Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އަމާޒަކާއެކު ދިރިއުޅުމުގެ މުހިންމުކަން

އަމިއްލަ ނަފުސުގެ ކާމިޔާބީއަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން، މިހާތަނަށް އެންމެ ގިނައިން ވިކުނު އެއް ފޮތް ކަމަށްވާ "ތިންކް އެންޑް ގްރޯ ރިޗް" ("ވިސްނުންތެރިކަން ބޭނުންކޮށްގެން މުއްސަނދިވާށޭ") ލިޔުނު އެމެރިކާގެ ނެޕޮލިއޯން ހިލް 1970 ގައި މަރުވި ނަމަވެސް އޭނާގެ ބުނުންތައް މިއަދުގެ ދުނިޔެއާ ވެސް ގުޅެއެވެ.

"ފޭލިވުމަކީ ބޮޑެތި ޒިންމާތައް ނެގުމަށް ގުދުރަތުން ތިބާ ތައްޔާރުކުރުމޭ،" މިއީ އޭނާ ބުނެފައިވާ މަޝްހޫރު އިބާރާތެކެވެ.

ހަގީގަތުގައި ވެސް މި ޒަމާނުގައި ކާމިޔާބަކީ އެންމެ ހުނަރު ހުރި މީހާއަށް ލިބޭ އެއްޗެއް ނޫނެވެ. އެއީ ކަންތައްތަކަށް އެންމެ ސަމާލުކަން ދޭ މީހާއަށް ލިބޭ އެއްޗެކެވެ.

މިއަދުގެ ޖީލުގެ މީހުންގެ ތެރެއިން ކުރިއަރައިގެން އަންނަނީ ހުރިހާ ކަމަކަށް އެންމެ ފިޓު މީހާއެއް ނޫނެވެ. އެ ކަން ކާމިޔާބު ކުރެވެނީ ބޭނުންވަނީ ކޮން އެއްޗެއް ނުވަތަ ކޮން ކަމެއްކަން ދެނެހުރެ، އަދި އެ ކަމުން އެހެން ކަންތައްތަކަށް ސަމާލުކަން އަނބުރާ ނުލާނެ ފަދަ ހަރުދަނާކަން އަމިއްލަ ނަފުސުގައި ދަމަހައްޓާ މީހާއަށެވެ.

ހުނަރު ހުއްޓަސް ފޭލި ވެދާނެއެވެ. ވިސްނުންތޫނަސް ހުރި ހިސާބުގައި ތާށި ވެދާނެއެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ ސަބަބަކީ ސަމާލުކަން ނުދޭ ނަމަ، ކުރެވޭހާ ވެސް ކަމަކަށް ވާނީ، ކޮންމެ ކަމެއް ވެސް އަބަދު ފަށައި، ނަމަވެސް އެ ކަމެއް ނިންމައިނުލެވުމެވެ.

ހުރިހާ އެންމެންނަކީ ވެސް ބުރަކޮށް އުޅޭ މީހުންނެވެ. ހުރިހާ އެންމެންނަކީ ވެސް ކޮންމެވެސް ކަމެއް ކުރެވޭތޯ މަސައްކަތްކުރާ މީހުންނެވެ. ނަމަވެސް ހިލާފަތްތައް ބިނާކޮށް، ކަންތައްތަކަށް ނުފޫޒު ފޯރުވައި އަދި ދާއިމީ ގޮތެއްގައި ފައިސާ ހޯދެނީ ކަންތައްތަކަށް ސަމާލުކަން ދީގެން މަސައްކަތްކުރާ މީހުންނަށެވެ. މިއަދު ހަގީގީ ފައިސާއަކީ ކަންތައްތަކަށް ސަމާލުކަން ދިނުމެވެ.

އެހެންކަމުން، މިހާރުގެ މީހުންގެ ސަމާލުކަން ގެއްލުވައިލައި ކަންތައްތަކަށް ބަލައިލަމާ ހެއްޔެވެ. އެއީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ މީގެ ތިން ބާވަތެއްގެ ކަންތައްތައްވެއެވެ.

