނެވެ.
"މިހިރީ. މިކޮޅަށް އެނބުރިބަލަ. ވާތަށް،" އަހަރެން އޭނާއާ ދިމާލަށް ހަނާ އަޅަމުން ބުނީމެވެ. އެ ވަގުތު އެ ހުރިގޮތަށް ހުރެފައި އޭނާ ކަނާތަށް އެބުރިއްޖެއެވެ.
"ކޮބާ؟" އޭނާ އަނެއްކޮޅު ބަލަން ހުރެގެން އެހިއެވެ. އަހަރެން ބޮލުގައި އަތްއަޅައިލީމެވެ. ސަހަރޯއޭ ހިތަށް އެރިއެވެ.
"ތި އެނބުރުނީ ކަނާތަކަށްނުން. އަނެއްކޮޅު،" އަހަރެންނަށް ހެވިއްޖެއެވެ. އޭނާ އަހަރެންނާ ދިމާލަށް އެނބުރިފައި ހީނލިއެވެ. އެވަގުތު އަހަރެންގެ ހިތް ހުއްޓުނެވެ. ދުނިޔެ ބައްވިއެވެ. ވަށައިގެންވާ ހުރިހައި ތަނެއް ރަންވިއެވެ.
އޭނާ އަހަރެންނާ ދިމާލަށް ހިނގަން ފެށުމުން ނޭވާލާން ނޭނގިފައި ބަލަހައްޓައިގެން ހުރެވުނީއެވެ. އެއީ ކިހިނެތް ވެގެން ވީ ގޮތެއް ކަމެއް އަދިވެސް ނޭނގެއެވެ. ރީތި، ދިގު އިސްތަށިގަނޑެކެވެ. ލަދުރަކި ހިނިތުންވުމެކެވެ. ފިޔަވަޅު އަޅަމުން އައީ ބިންމައްޗަށް ވެސް ސިއްރުންނެވެ. އެ ރީތި ލޮލުގެ ބެބުޅުން އެހައި ދުރުން އަހަރެންނަށް ފާހަގަވިއެވެ. އިހްތިޔާރަކާ ނުލައި އަހަރެންނަށް ހިންދިރުވާލެވުނެވެ. އެވަގުތު އެޕާޓުމަންޓުގެ ކުރިމަތީގައި އިންދާފައިވާ ގަހަކުން ރަތް ފަތެއް އޭނާގެ ބޮލަށް ވެއްޓުނެވެ. ކުޑަކޮށް ސިހިފައި އޭނާ އެ ފަތް ވެއްޓުނު ދިމާލަށް ބަލައިލިއެވެ. އަދި އެނބުރި އަހަރެންނަށް ބަލައިލައިފައި އަނެއްކާ ވެސް ހިނިތުންވެލިއެވެ. އެއީ އަހަރެންގެ މިލްކެކޭ ހިތް ބުނެދޭން ފެށިއެވެ.
"މި ކޮންޓޭނަރު ހަވާލުކޮށްދެއްޗޭ ތަންކޮޅެއް އަވަހަށް،" ސިއްސައިގެން ގޮސްފައި ހޭއެރީ އޭނާ އަހަރެންނާ ދިމާލަށް ކޮތަޅު ދިއްކޮށްލައިފައި އެހެން ބުނުމުންނެވެ. އަހަރެން އަވަސްކޮށްލައިފައި އެކޮތަޅުގައި ހިފީމެވެ.
"މާދަމާ ހަވާލުކޮށްދެވިދާނެ،" އަނގަ އޮޅޭ ފާޑަކަށް އަހަރެންނަށް ބުނެވުނެވެ.
"މާދަމައެއް ނޫންތަ ދަތުރު ދަނީ؟" އޭނާ އަހައިލިއެވެ.
"އަހަރެންނެއް ނުދަން. އެހެންވީމަ ކޮންޓޭނަރު ހަވާލުކުރަން ގުޅަންވީ ދޯ؟" އަހަރެން އަވަސް އަރުވައިލައިފައި ބުނީމެވެ.
"އާނ އެގޮތް އޯކޭވާނެ،" އޭނާ ހިނިތުންވެލައިފައި ބުންޏެވެ.
