އެމެރިކާގެ ދެކޮޅުވެރިކަން ކުރިމަތީގައި އެއްބާރުލާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން މިއަދު ބުނެފިއެވެ.
ދެ ލީޑަރުން މިހެން ވިދާޅުވީ އުތުރު ކޮރެއާއަށް ޝީ އިއްޔެ ފެއްޓެވި ދެ ދުވަހުގެ ރަސްމީ ދަތުރެއްގައި ކިމްއާއެކު ރޭ ބޭއްވެވި ސަމިޓެއްގައެވެ.
ހަތް އަހަރަށްފަހު ޝީ އުތުރު ކޮރެއާއަށް ކުރައްވާ ފުރަތަމަ ދަތުރުގައި ވަނީ ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރާނެ ކަމަށާއި އުތުރު ކޮރެއާއަށް އެހީވާނެ ކަމަށް ވިދާޅުވެފައެވެ.
"އެމެރިކާގެ ދެކޮޅުވެރިކަމާ ކުރިމަތިލުމުގެ ރޫހު ދެ ގައުމުން ދަމަހައްޓައި، އުތުރު ކޮރެއާއަށް ޗައިނާއިން އެހީވާން ނިންމި،" ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.
ދުނިޔެ ނުތަނަވަސްކަމަށް ހުށަހެޅިފައިވާ މި ދަނޑިވަޅުގައި ދެ ގައުމުގެ ދެ ގޮތެއް ނުވާ ރަހްމަތްތެރިކަން ފާހަގަކުރާ ކަމަށާއި އެއް ގައުމުން އަނެއް ގައުމުގެ މަސްލަހަތާއި ސަލާމަތްތެރިކަން ހިމާޔަތްކުރާނެ ކަމަށް ދެ ލީޑަރުން ވިދާޅުވިއެވެ. އެ ގޮތުން ޓައިވާނަކީ މިނިވަން ދައުލަތެއް ގޮތަށް އެމެރިކާއިން ރަސްމީ ގޮތުން ބަލައިނުގަނެ އެހެނަސް ޓައިވާނަށް އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިނަސް، ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޝީގެ އަރިހުގައި ކިމް ވިދާޅުވިއެވެ.
"އަހަރެންގެ މި ޒިޔާރަތުން ސާފުކޮށް ދޭހަކޮށްދެނީ އުތުރު ކޮރެއާ އާއި ޗައިނާގެ ގުޅުމަކީ ވަކިކޮށްނުލެވޭނެ ގުޅުމެއްކަން،" ޝީ ވިދާޅުވިއެވެ.
"ޝީ އުތުރު ކޮރެއާއަށް ކުރައްވާ ދަތުރުން ދޭހަވަނީ ދެ ގައުމުން އަބަދުވެސް ތިބީ އެކުއެކީގައި ތާރީހުގެ ރަނގަޅު ފަރާތުގައި މިނިވަންކަމާއި އިންސާފުގެ މަގުގައިކަން،" ކިމް ވިދާޅުވިއެވެ.
ދެ ލީޑަރުންގެ ސަމިޓުގައި އުތުރު ކޮރެއާގެ ނިއުކްލިއަ ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކައެވެ.
އުތުރު ކޮރެއާގެ ނިއުކްލިއަ ހަތިޔާރު ޕްރޮގްރާމް އާދަޔާހިލާފަށް ބޮޑަށް ފުޅާކުރާނެ ކަމަށް ކިމް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެ ކަމާ ގުޅިގެން އެމެރިކާ އާއި އެމެރިކާގެ ރަހްމަތްތެރި ގައުމުތަކުން ކިމްގެ ނިންމެވުމަށް ހަރުކަށިކޮށް ފާޑުކިޔެވެ. އެ ގައުމުތަކުން ބުނީ ކިމްގެ ނިންމެވުމުގެ ސަބަބުން އިރުމަތީ އޭޝިއާގައި އިތުރަށް ނުތަނަވަސްކަން އުފެދޭނެ ކަމަށާއި ސަރަހައްދުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށެވެ.
ކިމް 2018 އާއި 2019 އާ ދޭތެރޭ ޗައިނާއަށް ހަތަރު ފަހަރު ޒިޔާރަތްކުރައްވައި ގިނަ އަދަދަކަށް ޝީއާ ބައްދަލުކުރައްވައިފައިވެއެވެ. އެއީ ފަހުން ހުއްޓުމަކަށް އައި، އެއިރު އުތުރު ކޮރެއާއިން އެމެރިކާއާއެކު ބާއްވަމުން ދިޔަ އުތުރު ކޮރެއާގެ ނިއުކްލިއަ ޕްރޮގްރާމާ ގުޅޭ ވާހަކަތައް ކުރިއަށްދިޔަ ދުވަސްވަރުއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން ދާދި ފަހުން ހަފުތާއެއްގެ ތެރޭގައި ވަނީ ޗައިނާއަށް ވަޑައިގަން ޝީއާ ބައްދަލުކުރައްވައިފައެވެ.



advertisment