ޣައްޒާ އާއި ހުޅަނގު އައްސޭރީގައި މަސައްކަތްކުރާ، ބައިނަލްއަގުވާމީ ޑޮކްޓަރުންގެ ޖަމިއްޔާ އެމް.އެސް.އެފްގެ މުވައްޒަފުންގެ ޒާތީ މައުލޫމާތު އިސްރާއީލަށް ދޭން އެ ޖަމިއްޔާއިން ދެކޮޅުހަދައިފިއެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުގެ އެނދުތަކުގެ 20 ޕަސެންޓާއި އުފަންވާ ކުދިންގެ ތިންބައިކުޅަ އެއްބައި ބަލަހައްޓަނީ އެމް.އެސް.އެފްއިންނެވެ.
އިސްރާއީލުން ތުހުމަތުކުރީ ހަމާސްގެ ނުފޫޒު އެ ޖަމިއްޔާއަށް ފޯރައިފައިވާ ކަމަށާއި ޣައްޒާއަށް ދޭ އެހީ ހަމާސްއަށް ލިބޭ ގޮތަށް އެމް.އެސް.އެފްއިން ކަންތައްތައްކުރާ ކަމަށެވެ. ނަމަވެސް އެމް.އެސް.އެފްއިން އެ ކަމާ ވަނީ ދެކޮޅުހަދައިފައެވެ.
އެ ޖަމިއްޔާއިން ހުކުރު ދުވަހު ބުނީ އިސްރާއީލާއެކު ތަކުރާރުކޮށް ވާހަކަދައްކައިފައިވިޔަސް އެ ޖަމިއްޔާގެ މުވައްޒަފުންގެ ރައްކާތެރިކަން އިސްރާއީލަށް ކަށަވަރުނުކޮށްދެވުނު ކަމަށެވެ.
"އަހަރެމެންނަށް އަމިއްލަ މިނިވަންކަމާއެކު އަހަރެމެންގެ އޮޕަރޭޝަންތައް ބެލެހެއްޓޭނެ،" އެމް.އެސް.އެފްއިން ބުންޏެވެ.
މުވައްޒަފުންގެ ޒާތީ މައުލޫމާތުތައް ހިއްސާކުރުން ނުވަތަ އެ ޖަމިއްޔާގެ މަސައްކަތް ހުއްޓައިލުންކުރެ އެއް ގޮތެއް ހިޔާރުކުރަން އިސްރާއީލުން އެންގުމަކީ އާއްމު ރައްޔިތުން ނިކަމެތިވާނެ ކަމެއް ކަމަށް އެމް.އެސް.އެފްއިން ބުންޏެވެ.
އެހީ ދޭ ޖަމާއަތްތަކާއި ހަމާސްއިން ބުނީ ޣައްޒާއަށް ވައްދާ އެހީ ހަމާސްއަށް ލިބޭ ގޮތަށް އެހީ ދޭ އެއްވެސް ޖަމާއަތަކުން މަސައްކަތް ނުކުރާކަމަށެވެ.
ހަމާސްއަށް އެހީ ލިބޭ ގޮތަށް މުވައްޒަފުން އަމަލުކުރަމުންދާކަމުގެ ތުހުމަތުގައި ހިލޭސާބަހަށް މަސައްކަތްކުރާ 37 ޖަމާއަތް ޣައްޒާ އާއި ހުޅަނގު އައްސޭރީގައި މަސައްކަތްކުރުން މި ދިޔަ މަހު އެކެއްގައި އިސްރާއީލުން މަނާކުރިއެވެ. އެ ޖަމާއަތްތަކަށް އަލުން ހުއްދަ ދޭން އދ.އިން ގޮވައިލި ނަމަވެސް އަންނަ މަހު އެކެއްގައި އެ ޖަމާއަތްތަކުގެ ހިންގުން ހުއްޓައިލަން އިސްރާއީލުން ވަނީ އަމުރުކޮށްފައެވެ.



advertisment