"މާދަމާ ގުޅާނަން. ހެނދުނު. ކޮން ނަމެއްގައި ނަމްބަރު ސޭވްކުރަންވީ؟" އެއީ ހަމަ އަހަރެންނަށް ކުރެވުނު ސުވާލެއް ބާއޭ ފަހުން ހިތަށް އެރިއެވެ. އޭނާގެ ނަމްބަރު "ރޮށިފިހާ މީހާ" ގެ ނަމުގައިވެސް ސޭވް ކުރެވުނީސް ނޫން ހެއްޔެވެ؟ އެކަމަކު އެބަސްތައް އަހަރެންގެ އަނގައިން ނުކުތީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.
"މާޝާ،" އެވަގުތު އޭނާ ބޯ އަރިކޮށްލައިފައި ސުވާލުން ފުރިފައިވާ ގޮތަކަށް އަހަރެންނަށް ބަލައިލިއެވެ. "ކޮން ނަމެއްގައި ތީނަގެ ނަންބަރު ސޭވްކުރަންވީ؟"
"އަރީޝް،" އެހެން ބުނެފައި އަހަރެން އަވަސްއަވަހަށް ބިލްޑިންގު ތެރެޔަށް ދާން ހިނގައިގަތީމެވެ. އިތުރަށް މަޑުކޮށްފިޔާ ގަޅިއެއްޗެއް ބުނެވިދާނެތީއެވެ.
އެޕާޓްމަންޓުގެ ތެރެޔަށް ވަނތްއިރުގައި އެތަނަށް ވެރިވެފައިވާ ހަލަބޮލިކަން އަހަރެންނަކަށް އިހުސާސެއް ނުވިޔެވެ. އެޔަށް ވުރެން މޭގެ ތެރޭގައި ހިނގަމުން ދިޔަ ހަލަބޮލިކަން މާ ބޮޑެވެ. އެއީ ހަޔާތުގައި އެފަދަ ހަލަބޮލިކަމެއް އިހުސާސްކުރެވުނު ފުރަތަމަ ފަހަރެވެ. މާޝާއަކީ ކާކުބާއެވެ؟ މައްޗަށް އަރައި ރޮށިއެތި ފައިރޫޒާ ހަވާލުކުރުމަށް އޭތި ހުސްކޮށްލައިފައި ކޮންޓޭނަރު ބަދިގެ މޭޒުމަތީގައި ބެހެއްޓުމަށް ބުނެފައި އަނެއްކާ ވެސް ތިރިޔަށް ދިޔައީމެވެ. އޭރު މާޝާއެއް ނެތެވެ. އަހަރެން ގޮސް އޭރު އެ ގަހުން ވެއްޓި މާޝާގެ ބޮލުގައި ޖެހުނު ފަތް ނަގައި އަހަރެންގެ ޖީބަށް ލީމެވެ. އުމުރު ދުވަހަށް އެ ހަނދާން ފޮރުވުމަށް ޓަކައެވެ.
ފްލައިޓު ނައްޓައިލައިގެން ވަކި ހިސާބަކަށް ދިޔުމުން އަހަރެންގެ ވޮލެޓު ހުޅުވައިލައި އޭގެ ތެރޭގައި ރައްކާތެރިކަމާ އެކު ބާއްވައިފައިވާ ފަތް ނެގީމެވެ. އެތަން ބަލަން އިނދެފައި އަހަރެންގެ ބައްޕަ ކަރުކެހިލިއެވެ.
"ދަރިފުޅާ ތިއީ ކޮން ފަތެއް؟" ބައްޕަ އަހައިލިއެވެ.
"މިއީ އުޅުނު އެޕާޓްމަންޓުގެ ބޭރުގައި ހުރި ގަހަކުން ވެއްޓުނު ފަތެއް،" އަހަރެން މަޑުމަޑުން ޖަވާބު ދިނީމެވެ.
ބައްޕަ އިތުރު ސުވާލެއް ނުކުރިއެވެ. އަހަރެންގެ ހިޔާލުތަކުގެ ތެރެއަށް ގަރަގުވާން ވަގުތު ދީފައި ބައްޕަގެ ސަމާލުކަން އެހެން ކަމަކަށް ދޫކޮށްލިއެވެ. އަހަރެން އެ ފަތުގައި އިނގިލި ކާއްތައިލީމެވެ. މާޝާއަށް ހިތްދެވުނީ އިހުތިޔާރަކު ނޫނެވެ. ނަމަވެސް އޭނާއާ ގުޅުން ބަދަހިނުކުރަން ނިންމި ނިންމުމަކީ އަހަރެންގެ އިހުތިޔާރުގައި އޮތްކަމެކެވެ.
(ނުނިމޭ)



advertisment
One Response
ވަރަށް ހިއްގައިމު ވާހަކައެއް ު=