"އަހަރެންގެ އަނބިމީހާ މަސައްކަތެއް ނުކުރޭ،" މިއީ ބައެއް ފިރިން ވަރަށް ފަސޭހައިން ބުނެލައި އެއްޗެކެވެ. މިހެން ބުނާއިރު އަސްލު މި ބުނެވެނީ ކޮން އެއްޗެއްކަމެއް ވެސް ނޭނގެއެވެ.
މިސާލަކަށް، މީހަކު އޭނާގެ ނަފުސާނީ ޑޮކްޓަރާއެކު ދައްކާ ވާހަކައަކަށް ބަލައިލަމާ ހެއްޔެވެ:
ނަފުސާނީ ޑޮކްޓަރު: "އާމްދަނީ ހޯދަން ތިބާ ކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟"
ފިރިމީހާ: "އަހަރެންނަކީ ބޭންކެއްގެ އެކައުންޓެންޓެކެވެ."
ނަފުސާނީ ޑޮކްޓަރު: "ތިބާގެ އަނބިމީހާ؟"
ފިރިމީހާ: "އޭނާ މަސައްކަތެއްނުކުރެއެވެ. އޭނާއަކީ 'ގޭގައި އިންނަ މަންމަ’އެކެވެ." (އިނގިރޭސި ބަހުން ބުނާ ނަމަ "ސްޓޭ އެޓް ހޯމް މޮމް"އެކެވެ).
ނަފުސާނީ ޑޮކްޓަރު: "ތިބާގެ އާއިލާއަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދެނީ ކާކު ހެއްޔެވެ؟"
ފިރިމީހާ: "އަހަރެންގެ އަނބިމީހާއެވެ. ސަބަބަކީ އޭނާ މަސައްކަތްނުކުރާތީއެވެ."
ނަފުސާނީ ޑޮކްޓަރު: "އަނބިމީހާ ހެނދުނު ހޭލަނީ ކިހާ އިރަކު ހެއްޔެވެ؟"
ފިރިމީހާ: "ރާވާލަންޖެހޭ ކަންތައްތައް ހުރުމުން އޭނާ ވަރަށް އަވަހަށް ހޭލައެވެ. ދަރިންނަށް މެންދުރުގެ ކެއުން ތައްޔާރުކޮށްދެއެވެ. އެ ކުދިން ހެދުން ލައްވައި، ފުނާއަޅައެވެ. އެ ކުދިން ސައި ބުއިތޯ، ދަތްއުނގުޅައިފިތޯ، އަދި ސްކޫލަށް ގެންދާ ދަބަހަށް ހުރިހާ އެއްޗެއް ހަމަކޮށްފިތޯ ބަލައެވެ. އެންމެ ތުއްތު ދަރިފުޅާއެކު އޭނާ ހޭލައެވެ. ނެޕީ ބަދަލުކުރެއެވެ. އަދި ގާތުންދެއެވެ."
ނަފުސާނީ ޑޮކްޓަރު: "ދަރިން ސްކޫލަށް ދަނީ ކިހިނެތް ހެއްޔެވެ؟"
ފިރިމީހާ: "އެ ކުދިން ސްކޫލަށް ގެންދަނީ އަހަރެންގެ އަނބިމީހާއެވެ. ސަބަބަކީ އަނބިމީހާ މަސައްކަތްނުކުރާތީއެވެ."
ނަފުސާނީ ޑޮކްޓަރު: "،މަދްރަސާއަށް ދަރިން ގެންދިއުމަށް ފަހު އަނބިމީހާ ކުރަނީ ކޮން ކަމެއް ހެއްޔެވެ؟"
ފިރިމީހާ: "އޭނާ ދެން ދަނީ ބާޒާރާށެވެ. ގްރޯސަރީ އާއި ގެއަށް ބޭނުންވާ އެއްޗެހި ގަންނާށެވެ. ބައެއް ފަހަރަށް ގެއަށް އަންނަނީ ހަނދާން ނެތި އެއްޗެއް ނުގަނެވިއެވެ. ދެން އަނެއްކާ ބާޒާރަށް ދާން ޖެހެއެވެ. އެ ދާ ފަހަރަކު، ރޮއެރޮއެ އޮންނަ ތުއްތު ދަރިފުޅު ވެސް ގޮވައިގެންނެވެ. ދެން އޭނާ ގެއަށް އައިސް އެ ދަރިފުޅަށް ގާތުންދެއެވެ. ނެޕީ ބަދަލުކުރެއެވެ. ނިންދަވައެވެ. ގޭތެރެ ސާފުކުރެއެވެ. އަންނައުނު ދޮވެއެވެ. ސަބަބަކީ އޭނާ މަސައްކަތްނުކުރާތީއެވެ."
ނަފުސާނީ ޑޮކްޓަރު: "ތިބާ އޮފީސް ނިންމައިލައިފައި ހަވީރު ގެއަށް އައިސް ކުރަނީ ކޮން ކަމެއް ހެއްޔެވެ؟"
ފިރިމީހާ: "އަހަރެން އަރާމުކުރަނީއެވެ. ބޭންކްގައި އެހާ ގިނައިރު މަސައްކަތްކުރުމުން ވަރުބަލިވެފައިވާތީއެވެ."
ނަފުސާނީ ޑޮކްޓަރު: "އަނބިމީހާ ހަވީރު ކުރަނީ ކީއް ހެއްޔެވެ؟"
ފިރިމީހާ: "އޭނާ ރޭގަނޑުގެ ކެއުން ކައްކައެވެ. އެ ތަކެތި ސުފުރާ މަތީގައި އަތުރައިލައެވެ. އެންމެން ކައި ނިމުމުން ހުރިހާ ތަށްޓެއް ދޮވެއެވެ. ގޭތެރެ ސާފުކޮށްލައެވެ. ސްކޫލުން ދީފައި ހުންނަ ހޯމްވޯކް ހަދަން ދަރިންނަށް އެހީވެއެވެ. އެ ކުދިން ނިދުމަށް ތައްޔާރުކޮށްދެއެވެ. އެ ގޮތުން އެ ކުދިން ދަތްއުނގުޅިތޯ ބަލައެވެ. އެއަށް ފަހު ތުއްތު ދަރިފުޅުގެ ނެޕީ ބަދަލުކުރެއެވެ. އަލުން ގާތުންދެއެވެ. އަނބިމީހާ ނިދަން އޮށޯވެފައި ވެސް ގަވައިދުން ހޭލައެވެ. އެއީ ތުއްތު ދަރިފުޅަށް ގާތުންދީ، އަދި ޖެހިއްޖެ ހިނދެއްގައި ނެޕީ ބަދަލުކުރާށެވެ. ސަބަބަކީ އޭނާ މަސައްކަތްކުރަން ދާން ހޭލަންނުޖެހޭތީއެވެ."
މިއީ ދުނިޔޭގައި އެތައް އަންހެނުންނަށް އުޅެންޖެހިފައިވާ ގޮތެވެ. ފަތިހުން ފަށައިގެން ފަތިހަށެވެ. ނަމަވެސް މިއީ އަންހެނުން މަސައްކަތްނުކުރުން ކަމަށް ބައެއް ފިރިހެނުން ދެކެއެވެ.
"ގޭގައި އިންނަ މަންމަ" އަކަށްވުމަށް ޔުނިވާސިޓީއަކުން ނުވަތަ ކޮލެޖަކުން ޑިގްރީ ފާހެއް ހޯދަން ނުޖެހިދާނެއެވެ. ނަމަވެސް އެއީ އާއިލާއަކަށް ކޮންމެހެން މުހިންމު ރޯލެކެވެ.
މިހެންވެ، ތިބާގެ އަނބިމީހާ، މަންމަ، މާމަ، ބޮޑުދައިތަ، ދައްތަ، އަންހެންކޮއްކޮ ނުވަތަ އަންހެން ދަރިފުޅުގެ ހުރިހާ ކަމެއް ބަލައިގަންނާށެވެ. ސަބަބަކީ އެ މީހުން އެ ވަމުން އަންނަ ގުރުބާނީއަކީ އަގުނުކުރެވޭނެ ކަމެކެވެ.
އަހަރެންނަކީ އަންހެނެއް ކަމަށްވާ ނަމަ މީހަކު އަހައިފައިނެއެވެ: "ތިބާއަކީ މަސައްކަތް ކުރާ އަންހެނެއް ހެއްޔެވެ؟ ނުވަތަ ހަމައެކަނި ގޭގައި އިންނަ މަންމައެއް ހެއްޔެވެ؟"
މި ފަދަ ސުވާލަކަށް ޖަވާބު ދެވޭނީ މިހެންނެވެ: "އަހަރެންނަކީ ކޮންމެ ދުވަހަކު 24 ގަޑިއިރު ގޭގައި މަސައްކަތްކުރާ އަންހެނެކެވެ. އަހަރެންނަކީ މަންމައެއް، އަންހެނެއް، ކުޑަ އަންހެންކުއްޖެއް، ސޯނާ ގަޑިއެއް، ކައްކާއެއް، ގޭތެރެ ބަލަހައްޓާ މީހެއް، ގޭތެރޭގެ ވެރިއެއް، ވެއިޓަރެއް، ނަރުހެއް، އަތުން ފައިން މަސައްކަތްކުރާ ލޭބަރާއެއް، ސެކިއުރިޓީ ގާޑެއް، އިރުޝާދު ދޭ މީހެއް، އަދި ނަފުސާނީ ހިތްހަމަޖެހުން ގެނެސްދޭ މީހެކެވެ. އަހަރެންނަށް ހުސް ވަގުތެއް ނޯވެއެވެ. ރެއާއި ދުވާލު އަހަރެން މަސައްކަތްކުރަމެވެ. އަހަރެން އަބަދު ވެސް ހުންނަނީ ކޮންމެވެސް ޑިއުޓީއެއްގައެވެ. އަހަރެންނަށް މުސާރައެއް ނުލިބެއެވެ. ނަމަވެސް ދެން ވެސް މީހުން އަހައި ސުވާލެއްވެއެވެ.
"މުޅި ދުވަހު ތިބާ ކުރަނީ ކޮން ކަމެއް ހެއްޔެވެ؟"
އަންހެނުންނަކީ އެ މީހުންގެ އާއިލާތަކުގެ ދުޅަހެޔޮކަމަށް މުޅި ހަޔާތް ގުރުބާންކުރާ ބައެކެވެ.
ނޯޓު: ތަރުޖަމާއެއް