ހ. ބޭރު ތެރެއިން އަންނަ ކަންތައްތައް:

  1. ސޯޝަލް މީޑިއާ ޕޯސްޓްތައް ސްކްރޯލް ކުރުން
  2. ނިމުމެއް ނެތް ވަޓްސްއަޕް ޗެޓުތަކާއި ގްރޫޕް މެސެޖްތައް
  3. ފަސް މިނެޓުން ފަސް މިނެޓުން ފޯނަށް އަންނަ ނޮޓިފިކޭޝަންތައް
  4. ކޮންމެހެން މުހިންމު ނޫން ފޯން ކޯލްތައް
  5. މާ ގިނައިން ފިލްމް ބެލުން
  6. ކޮންމެ ޓްރެންޑެއްގެ މައުލޫމާތު ހޯދަން އުޅުން
  7. އަމަލު ކުރުމެއް ނެތި ކޮންޓެންޓް ހޯދަމުން ދިއުން
  8. ކޯހަކަށް ފަހު ކޯހެއް ކިޔަވަން އެންރޯލް ކުރުން
  9. ލިބޭ ހުނަރު ތަންފީޒު ކުރުމެއް ނެތި ހުރިހާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުން
  10. ހުރިހާ އެންމެންނާ އަބަދު ކޮންމެ ގަޑިއެއްގައި ގުޅޭނެ ގޮތަށް އުޅުން

ށ. އެތެރެއިން އަންނަ ކަންތައްތައް:

  1. މާ ބޮޑަށް ކަންތައްތަކާ ވިސްނުމާއި އެހެން މީހުން ކަންތައްތައް ކުރަން އުޅެފާނެ ގޮތާމެދު ވިސްނުން
  2. ކަމަކުން މަހްރޫމް ވެދާނެތީ ބިރުން އުޅުން
  3. އަމިއްލަ ނަފުސު އެހެން މީހުންނާ އަޅާބެލުން
  4. އެންމެ ފުރިހަމަކޮށް ނޫނީ ކަންތައްތައް ނުކޮށް ދޫކޮށްނުލުން
  5. ކަމެއް ކުރުން ލަސްކުރުން އެއީ އެ ކަމެއް ރާވަނީކަމަށް އަމިއްލަ ނަފުސަށް އޮޅުވައިލުން
  6. ލިބޭ ކާމިޔާބީތަކަކީ އަމިއްލަ މަސައްކަތުން އަދި ހައްގުން ލިބޭ ކާމިޔާބީތަކެއްކަން އަބަދުމެ ގަބޫލުކުރަން ދަތިވުން
  7. މާޒީގެ ނަފުސާނީ އަދި ޖަޒުބާތީ މައްސަލަތައް އަދުގެ ދިރިއުޅުމަށް ހިޔަނިއެޅުން
  8. ސާފުކޮށް ކަނޑައަޅައިފައިވާ އަމާޒުތަކެއް ނެތުން
  9. ހުރިހާ އެންމެން ރުއްސަން އުޅުން
  10. ހުރިހާ ކަމަކަށް "އާ" ބަސް ބުނުން

ނ. ލައިފްސްޓައިލުން އަންނަ ކަންތައްތައް:

  1. ރަނގަޅަށް ގަޑި މެނޭޖް ކުރަން ނޭނގުން
  2. ދުވަހުގެ ކަންތައްތައް ރާވައިލަން ނޭނގުން
  3. ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އަމިއްލަ ނަފުސަށް ގެއްލުން ލިބޭ ކަހަލަ ގުޅުންތައް މީހުންނާ ދެމެހެއްޓުން
  4. ހުރިހާ ކަމެއް އެއް ފަހަރާ ކުރަން އުޅެ، އެއްވެސް ކަމެއް ނިންމުމަށް ނުކުޅެދުން
  5. އެކަށީގެންވާ ނިންޖާއި އަރާމު ނުލިބުން

މި ފަދަ ކަންތައްތަކަށް ބެލުމަށް ފަހު، ދިރިއުޅުން ކާމިޔާބު ކުރަން ބޭނުން ނަމަ، ބޭކާރު އަޑުތައް ކަނޑާލާށެވެ. ދާން ބޭނުންވާ މަގުތައް ކަނޑައަޅާށެވެ. ފުރާނަ ރައްކާތެރިކުރަން ޖެހޭ ހިސާބަށް ގޮސްފި ކަމަށް ގަބޫލުކުރެވޭ މިންވަރަށް ކަންތައްތަކަށް ސަމާލުކަންދޭށެވެ.

ދުނިޔެއަކީ އަޑުގަދަ ތަނެކެވެ. ހުރިހާ ކަމެއްގައި މަސްއޫލުވެ، ހުރިހާ ކަމެއް ކުރާކަށް ނުޖެހެއެވެ. ޖެހޭނީ އެ ތަނުން ހަމައެކަނި ރަނގަޅު ކަމެއް ކުރާށެވެ. އަދި އެ ކަން ކުރުމުގައި ދެމިހުންނާށެވެ. މާނަވީ ދިރިއުޅުމެއް އުޅޭށެވެ.

  • ތަރުޖަމާއެއް