ރަސްގެފާނު އަހްމަދަކީ އުސްމާނީ ހިލާފަތުގައި ވެރިކަންކުރެއްވި ބޭފުޅެކެވެ. އޭނާ ދުނިޔޭގައި ހުންނެވީ 18 އެޕްރިލް 1590 އިން 22 ނޮވެމްބަރު 1617 އަށެވެ.
އެއް ފަހަރަކު ހަނގުރާމައަކަށް ވަޑައިގެންނެވުމުގެ ކުރިން އޭނާގެ އަނބިކަނބަލުން، ރާނީ، ކޮޓަރިއަކަށް ލައި ތަޅުލެއްވިއެވެ. އަދި ތަޅުދަނޑި ރަސްގެފާނުގެ އެންމެ ގާތް ރަހްމަތެރިޔާ މޫސައާ ހަވާލުކުރެއްވިއެވެ.
ތަޅުދަނޑި މޫސައާ ހަވާލުކުރައްވަމުން އަހްމަދު އޭނާއަށް ވިދާޅުވިއެވެ: "ހަތަރު ދުވަސްތެރޭ އަހަރެން އެނބުރި ނައިސްފި ނަމަ ކޮޓަރި ދޮރު ހުޅުވާށެވެ. އެ ހިސާބުން އަހަރެންގެ އަންހެނުންނަކީ ތިބާގެ މިލްކެކެވެ."
މިހެން ވިދާޅުވެފައި އަހަށް އަރުއްވައިގެން ރަސްގެފާނު ހަނގުރާމައިގެ މައިދާނާ ދިމާއަށް މިސްރާބު ޖެއްސެވިއެވެ.
އޭގެ ބައި ގަޑިއިރެއްހާ ފަހެވެ. ރަސްގެފާނަށް ފެނިވަޑައިގަތީ އޭނާގެ ފަހަތުން ހިރަފުސްގަނޑެއް އަރައި މަންޒަރެވެ.
ރަސްގެފާނު ހުއްޓި ވަޑައިގަތެވެ. އޭނާއަށް ފެނިވަޑައިގަތީ މޫސަ އަހެއްގައި ވަރަށް ބާރަށް އަންނަ މަންޒަރެވެ.
މޫސައަށް ރަސްގެފާނު ގާތަށް އާދެވުމުން ރަސްގެފާނު އޭނާގެ ގާތުން އެއްސެވިއެވެ: "ކޮން ކަމެއް ގޯސްކޮށް ދިޔައީ ހެއްޔެވެ؟"
މާނޭވާލެވެމުން މޫސާ ޖަވާބުދިނެވެ: "ރަސްގެފާނު ދެއްވީ ނުބައި ތަޅުދަނޑިއެކެވެ."
ބުނާނީ ކީކޭ ހެއްޔެވެ؟ ވިސްނައިލުމުން ހައިރާންވެދާނެއެވެ. ރާނީ އިންނެވި ކޮޓަރިކޮޅު ހުޅުވަން ވާނީ ރަސްގެފާނު އެނބުރި ވަޑައިނުގަންނަވާތާ ހަތަރު ދުވަސްވުމުން ކަމަށް މޫސަގެ ގާތުގައި ރަސްގެފާނު ވިދާޅުވެފައިވަނިކޮށް މޫސައަށް ހަތަރު ދުވަހު ވެސް ކެތްނުކުރެވުނެވެ. ކެތްމަދުވެގެން އެ ތަޅުދަނޑިން ކޮޓަރި ހުޅުވަން މިހާ އަވަހަށް މަސައްކަތްކުރީއެވެ.
މި ހާދިސާއިން ލިބޭ ފިލާވަޅަކީ ތިބާގެ އެންމެ ގާތް ރަހްމަތެރިންގެ ގޮތުގައި ތިބާ ދެކޭ މީހުންނާމެދު ވެސް ސަމާލުވާންޖެހޭކަމެވެ. އެ ގޮތުން ތިބާގެ އެންމެ އަގުހުރި ހަޒާނާތައް އެ މީހުންނާ ހަވާލުކުރުމުގެ ކުރިން ފުންކޮށް ވިސްނައިލުން ހުއްޓެވެ. ތިބާ އަވަހަށް މި ދުނިޔެ ދޫކޮށް، ތިބާއަށް ލިބިފައިވާ މުއްސަނދިކަން އެ މީހުންނަށް ލިބުމަށް ވެސް އެ މީހުން އެދިއެދި ތިބެދާނެއެވެ.
ނޯޓު: ތަރުޖަމާއެއް
