ތިބާއަކީ ލޮނުގައި ހުންނަ ކަހަލަ ސިފަތަކެއް ހުރި މީހެއް ނަމަ އިތުރަށް ހެޔޮވަރުކުރާނެ ކަމެއް ތިބާގެ ޝަހުސިއްޔަތުގައި ނޯންނާނެއެވެ; ކާބޯތަކެއްޗަށް އަޅާ އެހެން އެއްޗެއްސާ ލޮނު ތަފާތުވާ ފަދައިންނެވެ.
މީރުކުރަން އަޅައި އެހެން އިންގްރީޑިއަންޓްސް ފަދަ ވަހެއް ލޮނުގައި ނުހުރެއެވެ. ނަމަވެސް ލޮނު ނެތް ނަމަ، މިސާލަކަށް ސުރުވާގައި، އެ ކާއެއްޗަކީ މީރެއްނުވެއެވެ.
ނުފޫޒު ގަދަ މީހުންނަކީ ލޮނު ފަދަ ބައެކެވެ. މަގާމު ދަމަހައްޓަން، ނުވަތަ އެހެން މީހުންނަށް ތިބާ ތަސައްވުރުކުރެވޭ ގޮތް ކޮންޓްރޯލްކުރާކަށް ވަކި އިތުރު ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ތިބާ ދައްކާ ނަތީޖާ ފުދޭނެއެވެ. ތިބާގެ "ގަދަކަން" ދައްކަން އިތުރު ޕްރޮޕެގެންޑާއެއް ފަތުރާކަށް ނުޖެހޭނެއެވެ.
އެހެން މީހުންނަށް އިއްވަން ތިބާގެ އަޑު ގަދަކުރާކަށް ނުޖެހޭނެއެވެ. ވިސްނުން ތޫނު މީހުންގެ އަޑުއަހަން އެހެން މީހުން ހިމޭންވާނެ ފަދައިންނެވެ.
ލޮނަކީ އެހެން އެއްޗެހި އެއަށް އެޅިއަސް އޭގެ "ނަޒާހަތްތެރިކަން" ދަމަހައްޓާ އެއްޗެކެވެ. ލޮނު ގަންނަން ގޮސްފައި އޭގެ ރަހަ ރަނގަޅުތޯ ދުލުގައި ޖައްސާލަން ދޭށޭ އެއްވެސް މީހަކު ބުނި ތަން ދުށިން ހެއްޔެވެ؟ ޒަމާނަށް ބަދަލު އަޔަސް ލޮނަކަށް ބަދަލެއް ނާދެއެވެ. ނާންނާނެ ވެސް މެއެވެ.
ގަބޫލްކުރާށެވެ. ހުވާކޮށްފައި ނޫނީ ތިބާ ދައްކާ ވާހަކައެއް އެހެން މީހުން ގަބޫލުނުކުރާ ހިސާބަކަށް ހިނގައްޖެ ނަމަ އޭގެ މާނައަކީ ތިބާގެ ނަޒާހަތްތެރިކަން ނެތް ކަމެވެ.
ތިބާގެ ހަޔާތަކީ ލޮނު ފަދަ އެއްޗެއް ހެއްޔެވެ؟
ލޮނަށް ހަމައެކަނި ބަދަލު އަންނާނީ އެހެން އެއްޗެއް އެއަށް މާގިނައިން އަޅައި އެއްކުރުމުންނެވެ. އެހެންކަމުން ސުލޫކު ރަނގަޅު ނޫން މީހުންނާ ތިބާ މަސްހުނިނުވާށެވެ. ލޮނަކީ އަގުހުރި އެއްޗެކެވެ. ލޮނަކީ ބޭކާރުކޮށްލައިގެންވާނެ އެއްޗެއް ނޫނެވެ. ހަމަ އެ ގޮތަށް ތިބާގެ ތާހިރުކަން ވެސް ދަމަހައްޓާށެވެ. ތިބާގެ ކަރާމާތް ދެމެހެއްޓުން މުހިންމެވެ.
މީހުންތަކެއްގެ ގާތުގައި، އެ މީހުންގެ ހުރި މައްސަލަތައް މޭޒެއްގެ މަތީގައި ބާއްވައިފައި، އެކަކު އަނެކަކުގެ މައްސަލަތައް އެކަކު އަނެކަކުގެ މެދުގައި ބަދަލުކޮށްލަން ބުނެފި ނަމަ، އިސާހިތަކު އެ މީހަކު ބޭއްވި އެ މީހެއްގެ އަމިއްލަ މައްސަލަތައް އަނބުރާ ނެގުމަށް ފަހު، މޭޒު ކައިރިން ދުރަށް ދާނެއެވެ. ސަބަބަކީ "ޕާފެކްޓް" ނުވަތަ ފުރިހަމަ ހަޔާތެއް ލިބިފައިވާ އެކަކު ވެސް ނޫޅެނޭތީއެވެ. އަހަރެމެންގެ މޫނު ތަފާތުވާ ފަދައިން، އަހަރެމެންގެ މައްސަލަތައް ވެސް ތަފާތުވެދާނެއެވެ. ނަމަވެސް އޭގެ މާނައަކީ އަހަރެމެންކުރެ އެއްވެސް މީހެއްގެ ދިރިއުޅުމުގައި މައްސަލަތައް ނެތް ވާހަކައެއް ނޫނެވެ.
އެހެން މީހެއްގެ އަތުގައިވާ އެއްޗަކާމެދު ދުވަހަކު ވެސް ހަސަދަވެރިނުވާށެވެ. އެ އެއްޗެއް ނުވަތަ ކަމެއް ލިބިގަތުމަށް އޭނާ އަދާކުރި އަގެއް ތިބާއަކަށް ނޭނގޭނެއެވެ. އަދި ހަމަ އެ ފަދައިން އެ އެއްޗެއް ނުވަތަ ކަމެއް އޭނާގެ އަތުގައި ދަމަހައްޓަން އޭނާ ދައްކަމުން އަންނަ އަގު ވެސް ތިބާއަކަށް ނޭނގޭނެއެވެ.
ހަގީގަތަކީ މި ދުނިޔޭގެ ދެބައިކުޅައެއްބައި މައްސަލަތައް ވެސް ތިބާއަށް ލިބިފައެއް ނުވާނެއެވެ. އެހެން މީހަކަށް ލިބިފައިވާ ނަސީބެއް ތިބާއަށް ލިބޭތޯ ތިބާ ސިއްރުން އެދެމުންދާއިރު، ތިބާއަށް ލިބިފައިވާ ކަހަލަ ދިރިއުޅުމެއް ލިބުމުގެ ނަސީބަށް އެދި ދުއާކޮށްލަކޮށްލަ ތިބޭ އެހެން މީހުން އުޅޭނެއެވެ. ވާގޮތަކުން، ބައެއް ފަހަރު، ތިބާ ހަސަދަވެރިވާ މީހުން، ހަގީގަތުގައި ތިބުން އެކަށީގެންވަނީ ތިބާއަށް ލިބިފައިވާ ކަހަލަ ދިރިއުޅުމެއް ލިބޭތޯ އެދިއެދި ކަމަށް ވެދާނެއެވެ.
އެހެންކަމުން ތިބާ ހިތްހަމަޖެހިފައި ހުންނާށެވެ. ތިބާއަށް ލިބިފައިވާ އެއްޗެއްސާއި ކަންކަން ރައްކާތެރިކަމާއެކު ބަލައިގަންނާށެވެ.
ތިބާ ބޭނުންވާ ޝަހުސިއްޔަތަކަށް ތިބާއަށް ވެވިދާނެއެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ ހުރިހާ ކަމަކަށް އަބަދުވެސް ޝުކުރުވެރިވުމުގައި ދެމިހުރުމުގެ މުހިންމުކަމެވެ.

ނޯޓު: ތަރުޖަމާއެއް
