Support Us

ވާހަކަ: ހިތް އެދޭތީ- 19

"މިގޭގައި އުޅޭ ކުއްޖެއް… އަހަންނަށްވެސް އޭނާގެ ނަން ހޯދިދާނެ… ދެން ކޮއްކޮ ދިޔަސް އެންމެ ރަނގަޅު،" ސަޒާން ހަމަ އަސްލުވެސް ރުޅިއައެވެ.

"ރަނގަޅަށް ބުނޭ! އޭރުން ދާނީ… އަޅައިގަތީތަ؟" ކޮޓަރިން ބޭރަށް ނުކުންނަން އުޅެފައި ސީޒާ ހުއްޓުނެވެ.

"ކޮއްކޮ ބޭނުމީ އަހަރެން ލައްވާ އާނއެކޭ ބުނުވަންދޯ؟… އާނ ހަމަ ރަނގަޅަށްވެސް އަހަރެން އޭނާއާ އަޅައިގަނެފި،" ސިނާޒް އަޑުގައި ހަރުކަށިކަމެއް އެކުލެވިފައި ހުއްޓެވެ. އަޑު ކުޑަކޮށް ބާރުވެސް ވިއެވެ.

"މާތްކަލާކޯ… އަހަރެންގެ ބޭބެ ރަނގަޅަށް އިޝްގުގައި ޖެހިއްޖެ… ކިހާވަރަކުން ދާނެބާ؟" ސީޒާ ހެމުންހެމުން ނުކުންނަން ދިޔައެވެ.

"ދެންވެސް މިތަނުން ދާން އުޅޭ… އެހެން ނޫނީ…" ސިޒާން ބާލީސް ނެގިއެވެ. އެތަން ފެނުމުން ސީޒާ އަވަހަށް ނުކުމެ ދޮރުފަތް ލައްޕާލިއެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ. އެ ދުވަހުގެ އިރުން ދުނިޔެއަށް އުޖާލާކަން ގެނުވާ ކަހަލައެވެ. އުޑުމަތި ސާފެވެ. ހޫނު ގަދަ ދުވަހެކެވެ. ގަޑިން ހެނދުނު ދިހައެއް ޖެހީއެވެ. ނަދުވާ އާއި ސިޒާ ހެނދުނުގެ ސަޔަށް އިންސާފުކުރަމުން ދިޔައެވެ. ސިޒާން އެތަނަށް އައިސް ވަނީ އެ ވަގުތުއެވެ. ސިޒާން ވަނުމާއެކު މަޑުން ނުހުރެވިގެން ސީޒާ ވާހަކަ ދައްކަން ފެށިއެވެ.

"އެންމެން ސައިބޯ ނިންމާއިރުވެސް ބޭބެއަށް ނާދެވުނުދޯ؟ މިއަދު ހާދަ ލަހުން ތިޔަ ހޭލީ. ރޭގައި ރަނގަޅަށް ނުނިދަނީދޯ؟" ސީޒާގެ އަޑުގައިވަނީ މަލާމާތުގެ އަސަރެވެ.

"ކީއްކުރާނީ؟ މިއަދު ވީގޮތް ދެން އެކުން އަނގަގަދަނުކޮށް ސައި ހަދާދީބަލަ. ބަޑުހައިވެއްޖޭ.." ސިޒާން ރުޅިއަންނަ ގޮތް ދައްކާލިއެވެ.

"ބޭބެއަށް ސައި ހަދާދީބަލަ… އެބަ އަންނަން،" ނަދުވާ ކައިރީ މިހެން ބުނުމަށްފަހު ސީޒާ އަވަސް އަވަހަށް އެތަނުން ނުކުމެއްޖެއެވެ.

މޭޒުގެ އެއްފަރާތުގައި ހުރެގެން ނަދުވާ ސައި ހަދައިދޭން ފެށިއެވެ. ސައިހަދަމުން ނަދުވާ އިރުކޮޅަކާ ސިޒާނާ ދިމާއަށް ބަލާލައެވެ. ނަދުވާ ބަލާލާ ކޮންމެ ފަހަރަކު ސިޒާން އިންނަނީ އޭނާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

ސިޒާން މާވަރަކަށް ބަލަހައްޓައިގެން އިނުމުން ނަދުވާއަށް ވަރަށް އުނދަގޫވިއެވެ. އެހެންކަމުން އަވަސްއަވަހަށް ސައި ހަދައިދިނުމަށްފަހު އެތަނުން ދިއުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ހުށިޔާރުވެގެން ހުރި ސިޒާން އަވަސްއަވަހަށް ނަދުވާގެ އަތުގައި ހިފިއެވެ.

"އަހަންނަށް ކިޔަނީ ސިޒާން… މީނައަށް ކިޔަނީ ކޮންނަމެއް؟" ވަރަށް މަޑުމަޑުން ސިޒާން އަހައިލިއެވެ. ހީވަނީ އެހެން މީހަކަށް އިވިދާނެތީ އުޅުނު ހެނެވެ.

"ހެޔޮނުވާނެ. އަހަރެން އަތުން ދޫކުރޭ. ދައްތަމެން މީހަކަށް މިތަން ފެނިއްޖެނަމަ… ކީކޭ ހިތަށް އަރާނީ ޕްލީޒް،" ހުޅުވިފައިވާ ދޮރާދިމާއަށް ބަލާލަމުން ނަދުވާ އާދޭސްކުރަމުން ދިޔައެވެ. އޭނާ ދޫކޮށްލުމަށެވެ.

"މަންމަ އަޔަސް ވަރިހަމަ… ނަން ބުނީމަ ދޫކޮށްލާނީ،" ސިޒާން ގަދަކޮށްލިއެވެ. އޭނާގެ ކެރޭކަން ހާމަކޮށްލުމަށެވެ.

"އަހަންނަށް ކިޔަނީ… ނަދުވާ،" އިސްދަށަށް ޖަހައިގެން ހުރެ ނަދުވާ ޖަވާބުދިނެވެ. އެނޫން ގޮތެއް ނެތްކަން އެނގުމުންނެވެ.

"އޯ… ނަދުވާ… ނަދޫ… ސަޅި ނަމެއް… ތިޔަ ރީތި ބައްޓަމާއި ޖާދުވީ މޫނާ އެއްވަރަށް ނަންވެސް ރީތި،" ކަޅި ޖަހާނުލައި ނަދުވާ އަށް ބަލަން ހުރެފައި ސިޒާން ތައުރީފްގެ ބަސްތައް އޮއްސާލިއެވެ.

"ނަންވެސް ބުނެވިއްޖެ… ދެންވެސް އަހަރެންގެ އަތުން ދޫކޮށްލާ،" ނަދުވާގެ އަޑަށް ސިޒާން ސިހިފައި ނަދުވާގެ އަތުން ދޫކޮށްލިއެވެ. އެއާއެކު، ލަދުގެންފައި ހުރި ނަދުވާ ދުވެފައި އެތަނުން ނުކުތެވެ.

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އުދެރެހާ އަލްވަދާއު ކީތާ ކުޑަ ހިނދުކޮޅެއް ވެއްޖެއެވެ. އަނދިރީގެ ސާލު މަޑުމަޑުން ދުނިޔެއަށް ރަސްކަން ކުރުމަށް ތައްޔާރުވަމުންދާ ފެށިއެވެ. އެކި ކުލަކުލައިގެ ބޮކިތަކުން ޒަމާނީހިޔާ ދިއްލިއަޅަން ފެށިއެވެ. މުޅި ގެއާއި ގޯތިތެރެ ވަނީ ޒީނަތްތެރިކޮށްފައެވެ. އާދަނާއި މަރީނާގެ ހުރި ހަމައެކަނި ދަރިފުޅު ސިމާމުގެ އަލަތު ކައިވެންޏަށްޓަކައެވެ. ސިމާމު ހުރީ މިއަދު އުފަލުން ފޮޅިފައެވެ. އޭނާގެ އުންމީދީ ލޯބިވެރިޔާ، ދީނާ އޭނާގެ މިލްކަކަށް ހެދުނީމައެވެ. އެ ދެ ކުދިންގެ ހަޔާތަށް މިއައި އުފާވެރިކަން ދެ ފަރާތުގެ އާއިލާއިންވެސް ބޭނުންވީ އެންމެ ކުލަގަދަކޮށް ފާހަގަކުރާށެވެ. އެހެންކަމުން ރައްޓެހި ރަހުމަތްތެރިންގެ އިތުރުން ރަށުގެ ގިނަ ބަޔަކަށް ވަނީ ދައުވަތު ދީފައެވެ.

ގަޑިން ރޭގަނޑު އަށެއް ޖެހުމާއެކު ދައުވަތު ދެވުނު މީހުންގެ ތެރެއިން ދެ ޖިންސުގެ އެކި އުމުރުފުރައިގެ މީހުން ޕާޓީއަށް އަންނަން ފެށިއެވެ. ސިމާމު އާއި ދީނާ އެމީހުންނަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދުގައި މެހްމާނުންނަށް މަރްހަބާ ކިޔުމަށް ހުއްޓިގެން ތިއްބެވެ.

"ހާދަލަހުން ތިއައީ؟… މިހާރު ޕާޓީވެސް ނިމެން އުޅެނީ،" ނަދުވާ އައިލެއް ލަސްކަމުން ދީނާ ޝަކުވާކުރިއެވެ.

"ހަމަ ގަސްތުގައި ލަސްކޮށްލީއޭ… މިއަދު ދީނާ ހީވާނީ މާރީތިހެން… ހާދަ ހެޕީވެފައޭ،" ސިއްރުސިއްރުން ދީނާގެ ކަންފަތްދޮށުގައި ނަދުވާ ބުނެލިއެވެ.

