Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އަންހެނެއްގައި ރީތި ސިފަ ޖެއްސޭނީ ފިރިހެނަކަށްބާ؟

"އޯވަތިންކް" ކުރުމަކީ ހިޔާލުތަކާއި ފިކުރުތައް ބޮޅެއްގެ ތެރޭގައިހެން ނުނިކުމެވި އެނބުރުމެވެ. ދެން އަޅަން ހުރި ފިޔަވަޅުތަކުގެ ބަދަލުގައި އާއްމު ގޮތެއްގައި އެ މީހަކަށް ހުރެވޭނީ އެއްވެސް އަމަލެއް ނުކޮށް، ބިރެއްގެ ތެރޭގައި ބެދިފައެވެ. މިހެންވެ އޯވަތިންކް ކުރުމަކީ ނަފުސާނީ ބައްޔެއް ކަމަށްވާ ޑިޕްރެޝަން އާއި ހާސްވުން ނުވަތަ އެންޒައިޓީގެ އިތުރުން ސިކުނޑީގެ ދުޅަހެޔޮކަމުގައި މައްސަލަޖެހިފައިވާކަމުގެ ނިޝާންތަކެވެ.

އޯވަތިންކް ކުރުމުގެ އާދައެއް އަންހެނުންގައި ހުރެއެވެ. ހަމަޖެހިލައިގެން ހުރުމުގެ ބަދަލުގައި ކުއްލިކުއްލިއަށް ކަންތައްތަކަށް ކުރިއަށް ވިސްނައިނުލައި ޖަވާބުދާރީވުން ނުވަތަ "ރިއެކްޓް" ކުރުމުގެ ސިފަ ހުރެއެވެ. އޭނާގެ ސަލާމަތްތެރިކަމާމެދު އޭނާއަށް ޝައްކުކުރެވޭ ސިފަ ވެސް ހުރެއެވެ. މިހެންވެ، އޭނާ ދެކެ ލޯބިވުމުން ތިބާއަށް އޭނާގެ ނުރަނގަޅު އަދި އުނި ސިފަތައް ފެންނަން ފަށާނެއެވެ.

އަންހެނުންނަކީ ގުދުރަތީ ގޮތުން ވެސް ޖަޒުބާތީ ބައެއްކަން ފިރިހެނުންނަށް ފަހުމްވާންޖެހެއެވެ. މިހެންވެ، އަންހެނެއް ދެކެ ލޯބިވުމަކީ ފަސޭހަ ކަމެއް ނޫނެވެ.

އަންހެނަކަށް ބޭނުންވާނީ އެއް ގޮތެއްގައި އެއް ވާނެއްގައި ތިބޭ ފިރިހެނުންނެވެ. އަމަލުތައް އެކި ފަހަރު އެކި ގޮތަށް ބަދަލުވާ ފިރިހެނެއް އަންހެނަކަށް ކަމަކު ނުދާނެއެވެ. އޮޅުން އަރާ ފަދަ އިޝާރާތްތައްކުރާ ފިރިހެނުންނާ އަންހެނުން ގާތެއް ނުވާނެއެވެ.

ތިބާ ދެކެ ލޯބިވެއްޖެ ނަމަ އެހެން ހުރިހާ އެއްޗަކާއި ކަމަކަށްވުރެ ބޮޑަށް އެ އަންހެނަކު ތިބާ ދެކެ ލޯބިވާނެއެވެ. ތިބާގެ އުނި ސިފަތައް އޭނާ ބަލައިގަންނާނެއެވެ. ތިބާ މިހާރަށްވުރެ ރަނގަޅު މީހަކަށް ހަދަން މަސައްކަތް ކުރާނެއެވެ. އަދި ތިބާއަށް ބޭނުންޖެހޭ ކޮންމެ ހިނދެއްގައި ތިބާއާއެކު ވާނެއެވެ.

ނަމަވެސް ތިބާއަށް އޭނާ ގެއްލިދާނެ ހިސާބަކީ ތިބާ އޭނާގެ އަގުވަޒަން ނުކުރާ ގޮތްވެއްޖެ ނަމަ، އޭނާއަށް އެ ކަން އިހުސާސް ކުރެވެން ފެށީމައެވެ. އޭނާގެ ޖަޒުބާތުތަކަށް ތިބާ ސަމާލުކަން ނުދޭން ފެށީމައެވެ. އަދި ސީދާ ނުބުނެ، ނަމަވެސް ނުސީދާކޮށް އޭނާ ތިބާއަށް އިޝާރާތްކުރާ، އަދި އޭނާ ބޭނުންވާ ހުރިހާ ކަންތައްތައް، ތިބާގެ "ގަމާރުކަމުން ތިބާ ވާނުވާގައި ހުރެ" އޭނާ އެ އެދޭ ކަންތައްތައް ތިބާއަށް ފަހުމް ނުވެ، އެ ކަންތައްތައް ތިބާއަށް ރޭކާ ނުލައި، އެ ކަންތައްތަކާމެދު ތިބާގެ އަޅާލުމެއް ނެތްކަން އޭނާއަށް އިހުސާސް ކުރެވެން ފެށުމުންނެވެ.

ތިބާއަށް އަންހެނަކު ގެއްލޭނީ އޭނާ ތިބާއަށް ބޭނުންވާ ވަރަށް ތިބާއަށް އޭނާ ބޭނުން ނުވާ ކަމަށް އޭނާއަށް އިހުސާސް ކުރެވެން ފެށުމުންނެވެ. މިހެންވެ، ކޮންމެ އަންހެނަކީ ވެސް ތިބާ އޭނާއާ ދޭތެރޭ ކަންތައްތައް ކުރާ ގޮތް، ތިބާއަށް އެނގި ހާމަވާނެ ލޯގަނޑެއް ފަދަ އެއްޗެކެވެ.

އަންހެނަކާ ދޭތެރޭ ފިރިހެނަކު ރަނގަޅަށް ކަންތައްތައްކުރާ ނަމަ އެ އަންހެންމީހާ ދަށު ދަރަޖައަކަށް ނުވެއްޓޭނެއެވެ. އެންމެ ސިފަ ރީތި އަންހެންމީހާ ވެސް އޭނާގެ އަމިއްލަ ނަފުސާމެދު ދަށް ގޮތަކަށް ދެކެން ފަށާނީ އޭނާއަށް ނުރަނގަޅު ފިރިހެނެއް ދެކެ ލޯބިވެވިއްޖެ ނަމައެވެ. އެހެންކަމުން އަންހެނެއްގެ ހުރިހާ ކަމެއް ރީތި ވާނީ އޭނާއަށް ރަނގަޅަށް ހިތާ ފިރިހެނަކު އޭނާއަށް ލިބިއްޖެ ނަމައެވެ.

  • ތަރުޖަމާއެއް