Support Us

ތޯރިގު ރަހްމާން ބަނގްލަދޭޝްގެ ބޮޑުވަޒީރު ކަމަށް މިއަދު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި

ހުވާކުރައްވަމުން ތޯރިގު ވިދާޅުވީ ކާމިޔާބު ހައްގުވަނީ ބަނގްލަދޭޝް މުޒާހަރާތަކުގައި މަރުވި މީހުންނަށް ކަމަށް

ބަނގްލަދޭޝްގެ އާ ބޮޑުވަޒީރު ތޯރިގު ރަހްމާން ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރައްވަމުން ވިދާޅުވީ އޭނާއަށް ލިބިވަޑައިގަތް ކާމިޔާބު ހައްގުވަނީ 2024 ގައި މުޒާހަރާކޮށް ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ވެރިކަން ވައްޓައިލި މުޒާހަރާތަކުގައި މަރުވި މީހުންނަށް ކަމަށެވެ.

ދާދި ފަހުން އަވަހާރަވި ބަނގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ހާލިދާ ޒިޔާ އާއި އަވަހާރަކޮށްލެވުނު ރައީސް ޒިޔާއުއްރަހްމާންގެ ދަރިކަލުން ކަމަށްވާ އުމުރުން 60 އަހަރުގެ ތޯރިގު ވިދާޅުވީ އޭނާއަށް ލިބިވަޑައިގަތް ކާމިޔާބީ ހައްގުވަނީ "ޑިމޮކްރެސީއަށް ގުރުބާންވި މީހުންނަށް" ކަމަށެވެ.

ހަސީނާ އިސްތިއުފާ ދެއްވައިފައި ފިއްލަވައިގެން އިންޑިޔާގެ ހިމާޔަތަށް ވަޑައިގަންނަވަން މަޖުބޫރުވެ ވަޑައިގަތް ދަރިވަރުންގެ މުޒާހަރާތަކުގައި 1،400 މީހުން މަރުވި ކަމަށް އދ.އިން ބުނެފައިވެއެވެ. އަދި މި ކަމާހުރެ ހަސީނާއަށްވަނީ ބަނގްލަދޭޝްގެ ޓްރައިބިއުނަލްއަކުން މަރުގެ ހުކުމް އިއްވައި، ހަސީނާގެ އަވާމީ ލީގް ޕާޓީ މަނާކޮށް، ތޯރިގަށް ކާމިޔާބު ކުރެއްވުނު އިންތިހާބުގައި ހަސީނާގެ ޕާޓީއަށް ބައިވެރިނުވެވޭނެ ގޮތް ހަދައިފައެވެ.

"އަހަރެމެން ހިނގާ މަގާއި ހިޔާލު ތަފާތުވެދާނެ. ނަމަވެސް އަހަރެމެން ތިބެންވާނީ އެކުގައި،" ކުރީ ފަހަރުތަކާ ހިލާފަށް ރައީސްގެ ގަނޑުވަރުގެ ބަދަލުގައި ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި ހުވާކުރެއްވި ރަސްމިއްޔާތުގައި ތޯރިގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަކަށް 170 މިލިއަން މީހުންގެ އާބާދީއެއް އޮތް ގައުމުގެ އިގުތިސާދު މި ވަގުތު ވަނީ "ހަލާކުވެފައި" ކަމަށެވެ. މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމަށް އޭނާ ވައުދުވެ ވަޑައިގަތީ މާލީ އިސްލާހުތައް ގެންނަވާނެ ކަމަށާއި ކޮންމެ އަހަރަކު ވަޒީފާއަށް ނުކުންނަ ދެ މިލިއަން ޒުވާނުންނަށް ވަޒީފާ ހޯއްދަވައިދެއްވާނެ ކަމަށެވެ.

ތޯރިގު އިތުރަށް ވިދާޅުވީ ކޮރަޕްޝަންއަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ބަދަލުހިފުމުގެ ރޫހާ ދެކޮޅަށް ވެސް އޭނާ ވާހަކަދެއްކެވިއެވެ. މީގެ އިތުރުން ޖުޑިޝަރީ އިސްލާހުކުރައްވާ، "ބަނގްލަދޭޝް ފަސްޓް" ނުވަތަ ލަފުޒީ މާނައިން "ބަނގްލަދޭޝް ފުރަތަމަ" އިސްކުރައްވާ ގޮތަށް، އެހެން ގައުމުތަކާ ރަނގަޅު ގުޅުމެއް ގާއިމުކުރައްވަން ހާރިޖީ ސިޔާސަތު ބައްޓަންކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ވޭތުވެދިޔަ 35 އަހަރު ބޮޑުވަޒީރުކަން އޮތީ ހާލިދާ އާއި ހަސީނާއާ ދެމެދުގެ ވާދަވެރިކަމެއްގައި ކަމަށްވާތީ ތޯރިގަކީ 35 އަހަރަށްފަހު ބަނގްލަދޭޝްއަށް ވަޑައިގަތް ފުރަތަމަ ފިރިހެން ބޮޑުވަޒީރެވެ.

ހަސީނާގެ އަވާމީ ލީގު ޕާޓީން ތަފާތު ތުހުމަތުތައް ކުރުމުން ވޭތުވެދިޔަ 15 އަހަރުގައި އިދިކޮޅުގައި އޮވެ އިންތިހާބުތަކުގައި ވާދަނުކުރެވުނު ތޯރިގުގެ ބަނގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ)އާ ގުޅިފައިވާ ކޯލިޝަނަށް އިންތިހާބު ކާމިޔާބު ކުރެވުނީ ތިންބައިކުޅެ ދެބައި ވޯޓު ހޯދައިގެން އެކަނި ސަރުކާރެއް ގާއިމުކުރެވޭ ވަރަށެވެ. އެއީ 300 މެންބަރުން ތިބޭ ގާނޫނު ހަދާ މަޖިލީހުގެ 209 ގޮނޑި ކާމިޔާބުކޮށްގެންނެވެ.

ތޯރިގު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަން އިއްޒަތްތެރިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ބޫޓާންގެ ބޮޑުވަޒީރު ޝެރިން ޓޮބްގޭ، އިންޑިއާގެ ހާރިޖީ ސެކްރެޓެރީ ވިކްރަމް މިސްރީ އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އޮމް ބިރްލާ ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *