Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ޒަވާޖީ ހަޔާތުގެ 6 މަރުހަލާ…

އެންމެ ފުރިހަމަ ނުވަތަ "ޕާފެކްޓް" ޒަވާޖީ ހަޔާތެއް ނޯންނާނެއެވެ. ކޮންމެ ކައިވެންޏެއް ވެސް ހަ މަރުހަލާ ކަޑައްތުކުރެއެވެ. ތިޔަ ދެމަފިރިން ދިރިއުޅުމުގެ މި "ފޭސް"ތަކުން ނުކުންނާނީ ކޮން ކަހަލަ ނަތީޖާއަކާއެކުކަން އެނގޭނީ ދެމަފިރިން މި ކަންތައްތަކާ ކުރިމަތިލައި، މި ކަންތައްތަކަށް ފިޔަވަޅު އަޅައި ގޮތަކުންނެވެ.

  1. ހައިރާންވެ، އަންތަރީސްވާ މަރުހަލާ:

މިއީ "އާވެގެން" އުޅޭ ދުވަސްވަރެވެ. އެކަކު އަނެކަކުގެ ހުންނަ އާ ކަންތައްތައް ދަސްކުރާ ސްޓޭޖެވެ. މި ފަދަ އާ ކަމާއި ތާޒާކަމަކީ އަންތަރީޒުވާ ފަދަ ކަންތައްތަކެވެ. ދެމަފިރިން އެއް އެނދެއްގައި ނިދައި، އެކަކު އަނެކަކަށް ކައްކައި ކާން ހަދައިދީ، ގޭތެރޭގެ މަސައްކަތުގައި ބައިވެރިވެ، އަދި އެއްކޮށް ފެންވެރުން ފަދަ ކަންތައްތައް ވާނީ މުޅިން އާ ތަޖުރިބާތަކަކަށެވެ.

ވިދާބަބުޅާ ކައިވެނީގެ އަނގޮޓި އަޅައިގެން ހުރިހާ ތަނަކަށް ގޮސް، މީހުންގެ ސަމާލުކަން ލިބޭނެއެވެ. އެތައް ގުނައަކަށް މަޖާކުރެވޭނެއެވެ. ޖިންސީ ގޮތުން އާ ކަންތައްތައް ދެނެގަނެވޭނެއެވެ. ބަދިގެތެރެ ކޮންޓްރޯލް ކުރުމާއި ބަނޑުފުރޭ ވަރަށް ބައިވެރިޔާއަށް ކާންދިނުމާއި މި ފަދަ ކަންތައްތަކަކީ ހަނީމޫން ނުވަތަ "މާމުއިހަނދު"ގެ ތަޖުރިބާކޮށްލެވުމެވެ.

  1. ބޮލަށް އުނދަގޫވާ މަރުހަލާ:

މިއީ ބައިވެރިޔާގައި ހުރި، ނަމަވެސް ކުރިން ތިބާ ބަލައިފައި ނުވާ، ނުވަތަ ފިލައިގެންދާ އެދެވިފައިވާ، އުނި ސިފަތަކެވެ. ތިބާ އެދުނަސް މި ސިފަތައް ފިލައިގެނެއް ނުދާނެއެވެ. މި ކަންތައްތައް ތަކުރާރުކޮށް ފެންނަން ފެށުމުން ތިބާގެ "ނާރުތަކުގައި ރިއްސަން" ފަށާނެއެވެ. އަދި ސިކުނޑިއަށް އުނދަގޫ ފޯރަން ފަށާނެއެވެ.

މިސާލަކަށް، ތިބާގެ ބައިވެރިޔާ ނިދާއިރު ގުގުރިދަމަނީއެވެ. ބަދިގޭގައި އެހާ ތަތެވެ. ކައިގެން ވައިލަނީ އެހާ އަޑުގަދަކޮށެވެ. ކަމަކާ ނުލައި ތިބާއާ ދިމާއަށް ހަޅޭއްލައިގެންފާނެއެވެ. ފެންނުވަރާ އެނދަށް އަރައިފާނެއެވެ. ނޫނީ މާ ގިނައިން ޓީވީ ބަލަން އިނދެފާނެއެވެ. އަދި ތިބާ އޭނާއާ ވާހަކަދައްކާއިރު އަޑުނާހާފާނެއެވެ. "މިއީ ކޮން ކަހަލަ މީހެއް ބާވައެވެ؟" ތިބާގެ ހިތަށް އަރައިފައިނެއެވެ. ނަމަވެސް މިއީ ހަމަ ޒަވާޖީ ހަޔާތުގައި ކަންތައްތައް ހުންނާނެ ގޮތެވެ.

  1. ރުޅި އަންނަ މަރުހަލާ:

މިއީ ބައިވެރިޔާގެ އުނި ސިފަތައް ތަކުރާރުކޮށް ފެންނަން ފެށުމުން ތިބާގެ ގާތަށް ރުޅި އައުމެވެ. އަދި އެ ކަން ނުފޮރުވައި، އެ ރުޅި ދައްކައި، އެ ރުޅިގަނޑު ބައިލައިލައި މަރުހަލާއެވެ. "އިންޓްރޮވާޓު"ންގެ ސިފަ ހުންނަ ނަމަ ތިބާ މަޑުމަޑުން ހުރެދާނެއެވެ. އަދި ތިބާގެ ނަފުރަތުގެ ހުޅުގަނޑު ބައިވެރިޔާއަށް ނުދައްކާ ވެސް ކެތްކޮށްލެވިދާނެއެވެ. އެއީ އޭނާގެ ފަރާތުން އެ ފެންނަ ނުރަނގަޅު ސިފަތައް އޭނާ ދެމެހެއްޓުމުގައި ކުރިއަށްދިޔަޔަސްމެއެވެ.

މި މަރުހަލާގައި ތިބާ ހިތަށްއަރައިނެއެވެ: "އަހަރެންނަށް އަސްލު ވެސް މި ކައިވެނި ކުރެވުނީ ނުރަނގަޅު މީހަކާ ހެއްޔެވެ؟" ނޫނެކެވެ. ތިޔަ ވިސްނަނީ އަދި ރަނގަޅަކަށް ނޫނެވެ. ތިޔަ ވާ ގޮތަކީ ދެމަފިރިން އެކުގައި ކައިވެނީގެ ދަތިއުނދަގޫ މަރުހަލާއެއް ކަޑައްތުކުރަނީއެވެ.

  1. މައްސަލަތައް ހައްލުކުރާ މަރުހަލާ:

މިއީ ކައިވެނީގައި ހުންނަ ކޫސަނި ކަންތައްތަކުގެ ހަގީގަތް ދެނެގަނެ، ތިބާގެ ބައިވެރިޔާގެ "ނިކަމެތި" އަދި ނުރަނގަޅު ކަންތައްތައް ބަލައިގަންނަ ފޭހެވެ. ރުޅިއައުމުން ނުވަތަ ނަފުރަތު ދެއްކުމުން ވާނެ ފައިދާއެއް ނޯންނާނެކަން އެންމެ ފަހުން އެނގޭ ސްޓޭޖެވެ. މައްސަލަތައް ހައްލުކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަންނަން ފަށައި މަރުހަލާއެވެ. އެކަކު އަނެކަކަށް ދޫދީގެން، ގޮތް ދޫކޮށްގެން، ދެމަފިރިންގެ ކަންތައްތައް އެއް ވާނަކަށް ގެންނަ މަރުހަލާއެވެ.

  1. ބަލައިގަންނަ މަރުހަލާ:

މިއީ ބައިވެރިޔާގައި ހުންނަ ބައެއް ސިފަތަކަކީ އޭނާގައި ހުންނަ، އެއްގޮތަކަށް ވެސް ބަދަލުނުކުރެވޭނެ ކަންތައްތަކެއްކަން ގަބޫލުކުރާ މަރުހަލާއެވެ. މި ހިސާބުން ތިބާގެ ރުޅިއާއި އަރައިރުންވުން ތިބާ ކޮންޓްރޯލްކުރާނެއެވެ. އަދި ލޯތްބާއެކު ބައިވެރިޔާގެ ނުރަނގަޅު ސިފަތައް ބަލައިގަނެ، ހިތްހަމަނުޖެހުނަސް އެ ކަންތައްތަކާމެދު އުފާކުރަން ފަށައިނެއެވެ.

  1. އަރާމުކަމާއެކު މައިތިރިވާ މަރުހަލާ:

މިއީ ބައިވެރިޔާގެ ހުރިހާ ސިފައެއް އޭގެ ގޮތުގައި ދާއިމީ ގޮތެއްގައި ބަލައިގަންނަ މަރުހަލާއެވެ. އޭނާގެ ރަނގަޅު ސިފަތަކާއި ނުރަނގަޅު ކަންތައްތައް ގަބޫލުކޮށް، ލޯތްބާއެކު ބަލައިގަންނާނީ އެއްވެސް ޝަރުތެއް ނެތިއެވެ. މިއީ ތިބާއަށް ހައިރާންކަން ލިބޭ ފަދަ ހަގީގީ ލޯތްބެއް ބައިވެރިޔާއާ ވާނެ މަރުހަލާއެވެ. މި ލޯތްބަކީ ތެދު، ހަގީގީ އަދި ގުދުރަތީ ލޯތްބެކެވެ. ރޫހާނީ ލޯތްބެކެވެ. ޖަޒުބާތީ ގޮތުން، ރޫހީ ގޮތުން، އަދި ޖިސްމާނީ ގޮތުން ވެސް ފުން ލޯތްބެކެވެ. އަނެއްކާވެސް މާމުއިހަނދު މަރުހަލާ އަންނަ ފޭހެކެވެ. ހަޔާތުގައި ކޮންމެ ފަދަ ގޮންޖެހުމެއް ކުރިމަތިވިޔަސް ޒަވާޖީ ދިރިއުޅުމުގައި ކައިވެންޏަށް ގުޑުމެއް ނާރާނެ ފަދަ ލޯތްބެކެވެ.

މި ބަލައިލީ ކައިވެނިކޮށްގެން ޒަވާޖީ ދިރިއުޅުމެއް ފެށުމުން ހަޔާތުގައި ދެމަފިރިން ކަޑައްތުކުރާނެ ހަ މަރުހަލާއަށެވެ. ތިބާގެ ހަޔާތުގެ ވެށީގެ މައި ތަނބަކީ އަބަދުވެސް މާތް ﷲ ކަމަށް ހަދައިށެވެ. ކޮންމެ ދުވަހަކު ވެސް އެ ކަލާނގެ ވަހީތަކަށް ބޯލަނބާށެވެ. މި ބަލައިލި ހަ މަރުހަލާއަކީ ފުރަތަމަކޮޅު ސިކުނޑިއަށް އުނދަގޫކުރާނެ ކަންތައްތަކެއް ކަމަށް ވިޔަސް، ހަނދާނުގައި ބަހައްޓަންވީ ކަމަކީ މިއީ އޭގެ ގޮތުގައި އަދި އޭގެ ޒާތުގައި ކަޑައްތުކުރެވޭނެ މަރުހަލާތަކެއް ކަމެވެ. މި މަރުހަލާތަކުގެ ކެކުޅުންތަކަށް ނިމުމެއް އަންނާނެ ކަމެވެ. ތިޔަ ދެމަފިރިންގެ ޒަވާޖީ ހަޔާތާ ވިސްނުންތެރިކަމާއެކު ކުރިމަތިލައިށެވެ. ކިތައްމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވިޔަސް ދެ މީހުން ދެ މީހުން ދެކެ ލޯބިވުމުގައި ކުރިއަށް ދާށެވެ. "ދުނިޔެ މަތީގައި ސުވަރުގެއެއް" ބިނާކުރެވޭނެ ކައިވެންޏަކަށް ޒަވާޖީ ހަޔާތް ހެދޭނީ މި މަރުހަލާތައް ރަނގަޅު މަގުން ދިރިއުޅުމުގައި ކަޑައްތުކުރުމުންނެވެ.

ނޯޓު: ތަރުޖަމާއެއް