އެއް ދުވަހަކު ބޯޓެއްގެ އިންޖީނު ހަލާކުވިއެވެ. އަދި އެ ކަން ރަނގަޅު ކުރެވޭނެ އެކަކު ވެސް އެ ބޯޓު ހިންގާ ކުންފުންޏަކު ނެތެވެ. މިހެންވެ ބޯޓުގެ ވެރި ފަރާތުން ނިންމީ މެކަނިކަލް އިންޖިނިއަރެއްގެ ހިދުމަތް "ކުއްޔަށް ހިފާށެ"ވެ.
އެ އިންޖިނިއަރުގެ 30 އަހަރުގެ ތަޖުރިބާ ހުއްޓެވެ. އިންޖީނު އޭނާ ވަރަށް ރަނގަޅަށް ބެލިއެވެ. އަދި އޭނާގެ ދަބަހުން ކުޑަ މަރުތޭލެއް ނެގިއެވެ.
ދެން އިންޖީނުގެ ވަކި ތަނެއްގައި މަރުތޭލައިން މަޑުމަޑުން ޖަހައިލިއެވެ. އިސާހިތަކު އިންޖީނަށް ޖެހުނު މައްސަލަ ރަނގަޅުވެ، އިންޖީނު މަސައްކަތްކުރަން ފެށިއެވެ. ހަލާކުވި އިންޖީނު ރަނގަޅުވިއެވެ!
އޭގެ އެއް ހަފުތާ ފަހެވެ. އިންޖީނު ހަދަން ދިޔަ ޖުމްލަ ހަރަދުގެ ވާހަކަ ބޯޓުގެ ވެރިޔާގެ ގާތުގައި އިންޖިނިއަރު ބުންޏެވެ. އެއީ 20،000 ޑޮލަރެވެ.
"ކީކޭ؟!" ބޯޓުގެ ވެރިޔާ ސިހިފައި ބުންޏެވެ. "ތިބާ ގާތްގަނޑަކަށް އެއްވެސް ކަމެއް ނުކުރަމެއް ނޫން ހެއްޔެވެ. އެހެންކަމުން ތަފުސީލު ބިލެއް ދޭށެވެ."
އިންޖިނިއަރު ބުންޏެވެ: "ތަފުސީލު ވަރަށް ސާދާއެވެ. މަރުތޭލައިން ޖެހުމަށް ދެ ޑޮލަރެވެ. މަރުތޭލަ ޖަހަން ވީ ތަނާއި މަރުތޭލަ ޖަހަން ވީ ކިތައް ފަހަރުކަން ދެނެގަތުމަށް 19،998 ޑޮލަރެވެ."
މި ވާހަކައިން ލިބޭ ފިލާވަޅަކީ މީހެއްގެ ހުނަރު އަދި ތަޖުރިބާ ބަލައިގަތުމުގެ މުހިންމު ކަމެވެ. ސަބަބަކީ އޭނާއަށް އެހާ ހިސާބަށް އާދެވުނީ އެތައް މަސައްކަތާއި ތަހުލީލާއި އަދި ކަރުނައާ ވެސް އެކުއެވެ. މީހަކަށް 30 މިނެޓު ތެރޭގައި މަސައްކަތެއް ނިންމާލެވޭ ނަމަ އެއީ އޭނާގެ ހުނަރު އެ ހިސާބަށް ތަރައްގީ ކުރަން 20 އަހަރު ހޭދަކޮށްފައިވުމުން އެކަށީގެންވެއެވެ. އެހެންވީމާ އޭނާގެ ހިދުމަތުގެ އަގު ދޭން ޖެހޭނީ އެ އަހަރުތަކަށް ބަލައިފައެވެ. އޭނާ މައްސަލަ ހައްލުކުރަން ނެގި މިނެޓުކޮޅަކަށް ނޫނެވެ.
- ތަރުޖަމާއެއް
