ހަވީރުގެ ވަގުތެކެވެ. ކޮނޑުގައި ދަބަހެއް އަޅުވައިގެން ވިލިނގިލީގެ ހަމަހިމޭން މަގުތަކުގައި އަހަރެން ހިނގަމުން ދިޔައީ މަޑު ސްޕީޑެއްގައެވެ. ހިނގަމުން ދިޔައިރު، މި ހިމޭން މާހައުލަށް ދުވަސްކޮޅަކަށް ބަދަލުވާން ނިންމި ނިންމުމާ ދޭތެރޭގައި އަހަރެން އިތުރަށް ހިތްހަމަޖެހެމުން ދިޔައެވެ.
އަހަރެންގެ އެޕާޓުމަންޓު ހަދަންވެގެން ވަގުތީގޮތުން ތަނަކަށް ބަދަލުވާންޖެހޭ ވާހަކަ ބުނުމުން އަހަރެންގެ ރަހުމަތްތެރި އަޝްވިން އޭނާގެ ކައިރީގައި އެގޭގައި މަޑުކުރުމަށް ދައުވަތުދިނެވެ. އެއީ އަހަރެންނާ އެކުގައި ކޮލެޖުގައި ކިޔެވި ކުއްޖެކެވެ. ކިޔަވައި ނިންމައިފައި ދެމީހުން ކުރިޔަށް ދިޔައީ ދެ ދާއިރާއަކުންނެވެ.
އަހަރެންގެ މަސައްކަތް ބިނާވެގެންވަނީ އާދައިގެ މީހުންނަށް ކުރަހައިދޭ ކުރެހުން ތަކަށާއި ހަދައިދޭ ޑިޒައިންތަކު މައްޗަށެވެ. އަޝްވިން މަސައްކަތްކުރަނީ ބޮޑެތި ރިސޯޓުތަކުގެ ކޮންސަލްޓަންޓަކަށެވެ. އަހަރެންގެ މަސައްކަތުން މަހަކު އެތައް ހާސް ރުފިޔާއެއް ލިބެންޏާ އަޝްވިންގެ އާމްދަނީއަށް ކޮންމެ މަހަކު އެތައް ހާސް ޑޮލަރެއް ލިބެއެވެ. އެހާވެސް ދެމީހުންގެ ކާމިޔާބީގެ ފަރަގު ބޮޑެވެ.
މާޒީގައި އަޝްވިން އެނގޭ މީހުންނަށް އަޝްވިންއަށް އެހާ ބޮޑެތި ކާމިޔާބީތަކެއް ލިބިދާނޭ ކަމަކަށް ގަބޫލެއް ނުކުރެވޭނެއެވެ. އޭނާއަކީ މިޒާޖުގައި މަޑުމައިތިރި މީހުންނާ މާ ބޮޑު ގުޅުންތަކެއް ބަދަހިކުރާ ޒާތު މީހެއް ނޫނެވެ. މޮޅަސް، އެ މޮޅުކަން ވިއްކަން އެނގޭ މީހެއް ނޫނެވެ. އެއްވެސް ވަރަކަށް އިޝްތިހާރުވާން ނޭދޭ މީހަކަށް އެފަދަ އަގުހުރި ފުރުސަތުތަކެއް ލިބުނީ ކިހިނެތްކަން އެއްވެސް މީހަކަށް ނޭނގެއެވެ. އަޝްވިންއަށް ލިބިފައިވާ ކާމިޔާބީގެ ފަހަތުގައި ވަނީ ކޯންޗެއްތޯ އެހުމުން އެއީ އޭނާއަށް ލިބުނު ލޯބިވާ އަނބިމީހާއޭ ބުނެއެވެ. އެ އަނބިމީހާ އަދި ދުވަހަކުވެސް އަހަރުމެން އެއްވެސް މީހަކަށް ފެނިފައެއް ނުވެއެވެ.
އޭނާ ކައިވެނި ކުރި އިރު އަހަރުމެން އެއްވެސް މީހަކަށް އަންގައެއްނުލައެވެ. ރަށަކުން ދިމާވި ކުއްޖަކާ ކައިވެނިކުރީއެވެ. އެންމެންނަށް އެންގީ އެކަން ވެ ނިމުމުންނެވެ. އޭނާއަކީ ސޯޝަލް މީޑިއާ ގެންގުޅޭ މީހެއް ނޫނެވެ. އެހެންވެ އޭނާގެ ދިރިއުޅުމާ ބެހޭގޮތުން މީހަކަށް އެނގޭނީ އޭނާ އެންގި އެއްޗެކެވެ.
އަޝްވިން ފޮނުވައިފައިވާ އެޑްރެހާ ހަމައަށް އާދެވިއްޖެއެވެ. ފުރަތަމަ ބަލައިލުމުންވެސް އެ ގެއަކީ އާދަޔާ ހިލާފު ވިސްނުމެއްގެ ވެރިޔަކު ފަރުމާކޮށްފައިވާ ގެއެއްކަން އެނގެއެވެ. އެންމެ ޒަމާނީ ޑިޒައިން މެގަޒިންތަކުގެ ބޭރު ކަވަރުގައި ޖަހައި ޒާތުގެ ފޮޓޮއެއް ފަދައެވެ. ގެއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރެއްކަމެއް ނޭނގެއެވެ. ހޭވެރިކަންވީ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީމައެވެ.
"ޒާން އަދިވެސް މިހިސާބަށް ލައްވާނުލާތަ؟" ފޯނުން ވާހަކަ ދެއްކީ އަޝްވިންއެވެ.
