Support Us

ވާހަކަ: ހައްގުވެރިޔާ

ދޯނި ރަށަށް ލެފުމުން ދޯނީގައި ތިބި އެންމެން ފައިބަން ފެށިއެވެ. މަރިޔަމް އޭނާގެ އަތުގައި އޮތް ތުއްތު ކުއްޖާ ގޮވައިގެން ދޯނިން ފޭބިއެވެ. ދޯނިން ދަތުރު ކުރި އެއްވެސް މީހެއް އޭނާއާ ހަތަރުކަޅި ހަމަކުރަން ޖެހިލުންވެފައި ތިބި ކަހަލައެވެ. އޭނާ ފޭބުމުން ފަޅުވެރިން އޭނާގެ ފޮށި ނަގައި ޖެޓީ މަތީ ބަހައްޓައިދީފައި އޭނާ ޝުކުރު އަދާކުރުމުގެ ކުރިން އެނބުރިފައި ހިނގައި ގަތެވެ. އެއްވެސް މީހަކު އޭނާއާ ދިމާލަށް ބަލައިލަންވެސް ބޭނުމެއް ނުވިއެވެ.

މަރިޔަމް ފަރާތްފަރާތް ހޯދައި ބަލަން ފެށިއެވެ. އޭނާ ހީކުރިގޮތަށް ގޭ އެއްވެސް މީހެއް އޭނާ ބަލައެއް ނާދެއެވެ. ނާންނާނޭ ކަން އެނގެއެވެ. އޭނާ މާލެ ފޮނުވީ އާއިލާއަށް މޮޅު ނަން ގެނެސްދޭނޭ ކަމުގެ އުންމީދުގައެވެ. އޭނާ އަލުން ރަށަށް އަނބުރައި އައީ އާއިލާއަށް ބަދުނާމު ހިފައިގެންނެވެ.

މަރިޔަމް އޭނާގެ އުރުގައި އޮތް ތުއްތު ކުއްޖާއަށް ބަލައިލިއެވެ. އެ ކުއްޖާފުޅުގެ މޫނު ފެނުމުން އޭނާގެ ހިތުތެރޭ ލޯބި އުތުރި އަރަން ފެށިއެވެ. ހަމަ އެއާއެކު ކުރިޔަށް އޮތް މަރުހަލާތައް ވިސްނިފައި އުދާސްތައް ހިތުގައި އުފެދުނެވެ. އެކުއްޖާގެ ކުށަކީ ކޮބައިހެއްޔެވެ؟ މަރިޔަމްގެ ކުށަކީ ކޮބައިހެއްޔެވެ؟

"ޔާ ﷲ މި އަޅާއަށް ހިތްވަރު ދެއްވާދޭނވެ!" ހިތާއި ހިތުން އޭނާއަށް ދުއާ ދެންނެވުނެވެ.

***

މާލެއިން އައިތާ އެއްމަސްވީއެވެ. މަރިޔަމްއަށް ލިބެންޖެހޭ ހައްގު އަދަބު ލިބިއްޖެއެވެ. ރަށު އެންމެން މިހާރު ދައްކަނީ މަރިޔަމްއަށް ރަށް މެދަށް ދަރިޔަކު ލިބުނު ވާހަކައެވެ. އެކަމުގެ ލަދާއި ހިތާމައިގައި މަރިޔަމްގެ ބައްޕަ އަދިވެސް އޭނާއަކާ އަނގައިންނެއް ނުބުނެއެވެ. އޭނާއާ ދިމާލަށް ބަލައިވެސް ނުލައެވެ. އެކަމަކު މަދުމަދުން މިހާރު މަންމަ އޭނާއާ ވާހަކަ ދައްކަން ފަށައިފިއެވެ. އެކަމަކު އަދިވެސް މަންމަ އަލްސަންގެ ގަޔަކު އަތެއްނުލައެވެ.

މަރިޔަމް ގިނަ ވަގުތު ހޭދަކުރަނީ އަލްސަންއާ އެކުގައި ކޮޓަރީގައެވެ. ބޭރަށް ދާނޭ ހިތްވަރެއް އޭނާގެ ގަޔަކު ނުހުރެއެވެ. ރަށަށް އައިފަހުން އޭނާގެ ފޮށިން ހެދުންތައް ނަގާނޭ ހިތްވަރެއްވެސް އޭނާގެ ކިބަޔަކު ނެތެވެ. ނަމަވެސް އެއް ދުވަހު ހިތްވަރުކޮށްފައި ފޮށިން އެއްޗެހިތައް ނަގަން ފެށިއެވެ. ދަބަހުގެ ކުޑަ ޖީބެއްގައި އޭނާގެ ޕާސްޕޯޓު އޮތެވެ. މަރިޔަމްގެ ހަނދާނަށް ޕާސްޕޯޓު ހެއްދި ދުވަސް އައެވެ.

"ދުވަހަކުވެސް އަހަރެން ބުނާ ކަމަކަށް ނޫނެކޭ ނުބުނާން ވައުދުވޭ،" މަރިޔަމްގެ ހަނދާނުގައި އެ ބަސްތައް ގުގުމައިގެން ދިޔައެވެ. އެހިނދު އޭނާއަށް ބޭއިހުތިޔާރުގައި އަލްސަންއަށް ބަލައިލެވުނެވެ. އޭނާ އެނދުގައި ރީއްޗަށް ނިދައިލައިފައި އޮތެވެ. މަރިޔަމްގެ ގާތުގައި ހުރި މީހާއަށް އެދުވަހު ވީ ވައުދުގެ ސަބަބުން ހަލާކުވެގެން އެދަނީ ކިތައް މީހުންގެ ދިރިއުޅުން ހެއްޔެވެ؟ އެންމެ ބޮޑަށް އޭގެން އަސަރުކުރާނީ ތުއްތު އަލްސަންއަށް ކަން ޔަގީނެވެ.

ރަށަށް އައިތާ ދެވަނައަށް ވީ މަހު މާލެއިނން އައި ދޯނިން މަރިޔަމްއަށް އެއްޗެއް ލިބުނެވެ. ސިޓީ އުރަޔަކަށް ލައިފައިވާ ލާރިއެވެ. އެއީ ކާކު ފޮނުވި އެއްޗެއްކަން އެ ސިޓީ އުރައިގެ ބޭރުގައި ލިޔެފައެއް ނެތެވެ. އޭގައި އަލްސަންއަށް ބޭނުންވާ ވަރަށް ވުރެން އިތުރަށް ލާރި ހުއްޓެވެ.

އެ ސިޓީއުރައިން ލާރި ނެގިތަން ބަލަން މަރިޔަމްގެ ބައްޕަ ދުރުގައި އިނެވެ. އޭގެތެރެއިން ނެގި ލާރި ފެނުމުން ނުރުހުން ފާޅުކުރާ ގޮތަށް ބޯހޫރައިލައިފައި ގެއިން ބޭރަށް ނުކުތެވެ. މަރިޔަމް އަލްސަންގެ ކަންކަމުގައި ބޭނުންވާ ވަރަށް ލާރި އެއްފަރާތްކުރުމަށް ފަހު މަންމަގެ އަތަށް ބާކީ ލާރި ހަވާލުކުރިއެވެ.

"މަންމަގެ އަތުގައި މީތި ފޮރުވައިދީ،" މަރިޔަމް އެދުނެވެ. މަންމަގެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބައިގަތެވެ.

"އަޅެ މަގޭ ދަރިފުޅާ ތިއީ ކީއްވެގެން ކުރި ކަމެއްތަ؟" އެ ސުވާލު ނުކޮށް އޭނާއަކަށް ކެތެއް ނުވިއެވެ. ނުވާނޭތާއެވެ. ލޯބިން ބަނޑުއަޅައި ވިހޭ ދަރިފުޅު، ކިޔަވަން މާލެއަށް ފޮނުވީމައި ބޮއެގެން އައި ބޮނޑީގެ ސަބަބުން ރަށު މީހުންނާ ހަތަރުކަޅި ހަމަކުރާން މިއަދު އޭނާއަށް ވަނީ ނުކުޅެދިފައެވެ.

މަރިޔަމް އޭނާގެ މަންމަގެ ސުވާލު އަހައިފައި އިސްޖަހައިލިއެވެ. އެއީ އޭނާވީ ވައުދެއްގެ ސަބަބުންވީ ކަމެކޭ ބުނާކަށް ނުކެރުނެވެ. އެކަންތައް ވިސްނޭނޭ މީހެއް ނުހުންނާނެއެވެ.

އޭގެ ފަހުން ކޮންމެ މަހަކު ސިޓީ އުރައެއްގައި މަރިޔަމްއަށް ލާރި އާދެއެވެ.

***

އަލްސަންގެ އުމުރުން ހަތް އަހަރު ފުރިއްޖެއެވެ. ކޮންމެ ދުވަހު އޭނާ ސުކޫލުން އަންނަނީ ރޮމުންރޮމުންނެވެ. މަރިޔަމް އެއީ ކީއްވެގެންތޯ ސުވާލުކުރާކަށް ނަހަދައެވެ. އަލްސަން ވީގޮތް ކިޔައިދޭކަށް ނަހަދައެވެ. އޭނާ އެ ރޮނީ ކިހިނެތް ވެގެންކަން އެންމެންނަށްވެސް އެނގެއެވެ.

ސުކޫލުގައި އަލްސަންއާ ވާހަކަ ދައްކާ އެއްވެސް ކުއްޖެއް ނޫޅެއެވެ. ކޮންމެ ކުއްޖެއްގެ މައިންބަފައިންވެސް ނަސޭހަތްތެރިވެފައި އޮންނަނީ އަލްސަންއާ ވާހަކަ ނުދެއްކުމަށެވެ. އޭނާގެ ތުއްތު ސިކުނޑިއަށް ވަރަށް ކުރިންސުރެން އެހެން މީހުން އޭނާއަށް ތަފާތުކޮށް ހިތާކަން އެނގެއެވެ. އެކަމަކު އެއީ ކިހިނެތްވެގެން ކަމެއް ނޭނގެއެވެ.

"ކޮއްކޮގެ ބައްޕަ ކޮބާ މަންމާ؟" މިއީ އަލްސަންގެ އަނގައިން އެންމެ ފުރަތަމަ ނުކުތް ސުވާލުތަކުގެ ތެރެއިން އެއްސުވާލެވެ.

"ދަރިފުޅު ބައްޕަ ވީތަނެއް މަންމައަކަށް ނޭނގެ،" މަރިޔަމް އެދުވަހު އޭނާގެ ގަޔާލައި ބޮނޑިކޮށްލަމުން ޖަވާބުދިނެވެ.

"ކީއްވެތަ ކާފަ ކޮއްކޮ ދެކެ ރުޅި ދުރުވެފައި އަބަދު ހުންނަނީ؟" އެއީ އަލްސަން އެންމެ ގިނައިން ކުރާ ސުވާލެވެ.

"އެއީ ކާފަ އަބަދުވެސް ހުންނަ ގޮތެއްނު ދަރިފުޅާ،" މަރިޔަމް އަބަދުވެސް ދެނީ އެ ޖަވާބެވެ.

"އެއްވެސް މީހެއް ކޮއްކޮ ދެކެ ލޯތްބެއް ނުވޭދޯ މަންމާ،" ބައެއް ދުވަސްދުވަހު ކެތްނުވާ ހިސާބަށް ދިޔައީމައި އަލްސަން އަހާނެއެވެ.

"މަންމަ އަބަދުވެސް ކޮއްކޮ ދެކެ ލޯބިވާނެ،" އެފަދަ ހިނދުކޮޅުތަކުގައި މަރިޔަމް އަލްސަންގެ ގައިގައި ބައްދާލަމުން ބުނާނެއެވެ.

***

އަހަރަކަށް ފަހު އަހަރެއް ވޭތުވަމުން ދިޔައެވެ. އެއް ދުވަހު ރަށުތެރެ ހަލަބޮލި ކޮށްލައިފިއެވެ. މާއެދުރުގޭ ބޭފުޅުން ޒަމާންތަކަކަށް ފަހު ރަށަށް ޒިޔާރަތްކުރާ ވާހަކަ ދެކެވެން ފަށައިފިއެވެ. އެމީހުންގެ އިސްތިގުބާލުގައި ރާވައި ކަންތައް ކުރުމުގައި އެންމެ އިސްކޮށް އުޅުނީ މަރިޔަމްގެ މަންމައާއި ބައްޕައެވެ. މާލޭގައި އެމީހުންގެ ބެލުމުގެ ދަށުގައި ހުރި އިރު މަރިޔަމްއަށް ވީގޮތުގެ އެއްވެސް ޝަކުވާއެއް އެމީހުންނާ ދޭތެރޭ މަރިޔަމްގެ މައިންބަފައިންގެ ހިތުގައެއް ނެތެވެ. މަރިޔަމްގެ އަމަލުތަކުގެ ސަބަބުން މާއެދުރުގޭ ބޭކަލުންނަށް ހުތުރު ނަމެއް އައިސްފާނެތީ މަރިޔަމްގެ ބައްޕަ މާ ކަންބޮޑުވިއެވެ.

އެމީހުން ރަށަށް ފޭބި އިރު މަރިޔަމް އަލްސަން ގޮވައިގެން ތަންކޮޅެއް ދުރުގައި ހުއްޓެވެ. އޭނާ އެ އާއިލާއަކާއެކު 10 އަހަރު ހޭދަކުރި އާއިލާގެ މީހުން ފައިބަމުން ދިޔައިރު ކުރީގެ ހަނދާންތައް އާވެގެން ދިޔައެވެ. އެންމެ ފަހުން ލޯންޗުން ފޭބީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. މާއެދުރުބޭގެ ކާފަ ދަރި އައިކާއެވެ. އައިކާއާ އެކުއެކީގައި އޭނާގެ ފިރިމީހާއާއި ކުޑަ ދަރިފުޅުވެސް ފޭބިއެވެ.

އައިކާގެ ލޮލުގައި ދުރުގައި ހުރި މަރިޔަމް އަޅައިގަތުމާ އެކު އުފަލުން ފޮޅުނެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް މަރިޔަމްގެ ގާތަށް އައިސް ބައްދާލިއެވެ.

"ހާދަ ދުވަހެއް ވެއްޖޭ،" އައިކާ ލޮލުން ކަރުނަ ފޭދުނެވެ. މަރިޔަމް ވެސް ލޯ ފޮހެލިއެވެ.

އައިކާގެ ފަސްބައިގައި ހިފައިލައިގެން ހުރި ކުޑަ އަންހެން ކުއްޖާއާ ދިމާލަށް މަރިޔަމް ބަލައިލައިފައި ހީލިއެވެ.

"މީ ކޮން ނަމެއް ކިޔާ ކުއްޖެއް؟" މަރިޔަމް ލޯބިން ސުވާލުކޮށްލިއެވެ.

"މަލަކް،" އެ ކުއްޖާ ޖަވާބުދީފައި އޭނާގެ މަންމަގެ ފަސްބައިގައި މޫނު ފޮރުވިއެވެ.

"މީ އަލްސަންދޯ؟" އަލްސަންއާ ދިމާލަށް ބަލަން ހުރެލައިފައި އޯގާތެރިކަމުން ފުރިގެންވާ ރާގަކަށް އައިކާ ބުންޏެވެ. އަދި ގުދުވެލައިފައި އަލްސަންގެ ގައިގައި ބައްދާލިއެވެ.

އެއީ މަރިޔަމް ފިޔަވައި އެހެން މީހެއް އޭނާގެ ގައިގައި އޯގާތެރިކަމާ އެކު ބައްދާލި ފުރަތަމަ ފަހަރެވެ.

އޭނާގެ ކުޑަ ހަށިގަނޑުގައި އުފަލުން ހީބިހި ނަގައިގެން ދިޔައެވެ.

***

"މަންމާ. އައިކާ ދައްތަ ވައްތަރީ ޕްރިންސަސްއަކާ ދޯ؟" އަލްސަން އެރޭ އުފަލުން މަރިޔަމް ކައިރީގައި އެހިއެވެ. މަރިޔަމް ހީލައިފައި ބޯޖަހައިލިއެވެ.

"މަންމައަށް ވެސް އައިކާ ދައްތަ ފެނުނު ފުރަތަމަ ދުވަހު ހީވި އެއީ ޕްރިންސަސްއެކޭ؟" މަރިޔަމް ކިޔައިދިނެވެ.

"މަލަކް ކޮއްކޮ ވަރަށް ލަކީދޯ އައިކާ ދައްތަ ކަހަލަ ޕްރިންސަސްއެއް މަންމައަކަށް ލިބުނީމައި،" އަލްސަން ހިޔާލީ ގޮތަކަށް ބުންޏެވެ.

"އާނ ދޯ،" މަރިޔަމް ފަނޑުކޮށް ހީލައިފައި ބުންޏެވެ.

"އައިކާދައްތަ ބުނިދޯ މާދަމާ އެގެއަށް އަންނާށޭ،" އަލްސަން އެގެއަށް ދާން ބޭނުންވަނީ ހަމައެކަނި އައިކާދައްތަ ދެކިލާކަށް ނޫނެވެ. އެ ގެއަކީ އެރަށުގެ އެންމެ ބޮޑު އަދި އެންމެ ރީތިގެއަށް ވުމުން އެގޭ އެތެރެ ހުންނަނީ ކިހިނެތްތޯ ބަލައިލަން އަލްސަން ވަރަށް ބޭނުންވިއެވެ.

"އެގެއަށް ދެވޭނީ އަވަހަށް ނިދައިފައި އަވަހަށް ހޭލީމައި،" މަރިޔަމް ލޯބިން ހަނދާންކޮށްދިނެވެ.

"މަންމާ، އެގޭގައި އަސްލުވެސް ބޮޑު މަސްފެންގަނޑެއް އޮވޭތަ؟" އަލްސަން އަހައިލިއެވެ.

"މާދަމާ އެގެއަށް ދިޔައީމައި އެނގޭނޭ އަލްސަން،" މަރިޔަމް އަލްސަންގެ ނިތްކުރިޔަށް ދޮނެއް ދީފައި ކޮޓަރީގެ ބޮކި ނިއްވައިލިއެވެ.

***

ކުރިޔަށް އައި މަސް ވެގެން ދިޔައީ އަލްސަންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސްތަކަށެވެ. އޭނާ ހެނދުނު ތެދުވާއިރު އައިކާދައްތަމެންގެއަށް ގެންދަން މީހަކު ހުންނަނީ ގޭ ދޮރުމައްޗަށް އައިހެވެ. މަރިޔަމް އެގެއަށް ދަނީ ގޭގައި ކުރަން ޖެހޭ ކަންކަން ކޮށް ނިންމައިލައިފައެވެ. އޭރުވެސް ކުޅުމުގައި ޝާމިލުވެގެން މަލަކްއާއި އަލްސަން އުޅޭނެއެވެ.

އެ ދެ ކުދިން ގޮވައިގެން މަރިޔަމްއާއި އައިކާ ގޮނޑުދޮށަށް ގޮސް ބޮލިހޮވައިގެން ފުޅިފުޅިއަށް އަޅަން އުޅެއެވެ. ފުރަތަމަ ފަހަރަށް އަލްސަންއަށް އޭނާއާ އެކުގައި ކުޅޭ ހިތުން ކުޅޭނޭ ކުއްޖެއް ލިބުނީއެވެ. އެ ދެކުދިން ކަނީ އެކުގައެވެ. ޓީވީ ބަލަން ތިބެނީ އެކުގައެވެ. ހީ ސަމާސާކޮށް ހަދާއިރުގައި ހީވަނީ އުމުރު ދުވަހު އެކުގައި ބޮޑުވި ދެކުދިން ހެންނެވެ.

"އެ ދެމީހުން އުޅޭ ގޮތުން އަހަރެންނާއި މަރީ ކުޑައިރު ދުވަސްތައް ވަރަށް ހަނދާންވޭ ދޯ؟" އެއް ދުވަހު އެ ދެމީހުން ކޮރާކުޅެން ތައްޔާރުވަމުން ދިޔަތަން ބަލަން އިނދެފައި އައިކާ ބުންޏެވެ. މަރިޔަމް ވެސް ބޯޖަހައިލައިފައި ހިނިތުންވެލިއެވެ.

"ބޭރުގައި އުޅޭ އިރު ގޮނޑުދޮށް ނުފެންނާތީ ފޫއްސެއް ނުވޭތަ؟" މަރިޔަމް އަހައިލިއެވެ.

"ނޫނޭ! މިހާރުވެސް އެބަ ހިތަށް އަރާ އެނބުރި ގޮސްފައިވާނޭ ފޫހި،" އައިކާ ބޮލުގައި ޖަހައިލައިފައި ބުންޏެވެ.

***

އައިކާމެން މާލެއަށް ދާ ދުވަސް ކައިރިވާން ފެށުމުން މަރިޔަމްގެ ހިތުގައި ޖެހެން ފެށިއެވެ. އެހާ ދުވަހަށް ފަހު އައިކާ ފެނިފައި ގެއްލޭތީ ދެރަވިއެވެ. އަލްސަންއަށް ވެސް ވަކިވާ ދުވަސް ކައިރިވާކަން އެނގޭތީ އުނދަގޫވެގެން އުޅޭކަން އިހުސާސްވިއެވެ.

"މަންމާ އައިކާ ދައްތަ ބުނި މިރޭ ކޮއްކޮ އެގެއަށް ނިދަން އަންނާށޭ،" އަލްސަން އެއްދުވަހު ބުންޏެވެ.

"އައިކާ ދައްތަ މަންމަ ކައިރީގައެއް ނުބުނޭ ތިހެންނެއް،" މަރިޔަމް ބުންޏެވެ.

"ކޮއްކޮއަށް ދެވޭނެދޯ އެގެއަށް ނިދަން؟" އަލްސަން ސުވާލުކުރިއެވެ.

"މަންމަ ވިސްނާނަން،" މަރިޔަމް ބުންޏެވެ. ދުވަހަކުވެސް އޭނާއާ ދުރުގައި އަލްސަން ރެއެއް ހޭދައެއް ނުކުރެއެވެ.

އެރޭ އަލްސަން އައިކާމެންގެއަށް ލައިފައި ދާން އުޅެނިކޮށް އައިކާ އޭނާ މަޑުކުރުވިއެވެ.

"އިހަށް މަޑުކޮށްލަބަލަ ކުޑަ ވާހަކައެއް ދައްކައިލަން،" އައިކާ ބުންޏެވެ. އެ ދެމީހުން ނުކުތީ އެގޭ ގޯތި ތެރޭގައި ހުރި ޖޯއްޔަށެވެ.

"މަރީ. އަލްސަންއާ ދޭތެރޭ އަހަރެން އެބަ ވިސްނަން،" ޖޯލީގައި ހަމަޖެހިލައިފައި އައިކާ ބުންޏެވެ. މަރީ ބޯއަރިކޮށްލައިފައި އައިކާއަށް ބަލައިލިއެވެ.

"އަހަރެން މި ވިސްނަނީ އަހަރެންނާ އެކުގައި އަލްސަން ގެންދަން،" މަރިޔަމް އެއްޗެކޭ ނުބުނުމުން އައިކާ ވާހަކައައިގެން ކުރިޔަށް ދިޔައެވެ. މަރިޔަމް ލޯމަރައިލިއެވެ. އައިކާ މިވާހަކަ ދައްކަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެކަން މަރިޔަމްއަށް އެނގެއެވެ.

"އޭނާއަށް މިއަށް ވުރެން މާ ރަނގަޅު ދިރިއުޅުމެއް އަހަރެންނަށް ހޯދައިދެވޭނެދޯ؟ މާ ރަނގަޅު ތައުލީމެއްވެސް ދެވޭނެ. އޭނާއާ އެކުގައި ކުޅޭނޭ ކޮއްކޮއެއްވެސް ލިބޭނެ،" އައިކާ ވާހަކައައިގެން ކުރިޔަށް ދިޔައެވެ.

މަރިޔަމްގެ ހަށިގަނޑުގެ މަސްތަކަށް ވާންވާން ފެށިއެވެ. ކަންފަތް ބައްވާން ފެށިއެވެ.

"އައިކާ ކީކޭ ކިޔަން ތިއުޅެނީ؟" މަރިޔަމް އަހައިލިއެވެ.

"މިބުނީ އަހަރެންނަށް އަލްސަން ދޭށޭ. އަހަރެންގެ އާއިލާގެ ބަޔަކަށް އޭނާ ހަދައިގެން އޭނާއަށް ހައްގު ލޯތްބާއި އަޅާލުން ދޭން ފުރުސަތު ދޭށޭ،" އައިކާ ސާބިތުކަމާއެކު އޭނާގެ ހިތުގައި އޮތް އެދުން ފާޅުކުރިއެވެ.

މަރިޔަމް ބޯހޫރައިލިއެވެ. އެތަން ފެނިފައި އައިކާ ދެލޯބޮޑުކޮށްލިއެވެ.

"ކީއްވެ ތި ބޯ ހޫރުވަނީ؟" އައިކާ އެހިއެވެ.

"މިބުނީ ތިކަމެއް ނުވާނޭ،" މަރިޔަމް މަޑުމަޑުން ޖަވާބުދިނެވެ. "ތިކަމެއް ނުކުރާނަމޭ."

"މަށަށް އެނގޭ މަރީ އަލްސަން ދެކެ ވަރަށް ލޯބިވާކަން. އެކަމު ލޯބިން އެކަންޏެއް ނުފުދޭނެދޯ؟ އަލްސަން ދައްކާ ވާހަކައިން އަހަރެންގެ ހިތް ފަޅައިގެންދޭ. މިރަށު މީހުން އޭނާއަށް ކަންކުރާ ގޮތް ހާދަ ގޯހޭ،" އައިކާ ބުންޏެވެ.

"އެކަމަކު އޭނާއަށް މަންމައެއްގެ ލޯބި އުންޏެއް ނުވޭނު؟ އެއީ ދޯ އެންމެ މުހިންމު އެއްޗަކީ؟" މަރިޔަމް ބުންޏެވެ.

"މަރީ ވިސްނައިލަބަލަ އަލްސަންއަށް އަހަރެންނަށް ދެވޭނެހާ އެއްޗެހި؟ އަލްސަންއަށް ހެޔޮ އެދެންޏާ މިހުރިހައި ކަމަކާ މަރީ ވިސްނާނެދޯ؟" އައިކާގެ ލޮލަށް ކަރުނަ ޖަމާވިތަން މަރިޔަމްއަށް ފެނުނެވެ.

"އަހަރެން ނޫނެކޭ މިބުނީ ތިހުރިހައި ކަމަކަށް ވިސްނައިފައޭ،" މަރިޔަމް ހަރުދަނާކަމާ އެކު ބުންޏެވެ.

"މަރީ. ދުވަހަކުވެސް އަހަރެން ބުނާ ކަމަކަށް ނޫނެކޭ ނުބުނާން ވީ ވައުދު ހަނދާނެއް ނެތްތަ؟" އައިކާގެ އަޑު ނުކުތީ ކުރަކިވެގެންނެވެ. އެވަގުތު މަރީގެ މުޅި ހަށިގަނޑުގައި ރާޅުބާންޏެއް ދައުރުވާން ފެށިއެވެ.

"ތި ވައުދު ހަނދާން އެބަހުރި. އެ ވައުދުގެ ސަބަބުން އަހަރެންނަށް އުފުލަން ޖެހުނު ވޭން ވެސް ހަނދާން އެބަހުރި. އެ ވައުދުގެ ސަބަބުން އަހަރެން ގަންނަން ނުޖެހޭ ލަދެއްގައި ބެދުނު ހަނދާންވެސް އެބަހުރި. އަހަރެން ނުކުރާ ކުށެއްގެ އަދަބު އެންމެން ކުރިމަތީގައި އުފުލަން ޖެހުނު ހަނދާންވެސް އެބަހުރި،" މަރިޔަމްގެ ދުލުން ބަސްތައް ބޭރުވާން ފެށިއެވެ.

އައިކާ އިނީ ހުއްޓުން އަރައިފައެވެ.

"އެ ވައުދުގެ ސަބަބުން އުފުލަންޖެހުނު އެންމެ ބޮޑު ވޭނަކީ އަހަރެން ނުވިހާ ދަރިއެއްގެ ވޭން. އެ ތުއްތު މައުސޫމު ދަރިފުޅުގެ ހިތުގައި ކޮންމެ ދުވަހަކު އަޅަމުން ގެންދާ ވޭން،" މަރިޔަމްގެ އަޑު ބާރުވިއެވެ.

އައިކާ އެއްވެސް އެއްޗެކޭ ނުބުނެ މަޑުމަޑުން އިނެވެ.

"އެ ކުއްޖާގެ އުފަން ފޯމުގައި މަންމަ ކަމަށް އަހަރެންގެ ނަން ޖެހި ވަގުތުން ފެށިގެން އަހަރެން އައިކާއަށް ވީ ވައުދު ބާތިލު ވެއްޖެ. އަހަރެންނަށް އެއަށް ވުރެން ބޮޑު ވައުދެއް ވެވިއްޖެ އެ ދުވަހު. އެއީ ދުވަހަކުވެސް އަލްސަންގެ މަންމަ ކަންތައް ކުރިގޮތަށް އޭނާއާ މެދު އަހަރެންނެއް ކަންތަކެއް ނުކުރާނަމޭ. ދުނިޔޭގެ ލަދަށް އޭނާއަށް ދޭ ލޯބި އުނިކުރާ މީހަކަށް އަހަރެންނެއް ނުވާނަމޭ. އޭނާގެ ހަޔާތުގައި މީހުން ގޯސްކޮށް ކަންތައް ކުރާ ވާހަކަ ތި ދައްކަނީ އައިކާ. އޭނާގެ ހަޔާތުގައި އޭނާ ދޫކޮށްލި އެންމެ ފުރަތަމަ މީހާއަކީތީ އައިކާ، އޭނާގެ މަންމަ! އެކަންތައް ދުވަހަކުވެސް އައިކާ ހަނދާން ނައްތައި ނުލާތި،" މަރިޔަމް ހަރުކަށި ރާގަކަށް ބުންޏެވެ.

އެވަގުތު ގޯތި ތެރެއަށް އަލްސަން ނުކުތެވެ. އޭނާއަށް ހުރީ ރޮވިފައެވެ. މަރިޔަމް ފެނުމުން ދުވެފައި އައިސް އޭނާ މަރިޔަމްގެ ގައިގައި އޮޅުލައިގަތެވެ.

"މަންމާ ހިނގައި ގެއަށް ދާން. ކޮއްކޮއަށް ބިރުވެރި ހުވަފެނެއް ފެނިއްޖެ،" އަލްސަން ތުއްތު އަޑަކުން ބުންޏެވެ.

"ހިނގާ ދާން،" މަރިޔަމް ތެދުވެ އަލްސަން އުރައިލިއެވެ. އައިކާވެސް އޭނާއާ އެކުގައި ތެދުވިއެވެ.

"އައިކާ ބޭނުން ވެއްޖެއްޔާ މިހާރު ފޮނުވަމުން ތިގެންދާ އެތި ނުފޮނުވިޔަސް އަހަރެންނަށް އެންމެ ރަނގަޅު،" މަރިޔަމް އެގެއިން ނުކުމެފައި މަޑުމަޑުން ބުންޏެވެ.

"ނޫން މަރިޔަމް. އަހަރެން އެކަންތައް ކުރިޔަދީ. އެ ހައްގު އަހަރެން އަތުން ނަގައިނުލައި ޕްލީސް،" އައިކާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އޭނާ މަރިޔަމްގެ ކޮނޑުމަތީގައި ބޯއަޅައިލައިގެން ނިދިފައި އޮތް އަލްސަންގެ ބޮލުގައި މަޑުމަޑުން ފިރުމައިލިއެވެ. އޭނާގެ ބަނޑުން ވިހޭ ނަމަވެސް މިއަދު އެ ދަރިފުޅުގެ މައްޗަށް އޭނާގެ ހައްގެއް ނެތްކަން އޭނާއަށް ގަބޫލުކުރަން މަޖުބޫރުވިއެވެ.

މަރިޔަމް ތުއްތު އަލްސަން ގޮވައިގެން އަނދިރިމަގުގައި ހިނގައިފައި ގެއަށް ދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *