ހަގީގީ ލޯބި ދެނެގަންނާނެ ގޮތް އެނގޭ ހެއްޔެވެ؟ މި ބަލައިލަނީ ލޯބީގެ ގުޅުމެއްގައިވާ ފުންމިނާއި އިހުލާސްތެރިކަން ދެނެގަންނާނެ 18 ގޮތެކެވެ.
- ހަގީގީ ލޯތްބަކީ ތެދުވެރިކަމާއި ދެ ފުށް ފެންނަ ގޮތަށް މުއާމަލާތްކުރާ ގުޅުމެކެވެ. ހަގީގީ ލޯބިވާ ދެމަފިރިއަކު މަކަރެއް ނުހަދާނެއެވެ. އަދި ސިއްރު އެޖެންޑާއެއް ވެސް ނުގެންގުޅޭނެވެ.
- ހަގީގީ ލޯތްބަކީ ދުރު ކުރިމަގަކަށް ދެމިގެންދާ ގުޅުމެކެވެ. ބައިވެރިޔާގެ އަސްލު ސިފަތައް ދެނެގަނެ، އެ ކަން ބަލައިގަނެގެން ދަމަހައްޓާ ގުޅުމެކެވެ.
- ހަގީގީ ލޯބިވާ ނަމަ އަމިއްލަ އެދުމެއް ނެތި އަނެކާއަށް ކަންތައްތައްކޮށްދޭނެއެވެ. އަނެކާ އުފާކޮށްދޭހިތްވާނެއެވެ. ހަމައެކަނި ޖިސްމާނީ އެދުމާއި އަމިއްލަ ފައިދާއަށް ކަންތައްތަކެއްނުކުރާނެއެވެ.
- ހަގީގީ ލޯބީގައި ޖަޒުބާތީ ގޮތުންނާއި ރޫހީ ގޮތުންނާއި އަދި މާލީ ގޮތުން ވެސް ދެމަފިރިން އުޅޭނީ ކުރީ ސަފުގައެވެ.
- ހަގީގީ ލޯބީގައި ދީނީ ކަންތައްތަކުގައި ދެމަފިރިން އެކުގައި އަޅުކަންކުރުމުގައި މަސްއޫލުވާނެއެވެ. މި ކަމުގެ ސަބަބުން ގުޅުން ދުރު ކުރިމަގަކަށް ދެމިގެންދާނެއެވެ.
- ހަގީގީ ލޯބީގައި ދެމަފިރިންގެ ގުޅުން ކުރިއަށްގެންދާނީ މާތްﷲ ރުއްސަވާ މަގުންނެވެ. ދިރިއުޅުމާ ގުޅޭ ހުރިހާ ނިންމުންތަކެއް ނިންމާނީ އެ ކަލާނގެ އަންގަވައިފައިވާ ގޮތަށެވެ.
- ހަގީގީ ލޯބިވާ ނަމަ މާތްﷲގެ އެންގެވުންތަކާއި މުޖުތަމައުގައި އުޅޭ ދީނީ އިލްމްވެރިންގެ ނަސޭހަތާ އެއްގޮތަށް ދެމަފިރިންގެ ދިރިއުޅުން ކުރިއަށްގެންދަން ބޭނުންވާނެއެވެ.
- ހަގީގީ ލޯބީގައި ނަޒާހަތްތެރިކަމާއި ތެދުވެރިކަމާއި ސުލޫކީ މިންގަނޑުތައް ދަމަހައްޓާނެއެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ބޭވަފާތެރިވުން ފަދަ ނުބައި އަމަލުތަކާ ދިމާއަކަށް ނުދާނެއެވެ.
- ހަގީގީ ލޯބިވާ ނަމަ ދެމަފިރިންގެ ގުޅުމުގައި ވާނީ ސާފު ތޯހިރުކަމެވެ. ދުޅަހެޔޮ ގުޅުން ބިނާކުރާނީ އަހުލާގީ ގޮތުން ދަށް ފެންވަރުގެ ކަންތައްތަކުގެ މައްޗަކަށް ނޫނެވެ.
- ހަގީގީ ލޯބީގެ ގުޅުން ބާއްވާ މީހަކު، ދެމަފިރިން ގަބޫލު ނުކުރާ އަހުލާގީ މިންގަނޑުތަކުގައި އުޅޭ މީހުންނާ ގުޅުމެއް ނުބާއްވާނެއެވެ. ގުޅުން ބާއްވާނީ ދެމަފިރިންގެ ގުޅުމަށް ފައިދާކުރާނެ ކަހަލަ ގޮތަށް އަމަލުކުރާ މީހުންނާއެވެ.
- ހަގީގީ ލޯބިވާ ނަމަ ކިތައްމެ ދުރުގައި އުޅެންޖެހުނަސް މައްސަލައަކަށްނުވާނެއެވެ. ދުރުގައި އުޅެންޖެހުމަކީ ގޮންޖެހުމަކަށްވިޔަސް ހަގީގީ ލޯބިވާ ނަމަ ދެމަފިރިންގެ ގުޅުން ކުރިއަށްދާނެއެވެ.
- ހަގީގީ ލޯބިވާ ނަމަ ދެމަފިރިންގެ ގުޅުމަށް އަންނާނީ ހަމަޖެހުމާއި އުފާވެރިކަމެވެ. ހާސްކަމާއި އަރައިރުންވުމެއް ނޫނެވެ. ދެމަފިރިންގެ ދެމެދުގައި ޖަޒުބާތީ ހަމަނުޖެހުންތަކެއް އުޅޭ ނަމަ ދެމަފިރިންގެ ދެމެދުގައި އޮތް ގުޅުން ބިނާވެފައި އޮތީ ހަގީގީ ލޯބީގެ މައްޗަކަށް ނޫންކަން އެކަށީގެންވެއެވެ.
- ހަގީގީ ލޯބި ދެމަފިރިންގެ ދެމެދުގައި އޮތްތޯ ބެލުމަށް އާއިލާގެ މެންބަރުންނާއި ރަހްމަތްތެރިންގެ ހިޔާލު ހޯދާލެވިދާނެއެވެ. އެ މީހުންގެ ކަންބޮޑުވުންތަކެއް އުޅޭކަމަށްވާ ނަމަ ދެމަފިރިންގެ ދެމެދުގައި އޮތް ގުޅުމާމެދު ވިސްނާލަން އެ މީހުން ދެކޭ ގޮތާއި އެ މީހުން ދައްކާ ވާހަކަ އަޑުއަހައިލުމަކީ މުހިންމު ކަމެކެވެ.
- ހަގީގީ ލޯބިވާ ނަމަ ދެމަފިރިންގެ ދެމެދުގައި މާލީ ކަންތައްތައް ސިއްރުކޮށްގެނެއް ނޫޅޭނެއެވެ. ދެމަފިރިންގެ މާލީ ހާލަތާ ބެހޭ މައުލޫމާތު އެކަކު އަނަކަކާ ހިއްސާކުރާނެއެވެ. މާއްދިއްޔަތާ ދިމާއަށް ގޮސް ހުހެއް ނުވާނެއެވެ. ހުރިހާ އެއްޗަކީ މާއްދިއްޔަތުކަމަކަށް ނުދެކޭނެއެވެ.
- ހަގީގީ ލޯބިވާ ނަމަ ގޭތެރޭގެ ޒިންމާތައް ދެމަފިރިން އެއްވަރަކަށް ނަގާނެއެވެ. މި ގޮތުގެ މަތިން ލޯތްބާއި އިހްތިރާމާއި ވަފާތެރިކަން އެކަކު އަނެކަކަށް ދައްކުވައިދޭނެއެވެ. ދުވާލުގެ އާއްމު ދިރިއުޅުމުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
- ހަގީގީ ލޯބިވާ ނަމަ އަމިއްލަ އެދުމެއް ނެތި އަނެކާއަށް ހުރިހާ ކަމެއް ކޮށްދޭނެއެވެ. މި ކަމަށްޓަކައި ވަގުތާއި ލޯތްބާއި ވަސީލަތްތައް ބައިވެރިޔާއަށް ދޭނެއެވެ.
- ހަގީގީ ލޯބިވާ ނަމަ ބައިވެރިޔާގެ ހުރިހާ ސިފަތަކެއް ބަލައިގަންނާނެއެވެ. ހަރުދަނާ ސިފަތަކާއި ނިކަމެތި ސިފަތަކާ އެކުވެސްމެއެވެ. ބައިވެރިޔާގައި ހުންނަ އޭނާއަށް ހާއްސަ ސިފަތައް ބަލައިގަނެ، އަބަދު ފާޑުކިޔުމުން ދުރުވާނެއެވެ.
- ހަގީގީ ލޯބިވާ ނަމަ، ކައިވެނިކުރުމުގެ ކުރިން ދެ މީހުންގެ ދެމެދުގައި އޮތް ލޯތްބަކީ ކޮން ކަހަލަ ގުޅުމެއްތޯ ދެނެގަންނާނެއެވެ. ހަގީގީ ލޯބީގެ ޝަރުތުތައް ހަމަވޭތޯ ބަލާނެއެވެ. ހަގީގީ ލޯތްބެއް ނޫންކަމާމެދު ޝައްކުވާ ނަމަ ދެވަނަ ވިސްނުމަކަށް ދާނެއެވެ.
މި 18 ކަންތައްތަކަށް ބަލައިލުމުން، ދެމަފިރިންގެ ދެމެދުގައި އޮތީ ހަގީގީ ލޯބިތޯ ދެނެގަނެ، ހަރުދަނާ، ހިތްހަމަޖެހޭ، އަދި މާތްﷲ ރުއްސަވާ ފަދަ ގުޅުމެއް ގާއިމުކުރަން ދެމަފިރިން މަސައްކަތްކުރާނެއެވެ.
ނޯޓު: ތަރުޖަމާއެއް