"ނޫނޭ ވެރިޔާ. މިހިރީ ދޮރުމަތީގައި،" އަހަރެން ބުނީމެވެ.
"މަޑުކުރޭ މި ނިކުންނަނީ،" އެހެން ބުނެފައި އަޝްވިން ފޯނު ބޭއްވިއެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި އަޝްވިން ހުރީ ދޮރުމައްޗަށް ނުކުމެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އޭނާގެ ފަހަތުން ގޭތެރެއަށް ވަނީމެވެ. ބަލައިލި ކޮންމެ ދިމާލަކުން އަޖައިބުކުރުވަނިވި މަންޒަރުތަކެވެ. ރީއްޗަށް ހަދައިފައިވާ މަސްފެންގަނޑެކެވެ. އާދަޔާހިލާފު މާމެލާމެލިން ފުރިފައިވާ ބަގީޗާއެކެވެ. އެ ބަގީޗާގެ ތެރޭގައި ކުދި ދޫނިތައް އުދުހެމުން ދިޔައެވެ.
ސިޓިން ރޫމު ވެސް އެހާ ތަނަވަހެވެ. އެއް ފާރުގައި ބަހައްޓައިފައި ހުރި ޝޯކޭހެއްގައި އަޝްވިންއަށް ލިބިފައިވާ ހުރިހާ ޓްރޮފީތަކެކެވެ. އަހަރެން ގޮސް އެތާނގައި ހުރި ބޮޑު ސޯފާގައި އިށީނދެ ވަށައިގެން ބަލަން އިނީމެވެ. ހުރިހައި ކުޑަދޮރެއް ހުޅުވިފައިވަނީ ބޭރުގައިވާ ބަގީޗާއަށެވެ. އެއީ މިހާތަނަށް ފެނުނު އެންމެ ރީއްޗަށް ޑިޒައިންކޮށްފައިވާ ތަންކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.
"ކަމަނާ ނުކުމެބަލަ!" އަޝްވިން އައިސް އަހަރެންގެ ކައިރީގައި އިށީނދެލަމުން ގޮވައިލިއެވެ. އެ ވަގުތު ތަންކޮޅެއް ދުރުން ގިގުނީގެ އަޑު އިވެން ފެށިއެވެ. އަހަރެން އެ އަޑު އަންނަ ދިމާލަށް ބަލައިލީމެވެ. ސިޓިން ރޫމަށް ވަދެގެން އައީ ހުދުކުލައިގެ ހެދުމެއްގައި ހުރި ހޫރުޕަރީއެއްކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ރީތި، ކަޅު، ދިގު އިސްތަށިގަނޑަކާއި ރަތްދޮން ހަންގަނޑެކެވެ. ހިތެއްގެ ބައްޓަމަށް ވާ މޫނެކެވެ. ކަޅުކަން ގަދަ ބުމައެކެވެ. އެ ރީތި ދެލޯ އަހަރެންނާ ހަތަރުކަޅި ހަމަވި ވަގުތު ހިނިތުންވުމެއް އޭނާގެ މޫނުމައްޗަށް ވެރިވިއެވެ. މުޅި ކޮޓަރިތެރެ އުޖާލާވި ފަދައެވެ.
އޭނާ ވަނުމާ އެކު އަހަރުމެން ތިބި ރީތި ކޮޓަރީގެ ރީތިކަން ވަގުތުން ފަނޑުވެގެން ދިޔަ ފަދައެވެ. އަޝްވިން އޭނާ ފޮރުވައިގެން ގެންގުޅެނީ ކީއްވެގެންކަން އަހަރެންނަށް ވިސްނުނެވެ. އޭނާ އައިސް ލަދު ރަކި ގޮތަކަށް އަހަރެންނަށް ބޮލުން އިޝާރާތެއް ކޮށްލައިފައި އަޝްވިންގެ އަރިމަތީގައި ހުރި ސޯފާގައި އިށީނެވެ.
"ޒާން މިއީ ކަމަނަ، މަގޭ އަނބިމީހާ. ކަމަނާ މިއީ ޒާން އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ،" އަޝްވިން އަހަރުމެން ދެމީހުން ތައާރަފުކޮށްދިނެވެ. އަހަރެން އޭރުވެސް އިނީ އޭނާގެ އަންހެނުންގެ ރީތިކަން ފެނި އަޖައިބުވެފައެވެ.
"ހައި ކަމަނާ،" ފާޑަކަށް އަހަރެންނަށް ބުނެވުނެވެ.
"ހައްޖަ ކިޔަސް އޯކޭވާނެ،" އަހަރެން އޭނާއަށް ކަމަނާއޭ ކިޔައިފައި މުހާތަބުކުރުމުން އޭނާ ލަދުގަތްކަން އަހަރެންނަށް ވިސްނުނެވެ.
"އޭ ދޮގެއް ކަމަނަ ކިޔާ. ކަމަނާ. ޒާންއަށް އެއްވެސް ކަމަކަށް އުނދަގޫ ނުވާގޮތަށް ކޮށްދޭންވާނެ. ޒާން އަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެއެއް ކަހަލަ މީހެއް. އަހަރެން އެންމެ ލޯބިވާ މިދުނިޔޭގައި ހުރި އަހަރެން އެންމެ އިތުބާރުކުރާ މީހާ. އޭނާ އަހަރެންނަށް ކޮލެޖުގައި އަޅައިނުލިނަމަ އަހަރެންނަށް ނުކިޔެވުނީސްކަން ޔަގީން،" އަޝްވިން ޝުކުރުން ފުރިގެންވާ ރާގަކަށް ބުންޏެވެ. އަހަރެން ލަދުން އިސްޖަހައިލީމެވެ.
ކުޑަ އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި އަޝްވިން އަހަރެންގެ ކޮޓަރި ދެއްކިއެވެ. އެއީ ގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި ދެ ކޮޓަރިން އެއްކޮޓަރިއެވެ. އަނެއް ކޮޓަރިއަކީ އަޝްވިންގެ ދެމެފިރިންގެ ކޮޓަރިއެވެ. އަހަރެންގެ ކޮޓަރި ހީވަނީ ރިސޯޓެއްގެ ކޮޓަރިއެއް ހެންނެވެ. ކޮޓަރީގެ ތަޅުންގަނޑު ހަދައިފައިވަނީ ޕާކޭ ޖަހައިގެންނެވެ. މާ ސިންގާ އެނދެކެވެ. އެނދާ ދިމާލަށް ފާރުގައި ބޮޑު ޓީވީއެއް ހުއްޓެވެ. ކުޑަދޮރު ފޮތި ދަމާލާއިރުގައި ނިކުމެވޭ ބެލްކަންޏެއް ވެއެވެ. އެ ބެލްކަނިން ފެންނަ ބޮޑެތި ގަސްތަކުގެ ތެރެއިން މޫދު ފެނެއެވެ. އެ ކޮޓަރީގައި އަހަރެންނަށް މަސައްކަތްކުރެވޭހެން ހަދައިފައިވާ މޭޒަކާއި ގޮނޑިއެއްވެސް ހުއްޓެވެ. އަޝްވިންގެ ވިސްނުން ގެންގުޅެފައިވާ ގޮތާ މެދު އަހަރެން އަޖައިބުވިއެވެ.
ނަމަވެސް ދެން އައި ދުވަސްތަކުގައި އަހަރެންނަށް އެ ގޭގައި ދިރިއުޅުން ފަސޭހަ ނުވާނޭކަން ވިސްނުނެވެ. ސަބަބަކީ އެގޭން ލިބޭ ހިދުމަތުގެ އުނިކަމަކުން ނޫނެވެ. އަރާމު ނުވީމައެއް ނޫނެވެ. ނަމަވެސް އަޝްވިންގެ ކަމަނައެވެ. އޭނާގެ ރީތިކަމެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ޖިސްމުގައި ހޫނުކަމެއް އުފެދެން ފަށައެވެ. އޭނާގެ ހިނިތުންވުން ފެނުމުން ހިތް ވިރެން ފަށައެވެ. އޭނާގެ ގިގުނީގެ އަޑު އިވުމުން ހިތް ތެޅެން ފަށައެވެ.
ކަމަނަ ހަމަ އެކަނި ރީތީކީ ނޫނެވެ. އެހާމެ މުރާއްޔެވެ. އެ ބޮޑު ގެއެއް ބެލެހެއްޓުމުގެ ހުރިހައި ކަމެއް ކުރަނީ އޭނާއެވެ. އޭނާ ކައްކާ އެއްޗެހީގެ މީރުކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ.
"އަސްލު ބުނެބަލަ. ކަމަނަ މީ ކޮންތާކުން ހޯދި މަންޖެއެއްތަ؟" އެއް ދުވަހު ސިޓިން ރޫމުތެރޭގައި އަޝްވިންއާ ވާހަކަ ދައްކަން އިނދެފައި އަހަރެން އަހައިލީމެވެ.
"ހަނދާން އެބަހުރިތަ އެއްފަހަރު އައްޑޫގައި ހަދަން އުޅުނު މާލަމެއްގެ ކަންތަކުގައި އަހަރެން އުޅުނު ހަނދާން؟ އެތަނުގެ ޕްލޭނިން ޕޭސްގައި އަހަރެން އެ ރަށަށް ދިޔަ އިރު އެ ރަށުގައި ހުރި ގެއިން ދިމާވީ މީނައާ. ޒާން. އެއްވެސް ދޮގެއް ނޫން، އޭނާ ފެނުމުން އަހަރެންނަށް އެނގުނު އެއީ އަހަރެން ކައިވެނި ކުރާނެ ކުއްޖާކަން،" އަޝްވިން ކިޔައިދިނެވެ.
"ވެރިޔާ ތިއީ ވަރަށް ނަސީބުގަދަ މީހެއް،" އަހަރެން އޭނާގެ ކޮނޑުގައި އަތްޖަހައިލައިފައި ބުނީމެވެ.
"ހަގީގަތުގައިވެސް،" އަޝްވިން ހެވިފައި ބޯޖަހައިލިއެވެ. "އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައި ހަދާނީ ކަމަނަ. ލިބޭ ލާރި މެނޭޖުކޮށް އެކި ކަންކަމަށް އިންވެސްޓު ކުރާނީ އޭނާ. ގޭގައި ކުރަން ޖެހޭ އެއްވެސް ކަމެއް އަހަރެންނަކަށް ނުޖައްސާނެ. ބަގީޗާގައި ގަސް އިންދާ ގަސްތައް ބަލަހައްޓާނީ އޭނަ. ކައްކާ ތަން ސާފުކުރާނީ އޭނަ. އޭނާއަށް އެހީ ވެދޭން ބަދިގެއަށް ވަނަސް ރުޅި އަންނާނެ. އަދި އެ ހުރިހައި ކަމެއް ކޮށްފައި އަހަރެންނަށް ދޭންޖެހޭ ސަމާލުކަން ދޭންވެސް އޭނާ ވަގުތު ހޯދާނެ. ފިސާރި އަންހެނެކޭ،" އަޝްވިން ވާހަކަ ދެއްކި އިރު އޭނާގެ އަޑުގައި ހުވަފެނީ ގޮތްގަނޑެއް އެކުލެވިފައިވެއެވެ.
އަޝްވިން އެ ވާހަކަ ދައްކަމުން ދިޔައިރުގައި އަހަރެންނަށް އޭނާގެ ނަސީބަށް ހިތުގައި ހަސަދަ ލެވެމުން ދިޔަކަން އެނގުނެވެ. އޭނާއަށް ލިބިފައިވާ ނަސީބު އަހަރެންނަށް ލެއްވި ނަމައޭ ހިތަށް އަރާ ކޮންމެ ފަހަރަކު ލަދުވެތިކަން އިހުސާސްކުރެވެއެވެ.
އަޝްވިންއަށް ނުވިސްނުނަސް އަހަރެންގެ ހިތުގައި ކަމަނައާ މެދު ދެކެވެނީ އެހެން ގޮތަކަށެވެ. ނަމަވެސް އެއީ ހަމަ އެކަނި އަހަރެންނަށް އިހުސާސްވާ އެއްޗެއް ނޫން ކަންނޭނގެއެވެ. ބައެއް ފަހަރު ކަމަނަ ތަންތަން ސާފުކުރުމުގައި އުޅޭ ވަގުތު ތަކުގައި އަހަރެންނަށް އެތަނަކަށް ވަދެވިއްޖެނަމަ ލަދުރަކި ގޮތަކަށް ހީލައިފައި އިސްޖަހައިލައެވެ. އަދި ތުންފަތުގައި މައުނަވީ ގޮތަކަށް ދައިގަނެއެވެ. ބައެއް ފަހަރު އަހަރެންނަށް މީހަކު ބަލައިކަން އިހުސާސްވެގެން ބަލައިލާ ހިނދު ކަމަނަ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުންނަތަން ފެނެއެވެ. އަދި އަހަރެން ބަލައިލުމުން ލަދުގަނެފައި އިސްޖަހައިލައެވެ.
އޭނާ އަހަރެންނާ ދިމާލަށް އެ ގޮތަށް އެ ބަލަނީ ކީއްވެގެން ކަމެއް އަހަރެންނަކަށް ޔަގީންކޮށް ބުނާކަށް ނޭނގެއެވެ. ބައެއް ފަހަރު އޭނާ އެގޮތަށް އަހަރެންނާ ދިމާލަށް އެ ބަލަނީ އޭނާގެ ފިރިމީހާއަށް ވުރެން އަހަރެން ސިފައިގެ ގޮތުން ރީތި ވީމާ ކަމަށް އަހަރެންނަށް ވިސްނެއެވެ. އެކަމަކު އެ ވިސްނުން ފުޅާކުރާކަށް އަހަރެންގެ ސިކުނޑި ތަނެއްނުދެއެވެ. އެއީ އަހަރެންނަށް އިހުސާންތެރިކޮށް ހިތާ މީހެއްގެ އަނތްބަކާ މެދު ވިސްނަން އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫނެވެ.
"ޒާން. ދެތިން ދުވަހަށް އެބަ ރިސޯޓަކަށް ޖައްސައިލަން ޖެހޭ. އަހަރުމެން ނެތަސް އޯކޭވާނެ ދޯ؟" އެގެއަށް ބަދަލުވިތާ އެއްމަސް ވިތަނާ އަޝްވިން އަހަރެންގެ ކައިރީގައި ބުންޏެވެ.
"ބަރާބަރުވާނެ،" އަހަރެން ބުނީމެވެ. ކުޑަ ދުވަސްކޮޅަކަށް ކަމަނަ ނުފެނި އުޅެން ލިބިއްޖެޔާ ނުނިމިފައި ހުރި މަސައްކަތްތައްވެސް ނިންމައިލެވޭނޭތީ އުފާވިއެވެ.
އަޝްވިން ނައްޓައިލި ދުވަހުގެ ހަވީރު އަހަރެން ކުޑަކޮށް ވިލިނގިލި ތެރެއަށް ނުކުމެލައި އެ ރަށުގެ ތަންތަން ބަލައިލާ ހެދީމެވެ. ގެއަށް އަންނަމުން އައީ އެތަނުގެ ކެފޭއަކުން ފްރައިޑް ރައިސެއް ހިފައިގެންނެވެ. ގެއަށް އައިސް ފެންވަރައިލައިގެން މަސައްކަތް ނިންމާލައިފައި ޑައިނިން ރޫމަށް ގޮސް ކާން ފެށީމެވެ. ކެއުމުގެ މެދުތެރެއިން ސިއްސައިގެން ދިޔައީ އިވުނު އަޑަކުންނެވެ. އެއީ ކަމަނަގެ ފައިގައި އަޅައިފައި އޮންނަ ގިގުނީގެ އަޑެވެ. ކެއުން ހުއްޓައިލައިފައި އެ އަޑަށް ސަމާލުކަން ދިނީމެވެ.
އެއީ އަހަރެންނަށް ހީވި ކުށް ހީއެއް ކަމަށް ގަބޫލުކޮށްފައި ކާން ފެށިތަނާ ކުއްލިއަކަށް އަހަރެންގެ ކައިރީގައި ރީތި ދޮން އަތެއް ފެންތަށްޓެއް ބަހައްޓައިލައި ދިނެވެ. ސިއްސައިގެން ގޮސްފައި ފަހަތަށް އެނބުރި ބަލައިލިއިރު ކަމަނަ ހެވިފައި ހުއްޓެވެ.
"ނުފުރަންތަ؟" އާގަންނަމުން އަހައިލީމެވެ.
"އެންމެ ފަހު ވަގުތު އަޝްވިން ބުނީ އަހަރެން ކައިރީގައި މަޑުކުރާށޭ، ޒާންއަށް އެކަނި މިގޭގައި އުޅެން އުނދަގޫވާނެއޭ،" ކަމަނަ ހީލައިފައި އައިސް އަހަރެންގެ ކުރިމަތީގައި އިށީނެވެ.
އޭނާ ބުނި އެތިން އަހަރެންގެ ހިތް ތެޅެން ފެށިއެވެ. މި ގޭގައި ތިބީ އަހަރެންނާ ކަމަނައާ އެކަނިކަން އެނގުމުން ބިރުގަތެވެ. އިތުރު އެއްވެސް މީހަކު ނެތެވެ. ކަމަނަ އިނީ އަހަރެންނާ ދިމާލަށް ހެވިފައި ބަލަހައްޓައިގެންނެވެ. އަހަރެން ބޭނުންވީ އަވަހަށް ކައިގެން އެތަނުން ތެދުވެގެން ދާށެވެ. ބަތްތަށި އަވަހަށް ކާން ފެށިތަނާ ކޮށި އަރައިފިއެވެ. ކަމަނަ ފުންމައިގެން ތެދުވެގެން އައިސް އަހަރެންގެ ބުރަކަށީގައި އަތްޖަހައިލިއެވެ. އޭނާގެ އަތްތިލަ ބީހުމުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުޑަކޮށް އެ އަތާ ދުރަށް ޖެހިލީމެވެ. އަދި ކައިރީގައި ހުރި ފެންތަށި ބޮއެ ހުސްކޮށްލައިފައި ތެދުވީމެވެ. އޭގެ ފަހުން އިސްޖަހައިގެން ހުރެ މައްޗަށް ދިޔައީމެވެ.
"އެއްވެސް ކަމެއް ބޭނުން ނަމަ އަހަރެންގެ ކައިރީގައި ބުނައްޗޭ،" އަހަރެން ދަނިކޮށް ކަމަނަ ބުންޏެވެ. އަހަރެން ބޯޖަހައިލައިފައި ނުބަލާ ހުރެގެން މައްޗަށް އަރައި ކޮޓަރިއަށް ވަދެ ދޮރު ލެއްޕީމެވެ.
އެރޭ އަހަރެންނަށް ނިދޭ ގޮތެއް ނުވިއެވެ. ވިސްނެނީއެވެ. ކަމަނަ އޮންނާނީ އަހަރެންގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގައި އެކަންޏެވެ. އޭނާ އޮންނާނީ ކޮން ކަހަލަ އެއްޗެއް ލައިގެންބާއޭ ވިސްނެނީއެވެ. އެ ވިސްނުމާ ހެދި އުނދަގޫވެގެން ބެލްކަނީގައި ހުރެގެން ބޮއެ ހުސްކުރެވުނީ ކިތައް ސިނގިރޭޓުކަމެއް ވެސް ނޭނގެއެވެ.
އެރޭ ގަޑިން ދޭއްޖެހިތަނާ ކަމަނަގެ ފައިގައި އޮންނަ ގިގުނީގެ އަޑު ބޭރުން އިވުނެވެ. ދުރުން ހިނގައިފައި އައިސް އަހަރެންގެ ކޮޓަރި ކައިރިއަށް އެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި ފަނޑުކޮށް އަހަރެންގެ ތަޅުގައި ހިފައިލި އަޑު އިވުނެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އޭނާ ކޮޓަރިން ނުކުމެގެން އަހަރެންގެ ކޮޓަރި ކައިރިއަށް އަންނަން ޖެހޭ ސަބަބެއް އޮވެގެން ނުވާނެއެވެ. ހަމަ އެކަނި ސަބަބަކީ އަހަރެންގެ ހިތުގައި އުތުރެމުންދާ ޖަޒުބާތުގެ އޮއެވަރުގައި އޭނާވެސް ޖެހިފައި ވުމެވެ.
އެ ހިޔާލު އަހަރެންގެ ސިކުނޑިން ނެރެވޭތޯ މަސައްކަތްކުރީމެވެ. އަދި ދެލޯ ތަގުޅިކޮށްގެން ބޭރުން އިވޭ އަޑަށް ސަމާލުކަން ދީގެން އޮތީމެވެ. އިރުގަނޑަކަށް ފަހު އަނެއްކާ އެ ފިޔަވަޅުތައް އެނބުރި އައި ދިމާލަށް ދިޔަ އަޑުއިވުނެވެ. ހިފައްޓައިގެން އޮތް ނޭވާ ބޭރަށް ދޫކޮށްލީމެވެ. ނާކާމިޔާބުކަމާ އެކީ މުޅި ރޭ އެއްކޮށް ފުރޮޅުމުގައި ހޭދަކުރީމެވެ.
