Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ސިފަ ރީތިވުމުން ވެސް ހިތްދަތިކަން- ކީއްވެ؟

ޖިސްމާނީ ރީތިކަމުގެ ސަބަބުން އެ މީހަކަށް ހިތްކިޔާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. އަދި މި ކަމުގެ ސަބަބުން ދިގު މުއްދަތުގެ ލޯބީގެ ގުޅުމެއް ގާއިމުކުރަން ފަސޭހަވާނެ ކަމަށް ވެސް ބައެއް މީހުން ހީކުރެއެވެ. ނަމަވެސް "ރީތިހުސްކުރި" މީހުންނަށް ހަގީގީ ލޯބި އެހާ ފަސޭހައިން ލިބިދާނެ ކަމަށް ބައެއް މީހުން ގަބޫލުކުރުމުގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟

އެމެރިކާގެ ހާވަޑް ޔުނިވާސިޓީން ކުރި ދިރާސާއަކުން ރީތިކަމުގެ އަނދިރި ފަރާތެއްވާކަން ވެސް ހާމަވިއެވެ.

މި ބަލައިލަނީ ސިފަ ރީތިވުމުން ވެސް ހަޔާތުގައި ކުރިމަތިވާ ހަތް ހިތްދަތިކަމަކަށެވެ.

  1. މީހާ ރީތިވުމުން ގިނަ މީހުންގެ ޝައުގުވެރިކަން ތިބާއަށް ލިބި، ތިބާ ހަރުދަނާ ގުޅުން ބާއްވާ ހަމައެކަނި ބައިވެރިޔާއާދެމެދު މައްސަލަތައް ޖެހެން ފަށައިފާނެއެވެ. އަދި ލޯބީގެ ގޮތުން އަލަށް މީހަކާ ގުޅެން ވެސް އުދަނގޫވެދާނެއެވެ. ސަބަބަކީ ތިބާއަށް ޝައުގުވެރިކަން ހުންނާނެ މީހުންގެ އަދަދު ގިނަ ކަމުން، އެ މީހުންނަށާއި ހުދު ތިބާއަށް ވެސް އިހުތިޔާރުކުރާނީ ކާކުކަން ނިންމުމަށް އުނދަގޫވާނެތީއެވެ.
  2. ގިނަ ބަޔަކު ހިތްކިޔާ މީހަކަށް ލޯބި ހުށަހެޅުމަށް ބައެއް މީހުން ޖެހިލުންވާނެއެވެ. އަދި އިޖުތިމާއީ ބައްދަލުވުންތަކުގައި ވެސް ރީތި މީހަކު ހުންނާނީ އެހެން މީހުންގެ ސަމާލުކަން ލިބޭލެއް ބޮޑުކަމުން ނުތަނަވަސްވެފައެވެ. މި ކަމުގެ ސަބަބުން ތިބާއަކީ ފޮނި، ބޮޑާ އަދި ކިބުރުވެރި މީހެއް ކަމަށް ތިބާއާ ގުޅޭހިތްވާ މީހުން ހިތަށް އަރައިފާނެއެވެ.
  3. ބައެއް މީހުން އެހެން މީހުން މިނަނީ ނުވަތަ ޖަޖްކުރަނީ އެ މީހާގެ ބޭރުފުށުގެ ރީތިކަމަށް ނުވަތަ ހުތުރުކަމަށް ބަލައިފައެވެ. ރީއްޗަސް ހުތުރަސް މީހާގެ ހަސީލަތް ބަލާކަށް ޝައުގުވެރިކަމެއް ނުހުންނާނެއެވެ. ތިބާއަކީ ހަމަ އެހެން އިންސާނުން ފަދައިން ޝަހުސިއްޔަތަކާއި ގަބޫލުކުރާ އުސޫލުތަކެއް ހުރި ނަމަވެސް މެއެވެ.
  4. ރީތި މީހުން އެ މީހުންގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ކުޑަވާނެއެވެ. އަމުދުން އޭނާގެ ބޭނުންކޮށްލައިފައި އެ ބޭނުން ދިޔައިމާ ގުޅުން ކަނޑައިލި ފަދަ ހާދިސާތައް ކުރިން ދިމާވީމައެވެ. އެ ގޮތުން ޖިންސީ ގޮތުން އެޑްވާންޓޭޖް ނަގަން އުޅޭ މީހުން ތިބޭނެކަން ވެސް ތިބާއަށް އިހުސާސްކުރެވުމުން އެހެން މީހުންނަށް އިތުބާރުކުރުމަށް ޖެހިލުންވެދާނެއެވެ.
  5. ތިބާއަކީ ރީތި މީހެއް ނަމަ އެހެން މީހުންނާ އިސްވެ ވާހަކަދައްކަން ޖެހިލުންވެދާނެއެވެ. އެހެން މީހުންގެ ސަމާލުކަން އާދަޔާހިލާފަށް ބޮޑަށް ތިބާއަށް ލިބެނީ ކަމަށް ހިތަށް އަރައިފައި ސިކުނޑިއަށް އުނދަގޫވެގެންނެވެ. އެ ގޮތުން ބައެއް ފަހަރަށް ހިތަށް އަރައިފާނެ ކަމަކީ ރީތި މީހުންނަކީ ޝަހުވާނީ އެދުން ބޮޑު ބައެއް ކަމުގައި ބައެއް މީހުން ދެކޭ ކުށްހީއެވެ. މިހެންވެ ތިބާއާ ދިމާއަށް މީހަކު އާދައިގެ ގޮތަކަށް ނަޒަރު ހިންގައިލިޔަސް އެ މީހާ ތިބާއާ ދިމާއަށް ބަލައިލުން ތިބާއަށް ނުބައި މާނައެއްގެ ގޮތުގައި ނެގި، އެ މީހުންނާ ވާހަކަ ދައްކަން ޖެހިލުންވެދާނެއެވެ.
  6. ރީތި މީހުން އަބަދުވެސް ވިސްނާނީ އެހެން މީހުން އޭނާއާމެދު ދެކެނީ ކިހިނެތްތޯއާމެދުއެވެ. ހަގީގީ ލޯބީގެ ގުޅުމެއް ބާއްވަން ބޭނުންތޯއެވެ. ނޫނީ އެހެން މީހުން ބޭނުންވަނީ ތިބާގެ ފަރާތުން ވަގުތީ އުފަލެއް ހޯދައިލުން ބާވައެވެ. މިހެންވެ، މީސްމީހުންނާ ހަރުދަނާ ގުޅުމެއް ބޭއްވުމަކީ ރީތި މީހުންނަށް އުނދަގޫ ކަމެކެވެ.
  7. ހަސަދަވެރިކަމަކީ ހުރިހާ ގުޅުމެއްގައި ޖަހައި އަލިފާންގަނޑެވެ. ތިބާއާ ގުޅުން ބާއްވަން އެތައް މީހުންނެއް ބޭނުންވާނެ ކަމަށް ހިތަށް އަރައިފައި ތިބާގެ ބައިވެރިޔާ އެ މީހުން ދެކެ ވާ ހަސަދަވެރިކަމެވެ. އަދި މި ކަމުގެ ނުރައްކާ ކަމަކީ ތިބާ ބޭވަފާތެރިވެދާނެ ކަމަށް އޭނާ ހިތަށް އެރުމެވެ.

ތިބާގެ ރީތިކަމާހުރެ މި ކަހަލަ ހަތް ހާލަތަކަށް ދޭތޯ ބެލުމަށްޓަކައި އެންމެ ރަނގަޅުވާނީ ތިބާއަށް އިތުބާރު ކުރެވޭ، ތިބާގެ ގާތް ރަހްމަތްތެރިއެއްގެ މަޝްވަރާ ހޯދައިގެންނެވެ. އެ ގޮތުން، ތިބާގެ ޖިސްމާނީ ރީތިކަން ތިބާގެ ނަފުސަށް ވެސް ގެނައުމަށްޓަކައި ތިބާއަކީ ހިތްތިރި، ހިތްހެޔޮ، ޝުކުރުވެރިވާ އަދި އެހެން މީހުންނަށް ހިދުމަތްތެރި މީހަކަށްވެވިދާނެއެވެ. މި ސިފަތަކަކީ ޖިސްމާނީ ސިފަތަކަށްވުރެ ރީތި ސިފަތަކެވެ. މީހުން ހަގީގީ މާނައިގައި ގަޔާވާނެ ސިފަތަކެވެ. ތިބާއަކީ ޖިސްމާނީ ރީތިކަން ލިބިގެން ނަސީބުދެރަ މީހެއްކަމަށް ނުދެކޭށެވެ. އަހުލާގީ ގޮތުން ރަނގަޅު ސިފަތައް ގެންގުޅެން ފެށުމުން މީހުން ބަލައިގަންނާނެއެވެ.

ނޯޓު: ތަރުޖަމާއެއް