"މީހުންވެސް އަންނަލެއް މަދުވެއްޖެއެއްނު… އެބައަންނަން،" މިހެން ބުނަމުން ސިމާމު ހިނގައިގަތެވެ.

"ކޮންތާކަށް؟" ސިމާމު ދާންފެށުމުން ދީނާ އަހައިލިއެވެ.

"ޒައިން ކައިރިއަށް… ވަރަށް އަވަހަށް އެބަ އަންނަމޭ،" ސިމާމު ދިޔައީ އޭނާގެ ބެސްޓް ފްރެންޑް ޒައިންގެ ކައިރިއަށެވެ.

"މިއޮތީ ފުރުސަތެއް… މި ފުރުސަތުގެ ބޭނުން ހިފާބަލަ،" ސިމާމު ޒައިންގެ ކޮނޑުގައި ޖަހާލިއެވެ.

"އަހަންނަކަށް ނުކެރޭނެ… ދީނާވެސް އެތާ އެބަހުރި،" ޒައިން ޖެހިލުން ވަނީއެވެ. ނަދުވާ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ފަހަރެއްގައި ނޯ ޖަހާފާނެތީއެވެ.

"އަހަންނަކަށް ނޭނގެ ޒައިން ތިހާ ފިނޑިވީ ކޮން ދުވަހަކު ކަމެއް… އަހަރެން އަހަންތަ؟" ސިމާމު ހެމުން ބުންޏެވެ.

"ނޫން.. ނޫން.. އަޅެ ސިމާމު ނުބުނާތި." ޒައިންއަށް ތެޅިގަނެވުނެވެ. އޭނާއަށް ހުރެވުނު ތަންވެސް ރޭކާލީ ފަހުންނެވެ.

"ޒައިންއަށް ބުނާން ކެރުނީއެއްނޫން… ދެން އަހަރެން ތިކަން ކޮށްދިނީއްޔާ ކީއްތަ ވާނީ؟ ޒައިން ބޭނުމިއްޔާ ދީނާ ލައްވާ ނަދުވާއާ ވަކިން މީޓިންނެއްވެސް ހަމަޖައްސާލަ ދީފާނަމޭ."

"އަދި ނުވޭ އަވަސް އަރުވާލައިގެން އުޅޭވަރެއް… ކޮންމެވެސް ރަނގަޅު ދަނޑިވަޅެއްގައި އަހަރެންވެސް ބުނާނަން… ކެތްކޮށްބަލަ،" ސިމާމުގެ ކޮނޑުގައި އަތް ބާއްވާލަމުން ޒައިން ހީލިއެވެ.

"ދީނާ ކައިރީ އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި،" ސިމާމު ދިއުމުން ނަދުވާ ވާހަކަ ދައްކަން ފެށިއެވެ. ނަދުވާގެ ވާހަކައަށް ދީނާ ވަރަށް ޝައުގުވެރިވިއެވެ.

"ކޮން ވާހަކައެއް؟… ބުނީމަތާ އެނގޭނީ،" ނަދުވާ ބުނަން އުޅޭ ވާހަކަ އަޑުއަހާހިތުން ކެތް މަދުވެފައި ހުރި ދީނާ އެހިއެވެ.

"އަހަރެން މިއުޅޭ ގޭގައި… ވަރަށް ސްމާޓް ކުއްޖެއް އެބަ އުޅޭ… އޭނާ އުޅޭގޮތުން ހީވަނީ އަހަންނާ ލައިކްވެގެން އުޅޭހެން… ވަރަށް ސަޅި ބިޓެއް އެއީ،" ނަދުވާ ވާހަކަ ދެއްކީ ދީނާއާއެވެ.

"ހީވަނީ… ރައްޓެހިވާން ނާހާތަ؟… ދެން ތިކަން ވޭތޯ ބަލަންވީނު… ނަދުވާ ލޯބި ވޭތަ؟"

ދީނާ އޮޅުންފިލުވިއެވެ.

"އާނ… މަށަށް ހީވަނީ މަށަށްވެސް އޭނާ ދެކެ ލޯބި ވެވެނީހެން… އެކަނި ވެއްޖެ ނަމަ ކުރެވެނީ އެ ޚިޔާލު،" ނަދުވާ ހީލިއެވެ.

"އެހެން… މާބޮޑަށްވެސް އޭނައަށް ލެނބިފަ ތިހުރީ،" ދީނާ ހީލިއެވެ. އެ ހުނުމުގައި ނަދުވާވެސް ބައިވެރިވެލިއެވެ.

"އެ އަންނަނީ ސިމާމު… އަދި އެކަކު ކައިރީވެސް މިވާހަކަ ނުދައްކާތި… ސިމާމު ކައިރީގަވެސް ނު ބުނައްޗޭ!" ނަދުވާ އެދުނެވެ. ދީނާ އެއްވެސް މީހެއް ކައިރީ އެވާހަކަ ނުބުނަން ކަމަށް އަހުދުވިއެވެ.

(ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *