Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ފިރިމީހާއަށް ފޮނުވި އަސަރުގަދަ ސިޓީ

ލޯބިވާ ފިރިމީހާއެވެ.

އަހަރެންގެ މުޅި ދުވަސް ހޭދަކުރާ ގޮތް ތިބާއަށް އެނގޭ ހެއްޔެވެ؟

އަހަރެމެންގެ އަލަތު ދަރިފުޅަށް އަހަރެން ކާނާ ފޯރުކޮށްދެނީ އަހަރެންގެ މުޅި ހަށިގަނޑުންނެވެ. އަހަރެންގެ ހަށިގަނޑުގެ ތެރޭގައި ނުވަ މަސް ދުވަހު ބޮޑުވި މި ދަރިފުޅަށް ބޭނުންވާ ހުރިހާ ކާނާ ހޯދުމަށާއި އޭނާގެ ހަށިގަނޑުގައި ފެން ދަމަހައްޓަން އޭނާ އަދިވެސް ބަރޯސާ ވަނީ އަހަރެންނަށެވެ.

އަލަށް އުފަންވާ ދަރިފުޅަށް ގާތުން ދޭން ޖެހެނީ ކޮންމެ ދެ ގަޑިއިރަކާއި ތިން ގަޑިއިރަކާ ދެމެދު ކަމަށް ތިބާ އަޑުއަހައިފައި އޮވެދާނެއެވެ. ހަގީގަތަކީ މި އާދައިގައި ހިފަހައްޓައިގެން މި ދަރިފުޅު ކިތައްމެ ދުވަހަކު ވެސް އޮވެދާނެއެވެ.

ކޮންމެ ދެ ގަޑިއިރަކާއި ތިން ގަޑިއިރާ ދެމެދު ދަރިފުޅަށް ގާތުން ދޭން ޖެހޭ ދުވަހުގެ އަދަދު މުޅިއަކު އެއް އަހަރު ނުވަތަ އެއަށްވުރެ ވެސް ދިގުދެމިގެން ހިނގައިދާނެއެވެ. މީގެ މާނައަކީ ދަރިފުޅުގެ އުމުރުގެ ފުރަތަމަ އަހަރު އަހަރެންނަށް މި ދަރިފުޅަށް 4،000 އަށްވުރެ ގިނަ ގަޑިއިރު ގާތުން ދޭންޖެހިދާނެކަމެވެ. މިހެންވެ، ދަރިފުޅަށް ގާތުން ދޭންޖެހޭ ދޭތެރޭގައި އަހަރެންނަށް ދެ ގަޑިއިރާއި ތިން ގަޑިއިރާ ދޭތެރޭގެ ހުސް ވަގުތުކޮޅެއް ވެސް ނުލިބުން އެކަށީގެންވެއެވެ.

މި މޭރުމުން ވިސްނައިލަމާ ހެއްޔެވެ؟:

މިސާލަކަށް، ދަރިފުޅު ގާތުން ބޯން ފަށަނީ ހެނދުނު 10 ޖަހާއިރުއެވެ. ގާތުން ބޯން ހުއްޓައިލަނީ 45 މިނެޓް ފަހުންނެވެ. އެހެންވެ، 10.50 ގައި ދަރިފުޅު އަލުން ނިންދަވަން މަސައްކަތްކުރަމެވެ. ދެން ދަރިފުޅު އަލުން ހޭލަނީ 11 ޖަހާއިރުއެވެ. އޮންނަނީ ޑައެޕާ ބަދަލުކުރަންޖެހިފައެވެ. އެއީ 11.05 ގައެވެ.

އެއަށްފަހު ދަރިފުޅަށް ގާތުން ދޭން ޖެހެނީ 12.00 ގައެވެ. މިހެންވެ، އަހަރެންގެ ހަށިގަނޑަށް ދަރިފުޅު ބޭނުން ޖެހިފައިވާ އިރުކޮޅު އެއް ގަޑިއިރަށްވުރެ ވެސް މަދެވެ.

އަހަރެން ކަންނެތް ކަމަށް ތިބާ ހިތަށްއަރާފާނެއެވެ. ކަންތައްތައް މާ ބޮޑުކޮށްލަނީ ކަމަށް ވެސް ހީވެދާނެއެވެ. އެކަމަކު ހަގީގަތަކީ އަހަރެންގެ ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ އަރާމެއް ބޭނުންވާކަމެވެ.

އާނއެކެވެ. ދަރިފުޅަށް ގާތުން ދޭއިރު އަހަރެން އަރާމުކުރަނީ ކަމަށް ހީވެދާނެއެވެ. އެނދުގައި އޮށޯވެލައިގެން އޮންނަ ނަމައެވެ. އަދި ގާތުން ދެމުން އެހެން އޮވެ އަހަރެންނަށް ނިދިއްޖެ ނަމައެވެ. އެކަމަކު ހަގީގަތަކީ އަހަރެން ވަރުބަލިވެފައިވާކަމެވެ. އަދި އަހަރެންނަށް ނިދެމުން ދިޔަ އިރު އެއްގޮތަކަށް ވެސް އެ ކަން އަހަރެންނަށް ފާހަގަ ނުކުރެވޭކަމެވެ.

މި މިސާލުގައި އަހަރެން އަދި ފާހަގަ ނުކުރާ ކަންތައްތަކެއްވެއެވެ. ދަރިފުޅު ބޮމުން ދިޔަ ކިރު އަލުން އަނގައިން ބޭރުކޮށްލައި ނުވަތަ ހޮޑުލައިކަމެވެ. އޭނާ ނިދާއިރު އޭނާގެ ގައިގައި ހިފަހައްޓައިލެން އިންނަން އޭނާ ބޭނުންވާކަމެވެ. އަދި ޑައެޕާއިން ނަޖިސް ލީކު ވާ ފަހަރު އޭނާގެ ހުރިހާ ހެދުމެއް ބަދަލުކުރަންޖެހެއެވެ. ނޫނީ ބައެއް ފަހަރު ފެންވަރުވަންޖެހެއެވެ.

ވިސްނާލާށެވެ: އަހަރެން ވަނީ ވަރުބަލިވެފައެވެ. ގާތުން ދިނުމަކީ ހަގީގަތުގައި ވެސް ބުރަ މަސައްކަތެކެވެ. ގާތުން ދިނުމަށް ބޭނުންވާ ކިރު އުފެއްދުމަށް އަހަރެންގެ ހަށިގަނޑުން ކޮންމެ ދުވަހަކު 650 ކެލޮރީ އަނދައެވެ. އެއްވާނެއްގައި ދެ ގަޑިއިރާއި ހަތަރު ގަޑިއިރާ ދެމެދު ރެއަކު ނިދައިލަން އަހަރެންނަށް ފުރުސަތު ލިބުނަސް އެއީ އަހަރެންނަށް ނަސީބެކެވެ.

އަހަރެންނަކީ މިހާރު ހަމައެކަނި ތިބާގެ އަނބިމީހާއެއް ނޫނެވެ. އަހަރެންނަކީ މަންމައެއްވެސްމެއެވެ.

އަހަރެން ފެންވަރާއިރު ނުވަތަ ނިދާއިރު އަހަރެމެންގެ ދަރިފުޅު ބަލަހައްޓައިލަދީބަލާށެވެ. ރޭގަނޑުގެ ކެއުން ތައްޔާރުކޮށްލަދީބަލާށެވެ. ނުވަތަ ތިބާ ގެއަށް އަންނަ މަގުމަތީގައި ކޮންމެވެސް ތަނަކުން ކާއެއްޗެއް ގެނެސްދީބަލާށެވެ. ގޭތެރޭގެ މަސައްކަތްތަކުގައި ބައިވެރިވެލާށެވެ. އެންމެ ކުޑަމިނުން އެ ވަރު ނުކޮށްލެވޭނެ ނަމަ ގޭތެރެ ހަޑިވެފައިވާކަމާމެދު ޝަކުވާ ނުކުރުން އެދެމެވެ.

ދަރިފުޅު ބޮޑުވާވަރަކަށް ކަންތައްތައް ރަނގަޅުވުން އެކަށީގެންވެއެވެ. އެކަމަކު ހަމަ އެހެން ނުވެވެސްދާނެއެވެ.

ތިބާގެ އަނބިމީހާގެ ހައިސިއްޔަތުން އަހަރެން މި މަސައްކަތްކުރަނީ އަހަރެންގެ ގާބިލުކަމާ އެއްވަރަށް އަހަރެންނަށް ކުރެވޭނެ އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭތޯއެވެ.

އިހުތިރާމާއި އިހުލާސްތެރިކަމާއެކު،

ތިބާގެ ލޯބިވާ ދަރިފުޅުގެ މަންމަ

 

  • ތަރުޖަމާއެއް