Support Us

ސުލްހަވާން ވާހަކަތައް ފެށި ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނުމަކީ ހަމަ ދޮގެއް: އީރާން

އެމެރިކާއާއެކު ސުލްހަވާން އީރާނުން އެމެރިކާއާ ވާހަކަދައްކަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވެފައި އެ ވިދާޅުވުން އަނެއްކާ އިއްޔެ ތަކުރާރުކުރެއްވުމަކީ ވެސް ހަމަ ދޮގެއް ކަމަށް އީރާނުން މިއަދު ބުނެފިއެވެ.

އީރާންގެ އަސްކަރިއްޔާ އާއި ހާރިޖީ ވުޒާރާއިން ވެސް ޓްރަމްޕްގެ ވިދާޅުވުން މިއަދު ދޮގުކުރިއެވެ. އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަގީރު ޣާލިބާފު ހޯމަ ދުވަހު ވެސް ވަނީ ޓްރަމްޕްގެ ވިދާޅުވުން ދޮގުކުރައްވައިފައެވެ.

އީރާންގެ ހާރިޖިއްޔާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ (ފޮޓޯ) ބުނީ އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ ވާހަކަތައް ފަށައިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުމަކީ ދޮގެއްކަން އިއްޔެ ވެސް ސާފުކޮށް އީރާނުން ބުނެފައިވާނެ ކަމަށެވެ.

"އެމެރިކާގެ ޑިޕްލޮމެސީން މިހާތަނަށް އަހަރެމެންނަށް ލިބިފައިވަނީ ހިތި ތަޖުރިބާއެއް. އަހަރެމެންގެ ނިއުކްލިއަ ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދިޔަ ނުވަ މަސް ތެރޭގައި އަހަރެމެންނަށް ވަނީ ދެ ފަހަރު ހަމަލާދީފައި. މިހެންވެ، މިއީ ޑިޕްލޮމެސީގައި އަހަރެމެންނަށް އެމެރިކާއިންވި ހިޔާނާތެއް،" ބާޣައީ ބުންޏެވެ.

"އެހެންކަމުން އެ މީހުން އެ ބުނާ ޑިޕްލޮމެސީ އާއި ވާހަކަތަކަކީ ތެދެއް ނޫން. މި ހަނގުރާމަ ފެށީ އެ މީހުން. އަދި އަދިވެސް ދަނީ އަހަރެމެންނަށް ހަމަލާދެމުން. އެހެންކަމުން އެ މީހުން އެ ބުނާ ސުލްހައިގެ ވާހަކަތައް އެއީ ތެދެއް ކަމަށް އެކަކަށް ވެސް ގަބޫލު ކުރެވޭނެތަ؟" ބާޣައީ ބުންޏެވެ.

އީރާނާއެކު ސުލްހައިގެ ވާހަކަތައް ފަށަން އެމެރިކާއިން ބޭނުންކަމަށް އީރާންގެ ރަހްމަތްތެރި ގައުމުތަކުގެ އޮފިޝަލުންގެ ގާތުގައި އެމެރިކާގެ އޮފިޝަލުން ބުނި ކަމަށް އީރާންގެ ރަހްމަތްތެރި ގައުމުތަކުގެ އޮފިޝަލުން އީރާންގެ އޮފިޝަލުންގެ ގާތުގައި ބުނި ކަމަށް ބާޣައީ ބުންޏެވެ. ނަމަވެސް ފެންނަން ހުރި ހަގީގަތްތަކަށް ބަލާނަމަ އެމެރިކާ-އިސްރާއީލު އިއްތިހާދުން އަދިވެސް ދަނީ އީރާނަށް ބޮންއަޅަމުންނާއި މިސައިލުން ހަމަލާދެމުން ކަމަށާއި އަމިއްލައަށް ދިފާއުވުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށް ބާޣައީ ބުންޏެވެ.

ޓްރަމްޕް އިއްޔެ ވިދާޅުވީ "ސުލްހަވާން އީރާނުން އެމެރިކާއާއެކު ޑީލެއް ހަދަން އީރާނުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އީރާނުން ބުނި" ކަމަށެވެ.

"އަހަރެމެން މި ދަނީ ޑީލެއް ހެދުމަށް އީރާންގައި ތިބި ރަނގަޅު މީހުންނާ ވާހަކަދައްކަމުން. ތެލާއި ގޭހުގެ ވަރަށް ބޮޑު ހަދިޔާއެއް ދޭނެ ކަމަށް އެ މީހުން ބުނި،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާގެ މި ވިދާޅުވުން ދިމާވީ ހަނގުރާމަ ހުއްޓައިލަން 15 ޝަރުތެއް އެމެރިކާއިން އީރާނަށް ކުރިމަތިކޮށްފައިވާ ކަމަށް އިސްރާއީލުގެ މީޑިއާއިން ރިޕޯޓްކޮށްފައިވަނިކޮށެވެ. އެ ޝަރުތުތަކުގެ ތެރޭގައި އީރާންގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމް ހުއްޓައިލުމާއި އީރާނާ ދުޝްމިން ގައުމުތަކަށް ވެސް، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި ހުޅުވައިލުން ހިމެނޭ ކަމަށް އިސްރާއީލު މީޑިއާއިން ބުންޏެވެ.

ހަބަރު ފަތުރާ އެޖެންސީ ރޮއިޓާސް އާއި މާކެޓް ދިރާސާކުރާ ކުންފުނި އިޕްސޮސް ގުޅިގެން ނެގި ހިޔާލު ހޯދުމުގެ ޕޯލެއްގެ ނަތީޖާ އިއްޔެ ހާމަކުރިއިރު އޭގައި ދެއްކި ގޮތުން އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން މި ދިޔަ މަހު 28 ގައި ފެށި ހަނގުރާމައާ ދެކޮޅު އެމެރިކާގެ ރައްޔިތުންގެ ނިސްބަތް މި ދިޔަ ހަފުތާގައި ހުރި ޕަސެންޓަކީ 59 ކަމަށްވާއިރު މިހާރު އެ ނިސްބަތްވަނީ 61 ޕަސެންޓަށް އިތުރުވެފައެވެ. އަދި މި މުއްދަތުގައި ހަނގުރާމައަށް ތާއީދުކުރާ މީހުންގެ ނިސްބަތްވަނީ 37 ޕަސެންޓުން 35 ޕަސެންޓަށް މަދުވެފައެވެ.

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު ދުނިޔޭގައި ތެލުގެ އަގު ނިސްބަތުން 50 ޕަސެންޓަށްވުރެ މައްޗަށް ގޮސް، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 71 ޑޮލަރު (1،094ރ.)އިން 114 ޑޮލަރު (1،757ރ.)އަށް އެރުމަށްފަހު، ސުލްހައިގެ ވާހަކަތައް އީރާނާއެކު ދައްކަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވާން ފެށުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވާން ފަށައި، ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ 98 ޑޮލަރު (1،511ރ.)ގައެވެ.

އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައަށް މަހެއް ވާން ކައިރިވެފައިވާއިރު ހަނގުރައިމައިގައި މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމައަށް ބަލާއިރު، ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށާއި އެ ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ގަލްފު ގައުމުތަކުން މަރުވި މީހުންގެ އަދަދަށް މިހާރު ވަނީ ބަދަލެއް އައިސްފައެވެ. އެއީ ބަހުރައިނުން މަރުވި މީހުންގެ އަދަދު ދެއަކުން ތިނަކަށް އެރީމައެވެ.

ގަލްފުގެ އެހެން ގައުމުތަކުން މަރުވި މީހުންގެ އަދަދަށް ބަދަލެއް ނާދެއެވެ. އެ ގޮތުން ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން އަށް މީހުން، ކުވައިތުން ހަ މީހުން، އުމާނުން ތިން މީހުން އަދި ސައޫދީ އަރަބިއްޔާއިން ދެ މީހުން ވަނީ މަރުވެފައެވެ.

އީރާނުން ޝަހީދުވި މީހުންގެ އަދަދަށް ބަދަލެއް ނާދެއެވެ. އެއީ 1،500 އަށްވުރެ ގިނަ މީހުން ކަމަށް އަލްޖަޒީރާއީން ބުނާއިރު ސީދާ އަދަދެއް ނުބުނެއެވެ.

އިސްރާއީލުގައި މަރުވި މީހުންގެ އަދަދަށް ވެސް ބަދަލެއް ނާދެއެވެ. އެއީ 18 އެވެ.

މަރުވި އެމެރިކާ ސިފައިންގެ އަދަދަށް ވެސް ބަދަލެއް ނާދެއެވެ. އެއީ 13 އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *