ހާބް ކޮހެންއަކީ ރަހީނުން މިނިވަންކުރުމުން ފެށިގެން ޒާތީ މައްސަލަތައް ވެސް ހައްލުކުރުމުގައި އެތައް ދަހަރެއް ވަންދެން ކާމިޔާބު ހޯދައިފައިވާ މީހެކެވެ. އޭނާއަކީ 1963 ގައި "ވިން-ވިން" (ދެ ފަރާތަށް ވެސް ކާމިޔާބު) މި ލަފުޒު ތައާރަފުކުރި މީހާއެވެ.
އެމެރިކާއަށް އުފަން، މިހާރު އުމުރުން 92 އަހަރުގެ ހާބްގެ ފޮތް "ޔޫ ކޭން ނެގޯޝިއޭޓް އެނީތިން"ގައި އޭނާ ކިޔައިދެނީ ނުފޫޒާއި ވަގުތާއި މައުލޫމާތު ބޭނުންކޮށްގެން އެ މީހަކާއި އަދި އަނެކާ ވެސް ބޭނުންވާ ނަތީޖާ ނެރޭނެ ގޮތްތަކެވެ. މި ބަލައިލަނީ ހާބްގެ ފޮތުގައި އޭނާ އަލިއަޅުވައިލައިފައިވާ މުހިންމު 10 ނުކުތާއަށެވެ.
- ކޮންމެ މައްސަލައަކީ ވެސް ވާހަކަދައްކައިގެން ނިންމޭނެ ކަމެކެވެ. ހުރިހާ މުއާމަލާތްތަކަކީ ވެސް ހަނގުރާމައެއް ރޭވުން ކަހަލަ ކަމެއްގެ ގޮތުގައި ދެކޭށެވެ.
- މައުލޫމާތަކީ ނުފޫޒު ގަދަ ވަސީލަތެކެވެ. ތިބާ މުއާމަލާތްކުރާ މީހާއާ ބެހޭ މައުލޫމާތު ހޯދާށެވެ.
- ވަގުތަށް ތަން ދިނުމުން ތިބާގެ ކޮޅަށް ބާރު އަނބުރާލެވޭނެއެވެ. ކެތްތެރިކަން އިސްކުރުމުން ގިނަ ފަހަރަށް ނުކުންނާނީ އިތުރަށް ރަނގަޅު ނަތީޖާތަކެވެ.
- ނުފޫޒަކީ އަނެކާއަށް އިހުސާސްކުރެވޭ ހީއެކެވެ. އަމިއްލަ ނަފުސަށް ބޮޑު ޔަގީންކަމެއް އޮތްކަން ތިބާ އަނެކާއަށް ދައްކާށެވެ. އަދި ތިބާއަށް އިހުތިޔާރުކުރެވޭނެ އެހެން މަގުތައް ވެސް އެބަހުރިކަން އަންގާށެވެ.
- އަނެކާ ޝައުގުވެރިވާ ކަންތައްތަކަށް ސަމާލުކަން ދޭށެވެ. އޭނާ ބޭނުންވާ ކަންތައްތަކާއި އޭނާ ބިރުގަންނަ ކަންތައްތައް ފަހުމްވެ، އެ އަށް ޖަވާބު ދޭން އުޅޭކަން ހާމަކުރާށެވެ.
- "ވިން-ވިން" ނުވަތަ ތިބާކުރާ މުއާމަލާތުން ނެރެން ގަސްދުކުރަނީ ދެ ފަރާތަށް ވެސް ފައިދާ ހުރި ނަތީޖާއެއްކަން ހާމަކުރަން މަސައްކަތްކުރާށެވެ. މުއާމަލާތް ނިމެންވާނީ ދެ ފަރާތްތަށް ވެސް ކާމިޔާބު ލިބިއްޖެކަމުގެ އިހުސާސްއާއެކުއެވެ.
- ނަފުސާނީ އުކުޅުތައް ބޭނުންކުރާށެވެ. "ބޮޑީ ލެންގުއެޖް" ނުވަތަ ހަށިގަނޑުގެ ހަރަކާތްތަކާއި ޖަޒުބާތީ ސިގްނަލްތައް ދިނުން ވެސް މުހިންމެވެ.
- މުއާމަލާތްކުރުމުގެ ކުރިން ރަނގަޅަށް ތައްޔާރުވާށެވެ. މުއާމަލާތުން ތިބާ ބޭނުންވާ އަމާޒުތަކާއި ތިބާއަށް ނުލިބޭނެ ނަތީޖާތަކާއި އަދި އަނެކާ ތިބާއާ ދެކޮޅުހަދާނެ ކަންތައްތައް ދެނެގަންނާށެވެ.
- ހަމަހިމޭނުން ހުރުމުގެ އުކުޅު ވެސް ބޭނުންކުރާށެވެ. އެއިރުން އަނެކާ އިތުރަށް ވާހަކަދައްކަން އޭނާއަށް ހިތްވަރު ލިބޭނެއެވެ.
- ތިބާގެ މުއާމަލާތްކުރުމުގައި އެހާ ހަރުކަށިކަން ނުބަހައްޓާށެވެ. މާ ބޮޑަށް ފިއްތުންތައް ގެންގުޅޭ ނަމަ ނުކުންނަ ނަތީޖާތައް ހަނިވާނެއެވެ. ހައްލުތަކަށް ޖާގަ ލިބޭނީ އުފެއްދުންތެރި ހިޔާލުތަކަށް މަގުފަހިކުރުމުންނެވެ.
ހާބްގެ ފޮތުގައި ކިޔައިދެނީ ކޮންމެ މުއާމަލާތަކުން ވެސް ތިބާ އާއި އަނެކާއަށް ވެސް ފައިދާކުރަނިވި ނަތީޖާއެއް ނެރެވޭނެކަމެވެ. އޭނާ ސާބިތުކޮށްދީފައިވާ އުކުޅުތަކާއި ރޭވުންތެރިކަމުގެ ބޭނުން ހިފުމުން ހަޔާތުގެ ހުރިހާ ދާއިރާއެއްގައި ދެ ފަރާތަށް ވެސް ކާމިޔާބު ލިބޭނެކަން އޭނާ ހާމަކޮށްދީފައިވެއެވެ.
- ތަރުޖަމާއެއް
