ބަންގްލަދޭޝްގައި ކުރި މުޒަހަރާތަކުގައި ޒަހަމްވި ދަރިވަރުން ހޮސްޕިޓަލުގައި ތިއްބާ ހައްޔަރުކުރަން ފަށައިފިއެވެ.
ދަރިވަރުންގެ އިސް ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވި ތިން މީހަކު ހައްޔަރުކުރީ އެ މީހުންގެ އަމިއްލަ ރައްކަލަކަށް ކަމަށާއި އެ މީހުންނާ ސުވާލުކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ވިދާޅުވިއެވެ.
މި ތިން ދަރިވަރުންނަކީ 150 އަށްވުރެ ގިނަ މީހުން މަރުވި ހަމަނުޖެހުންތައް ވިލަރެސްކުރި ތިން ދަރިވަރުންކަމަށް އަސަދުއްޒަމާން ވިދާޅުވިއެވެ. ބަންގްލަދޭޝްގައި ދަރިވަރުން މުޒާހަރާކުރީ 1971 ގައި ޕާކިސްތާނުގެ އަތުން މިނިވަންވުމަށް ބަންގްލަދޭޝުން ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ދައުލަތުގެ 30 ޕަސެންޓް ވަޒީފާ ދޭން ސަރުކާރުން ނިންމުމުންނެވެ. ދަރިވަރުން ބުނީ ވަޒީފާ ދޭންޖެހޭނީ އެ މީހެއްގެ ގާބިލުކަމަށް ބަލައިފައި ކަމަށާއި މި ނިންމުން ކޯޓުން ނިންމީ ބޮޑު ވަޒީރު ޝައިހު ހަސީނާގެ އަވާމީ ލީގް ޕާޓީގެ މެންބަރުންނަށް ވަޒީފާ ދިނުމަށް ކަމަށެވެ. މުޒާހަރާތައް ހޫނުވެ ހަމަނުޖެހުންތަކަށް ބަދަލުވުމުން ސަރުކާރުން ވަނީ ސިފައިން ނެރުމުގެ އިތުރުން ކާފިއު ހިންގައި މުވާސަލާތީ ހިދުމަތްތައް ކަނޑައިލައިފައެވެ.
"ސްޓޫޑަންޓްސް އަގެއިންސްޓް ޑިސްކްރިމިނޭޝަން"ގެ ނަމުން ނަންދީފައިވާ ހަރަކާތުގައި އިސްކޮށް އުޅުނު ވެރިރަށް ދާކާ ޔުނިވާސިޓީގެ ނާހިދު އިސްލާމް އާއި އަބޫ ބަކުރު މަޒުމްދާރް އަދި އާސިފް މަހްމޫދު އިއްޔެ ގޮނޮޝަސްތަޔާ ކެންދްރާ ހޮސްޕިޓަލުން ގަދަކަމުން ޑިސްޗާޖް ކުރީ ކަމަށް ކުރާ ތުހުމަތުތަކާ އަސަދުއްޒަމާން ދެކޮޅުހެއްދެވިއެވެ. އަދި އެ ތިން ދަރިވަރުން ހައްޔަރުނުކުރާކަމަށް ފުލުހުން ބުންޏެވެ.
"ތިން ދަރިވަރުންނަށް އިހުސާސްކުރެވެމުން ދިޔައީ އެ މީހުން ނުރައްކަލަށް ހުށަހެޅިފައިވާކަމަށް. އެ މީހުންނަށް ހީވީ ބަޔަކު އެ މީހުންނަށް ބިރުދައްކަނީކަމަށް،" އަސަދުއްޒަމާން ނޫސްވެރިންގެ ގާތުގައި ވިދާޅުވިއެވެ.
ތިން ދަރިވަރުން ރަސްމީ ގޮތުން ހައްޔަރުކުރިކަމަކަށް އަސަދުއްޒަމާން ވިދާޅެއްނުވެއެވެ.
"އެ ތިން ދަރިވަރުންގެ ސަލާމަތަށްޓަކައި ސުވާލުކުރުން މުހިންމުކަމަށް އަހަރެމެންނަށް ފެނުނީ. އެއީ އެ މީހުންނަށް ބިރުދައްކަނީ ކޮން ބައެއްކަން ދެނެގަންނަން. ސުވާލުކުރުމަށް ފަހު ނިންމާނަން ދެން ހަދަންވީ ގޮތެއް،" އަސަދުއްޒަމާން ވިދާޅުވިއެވެ.
މީގެ ހަފުތާއެއް ކުރިން ނާހިދު ބުނީ ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންގޮސް ކުޑަ ކޮޓަރިއަކަށް ލައި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާކޮށްފައި އޭނާ ހޭނެތުމުން މަގެއްގެ އައްފަރާތުގައި ބޭއްވި ކަމަށެވެ.



advertisment