Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ކުޑަކަމުދާން ޖެހޭނީ ދުވާލަކު ކިތައް ފަހަރު؟

ދުވާލަކު ކުޑަކަމުދާ މިންވަރަށް ބަދަލުތަކެއް އަތުވެއްޖެ ނަމަ އެއީ ސިއްހީ ގޮތުން ސީރިއަސް މައްސަލައެއް ކުރިމަތިވެފައިވާކަމުގެ ނިޝާނެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.

ކުޑަކަމުދަނީ އަވަސް އަވަހަށާއި ނުވަތަ ލަސްލަހުން ކަމަށް ވިޔަސް އެކަން ބިނާވެފައިވަނީ އަހަރެމެންގެ އުމުރާއި ބޮނީ ކޮން އެއްޗެއް ކަމާއި އަދި އެއީ ކިހާ ވަރަކަށް ކަމުގެ މައްޗަށެވެ. މީގެ އިތުރުން ސިއްހަތު ހުރި ގޮތަށް ވެސް ބަލަންޖެހެއެވެ. ވަކިން ހާއްސަކޮށް މާބަނޑު ނަމަ ނުވަތަ ކޮންމެވެސް ސިއްހީ މައްސަލައެއް އުޅުމާއި އަދި ކަނީ ކޮން ބޭސްތަކެއްކަން ވެސް ބަލަން ޖެހެއެވެ.

"އެކަކުގެ ހާލަތާ އަނެކަކުގެ ހާލަތާ ވެސް ތަފާތުތަކެއްވޭ،" ޑރ. ރައެވްތީ ބޯލެ ކްލީވްލޭންޑް ކްލިނިކަށް ބުންޏެވެ.

"ބައެއް މީހުން ދުވާލަކު 10 ފަހަރު ވެސް ކުޑަކަމުގޮސްފާނެ. އެއީ ހަމަ އެންމެ ރަނގަޅު ކަމެއް. އޭގެން ތިބާއަށް އުނދަގުލެއް ނުވަންޏާ. ބައެއް މީހުން 24 ގަޑިއިރުގެ ތެރޭގައި އެންމެ ހަތަރު ފަހަރު ވެސް ކުޑަކަމުދޭ. އެއީ ވެސް ހަމަ އާއްމު ގޮތެއްގައި ރަނގަޅު ގޮތެއް،" އޭނާ ބުންޏެވެ.

އެންމެ އާއްމު ނިސްބަތް ނުވަތަ އެވްރެޖަކީ ދުވާލަކު ހަތް ފަހަރެވެ. ނަމަވެސް އެއީ ވެސް ކޮންމެހެން މުހިންމު "ގަވައިދަ"ކުން ނޫނެވެ. އެއަށްވުރެ މަދުން ނުވަތަ ގިނައިން ކުޑަކަމުދެވުނު ނަމަވެސް އެއީ އެންމެ ރަނގަޅު ކަމެކެވެ. ދުވާލަކު ތިބާ ކުޑަކަމުދާ މިންވަރަށް ވަރަށް ބޮޑު ބަދަލެއް އައުމުން ނޫނީ ކަންބޮޑުވާކަށް ނުޖެހެއެވެ.

ކުޑަކަމުދާ ނިޒާމުގެ ބަލިތަކާ ބެހޭ ޔޫރޮލޮޖިސްޓެއް ކަމަށްވާ ޑރ. ބޯލެ ބުނީ ސިއްހަތު ރަނގަޅު މީހަކު ނަމަ ބްލެޑާ ނުވަތަ ކުޑަކަމުދާ ތަކެތި ރައްކާ ކުރާ ގުނަވަނުގައި 350 މިލިލީޓަރު (އެމް.އެލް)އާ 600 އެމް.އެލްގެ މިންވަރަށް ކުޑަކަމުދާ ތަކެތި ރައްކާކުރެވޭ ކަމަށެވެ.

ކުޑަކަމުދާ ތަކެތި ކުޑަކަމުދާ ނިޒާމުން ބޭރުކުރާ މިންވަރު ބިނާވެފައިވާ އެތައް ކަމެއް ވެއެވެ.

"ބަނގުރަލާއި ކެފެއިންއަކީ އަވަސްއަވަހަށް ކުޑަކަމުދިޔުމަށް މެދުވެރިވާ ސަބަބެއް. ބައެއް ކަހަލަ ބުއިމާއި ކާނާއަކީ ވެސް ކުޑަކަމުދާ މިންވަރު އިތުރުކުރާ އެއްޗެއް،" ޑރ. ބޯލެ ބުންޏެވެ.

"އުމުރަކީ ވެސް ކުޑަކަމުދާ މިންވަރަށް އަސަރުކުރާ ކަމެއް. މުސްކުޅި ވާވަރަކަށް ދަންވަރު ގިނަގިނައިން ކުޑަކަމުދާން މެދުވެރިވޭ. މިއީ ޕްރޮސްޓްރޭޓަށް ކެންސަރު ނުޖެހުނަސް ޕްރޮސްޓްރޭޓް ބޮޑުވުމުން ވެސް ދިމާވެދާނެ ކަމެއް. ހެނދުނު ހޭލެވެންދެން ކުޑަކަމު ނުގޮސް ހިފަހައްޓައިލުމަށް އެހީވެދޭ ހޯމޯނެއް ވެސް އުމުރުން ދުވަސްވުމުން ނުއުފެދުމަކީ ގިނަގިނައިން ކުޑަކަމުދާން ޖެހޭ ސަބަބެއް،" އޭނާ ބުންޏެވެ.

އެހެންކަމުން ބްލެޑާގައި މައްސަލަ ޖެހެން ފަށަނީ ކިހާ ހިސާބަކުން ހެއްޔެވެ؟ ފިރިހެނުންނަށް ބަލާއިރު، ކުޑަކަމުދާން ޖެހޭ މިންވަރު މަދުވުމަކީ ޕްރޮސްޓްރޭޓްގެ މައްސަލައަކަށް ވެދާނެއެވެ.

ފިރިހެނުންގެ އިތުރުން އަންހެނުންނަށް ވެސް ކުޑަކަމުދާއިރު ބްލެޑާ އެއްކޮށް ހުސް ނުކޮށްލެވޭ ގޮތް ދިމާވެއެވެ. މިއަށް ކިޔަނީ "ޔުރިނަރީ ރިޓެންޝަން"އެވެ. މި ކަން ކުއްލިއަކަށް ވެސް ދިމާވެދާނެއެވެ. ނުވަތަ މަޑުމަޑުން ވެސް ދިމާވާން ފަށާފާނެއެވެ.

ކުއްލިއަކަށް ދިމާވެއްޖެ ނަމަ ތަޖުރިބާކުރެވިދާނެ މައްސަލަތަކަކީ ކުޑަކަމުދާން އުނދަގޫވުމާއި "ލޮވާ އެބްޑޮމިނަލް ޕެއިން" ނުވަތަ ހަށިގަނޑުގެ ތިރީ ބައިގައި ރިއްސުމެވެ. މި ތަދު އެރުމަށް ކިތައްމެ ކަމެއް ކުރިމަތިވެދާނެއެވެ. އޭގެ ތެރޭގައި ހަޖަމުކުރުމުގައި މައްސަލަ ޖެހުމާއި މި ކަމާ ގުޅިގެން ބަނޑުގައި ގޭސް ނުވަތަ ވައި އުފެދުމާއި އެޕެންޑިކްސްގައި މައްސަލަ ޖެހުމާއި ގޮހޮރު ދުޅަވުން ކަމަށްވާ "އިންފްލެމެޓަރީ ބަވަލް ޑިޒީޒް" (އައި.ބީ.ޑީ)ގެ މައްސަލަ ދިމާވުން ހިމެނެއެވެ. މީގެ އިތުރުން މި ފަދަ މައްސަލަތައް ދިމާވުމުގެ ސަބަބުތަކަކީ ކުޑަކަމުދާ ނިޒާމާ ގުޅިފައިވާ ހުރިހާ ގުނަވަނަކާއި ހޮޅިތަކުގައި އިންފެކްޝަންގެ މައްސަލަ ދިމާވުމާއި މާބަނޑުވުމުގައި ކުރިމަތިވެދާނެ މައްސަލަތަކާއި ހިތް ހުއްޓުމާ ގުޅިފައިވާ މައްސަލަތަކެވެ.

ޔުރިނަރީ ރިޓެންޝަންގެ މައްސަލަ މަޑުމަޑުން ދިމާވާން ފަށައިފި ނަމަ އެ ކަމުގެ ނިޝާންތަކުގެ ތެރޭގައި ބްލެޑާގެ މައްޗަށް އޮތް ކޮންޓްރޯލް ނެތިގެން ދިއުމާއި ހަށިގަނޑުގެ ތިރީ ބަޔަށް ކުޑަކޮށް ތަދުވުމާއި އަދި ކުޑަކަމުދާން އުނދަގޫވުން ނުވަތަ "ވީކް ޔޫރިން ސްޓްރީމް" ހިމެނެއެވެ. މިހެން ދިމާވުމުން ކުޑަކަމުދާން އުނދަގޫވުމާއި އަދި ކުޑަކަމުދާއިރު އެއްވާނެއްގައި ކުޑަކަމުދާ އެއްޗެހި ބޭރުކުރަން އުނދަގޫވެއެވެ. މިއީ ޕްރޮސްޓްރޭޓް ބޮޑުވުމާއި ކުޑަކަމުދާ ނިޒާމުގައި ހިމެނޭ ގުނަވަންތަކަށް އިންފެކްޝަން ޖެހުމާއި ނާރުތައް ހަލާކުވުމުން ދިމާވާ ގޮތެކެވެ. މިހެންވެ މިއީ ސިއްހީ އެހީތެރިންގެ އިރުޝާދުގެ ދަށުން ފަރުވާ ކުރަން ޖެހޭ މައްސަލައެކެވެ.

އަނެއްކޮޅުން ކުއްލިއަކަށް ގިނަގިނައިން ކުޑަކަމުދާން ޖެހެނީ ނަމަ އޭގެ ސަބަބުތަކުގެ ތެރޭގައި ޑަޔަބީޓީސް ނުވަތަ ހަކުރު ބައްޔާއި ޕެލްވިކް ފްލޯ މަސްގަނޑަށް މައްސަލައެއް ކުރިމަތިވުމާއި ކުޑަކަމުދާ ނިޒާމުގައި ހިމެނޭ ގުނަވަންތަކަށް އިންފެކްޝަން ޖެހުމާއި ބްލެޑާގެ ހަރަކާތްތެރިކަން މާބޮޑަށް އިތުރުވުމާއި ބްލެޑާގައި ހިލަ އުފެދުމާއި އަދި ހަށިގަނޑުގައި ކެލްސިއަމް މާއްދާ ހުންނަން ޖެހޭ މިންވަރަށްވުރެ އިތުރަށް ނުވަތަ މަދުން ހުރުން ހިމެނެއެވެ.

"ކުޑަކަމުދިއުމުގައި އާދަޔާ ހިލާފު ނުވަތަ ގޮތް ނޭނގޭ ކަންތައްތަކެއް ކުރިމަތިވެ، ދުވަސްތަކަކަށް އެ ކަން ދެމިގެން ހިނގައްޖެ ނަމަ، ޕްރޮފެޝަނަލް ތަމްރީނު ލިބިފައިވާ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން މުހިންމު،" ޑރ. ބޯލެ ބުންޏެވެ.

  • ތަރުޖަމާއެއް