Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ބާޒުގެ ކިބައިން ފެންނަ ލީޑަޝިޕްގެ 6 ފިލާވަޅު

ބާޒަކީ ދޫނިސޫފާސޫފީގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ހާއްސަ ދޫންޏެކެވެ. މި ބަލައިލަނީ ބާޒުގެ އާދަޔާ ހިލާފު ސިފަތަކާއި އަމަލުތަކުން އަހަރެމެން އިންސާނުންނަށް ލިބޭ ލީޑަޝިޕާ ގުޅޭ ހަ ފިލާވަޅަކަށެވެ.

1. ބާޒު އުދުހެނީ އާއްމު ގޮތެއްގައި އެކަނި ނުވަތަ އެހެން ބާޒުތަކާއެކު ވަރަށް މަތިންނެވެ.

އެ ސޮރަކީ ސްޕެރޯ، ކާޅު އާއިލާގެ ރޭވަން އަދި އެހެނިހެން ކުދިކުދި ދޫންޏާއެކު އުދުހޭ ދޫންޏެއް ނޫނެވެ.

ފިލާވަޅު: ކަންތައްތަކާމެދު ހަނިގޮތަކަށް ދެކޭ މީހުންނާ ދުރުވާށެވެ. އެ މީހުންނާއެކު އުޅުމުން ތިބާގެ ދިރިއުޅުން ބަރުބާދުވާނެއެވެ. ބާޒު އުދުހެނީ ބާޒާ އެކުއެވެ. އެހެންކަމުން ތިބާ ވެސް ރަނގަޅު މީހުންނާ އެކުލަވާށެވެ.

2. ބާޒުގެ ލޮލުގެ ފެނުން ވަރަށް ސާފުވެފައި ސީދަލެވެ.

ތިން މޭލު ދުރުގައިވާ ތަކެތި ވެސް ބާޒަށް ފެނެއެވެ. ކިތައްމެ ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެ ސޮރު ޝިކާރަ ކުރަން ބޭނުންވާ މަހުލޫގު ލިބެންދެން އެ މަހުލޫގުން ދުރަށް ނަޒަރު އަނބުރައެއްނުލައިނެއެވެ.

ފިލާވަޅު: ދުރަށް ވިސްނައިފައި އަމާޒުފަތްގަނޑެއް ތިބާ ކަނޑައަޅައިށެވެ. ކިތައްމެ ޒާތެއްގެ ހުރަސްތަކެއް ކުރިމަތިވި ނަމަވެސް އެ އަމާޒުފަތްގަނޑުން ތިބާގެ ނަޒަރު އެހެން ދިމާއަކަށް އަނބުރާނުލައިށެވެ. އެ ގޮތުގައި ހުރުމުން އެ ކަން ކާމިޔާބުވާނެއެވެ.

3. ބާޒަކީ މަރުވެފައިވާ މުޅަ މަސް ކާ ދޫންޏެއް ނޫނެވެ.

އެ ސޮރު ކާނީ އެ ސޮރު ޝިކާރަކޮށްފައިވާ މަހުލޫގެއް އޭގެ ތާޒާކަންމަތީއެވެ.

ފިލާވަޅު: މާޒީގެ ކާމިޔާބީތަކަށް އަދިވެސް ބަރޯސާވެގެން ނޫޅޭށެވެ. އާ ބިންތައް ފަތަހަކުރަން މަސައްކަތްކުރާށެވެ. ތިބާގެ މާޒީ އެ އޮންނަންޖެހޭ ތާނގައި ބާއްވައިށެވެ؛ އެއީ މާޒީޒެ ތެރޭގައެވެ.

4. ބާޒަކީ ތޫފާނަށް ލޯބިކުރާ ދޫންޏެކެވެ.

ވިލާތައް ނަގަން ފެށުމުން އެ ކަމާ ޝައުގުވެރިވެ އަދި އެ ވިލާތައް ބޯވުމުން އެ ވިލާތަކުން ގެންނަ ވައިގެ ބޭނުން ހިފަނީ އެ ސޮރު މައްޗަށް އުދުހި އެރުމަށެވެ. ތޫފާނުގެ ވައިގެ އެހީގައި ވިލާތަކަށްވުރެ މައްޗަށް އެ ސޮރު އަރައެވެ. މި ކަމުން އެ ސޮރަށް ދެ ފިޔަގަނޑު ނުތަޅުވާ "ގްލައިޑް" ކުރަން ފުރުސަތު ލިބުމުން އެ ސޮރުގެ ދެ ފިޔަގަނޑަށް އަރާމުކޮށްލާނެ ފުރުސަތު ލިބެއެވެ. އެއިރު އެހެން ހުރިހާ ދޫންޏެއް ތިބޭނީ ގަސްގަހުގެ ގޮތްޕާއި ފަތްތަކުގެ ތެރޭގެ ނިވަލުގައި ފިލައެވެ.

ފިލާވަޅު: ތިބާއަށް ކުރިމަތިވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާށެވެ. އެ ހުރަސްތައް ކަޑައްތުކޮށްފައި ނުކުންނައިރު ތިބާ ހުންނާނީ އިހުނަށްވުރެ ވަރުގަދަކޮށް އަދި ކުރިއަށްވުރެ ރަނގަޅު ހާލަތެއްގައިކަން އެނގޭ ހާލުގައެވެ. ހަޔާތުގައި އަހަރެމެންނަށް ކުރިމަތިވާ ތޫފާންތަކުގެ ބޭނުން ހިފައިގެން ދިރިއުޅުމުގެ ފެންވަރު މާ މައްޗަށް ޖައްސައިލެވޭނެއެވެ. ކާމިޔާބު މީހުންނަކީ ހަޔާތް އުހަށް ގެންދަން ބިރުގަންނަ ބައެއް ނޫނެވެ. އެ މީހުންނަކީ ގޮންޖެހުންތައް ދެކެ ބިރުގަންނަ ބައެއް ނޫނެވެ. އެއާ ހިލާފަށް އެ މީހުންނަކީ ގޮންޖެހުންތަކާމެދު އުފާކުރާ ބައެކެވެ. އެ ގޮންޖެހުންތަކުން ފައިދާ ނަގާ މީހުންނެވެ.

5. ބާޒަކީ ތަމްރީނުވުމަށް ތައްޔާރުވާ ދޫންޏެކެވެ.

ހާލީގައި ހުންނަ އެ ސޮރުގެ ހަށިގަނޑުން ނަގައިގެން އެޅި ފަތްތަކާއި މަޑު ވިނަތައް ނަގައެވެ. ހާއްޔަކީ އެހާ އަރާމު ތަނަކަށް ނުވާ ގޮތް ހެދުމުން ހާލީގައި ނުތިބެވިގެން އެ ސޮރުގެ ދަރިން އަވަހަށް އުދުހެން ތައްޔާރުވާން ބާރުއެޅުމަށްޓަކައެވެ.

ފިލާވަޅު: ތިބާ އަރާމުގައި ތިޔަ ހުންނަ ތަން ދޫކޮށްލައިށެވެ. ފަސޭހަކަމުގައި ހުރެގެން ނަފުސަށް ތަރައްގީއެއް ނުލިބޭނެއެވެ.

6. ބައެއް ފަހަރު 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ބާޒު ދިރިހުރެއެވެ.

ބާޒަކީ މަރުވާ އުމުރަށް ދާންދެން ވެސް އާ ފަތް ފަޅައި އަދި އަހަރެމެންގެ އިންސާނުންގެ ނިޔަފަތި ފަދައިން އޭގެ ވަކިތައް ވެސް އަބަދުމެ ހެދޭ އަދި ދިގުވާ އެއްޗެކެވެ.

ފިލާވަޅު: އަހަރެމެންގެ ޒަމާންވީ އާދަތަކީ ބައެއް ފަހަރު ދޫކޮށްލަންޖެހޭ ކަންތައްތަކެވެ. އެ ކަންތައްތައް ދޫށްލުމަކީ ކިތައްމެ އުނދަގޫ ކަމަކަށްވި ނަމަވެސްމެއެވެ. އަހަރެމެންނަށް ބުރައަކަށްވާ ނުވަތަ އަހަރެމެންގެ ހަޔާތަށް އިތުރު އަގެއް ނުގެނެސް ދޭ އެއްޗެއްސާއި ކަންތައްތައް ދޫކޮށްލަންޖެހެއެވެ.

މި ބަލައިލި ހަ ކަމަކީ އަޖައިބެއް ފަދަ ދޫންޏެއް ކަމަށްވާ ބާޒުގެ ގުދުރަތީ ސިފަތަކާއި އެ ސޮރުގެ އަމަލުތައް ހުންނަ ގޮތުން އަހަރެމެން އިންސާނުންނަށް ލީޑަޝިޕްގެ ދާއިރާއިން ލިބޭ ފިލާވަޅުތަކެވެ. މިއީ އަހަރެމެންގެ ދިރިއުޅުމަށް ފައިދާކުރާނެ އިބުރަތްތެރި ފިލާވަޅުތަކެކެވެ.

  • ތަރުޖަމާއެއް