Support Us

ބަނގްލަދޭޝްގައި މިއަދު ވޯޓު ލާ ކިއޫއެއްގައި މީހުން މަޑުކޮށްލައިގެން

ހަސީނާގެ އިސްތިއުފާއަށްފަހު ބާއްވާ ފުރަތަމަ އިންތިހާބުގެ ނަތީޖާ މާދަމާ

ބަނގްލަދޭޝްގައި މިއަދު ހަވީރު ނިންމައިލައި އާއްމު އިންތިހާބުގެ ނަތީޖާ މާދަމާ އިއުލާންކުރެވޭވަރުވާނެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ޝައިހް ހަސީނާ 2024 ގައި ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައިފައި ގައުމުން ފިއްލަވައިގެން އިންޑިއާއިން ހިމާޔަތް ހޯއްދަވަން ޖެހުނު މުޒާހަރާތަކަށްފަހު ބަނގްލަދޭޝްގައި ބާއްވާ މި އާއްމު އިންތިހާބުގެ ކަންތައްތައް ސުލްހަވެރި ގޮތަށް ގެންދިއުމަށް މިލިއަނެއްހާ ސަލާމަތީ އޮފިސަރުން ވަނީ ވޯޓު ފޮށިތައް ދޮށަށް ފޮނުވައިފައެވެ.

މުޒާހަރާތަކުގައި 1،400 މީހުން މަރައިލުމާ ގުޅިގެން ހަސީނާއަށް މަރުގެ ހުކުމް އިއްވުމުން އޭނާގެ އަވާމީ ލީގް ޕާޓީއަކީ މިހާރު މަނާކޮށްފައިވާ ޕާޓީއެއްކަމުން އިންތިހާބުގައި ވާދަކުރަނީ މައިގަނޑު ދެ ޕާޓީއެކެވެ. އެއީ ދާދި ފަހުން އަވަހާރަވި ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ބަނގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އާއި 10 ޕާޓީން ގުޅިފައިވާ ޝަފީގުއްރަހްމާންގެ ޖަމާއަތޭއިސްލާމީ ޕާޓީއެވެ.

ބީ.އެން.ޕީން ވާދަކުރަނީ ހަސީނާގެ ދަރިފުޅު ތޯރިގު ރަހްމާންއެވެ. އިނގިރޭސި ވިލާތުގައި އަމިއްލައަށް 17 އަހަރު އަރުވައިލެވިގެން ހުރި ތޯރިގު ދާދި ފަހުން ބަނގްލަދޭޝްއަށް އެނބުރި އައީ އޭނާއާ ދެކޮޅަށް ކޮށްފައި ހުރި ދައުވާތައް އަނބުރާ ގެންދިއުމުންނެވެ.

ޝަފީގުއްރަހްމާން (ކ) އަދި ނާހިދު އިސްލާމް ހޯމަ ދުވަހު ކެމްޕޭންގައި

ހަސީނާއާ ދެކޮޅަށްކުރި ދަރިވަރުންގެ މުޒާހަރާތަކުގައި އިސްދައުރެއް އަދާކުރި ދަރިވަރު ނާހިދު އިސްލާމް ވާދަކުރަނީ އޭނާ އުފެއްދި ނެޝަނަލް ސިޓިޒަން ޕާޓީ (އެން.ސީ.ޕީ) ޖަމާއަތޭއިސްލާމްއާ ގުޅިގެންނެވެ. ގާތްގަނޑަކަށް 20،000 މީހުން ޒަހަމް ވެސްވި މުޒާހަރާތަކުން ހައްޔަރުކުރި ނާހިދު ތުހުމަތުކޮށްފައިވަނީ ފުލުހުން އޭނާއަށް ނަފުސާނީ އަދި ޖިސްމާނީ އަނިޔާ ވެސްކުރި ކަމަށެވެ.

އިންތިގާލީ ސަރުކާރުގެ ވެރިޔާ އަދި ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަންފައިވާ ޑރ. މުހައްމަދު ޔޫނުސް ވިދާޅުވީ "މިއަދަކީ ގައުމަށް މުހިންމު ދުވަހެއް" ކަމަށެވެ.

"ރައްޔިތުންގެ ކުރިމަގު ކަނޑައަޅާނެ ވަގުތެއް މި އިންތިހާބަކީ،" އޭނާ ވިދާޅުވިއެވެ.

އިންތިހާބު ބާއްވާ ކޮމިޝަންގެ އިސް ވެރިޔާ އޭ.އެމް.އެމް ނަސީރުއްދީން ވިދާޅުވީ ބަނގްލަދޭޝް ގަޑިން ހަވީރު 4.30 ގައި 299 އިންތިހާބީ ދާއިރާގައި ވޯޓުލުން ނިންމައިލިޔަސް ކިއޫގައި މީހުން ތިބިނަމަ އެ މީހުންނަށް އިތުރު ވަގުތު ދެއްވާނެ ކަމަށެވެ.

ތޯރިގު ރަހްމާން (ވ) އާދީއްތަ ދުވަހު ކެމްޕޭންގައި

ގާތްގަނޑަކަށް 170 މިލިއަން މީހުންގެ އާބާދީއެއް އޮތް، އަދި މުސްލިމުންގެ އަޣްލަބިއްޔަތެއްވާ ބަނގްލަދޭޝްގެ މި އިންތިހާބަކީ 13 ވަނަ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގެ އިތުރުން ދުސްތޫރީ ނިޒާމަށް ބަދަލު ގެނައުމަށް ބާއްވާ އިންތިހާބެކެވެ. އެހެންކަމުން މިއީ ބަނގްލަދޭޝްއަށް ތާރީހީ ގޮތުން ބޮޑު ބަދަލެއް ގެންނާނެ އިންތިހާބެކެވެ.

"އާ ޑިމޮކްރެސީއެއް ގެންނާތީ އަހަރެންގެ ހެޔޮ އެދުންވަނީ ހުރިހާ އެންމެންނާއެކު،" ތޯރިގު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *