Support Us

އީރާންގެ އިންޖީންގެތަކަށް ހަމަލާދިނުން އެމެރިކާއިން އެޕްރިލް 6 އަށް ފަސްކޮށްފި

ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ހުރިހާ ގައުމަކަށް އީރާނުން ހުޅުވައިނުލައިފިނަމަ އީރާންގެ އިންޖީންގެތަކަށް ހަމަލާދޭނެ ކަމަށް ބުނި ސުންގަޑި އެމެރިކާއިން އިތުރުކޮށް، އެ ފަދަ ހަމަލާތަކެއް ދޭނީ އަންނަ މަހު ހައެއްގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އީރާނުން ދޮގުކުރި ނަމަވެސް އީރާނުން އެމެރިކާއާއެކު ސުލްހައިގެ ވާހަކަތައް ފަށައިފައިވާ ކަމަށް ވިދާޅުވާ ވިދާޅުވުން އިއްޔެ ވެސް ޓްރަމްޕް ވަނީ ތަކުރާރުކުރައްވައިފައެވެ.

"ދޮގު ހަބަރު ފަތުރާ މީޑިއާތައް ކޮންމެ އެއްޗެކޭ ކިޔަސް ވާހަކަތައް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް،" ޓްރަމްޕް (ފޮޓޯ) ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް އީރާންގައި ތަފާތު ހިދުމަތްތައް ދޭ އިސްލާމީ އިންގިލާބީ ލަޝްކަރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައި.އާރް.ޖީ.ސީ)އިން މިއަދު ވެސް ބުނީ މި ދިޔަ މަހު 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ތާއީދުކުރާ އެއްވެސް ގައުމެއްގެ ބޯޓުފަހަރަށް ހުރުމުޒު ނުހުޅުވައިލައިނެ ކަމަށެވެ.

"ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރާ އެ ފަދަ ކޮންމެ އުޅަނދަކަށް ހަރުކަށި ފިޔަވަޅު އަޅައިނަން،" އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

އީރާނުން އެމެރިކާއާ ސުލްހަވާން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން މިހާރު އިތުބާރު ނުކުރެވޭ ވިދާޅުވުމަކަށްވާތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވެސް ވަނީ މައްޗަށް ޖެހިލައިފައެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 106 ޑޮލަރު (1،634ރ.)ގައި ހުރެފައި މިއަދު ވަނީ 109 ޑޮލަރު (1،680ރ.)އަށް އަރައިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން 71 ޑޮލަރު (1،094ރ.)ގައި ހުރެފައި އެންމެ މައްޗަށް އެރީ 114 ޑޮލަރު (1،757ރ.)އަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ކުރަމުންދާ ހަނގުރައިމައިގައި މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމައަށް ބަލާއިރު އިއްޔެގެ ބައެއް ތަފާސްހިސާބުތަކަށް މިހާރު ވަނީ ބަދަލު އައިސްފައެވެ. އެ ގޮތުން އީރާނުން ޝަހީދުވި މީހުންގެ އަދަދު ކަމަށް ކުރިން ބުނަމުން އައީ 1،500 އަށްވުރެ ގިނަ މީހުން ކަމަށްވާއިރު މިއަދު ވަނީ ސީދާ އަދަދެއް ގެނެސްދީފައެވެ. އެއީ 1،937 އެވެ.

އިސްރާއީލުން މިހާތަނަށް މަރުވީ 18 މީހުން ކަމަށް އަލްޖަޒީރާއިން ކުރިން ބުނެފައިވާއިރު މިއަދު ބުނީ މިހާރު އެ އަދަދު ވަނީ 19 އަށް އަރައިފައި ކަމަށެވެ.

ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށާއި ގަލްފު ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން މަރުވި މީހުންގެ އަދަދަށް ވެސް ވަނީ ބަދަލު އައިސްފައި ކަމަށް އަލްޖަޒީރާއިން މިއަދު ބުންޏެވެ. އެއީ އިތުރަށް މަރުވި ތިން މީހުންނާ ލައިގެން 11 މީހުންނެވެ.

އީރާންގެ ހަމަލާތަކުގައި ގަލްފުގެ އެހެން ގައުމުތަކުން މަރުވި މީހުންގެ އަދަދަށް ބަދަލެއް ނާންނަ ކަމަށް އަލްޖަޒީރާއިން ބުންޏެވެ. އެއީ ކުވައިތުން ހަ މީހުން، އުމާނުން ތިން މީހުން، ބަހްރައިނުން ތިން މީހުން އަދި ސައޫދީ އަރަބިއްޔާއިން ދެ މީހުންނެވެ.

މަރުވެފައިވާ އެމެރިކާގެ ސިފައިންގެ އަދަދަށް ވެސް ބަދަލެއް ނާންނަ ކަމަށް އަލްޖަޒީރާއިން ބުންޏެވެ. އެއީ 13 އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *