Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ފޯޅަވައްސަކީ ދިވެހީންގެ ތަނެކެވެ.

ބައިނަލްއަގްވާމީ އެއްވެސް ހަމަޔަކަށް ބުރަވެ، ފޯޅަވަހި މޮރިޝަސްއާ ހަވާލު ކޮށްފިނަމަ ގަބޫލުކުރަން ޖެހެނީ އެކަން އެކުރީ ފޯޅަވައްސަކީ، އިސްތިޢުމާރުކުރި ފަރާތްތަކުގެ ތަނަކަށް ނުވާތީ ކަމެވެ. އެފަދައިން ފޯޅަވަހި އިސްތިޢުމާރު ކުރިއިރު މޮރިޝަސް އެވެ ކިޔާ ދައުލަތެއް ވުޖޫދުގައިވެސް ނެތަތީ، އެކަމުން ކަށަވަރުވަނީ ހުޅަނގުގެ ބާރުތަކުން އިސްތިޢުމާރުކުރި ފޯޅަވައްސަކީ، ހަމަގައިމުވެސް މޮރިޝަސްގެ ތަނަކަށް ނުވާނެކަމެވެ.

އޭގެ އިތުރުން ދޭހަވާ އަނެއްކަމަކީ، އިސްތިޢުމާރު ނިމުމަކަށް ގެނައުމުގެ ގޮތުން، އިނގިރޭސީން ފޯޅަވަހި ދޫކޮށްލަންޖެހިފައި އަދި އެތަން އެހެން ބަޔަކާ ހަވާލު ކުރަންވެސް ޖެހޭނަމަ އިސްތިއުމާރުކޮށްގެން އެމީހުން އެ އުޅޭ ފޯޅަވައްސަކީ، އިސްތިޢުމާރު ކުރުމުގެ ކުރީގައި އިސްތިޢުމާރީން ނޫން އެހެން ކޮންމެވެސް ބައެއްގެ ތަނެއްކަމަށް ވާކަމެވެ. އަދި ފޯޅަވައްސަކީ، އެެެއްވެސް ބައެއްގެ ތަނަކަށްނުވާ ޙާލަތުގައި އޮއްވައި އިސްތިޢުމާރު ކޮށްފައިވާ ތަނެއްވެސް ނޫންކަމެވެ.

އެކަންކަން އެހެން ހުރެފައި، ފޯޅަވައްސާ ދިވެހީންނާ ގުޅުންހުރި އެތައް އެތައް ޑޮކިޔުމެންޓެއްވެސް ދިވެހީންގެ އަތުގައި ފެންނާން ހުރުމުން ފޯޅަވައްސަކީ ދިވެހީންގެ ތަނެއްކަމަށް ނުވާނޭ އެެއްވެސް ގޮތެއް އަދި ހަމައެއް ނޯންނާނެކަން ގަބޫލުކުރަން ޖެހެއެވެ.

އެހެންވިއްޔާ! އިސްތިޢުމާރު ނިމުމަކަށް ގެނައުމަށްޓަކައި އިސްތިޢުމާރު ކުރެވިފައިވާ ތަންތަން އިސްތިޢުމާރު ކުރުމުގެ ކުރީގައި އޮތް ޙާލަތަށް ރުޖޫޢަ ކުރަންޖެހޭ ހަމައިން ފޯޅަވަހި މޮރިޝަސް އާ ހަވާލު ކުރެވޭނޭ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް އިންކާރު ކުރާނީ ކިހިނަކުން ހެއްޔެވެ؟

އެހެންވީމާ، މާތްރަސްކަލާނގެ ވާގިފުޅާއެކު، ފޯޅަވަހި ދިވެހީންގެ ތަނަކަށް ހެދުމަށްޓަކައި "ފޯޅަވަހީގެ ޙައްޤުގައި ދިވެހި ފަރުދުން" ހިންގާ ގައުމީ ޙަރަކާތް ގެންދާނީ ބާރަށް ކުރިޔަށެވެ. ފޯޅަވައްސަކީ ދިވެހި ދައުލަތުގެ ތަނެއް ކަމަށް ނުވާހައި ހިނދަކު މި ގައުމީ ޙަރަކާތަށް ނިމުމެއްވެސް ނާންނާނެއެވެ.