Support Us

ނިއުކްލިއަ މާއްދާތަކާ ބެހޭ ފެކްޓްރީއެއް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން (ކ) މި ދިޔަ ބުދަ ދުވަހު ބައްލަވައިލައްވަނީ

ނިއުކްލިއަ ހަތިޔާރު ޕްރޮގްރާމް އުތުރު ކޮރެއާއިން އިތުރަށް ފުޅާކުރަނީ

ނިއުކްލިއަ ހަތިޔާރު ޕްރޮގްރާމް އިތުރަށް ފުޅާކުރަން އުތުރު ކޮރެއާއިން ނިންމައިފިއެވެ.

"އަހަރެމެންގެ ނިއުކްލިއަ ޕްރޮގްރާމް އާދަޔާހިލާފަށް ބޮޑަށް ފުޅާކުރަން ޖެހޭ. އެއީ އަހަރެމެންނާ ވާދަވެރި ގައުމުތަކުން ކުރިމަތިކުރަމުންދާ އަސްކަރީ ބިރުތަކާ ކުރިމަތިލުމަށް،" އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވިއެވެ.

އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނީ ކިމް މި ގޮތަށް ވިދާޅުވީ ނިއުކްލިއަ މާއްދާތައް އުފައްދާ އާ މަރުކަޒެއް ބައްލަވައިލައްވަމުން ކަމަށެވެ.

"އުތުރު ކޮރެއާގެ ނިއުކްލިއަ ގާބިލުކަން ވަކި ހައްދެއް ނެތި ތަރައްގީކުރަން ޖެހޭ. އެއީ އެންމެ ވަރުގަދަ ދުޝްމިން ބާރުތަކާ ކުރިމަތިލުމަށްޓަކައި،" ކިމް އިތުރަށް ވިދާޅުވިއެވެ.

އުތުރު ކޮރެއާގެ ނިއުކްލިއަ ހަތިޔާރު އުފެއްދޭނެ ގާބިލުކަމަށް ބޭނުންވާ މާއްދާތައް ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އުފެއްދި ސައިންސްވެރިންނަށާއި މަސައްކަތްތެރިންނަށް އޭނާ ތައުރީފުކުރެއްވިއެވެ.

އެމެރިކާ އާއި އެމެރިކާގެ ރަހްމަތްތެރި ގައުމުތަކުން ކިމްގެ ނިންމެވުމަށް ހަރުކަށިކޮށް ފާޑުކިޔެވެ. އެ ގައުމުތަކުން ބުނީ ކިމްގެ ނިންމެވުމުގެ ސަބަބުން އިރުމަތީ އޭޝިއާގައި އިތުރަށް ނުތަނަވަސްކަން އުފެދޭނެ ކަމަށާއި ސަރަހައްދުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށެވެ.

އެމެރިކާއާއެކު އުތުރު ކޮރެއާއިން 2018 އާއި 2019 އާ ދޭތެރޭ ބޭއްވި، އުތުރު ކޮރެއާގެ ނިއުކްލިއަ ޕްރޮގްރާމާ ބެހޭ ވާހަކަތައް ނިމުނީ ކޮޅެއްގައި ނުޖެހިއެވެ. ސިޔާސީ ދިރާސާވެރިން ބުނީ އުތުރު ކޮރެއާގެ ނިއުކްލިއަ ޕްރޮގްރާމް އިތުރަށް ފުޅާކުރަން ކިމް އެންމެ ފަހުން މި ގޮވައިލެއްވި ގޮވައިލެއްވުމުގެ ބޭނުމަކީ އުތުރު ކޮރެއާއަކީ ނިއުކްލިއަ ބާރެއް ކަމަށް ދުނިޔެއިން ބަލައިގަންނަން ބޭނުންވެ ވަޑައިގަތުން ކަމަށް ވެދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *