Support Us

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާންގެ ވެރިރަށް ތެހްރާނަށް އިއްޔެ ދިން ހަމަލާއެއްގައި ރޯވި، މީހުން ދިރިއުޅޭ އިމާރާތެއްގެ އަލިފާންގަނޑު ނިއްވައިލަނީ

ހަނގުރާމަ ހުއްޓައިލުމުގެ ވާހަކަތައް އެމެރިކާއާއެކު ފެށި ކަމަށް ޓްރަމްޕް ބުނުމަކީ ދޮގެއް: އީރާން

މި ދިޔަ މަހުގެ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި އީރާން ހަނގުރާމަ ހުއްޓައިލުމަށް އީރާނާއެކު ސުލްހައިގެ ވާހަކަތައް ފަށައިފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމަކީ ދޮގެއް ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުން މިހެން ބުނީ، ހަނގުރާމަ ހުއްޓައިލުމަށް "ވަރަށް ނަތީޖާ ރަނގަޅު" ވާހަކަތަކެއް އީރާންގެ "އިސް މީހަކާ"އެކު އާދީއްތަ ދުވަހު ދެކެވުނު ކަމަށް ޓްރަމްޕް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. އެއީ ކޮން އިސް މީހެއް ކަމެއް ޓްރަމްޕް ވިދާޅެއް ނުވެއެވެ.

އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަގީރު ޣާލިބާފު އިއްޔެ ވިދާޅުވީ "އެމެރިކާއާއެކު އެއްވެސް ވާހަކައެއް ނުދައްކާ" ކަމަށެވެ.

"ދޮގު ހަބަރު ފެތުރުމަކީ މާލީ އަދި ތެލުގެ ބާޒާރުތަކަށް ނުފޫޒު ފޯރުވައި، އެމެރިކާ އާއި އިސްރާއީލު މިހާރު ވެއްޓިފައިވާ ހަނގުރައިމައިގެ އަނދަވަޅުން ސަލާމަތްވާން ކުރި ކަމެއް،" އޭނާ ވިދާޅުވިއެވެ.

ޣާލިބާފު މިހެން ވިދާޅުވުމުގެ ކުރިން އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ ވެސް ވަނީ ހަނގުރާމަ ހުއްޓައިލުމާމެދު އެމެރިކާއާ އީރާނުން މަޝްވަރާނުކުރާ ކަމަށް ބުނެފައެވެ.

"ނަމަވެސް ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން އެމެރިކާއިން ވާހަކަދައްކަން ބޭނުންވާކަމުގެ މެސެޖުތަކެއް އަހަރެމެންގެ ރަހްމަތްތެރި ބައެއް ގައުމުތަކުން އަހަރެމެންނަށް ލިބުނު،" އޭނާ ބުންޏެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ބުނީ ޓްރަމްޕާ ވާހަކަދެއްކި ކަމަށާއި ހަނގުރާމަ ހުއްޓައިލުމަށް އީރާންގެ މައްޗަށް އެމެރިކާއަށް "ބާރެއް ލިބިއްޖެ" ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށެވެ. ނަމަވެސް މި ވަގުތަށް އީރާނަށާއި އީރާނުން ވާގިވެރިވާ ހިޒްބުﷲ ޖަމާއަތުން ލުބްނާންގެ ތެރެއިން އިސްރާއީލަށް ހަމަލާދޭތީ، ލުބްނާނަށް ވެސް އިސްރާއީލުން ދެމުންދާ ހަމަލާތައް ކުރިއަށްގެންދާނެ ކަމަށް ނަތަންޔާހޫ ބުންޏެވެ.

ޓްރަމްޕް އިއްޔެ ވިދާޅުވީ، އެމެރިކާ އާއި އެމެރިކާގެ ރަހްމަތްތެރި ގައުމުތަކަށް އީރާނުން ބަންދުކޮށްފައިވާ، ދުނިޔޭގެ 20 ޕަސެންޓް ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި ހުރިހާ ގައުމުތަކަކަށް އީރާނުން ނުހުޅުވައިފިނަމަ އީރާންގެ ހުރިހާ ހަކަތަ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ހޮނިހިރު ދުވަހު ދިން ދެ ދުވަހުގެ މުހުލަތުގެ ބަދަލުގައި ހަމަލާނުދީ ފަސް ދުވަހު މަޑުކޮށްލާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އީރާނުން ހުރުމުޒު ނުހުޅުވައިފިނަމަ އީރާނަށް "ހިތަކަށް ބޮންއަޅާނެ" ކަމަށެވެ.

އީރާން ހަނގުރާމަ ފެށުމާއެކު ދުނިޔޭގައި ތެލުގެ އަގު 50 ޕަސެންޓަށްވުރެ މައްޗަށް ގޮސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިއްޔެ ހުރީ ތެޔޮ ފީފާއެއް 107 ޑޮލަރު (1،649ރ.)ގައި ކަމަށް ވިޔަސް އީރާން ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން އީރާނާ ސުލްހައިގެ ވާހަކަތައް ފަށާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކޮންމެވެސް ވަރަކަށް ދަށަށް ގޮސް މި ވަގުތު ހުރީ ތެޔޮ ފީފާއެއްގެ އަގު 104 ޑޮލަރު (1،603ރ.)ގައެވެ.

އީރާން ހަނގުރައިމައިގައި މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމައަށް ބަލާއިރު، އިސްރާއީލުން މަރުވި ކަމަށް ބުނާ ކުޑަކުއްޖާ އެ ތަފާސްހިސާބުގައި ނުހިމެނެއެވެ. އެ ގޮތުން އިސްރާއީލުގައި މަރުވި މީހުންގެ އަދަދު އަދިވެސް ހުރީ 18 ގައި ކަމަށް އަލްޖަޒީރާއިން ބުންޏެވެ.

އީރާނުން ޝަހީދުވި މީހުންގެ އަދަދަށް ވެސް ބަދަލު އައިސްފައެއް ނުވެއެވެ. އެއީ 1،500 އަށްވުރެ ގިނަ މީހުންނެވެ.

މަރުވި އެމެރިކާ ސިފައިންގެ އަދަދަށް ވެސް ބަދަލެއް ނާދެއެވެ. އެއީ 13 އެވެ.

ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށާއި އެ ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ގަލްފު ގައުމުތަކުން މަރުވި މީހުންގެ އަދަދަށް ވެސް ބަދަލެއް ނާދެއެވެ. އެ ގޮތުން ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން އަށް މީހުން، ކުވައިތުން ހަ މީހުން، އުމާނުން ތިން މީހުން، ސައޫދީ އަރަބިއްޔާއިން ދެ މީހުން އަދި ބަހްރައިނުން ދެ މީހުން މަރުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *