Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރެވިދާނެ 15 ގޮތެއް

ބެލެނިވެރިންގެ ގޮތުން ދެމަފިރިން އެކުގައި މަސައްކަތްކޮށްގެން ދަރިން ރަނގަޅު މަގުގައި ތަރުބިއްޔަތު ކޮށްދެވޭނެ ގޮތްތައްވެއެވެ. މި ބަލައިލައި 15 ކަންތަކުގައި ހިފަހައްޓައިފި ނަމަ ރަނގަޅު މަގުން ދަރިން ބޮޑުވުމަށް މަގުފަހިވާނެއެވެ.

  1. ތިޔަ ދެމިފިރިން ހީކުރާ ވަރަށް ވުރެ ދަރިން މާ ވިސްނުން ތޫނު ވާނެއެވެ. އެ ކުދިންގެ ސިކުނޑިއަށް މައުލޫމާތު ނަގަމުން އަދި އެ މައުލޫމާތު ފަހުމް ވަމުން އަންނާނީ މާ ބޮޑަށް އަދި މާ އަވަހަށެވެ. އަދި ތިޔަ ދެމަފިރިންގެ އަމަލުތައް ހުންނަ ގޮތް އެ ކުދިން ކޮޕީ ކުރާނެއެވެ. އެހެންކަމުން ތިޔަ ދެމަފިރިންގެ ކޮންމެ އަމަލެއް ރަނގަޅު މަގުގައި ބަހައްޓައިށެވެ.
  2. އެ ކުދިންގެ ގައިގައި ބައްދައިލައިށެވެ. ދޮނެއް ދީފައި ނިންދަވައިލައިށެވެ. އަދި އެ ކުދިން ދެކެ ލޯބިވާ ކަމަށް ކޮންމެ ދުވަހަކު ވެސް އެ ކުދިންގެ ގާތުގައި ބުނާށެވެ.
  3. ހަޔާތުގެ ފިލާވަޅުތައް ދަސްކުރުމުގެ ހަމައެކަނި މަސްދަރަކީ އެ ކުދިން ދާ ސްކޫލް ކަމަށް ނުދެކޭށެވެ. ކާރު ހަދަން، މަސް ބާނަން، ޖަންގައްޔެއްގައި ސަލާމަތުން ދިރިހުންނަން އަދި އެނބުރި ގެއަށް އަންނާނެ ގޮތް ވެސް ތިޔަ ދެމަފިރިން އެ ކުދިންނަށް ދަސްކޮށްދޭށެވެ.
  4. ކަމުވޮށިގެންވާ މީހުންނާއި އެކި ރޮނގުތަކުން ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރުންނާއި ހަނގުރާމައެއްކޮށް ސަލާމަތުން އެނބުރި އައިސްފައިވާ މީހުންނަށް އިހުތިރާމް ކުރުމުގެ މުހިންމުކަން ކިޔައިދޭށެވެ. މި ފަދަ ފަރާތްތަކުން މުޖުތަމައަށް ވެފައިވާ ގުރުބާނީތައް ދުވަހަކު ވެސް ހަނދާން ނައްތައިނުލަން ވިސްނައިދޭށެވެ.
  5. "ކަފަކޮޅަކަށް ލައިގެން" އެ ކުދިން ބަލާބޮޑުނުކުރާށެވެ. ހަޔާތުގައި އެ ކުދިންނަށް އަނިޔާ ލިބޭނެއެވެ. އެހެން ކުދިންނާ "ތަޅާފޮޅާނެ"ވެސްމެއެވެ. ބައިސްކަލުން ވެސް ވެއްޓޭނެއެވެ. ނަމަވެސް މި ހުރިހާ ކަމަކީ ވެސް އެ ކުދިން ދިރިއުޅުމަށް ދަސްކުރަން ޖެހޭ ތަޖުރިބާތަކުގެ ބައެކެވެ.
  6. މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެންމެ ފުރަތަމައިނުން އެ ގޮންޖެހުމެއް އެ ކުދިން އަމިއްލައަށް ހައްލުކުރަން އެ ކުދިންނަށް ފުރުސަތު ދޭށެވެ. އަބަދު ހުރިހާ ކަމެއް އެ ކުދިންނަށް ފަސޭހަ ނުކޮށްދޭށެވެ. މައްސަލައިގެ ހައްލު އަބަދު ނުކިޔައިދޭށެވެ.
  7. އިހުތިރާމް ކުރުމަކީ ކޮބައިކަން ދަސްކޮށްދޭށެވެ. މިސާލަކަށް، މީހެއްގެ ކިބައިން އެއްޗަކަށް ނުވަތަ ކަމަކަށް އެދޭއިރު "ޕްލީޒް" ނުވަތަ މިއާ ގާތްކުރާ ބަހެއް ފުރަތަމައިނުން ބުނުމަށެވެ. އަދި އެ މީހަކު އެ ކުދިންނަށް އެ އެއްޗެއް ދިނުމުން ނުވަތަ އެ ކަމެއް ކޮށްދިނުމުން އެ މީހަކަށް "ޝުކުރިއްޔާ" ބުނަންށެވެ.
  8. އެ ކުދިންގެ ދެ ކާފަ އާއި ދެ މާމަގެ ގާތުގައި އެ ކުދިން ވަގުތު ހޭދަކުރަން ބޭނުންވާ މިންވަރަކަށް އެ ފުރުސަތު އެ ކުދިންނަށް ދޭށެވެ. ތިޔަ ދެމަފިރިން ވެސް ތިޔަ ދެމަފިރިންގެ ދެ ކާފަ އާއި ދެ މާމަ އާއެކު ފުރުސަތު ލިބޭ ކޮންމެ ދުވަހަކު ވެސް އެ މީހުންނާއެކު ވަގުތު ހޭދަ ކުރަން ތިޔަ ދެމަފިރިން ވެސް ޝައުގުވެރިވީމެއް ނޫން ހެއްޔެވެ.
  9. ތިޔަ ދެމަފިރިންގެ ދުވަހުގެ ޝެޑިއުލް ހަމަޖައްސަން ވާނީ ދަރިންގެ ހުރިހާ ކަމަކަށް އެންމެ އިސްކަން ދީގެންނެވެ. ތިޔަ ދެމަފިރިން ދިރިއުޅުމަށް ކުރާ މަސައްކަތް ވެސް ރާވައިލަން ވާނީ އެ ކުދިންނާއެކު ވަގުތު ހޭދަކުރެވޭނެ ގޮތަށެވެ.
  10. އެ ކުދިން ޝައުގުވެރިވާ ހުރިހާ ކަމެއްގައި ބައިވެރިވާށެވެ. އެއީ މޮންސްޓާ ޓްރަކް، ބާބީ، ޕްލޭސްޓޭޝަން ނުވަތަ ޕޯކަމާން ކާޑު ވިޔަސްމެއެވެ. އެ ހޮބީތަކާއި ކުޅިވަރުތަކުގައި ބައިވެރިވާށެވެ. ތިޔަ ދެމަފިރިންގެ ޝައުގުވެރިކަން ވެސް ދައްކައިށެވެ. އެ ކުދިންގެ ދުނިޔޭގައި ވެސް އުޅޭށެވެ.
  11. އެންމެ މަދުވެގެން މަހަކު އެއް ދުވަސް އެއީ ހަމައެކަނި އެ ކުދިންގެ ކަންތައްތަކައިގެން އުޅޭ ދުވަހެއް ކަމަށް ހަމަޖައްސައިށެވެ. ގޮނޑުދޮށަށް ދިއުން، ބޯޓެއްގައި ދަތުރުކޮށްލުން، ހައިކް ނުވަތަ ހިނގައިލަން ދިއުން، ކާނިވަލެއް ނުވަތަ ތީމް ޕާކަކަށް ދިއުން ހިމެނެއެވެ. އެ ކަމަށް ނިކުންނަން ވާނީ ތިބާގެ ފޯން ގޭގައި ބާއްވައިފައެވެ.
  12. ދަރިންގެ އުމުރާ އެއްގޮތަށް އެ ކުދިން އުޅެން ދޫކޮށްލައިށެވެ. ތިޔަ ދެމަފިރިންގެ ދަރިންކުރެ ދަރިއެއްގެ އުމުރަކީ ތިން އަހަރު ނަމަ، ހަ އަހަރުގެ ކުއްޖެއްގެ ހުންނާނެ އަހުލަގީ މިންގަނޑަށް އެ ކުދިން ފެތޭނެ ކަމަށް ހީނުކުރާށެވެ. ތިޔަ ދެމަފިރިން ކެތްތެރިވާށެވެ.
  13. އަހުލާގީ މިންގަނޑުތައް އެ ކުދިންގައި ހިފެހެއްޓޭނީ އެ ކުދިން ލައްވައި ކުރުވާ ކޮންމެ ކަމެއް ކޮންމެ ފަހަރަކު ވެސް އެ ކުދިން އެ ކަމެއް ކުރާ ގޮތް ބަލަހައްޓަމުން ނިންމައިލައި ހިސާބަށް ވެސް ދިއުމުންނެވެ. އެ ކަމުން އެ ކުދިންނަށް ފިލާވަޅެއް ލިބޭނީ ތިޔަ ދެމަފިރިން އެ ކުދިންނަށް އެ ކަމުން ދަސްކުރަން ޖެހޭ ފިލާވަޅު އެ ކުދިންނަށް ރަނގަޅަށް ވިސްނައިދިނުމުންނެވެ. މި ގޮތަށް އެ ކަމުން ލިބެންވާ ފިލާވަޅު ކިޔައިދޭއިރު ތިޔަ ދެމަފިރިން އެ ކުދިންނާ ކުރިމަތިލާން ޖެހޭނީ ހަމަޖެހިލައިގެން ތިބެއެވެ.
  14. ތިޔަ ދެމަފިރިންގެ ޖަޒުބާތުތައް އެ ކުދިންނަށް ހާމަ ކުރާށެވެ. އެއީކީ ފޮރުވަން ޖެހޭ އިހުސާސްތަކެއް ނޫނެވެ. ތިޔަ ދެމަފިރިންނަށް ލިބޭ ކާމިޔާބީތައް ފާހަގަކުރާށެވެ. އަދި ތިޔަ ދެމަފިރިންނަށް ލިބޭ ނާކާމިޔާބީތަކާއި ހިތާމަތަކާއި އަދި ބިރުގަންނަ ކަންތައްތައް ވެސް އެ ކުދިންނަށް ވިސްނައިދޭށެވެ.
  15. އިއްޔެއަށްވުރެ މިއަދު އިތުރަށް ރަނގަޅު ބެލެނިވެރިންނަށް ވާން މަސައްކަތް ކުރާށެވެ. ތިޔަ ދެމަފިރިން މަސައްކަތް ކުރަންވާނީ އެކަތިގަނޑަކަށް ވެގެންނެވެ. ދެމަފިރިން އެކަކު އަނެކަކާ ދެކޮޅަށް ވާދަ ނުކުރާށެވެ. އަދި ތިޔަ ދެމިފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކުގެ ދޭތެރެއަށް ދަރިން ނުވައްދައިށެވެ. އަބަދުވެސް ތިޔަ ދެމަފިރިން އެންމެ އިސްކަން ދޭންވާނީ އެ ކުދިންނަށެވެ.

މި ބަލައިލި 15 ކަމަކީ ބެލެނިވެރިންގެ ގޮތުން ދެމަފިރިން އެކުގައި މަސައްކަތްކޮށްގެން ދަރިން ރަނގަޅު މަގުގައި ތަރުބިއްޔަތު ކޮށްދެވޭނެ ގޮތްތަކެވެ. މި ގޮތަށް ކަންތައްތަކުގައި ހިފަހައްޓައިފި ނަމަ ރަނގަޅު މަގުން ދަރިން ބޮޑުވުމަށް މަގުފަހިވާނެއެވެ.

  • ތަރުޖަމާއެއް