Support Us

ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް ތޯރިގު ރަހްމާން

ޝައިހް ހަސީނާ 2024 ގައި އިސްތިއުފާ ދެއްވުމަށްފަހު ބަނގްލަދޭޝްގައި ބޭއްވި ފުރަތަމަ އާއްމު އިންތިހާބު އޭނާއާ އިދިކޮޅު ބަނގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ)ގެ ތޯރިގު ރަހްމާން މިއަދު ކާމިޔާބުކުރައްވައިފިއެވެ.

ހަސީނާގެ އަވާމީ ލީގު ޕާޓީން ތަފާތު ތުހުމަތުތައް ކުރުމުން ވޭތުވެދިޔަ 15 އަހަރުގައި އިދިކޮޅުގައި އޮވެ އިންތިހާބުތަކުގައި ވާދަނުކުރެވުނު ބީ.އެން.ޕީއާ ގުޅިފައިވާ ކޯލިޝަނަށް ވަނީ އިއްޔެ ބޭއްވި އިންތިހާބުގައި ތިންބައިކުޅެ ދެބައި ވޯޓު ހޯދައިގެން އެކަނި ސަރުކާރެއް ގާއިމުކުރެވޭނެ ވަރުވެފައެވެ. އެއީ 300 މެންބަރުން ތިބޭ ގާނޫނު ހަދާ މަޖިލީހުގެ 209 ގޮނޑި ކާމިޔާބުކޮށްގެންނެވެ.

ތޯރިގު (ފޮޓޯ) ބޮޑުވަޒީރުކަމުގެ ހުވާކުރައްވާނީ އަންނަ އަންގާރަ ދުވަހު ކަމަށް ބެލެވެއެވެ.

"މި ނަތީޖާއަކީ ޑިމޮކްރެސީގެ އާ ބާބަކަށް ރައްޔިތުން އެދޭކަން ހާމަވި ކަމެއް،" ދާދި ފަހުން އަވަހާރަވި ބަނގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިފުޅު ކަމަށްވާ އުމުރުން 60 އަހަރުގެ ތޯރިގު ވިދާޅުވިއެވެ.

ހަސީނާގެ ވެރިކަމުގައި އޭނާގެ ޕާޓީން ބީ.އެން.ޕީއާ ދެކޮޅަށް ދައުވާތައް ކޮށްފައިވާތީ ވޭތުވެދިޔަ 17 އަހަރު އިނގިރޭސި ވިލާތުގައި އަމިއްލައަށް އަރުވައިލެވިގެން ހުންނެވި ތޯރިގު ގައުމަށް އެނބުރި ވަޑައިގަތީ މި ދިޔަ ޑިސެމްބަރު މަހު ބަނގްލަދޭޝްގެ އިންތިގާލީ ސަރުކާރުން އެ ދައުވާތައް އަނބުރާ ގެންދިއުމުންނެވެ.

ތޯރިގުގެ ވައުދުތަކުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ފަގީރު އާއިލާތަކަށް ފައިސާގެ އެހީ ދިނުމާއި ބޮޑުވަޒީރުކަމުގައި ހުރެވޭނެ އެންމެ ދިގު މުއްދަތަކީ 10 އަހަރުކަން ކަނޑައެޅުމާއި އިގުތިސާދު ކުރިއެރުވުމަށް ބޭރުގެ އިންވެސްޓްމެންޓް ހޯދުމާއި ކޮރަޕްޝަން ނައްތައިލުން ހިމެނެއެވެ.

ހަސީނާ މިހާރު އިންޑިއާ ސަރުކާރުގެ ހިމާޔަތުގައި އިންޑިއާގައި ހުންނެވުމުން އިންޑިއާ އާއި ބަނގްލަދޭޝްގެ ގުޅުން ގޯސްވެފައިވާ ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކްސްގައިވަނީ ތޯރިގަށް މަރުހަބާ ދަންނަވައިފައެވެ.

މީގެ އިތުރުން އެމެރިކާގެ އެމްބަސީން ވެސް ވަނީ ތޯރިގަށް މަރުހަބާ ކިޔައިފައެވެ.

އެތައް އަހަރުތަކެއް ވަންދެން ސިޔާސީ ހަމަނުޖެހުން ހިނގަމުންދިޔަ، 170 މިލިއަނެއްހާ މީހުން އުޅޭ، މުސްލިމް އަޣްލަބިއްޔަތެއް އޮންނަ ބަނގްލަދޭޝްއަށް މި އިންތިހާބުގެ ނަތީޖާއިން ސިޔާސީ ހަމަޖެހުން އަންނާނެ ކަމަށް ދެކުނު އޭޝިއާގެ ކަންތައްތައް ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. އެއީ ވޯޓު ލާން ގިނަ މީހުން ދިއުމުންނާއި ވާދަވެރި އިންތިހާބެއް ބޭއްވުމުންނެވެ.

ނަމަވެސް ހަސީނާ އިސްތިއުފާ ދެއްވުމަށް މެދުވެރިވި ދަރިވަރުންގެ މުޒާހަރާތަކުގައި 1،400 މީހުން މަރައިލުމާ ގުޅިގެން އޭނާއަށް މަރުގެ ހުކުމް އިއްވައި، އޭނާގެ ޕާޓީ އުވައިލެއްވުމުން އަވާމީ ލީގަށް މި އިންތިހާބުގައި ބައިވެރިނުވެވުމުން ހަސީނާ މި އިންތިހާބު ސިފަކުރެއްވީ "އިންސާފުވެރިކަން ނެތް އަދި ދެ ފުށް ފެންނަން ވެސް ނެތް މަޖާގަނޑެ"އްގެ ގޮތުގައެވެ.

ބީ.އެން.ޕީއާ ވާދަކުރި ޝަފީގުއްރަހްމާންގެ ޖަމާއަތޭއިސްލާމް ޕާޓީ އާއި ދަރިވަރުންގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު ނާހިދު އިސްލާމްގެ ނެޝަނަލް ސިޓިޒަން ޕާޓީ (އެން.ސީ.ޕީ) އާއި އެ ޕާޓީއާ ގުޅިފައިވާ ނުވަ ޕާޓީން ބުނީ ތޯރިގުގެ ސަރުކާރަށް ޖެއްސުންނުކުރާނެ ކަމަށާއި އިދިކޮޅުގައި އޮވެ މަސައްކަތްކުރާނީ ބިނާކުރަނިވި ސިޔާސީ ގޮތަކަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *