ބަންގްލަދޭޝްގެ އައު ބޮޑުވަޒީރުގެ ހުވާކުރެއްވުމުގެ ރަސްމީޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ޑާކާއަށް ފުރާވަޑައިގެންފިއެވެ.
ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި، ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިކަލުން ތާރިޤް ރަޙްމާން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ އެވެ.
މި ރަސްމީޔާތަށް ރައީސުލްޖުމްހޫރިއްޔާ އަށް ދައުވަތު ދެއްވީ ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑޮކްޓަރ މުޙައްމަދު ޔޫނުސްއެވެ.
މި މަހު 18ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ޑާކާއަށް ކުރައްވާ މި ދަތުރުފުޅުގައި، އައު ބޮޑުވަޒީރު ތާރިޤް ރަޙްމާނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޝައިހް ހަސީނާ 2024 ގައި ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ބަންގްލަދޭޝްގައި ބޭއްވި ފުރަތަމަ އާއްމު އިންތިހާބު ތޯރިގު ރަހްމާންގެ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) ކާމިޔާބުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
ހަސީނާގެ އަވާމީ ލީގު ޕާޓީން ތަފާތު ތުހުމަތުތައް ކުރުމުން ވޭތުވެދިޔަ 15 އަހަރުގައި އިދިކޮޅުގައި އޮވެ އިންތިހާބުތަކުގައި ވާދަނުކުރެވުނު ބީ.އެން.ޕީއާ ގުޅިފައިވާ ކޯލިޝަނަށް ވަނީ އިންތިހާބުގައި ތިންބައިކުޅެ ދެބައި ވޯޓު ހޯދައިގެން އެކަނި ސަރުކާރެއް ގާއިމުކުރެވޭ ވަރަށް ކުރި ހޯދައިފައެވެ. އެއީ 300 މެންބަރުން ތިބޭ ގާނޫނު ހަދާ މަޖިލީހުގެ 209 ގޮނޑި ކާމިޔާބުކޮށްގެންނެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރީ 22 ސެޕްޓެންބަރު 1978 ގައެވެ.



advertisment