އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް މި ދިޔަ މަހު 28 ގައި ފެށި ހަނގުރާމަ ހުއްޓައިލުމަށް އެދި އެމެރިކާއާއެކު ސުލްހަވާން އީރާނުން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތިންވަނަ ފަހަރަށް ވިދާޅުވުމުން ވެސް އީރާނުން އެ ކަން ދޮގުކޮށްފިއެވެ.
ކުރިން އެ ކަން ދޮގުކުރި އީރާންގެ ފަރާތްތަކުގެ ތެރޭގައި އީރާންގެ އަސްކަރިއްޔާ އާއި އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަގީރު ޣާލިބާފު އަދި އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ ހިމެނެއެވެ. އެންމެ ފަހުން އިއްޔެ ވަނީ އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ (ފޮޓޯ) ވެސް އެ ކަން ދޮގުކުރައްވައިފައެވެ.
"އީރާނާއި އެމެރިކާއާ ދެމެދު ވާހަކަދެކެވެމުންނެއް ނުދޭ. އެކަމަކު އެމެރިކާއިން އަހަރެމެންނާ ވާހަކަދައްކަން ބޭނުންވާކަމަށް ބުނެ އެކި ގައުމުތައް މެދުވެރިކޮށް އެމެރިކާއިން ދަނީ އަހަރެމެންނަށް މެސެޖްތައް ފޮނުވަމުން. ނަމަވެސް އޭގެ މާނައަކީ ވާހަކަތައްދައްކާކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ހަނގުރާމަކުރާކަށް އީރާނުން ބޭނުމެއްނުވާ ކަމަށާއި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފަށައިފައިވާ ހަމަނުޖެހުންތައް ދާއިމީ ގޮތެއްގައި ހުއްޓައިލަން އީރާނުން ބޭނުންވާ ކަމަށް އަރާޣްޝީ ވިދާޅުވިއެވެ.
"އެތައް ހަފުތާއެއް ވަންދެން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި އަހަރެމެންނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ދޭން އަހަރެމެން ބޭނުން،" އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް އަނެއްކާވެސް ވިދާޅުވެފައިވަނީ އެމެރިކާއާއެކު ޑީލެއް ހަދަން އީރާންގެ ލީޑަރުން "ވަރަށް ބޮޑަށް ބޭނުންވާ" ކަމަށެވެ. މި ފަހަރު އެ ވިދާޅުވުމަށް އޭނާ އެއްޗެއް އިތުރުކޮށްލެއްވިއެވެ. ވިދާޅުވީ "އީރާންގެ ލީޑަރުން އެ ކަން ހާމަކުރަން ބޭނުންނުވަނީ އަމިއްލަ ރައްޔިތުން ނިކުމެ އެ މީހުން މަރައިލައިފައިނެތީ" ކަމަށެވެ.
ޓްރަމްޕް އިއްޔެ ވިދާޅުވީ އީރާނުން އެމެރިކާއާއެކު ޑީލެއް ނުހަދައިފިނަމަ އެމެރިކާއިން އީރާނަށް "ހައްދެއް ނެތް މިންވަރަށް ހަމަލާދޭނެ" ކަމަށެވެ.
ސުލްހައިގެ ވާހަކަތައް އީރާނާއެކު ފަށައިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވުން ޚުދު އިސްރާއީލުން ވެސް ގަބޫލެއް ނުކުރެއެވެ. މިހެންވެ އިސްރާއީލުން ވަނީ، އެއް މަސް ދުވަހާ ގާތްވާން ކައިރިވެފައިވާ ހަނގުރައިމައިގައި އީރާނަށް ދެމުންދާ ހަމަލާތައް މިއަދު އިތުރަށް ވަރުގަދަކޮށްފައެވެ.
އީރާނުން ވެސް މިއަދު ވަނީ އިސްރާއީލަށާއި ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށާއި ގަލްފު ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންގޮސްފައެވެ.
އީރާނުން އެމެރިކާއާ ސުލްހަވާން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން މިހާރު އިތުބާރު ނުކުރެވޭ ވިދާޅުވުމަކަށްވާތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ވަނީ މައްޗަށް ޖެހިލައިފައެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 98 ޑޮލަރު (1،511ރ.)ގައި ހުރެފައި މިއަދު ވަނީ 106 ޑޮލަރު (1،634ރ.)އަށް އަރައިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން 71 ޑޮލަރު (1،094ރ.)ގައި ހުރެފައި އެންމެ މައްޗަށް އެރީ 114 ޑޮލަރު (1،757ރ.)އަށެވެ.
އީރާން ހަނގުރައިމައިގައި މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމައަށް ބަލާއިރު އިއްޔެގެ ތަފާސްހިސާބުތަކާ ތަފާތެއް ނޫނެވެ. އެ ގޮތުން އީރާނުން 1،500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. އިސްރާއީލުން 18 މީހުން މަރުވެފައިވާއިރު އެމެރިކާގެ 13 ސިފައިން މަރުވެފައިވެއެވެ. ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށާއި އެ ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން އަށް މީހުން، ކުވައިތުން ހަ މީހުން، އުމާނުން ތިން މީހުން، ބަހްރައިނުން ތިން މީހުން އަދި ސައޫދީ އަރަބިއްޔާއިން ދެ މީހުން މަރުވެފައިވެއެވެ.



advertisment