އޭގެ އަނެއް ދުވަހު އަހަރެން ނުކުތް އިރު ކަމަނަ ހުރީ ސައި ހަދައިފައެވެ. އަހަރެންނާ އެކުގައި އޭނާވެސް ސައިބޯން އިށީނެވެ. އަހަރެންނާ ކޮންމެވެސް ވާހަކައެއް ދެއްކޭތޯ އޭނާ މަސައްކަތްކުރިއެވެ. އެކަމަކު އޭނާގެ އެއްވެސް ވާހަކައަކާ ގުޅުވައިގެން ކުރިފަޅައިގެން ދާ ގޮތަށް ވާހަކަ ދައްކާކަށް އަހަރެންނެއް ނަހަދަމެވެ. އަވަހަށް ސައިބޮއެގެން ގޮސް ކޮޓަރިއަށް ވަނީމެވެ. މުޅި ދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ. ކަމަނައަށް ފިލުމުގައެވެ. ކުޑަކޮށް ދެރަވެސް ވިއެވެ. ނަމަވެސް އޭނާއާ އެއްތަނެއްގައި އިނދެގެން ހެޔޮ ނިޔަތުގައި ގުޅުން ބަދަހިކުރުމުގެ ހިތްވަރެއް އަހަރެންގެ ކިބަޔަކުނެތެވެ.
އެރޭ ހަމަ ދޭއްޖެހިތަނާ އެ ކޮޓަރިން ކަމަނަ އެނާގެ ކޮޓަރިން ނުކުމެ އަހަރެންގެ ކޮޓަރީގެ ބޭރުގައި މަޑުކުރި އަޑު އިވުނެވެ. އަދި ތަޅުގައި ހިފި އަޑު އިވުނެވެ. އެއީ އަހަރެންނަށް ކުރެވުނު ކުށްހީއެއް ނޫނެވެ. އަހަރެން އެކަމަށް އިޖާބަ ނުދިނުމުން އިރުގަނޑަކަށް ފަހު އެ ފިޔަވަޅުތައް އަލުން އަނބުރާ އެކޮޓަރިއާ ދިމާލަށް ދިޔަ އަޑު އިވުނެވެ. އެރޭ ވެސް ފަތިސް ވަންދެން އަހަރެންނަށް ނިދޭ ގޮތެއް ނުވިއެވެ.
އޭގެ އަނެއް ދުވަސް އެއްކޮށް ހޭދަކުރީ ގެއަށް ނުވަދެއެވެ. ގެއަށް ވަނީ ހަވީރުއެވެ. ރޭގަނޑު ކެއުމުގައި ކަމަނަ އަހަރެންނާ ބައިވެރިވިއެވެ.
"މާދަމާ އަޝްވިން އެނބުރި އަންނާނެ. ޒާންއަށް ހުރިހައި ކަމެއް ކޮށްދެވުނީ ރަނގަޅަށް ދޯ؟" ކަމަނަ މަޑުމަޑުން އަހައިލިއެވެ. އަހަރެން ބޯޖަހައިލީމެވެ.
"އަހަރެންނަށް ވިސްނޭ ކޮންމެވެސް ސަބަބަކާ ހެދި ޒާން އަހަރެންނާ ވާހަކަ ދައްކަން ޖެހިލުންވާކަން. އަހަރެންނާ ހެދި އެއްވެސް އުނދަގުލެއް ވެފައިވާނަމަ އަހަރެންނަށް މާފުކުރާތި،" އޭނާ ބުންޏެވެ.
އެ އަޑުގައި ހުރި ޖަޒުބާތު އިހުސާސްވެފައި އަހަރެން ސިހުނެވެ. އަދި ކަމަނަގެ މޫނަށް ބަލައިލެވުނެވެ. އޭނާ އިނީ ކަޅި ޖަހައިނުލައި އަހަރެންނަށް ބަލަހައްޓައިގެންނެވެ. އެހެން ނޫނީ އަހަރެންނާ ހަތަރުކަޅި ހަމަވުމުން އިސްތިރިކުރާ އުސޫލުން އިސްޖަހާލައިކަށް ނަހަދައެވެ. އެންމެ ފަހުން ތިރިޔަށް ބަލަން ޖެހުނީ އަހަރެންނެވެ.
އެރޭ ކައި ނިންމައިފައި ކޮޓަރިއަށް ވަދެ ކާ މޭޒުކައިރީގައި ހިނގި ހިނދުކޮޅަށް ވިސްނައިލެވުނެވެ. އޭނާގެ ލޮލުން އެ ފެނުނީ އޭނާގެ ފިރިމީހާގެ ރަހުމަތްތެރިޔަކާ ދޭތެރޭ އޮންނަ ކަހަލަ ޖަޒުބާތެއް ނޫނެވެ. އެ ބެލުން ފުރިފައިވަނީ އެދުމުންނެވެ. ހިތާއި ނަފުސު އެ އެދުމުގައި ފަނާވެގެން ދާން ބޭނުންވާ އެދުމެވެ. އެރޭ އަހަރެންގެ ސިކުނޑިން އެ ހިނދުކޮޅެއް ނުދިޔައެވެ. ކަމަނަވެސް އެހާ ބޭނުންވެފައިވާ އިރުގައި ކުޑަ ހިނދުކޮޅަކަށް އެ އެދުމުގައި ދެވޭނޭ ހިސާބެއް ބަލައިލުމަކުން މާ ބޮޑު ގޯހެއް ވެދާނޭ ބާއެވެ.
ކުށްވެރިޔަކީ އަޝްވިންއެވެ. އޭނާގެ އަނބިމީހާ ހިލޭ ފިރިހެނަކާ އެކުގައި ގެއެއްގައި އެކަނި ބަހައްޓައިފައި ދިޔައީ ކީއްވެ ހެއްޔެވެ؟ މިއީ އަޝްވިންގެ މައްސަލައެވެ. އަޝްވިން މީހުންނަށް މާބޮޑަށް އިތުބާރުކުރާ މައްސަލައެވެ.
ގަޑިން އެކެއް ޖެހިތަނާ އަހަރެންގެ ސިކުނޑިން ގޮތެއް ނިންމައިފީމެވެ. އަހަރެން އަމިއްލައަކަށް ކަމަނަ ހޯދައިގެން މި އިހުސާސްކުރެވޭ އެތި ހޯދާކަށް މަސައްކަތެއް ނުކުރާނަމެވެ. ނަމަވެސް، ކަމަނަ އަހަރެންނަށް އެދިގެން އައިސްފިނަމަ އަހަރެން އިންކާރެއް ނުކުރާނަމެވެ. އެ ވިސްނުމުގައި ގޮސް ދޮރުގެ ތަނޑު ނައްޓައިލީމެވެ. އަދި މަޑުމަޑުން އައިސް އެނދުގައި އޮށޯވެލައިގެން ގަޑިއަށް ބަލަހައްޓައިގެން އޮތީމެވެ.
ގަޑިން ދޭއް ޖެހިތަނާ ކަމަނަގެ ގިގުނީގެ އަޑު އަހަރެންގެ ކޮޓަރިއާ ދިމާލަށް އައި އަޑުއިވުނެވެ. އެ އަޑު އަހަރެންގެ ދޮރުކައިރިއަށް ހުއްޓުނީމައި އަހަރެންގެ މޭތެޅެން ފެށިއެވެ. ބޭރުން ދޮރުގައި ހިފައިލައި އަނބުރައިލި އަޑު އިވުނެވެ. އަހަރެން ލޯމަރައިލީމެވެ.
ދެން ލޯ ހުޅުވައިލި އިރު ދޮރުމަތީގައި ކަމަނަ ހުއްޓެވެ. ކޮޓަރީގައި ދިއްލައިފައިވާ ފަނޑުބޮކީގެ އަލި އޭނާ ލައިގެން ހުރި ތުނި ރަތްކުލައިގެ ފަށުވި ހެދުމުގެ ތެރެއިން އޭނާގެ ވަނާތައް ސާފުކޮށް ފެނެއެވެ. އޭނާގެ ދިގު އިސްތަށިގަނޑު ރާޅުބާނިތަކެއްގެ ސިފައިގައި އޭނާގެ ހަނދެއް ފަދަ މޫނު ވަށައިލައި ބޮސްދެނީއެވެ. އަހަރެން ލޯ ހުޅުވައިލިތަން ފެނުމުން އޭނާ އިސްޖަހައިލިއެވެ.
އަހަރެންނަކަށް ކެތެއް ނުވިއެވެ. ތެދުވެގެން ހިނގައިފައި ގޮސް އޭނާގެ ކުރިމައްޗަށް ހުއްޓުނީމެވެ. އަހަރެން ތުރުތުރު އަޅައެވެ. މޭމައްޗަށް އޭނާގެ ހޫނު ނޭވާ އެޅެން ފެށުމުން ދެން ވީގޮތެއް ވެސް ނޭނގުނެވެ. އުފުއްލައިލައިގެން އައިސް އެނދުމަތީގައި ބޭއްވީމެވެ. އެ ހުރިހައި ދުވަހަކު ގަދަކަމުން އޮއްބަމުން ދިޔަ ޝަހުވަތުގެ އެދުންތައް ކަމަނަގެ ހަށިގަނޑުގެ އެތަން މިތަނަށް އޮއްސައިލީމެވެ.
އެރޭ ފަތިސް ވަންދެން އެކަކު އަނެކަކުގެ ގަޔާ ލާމެހިފައިވާ ހާލު އަހަރުމެން ހޭދަކުރީމެވެ. ވެފައިވާ ވަރުބަލީގައި ކުޑަ ހިނދުކޮޅަކަށް މަޑުޖައްސައިލައި ކަމަނަ އަތުތެރެޔަށް ލައި ބޮނޑިކޮށްލައިގެން އޮއްވާ ނިދުނެވެ. ހޭލެވުނު އިރު ކަމަނައެއް ނެތެވެ. އެ ވަގުތު ކުރެވުނު ކަންތަކާ މެދު ވިސްނަން ފެށުނެވެ. ނަމަވެސް ވެފައިވާ ވަރުބަލީގެ ސަބަބުން އަނެއްކާވެސް ނިދުނީއެވެ.
އޭގެ އަނެއް ދުވަހު އަހަރެން ފެންވަރައިލައިގެން ބޭރަށް ނުކުމެ ކާ މޭޒުކައިރީގައި ކޮފީއެއް ހަދައިގެން ޖައްސައިލި ވަގުތު ގޭގެ ބޮޑުދޮރު ހުޅުވައިލި އަޑުއިވުނެވެ. އަޝްވިންކަން އެނބުރި އައީކަން އެނގުމުން އަހަރެންނަށް ކުރެވުނު ކުށް އިހުސާސްކުރެވެން ފެށުނެވެ. އަޝްވިންއަށް ދައްކާނީ ކޮން މޫނެއް ބާއެވެ؟
"ކޮބާ ކަމަނާ. މަ ބުނީމެއްނު އޭނާ އޯކޭވާނޭ. އޭނީ އެކަނިމާއެކަނި ހޭލައިގެން ކޮފީތަށްޓެއް ހަދައިލައިގެން،" އަޝްވިން ބުނިއެތިން ސިހިފައި މައްޗަށް ބަލައިލީމެވެ. އޭނާ ކައިރީގައި ކަމަނަވެސް ދަތުރުގެންދާ ދަބަހެއް އަޅުވައިގެން ހުރިތަން ފެނިފައި ހައިރާންވިއެވެ.
"ކީކޭ ތިބުނީ؟" އަހަރެންނަށް އޮޅުންއަރަން ފެށިއެވެ. އަޝްވިންގެ ވާހަކައިން ހީވަނީ ކަމަނަ އޭނާއާ އެކުގައި ރިސޯޓަށް ގޮސްގެން އުޅުނުހެންނެވެ. އަހަރެންގެ ނަޒަރު އޭނާގެ ކައިރީގައި އިސްޖަހައިލައިގެން ހުރި ކަމަނައަށް ހުއްޓުނެވެ. އޭނާގެ މޫނުމަތިން އަވީގައި ޖެހިގެން އަނދައިފައިވާކަމުގެ ނިޝާންތައް ފެންނަން ހުރުމުން އަޖައިބުވިއެވެ.
"ޒާން އެކަނި ބަހައްޓައިފައި ދާން ޖެހޭތީ ވަރަށް ކަންބޮޑުވެގެން ކަމަނަ އުޅުނީ. ކިޔައި އާދޭސްކޮށްގެން ގަދަކަމުން ގެންދަން ޖެހުނީވެސް. އެތާނގައި ހުރި އިރު އިރުކޮޅުކޮޅާ ޒާންގެ ހާލު ބަލައިލަބަލާށޭ، ކައިގެންތޯ އަހާ ބަލާށޭ ކިޔާވަރުން ބޮލުގައި ރިއްސާ،" އަޝްވިން ފޮށިތައް ބަހައްޓައިފައި އައިސް އަހަރެންގެ ގާތުގައި އިށީނެވެ. ކަމަނަ ލަދުން ހެވިފައި ހުރެގެން މައްޗަށް އަރައިގެން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
ބުނާނޭ އެއްޗެއް ނޭނގިފައި މަޑުމަޑުން އިނދެވުނެވެ. އަޝްވިންއާ އެކުގައި ކަމަނަ ދިޔަކަމުގައި ވެއްޖެނަމަ މިގޭގައި އަހަރެންނާ އެކުގައި ހޭދަކުރީ ކާކު ހެއްޔެވެ؟ ރޭގައި އަހަރެންނާ އެކުގައި ލޯބިކުރުމުގައި ފަތިސް ވަންދެން ހޭދަކުރީ ކާކު ހެއްޔެވެ؟ އަޝްވިން ދަތުރުގެ ވާހަކަ ދައްކަމުން ދިޔަ ގަޑީގައި އެކަމާ މެދު އަހަރެން ވިސްނާ ފިކުރު ކުރީމެވެ.
އެންމެ ފަހުން ވޭތުވެދިޔަ ތިން ދުވަހުގެ ތަޖުރިބާއަކީ އަހަރެންގެ ހިތުގައި ލެވިފައިވާ އެދުމުގެ ބޮޑުކަމުން ފެނުނު ހުވަފެނެއް ކަމުގައި ނިންމީމެވެ. އެއީ މޮޔަ ސިކުނޑި އަހަރެން ހައްލައިލި ހައްލައިލުމެކެވެ. އެ ހިނދު ސިކުނޑިއަކީ ހާދަ ވަރުގަދަ އެއްޗެކޭ ހިތަށް އެރިއެވެ. އަދިވެސް އަހަރެންގެ ހަށިގަނޑުގައި ފާއިތުވި ރޭ އުތުރިގެން އެރި ޖަޒުބާތުތަކުގެ އަސަރު ފިލައިގެން ނުދެއެވެ. ނަމަވެސް އެއީ ބިލާހެއްކަން ވިސްނި ހަގީގަތުގައިވެސް އަތުންފައިން ގޯހެއް ހެދިފައި ނުވާތީ އުފާވެފައި އަހަރެން މައްޗަށް ގޮސް ކޮޓަރިއަށް ވަނީމެވެ. އަދި ކުޑަ ހިނދުކޮޅަކަށް އެ ހުރިހައި ކަމަކާ މެދު ވިސްނައިލަން އެނދުގައި އޮށޯވެލީމެވެ.
އެ ހިނދު އެނދުމަތީގައި އޮތް އެއްޗެއް އަހަރެންގެ ފައިގައި ޖެހުނެވެ. ތެދުވެ އެއީ ކޯއްޗެއްތޯ ބަލައިލި ވަގުތު އަހަރެންގެ މޭގަނޑު އަނގަޔަށް އަޔެވެ. އެއީ ކަމަނަގެ ފައިގައި އަޅައިފައިވާ ގިގުނިފަތިތަކުގެ ތެރެއިން އެއް ގިގުނިފައްޗެވެ! ހަމަ އެވަގުތު ކޮޓަރި ދޮރުމަތީގައި މީހަކު ހުރިކަން އެނގިގެން ބަލައިލީމެވެ. ދޮރުމަތީގައި ހުރީ ކަމަނައެވެ. އޭނާގެ މޫނުމަތީގައި ހިނިތުންވުމުގެ އަސަރެއް ނެތެވެ. އޭނާގެ ލޯ ހުއްޓިފައި ހުރީ އަހަރެންގެ އަތުގައި އޮތް ގިގުނިފައްޗާ ދިމާލަށެވެ.



advertisment