(ނޯޓު: މިއީ އަޅުގަނޑު މި ޒާތުގެ ބައެއް އެއްޗިހި ޝާއިޢުކޮށްލައި އުޅޭ ސުމޭކީ މަންސަޔެއްގައި ހަމަ މިދާކަށް ދުވަހު އިނގިރޭސިބަހުން ޝާއިޢުކުރި ލިޔުމެއްގެ "ދިވެހި ބަހަށް އަނބުރައިލުމެކެވެ." މާނައީ، މިއީ އެ ލިޔުމުގެ ލަފުޒީ ތަރުޖަމާއެއް ނޫނޭއެވެ.)
ވަސްތާތިޔާޔޭ ކިޔުނު ޤައުމު އެ ބިންކޮޅެއްގައި ލައްވައިފައި އޮންނަ ބިމަކީ އެ ބިމަކަށް ގިނަގިނައިން އަދި ނުހަނު ބޯކޮށް ވާރޭ ވެހޭ ބިމެކެވެ. އަދި ހަމަ އެހެންމެ، ވާރޭ ވެހޭ ކޮންމެ ދުވަހަކީ ވަސްތާތިޔާގެ މުޅި މާޙައުލު ބަނަވެ، އަނދިރިވެ، ހިތާމަވެރިވާ ދުވަހެއް މެއެވެ. ކަން ވާނީ ވެސް އެހެންނެވެ. ވާރޭ ފޮދެއް ވެހިއްޖެ ތަ، ވަސްތާތިޔާގެ ރަށްފުށު ހިސާބުގައި ޒަމާނީ ފެންވަރަށް ނުހަދައި އެ ހުންނަ ކޮންމެ މަގެއް ފިސާރި ރަނގަޅަށް ގަށައިލެވިފައިވާ ކިސަޑުގަނޑަކަށް ވެ ދެއެވެ. ޤައުމުގެ ވެރި ރަށުގައި ދާދި ފަހުން ހަދައި ނިމުނު، އެންމެ މިޒަމާނުގެ މޮޅު ކޮންމެ މަގަކީ ގަދަ އަޅިކުލައިގެ ފެން ނުހަނު ބާރަށް ދެމޭ ފުން ކޯރުތަކަކަށް ވެސް ވެ ދޭ މެއެވެ. އަދި ހަމަ އިސާހިތަކު، ވަސްތާތިޔާގެ ވަރަށް ގިނަ މީހުންނަކީ ރޯގާގެ އުނދަގޫ ތަޙައްމަލް ކުރާން ޖެހޭ ބަޔަކަށް ވެ ދެއެވެ. އެމީހުންގެ އެންމެ ގާތް ރަޙުމަތްތެރީންނަކީ ހީކެރުވުމާއި، ހުންއައުމާއި، ވޭން އެޅުމާއި، ގައިގައި ރިހުން ކަމަށް ވެ ދޭ މެއެވެ. އަދި އެޔާ ވިދިގެން، ނަން އެހައި ރަނގަޅަށް ސާފު ނުވާ، ކޮންމެވެސް ވައިރަހެއްގެ ބޮލުގައި އެ ރޯގާގެ ކަމީނާ އިލްޒާމު އެޅުވުމަށް ވަސްތާތިޔާގެ ކަމުވޮށިގެންވާ އެންމެހައި ޑޮކްޓަރުންނާއި ޙަކީމުން އަވަސްވެގަނޭ މެއެވެ.
ވަސްތާތިޔާގެ ރަށްފުށު ހިސާބުގައި ދިރިއުޅޭ އާދައިގެ ރައްޔިތުން ކުރެ މީހަކަށް މިދެންނެވި ބާވަތުގެ ރޯގާއެއްގެ އަސަރު ކޮށް، ހީކެރުވުމާއި، ހުންއައުމާއި، ވޭން އެޅުމާއި، ގައިގައި ރިހުމަކީ އޭނާގެ ޙަޔާތުގެ ވަގުތީ ބައިވެރީން ކަމުގައި ވެއްޖިއްޔާ، ރަށްފުށު ހިސާބުގައި އުޅޭ އާދައިގެ ޑޮކްޓަރުންނާއި ޙަކީމުންނާއި ބޭސްވެރީން ކުރެ ކޮންމެ މީހަކުވެސް އެ މީހާ ގާތު ބުނާނީ މިހެންނެވެ. "މިހައިރު މި ވެހޭ ވާރޭ ހުއްޓާން ދެން ގެއިން ބޭރަށް ނިކުމެ ނުއުޅޭތި. އަރާމުކުރޭ! ދިޔާ އެއްޗިހި ގިނަގިނައިން ބޯން ވާނެ. އިސާހިތަކު ތިޔަ ކަންކަމުން ލުއި ލިބިދާނެ. ދެން މާ ގަދަޔަށް ހުންއަންނަންޏާ، ހަގަޑީން ހަގަޑީން ޕެރެސެޓަމޯލް ގުޅަޔެއް ކާލާ! ދެތިން ދުވަސް ތެރޭ ހުންފިލައި، ގައިގައި ވަރުޖެހިދާނެ."
އެޔާ ޚިލާފަށް، ވަސްތާތިޔާގެ ވެރިރަށުގައްޔާއި ދެންވެސް އެހުންނަ މަދަނީ ބޮޑެތި ސަހަރުތަކުގައި އުޅޭ، ޖުމުލަ ގޮތެއްގައި ބަލާއިރު މާލީ ގޮތުން ތަނަވަސް، ނުވަތަ ތަނަވަސް ކަމަށް ކިޔާ، ނުވަތަ ތަނަވަސް ކަމަށް ދެއްކޭން އުޅޭ މީހުން ކުރެ މީހަކަށް ރޯގާ ޖެހި، ހީކަރުވައި، ހުންއައިސް، އެތަންމިތަނުގައި ވޭންއަޅައި، ގައިގައި ރިއްސައި ވާ ނަމަ، އެ މީހަކު ޒިޔާރަތްކުރާނީ ޔޫރަޕުން ނޫނީ އެމެރިކާއިން ކިޔަވައިގެން ހަމަ ދާދި އިހަކަށްދުވަހު އެނބުރި އައި، "ސުޕާ އިސްޕެސަލިސްޓު" ޒާތުގެ ޑޮކްޓަރެއްގެ ކުލިނިކަކަށެވެ. ދެން އެ ޑޮކްޓަރު އެ މީހެއް ގާތު މިހެން ބުނާނެއެވެ. "ތިޔަ ބޭފުޅާޔަށް މިހައިރު ތިޔަ ވަނީ މިދުވަސްވަރު ދުނިޔެތެރެޔަށް އަލަށް ނިކުމެގެން އުޅޭ، ނަން އަދި ކަށަވަރުނުވާ ވައިރަހެއްގެ އަސަރު ކޮށްފައި. އެހެން ވީމައި، ވަރަށް ރަނގަޅަށް އަރާމުކުރައްވާ! ދިޔާ އެއްޗިހި ގިނަގިނައިން ހިއްޕަވާ! އަދި ވަކީން ޚާއްޞަކޮށް، ތަފާތު ބާވަތްތަކުގެ މޭވާގެ ޖޫސް ހިއްޕަވާން ވާނެ. އަދި ވާރޭ މުޅީން ހުއްޓާންދެން ތިޔަ ބޭފުޅާ އެއްވެސް ޙާލެއްގައި އެޕާޓްމަންޓުން ނިކުމެވަޑައިގެން ތެމިވަޑައިގަންނަވައިގެން ނުވާނެ. ދެން، ހުމެއްގެ އަސަރު ހަމަ ކިރިޔާ ހުއްޓަސް، ވަރަށް ފަހުން ނިކުތް މޮޅު ބޭހެއް ކަމަށް ވާ 'ޑިވިޓިއަމޯލް' ގެ ގުޅަޔެއް ހަގަޑީން ހަގަޑީން ފަރިއްކުޅުއްވާނީ. އަދި ތިން ދުވަހަށް ފަހު، 'އިނުޓިލިސް ޕެކޫނިއޯސާ' ޓެސްޓެއް ހައްދަވާން މި ތަނަށް ހަމަ ކޮންމެހެންވެސް ވަޑައިގަންނަވަން ވާނެ."
ފަހުން މިދެންނެވި ޒާތުގެ މީސްތަކުން ކުރެ މާލީ ގޮތުން ޙަޤީޤަތުގައިވެސް ތަނަވަސް މީހަކަށް މިދެންނެވި ޒާތުގެ ހީކެރުވުމަކާއި، ހުންއައުމަކާއި، އެތަންމިތަނުގައި ވޭންއަޅައިލުމަކާއި، ގައިގައި ރިއްސުމެއް ކުރިމަތިވީމައި އޭނާ މިދެންނެވި ބީދައިން ފަހުގެ ޒަމާނީ ޑޮކްޓަރެއްގެ ގާތަށް ދިޔަ ދަނޑިވަޅެއްގައި ޑޮކްޓަރު އޭނާޔަށް ދިން ލަފާ އަޑުއަހައިފައި އޭނާ ޑޮކްޓަރާ ސުވާލެއް ކޮށްލިއެވެ. "މިކަމަށް އެންމެ ރަނގަޅުވާނީ ކޮން މޭވާއެއްގެ ޖޫސްތޯ؟"
"މުހިންމީ މޭވާގެ ބާވަތެއް ނޫން." ޑޮކްޓަރު ޖަވާބުދިނެވެ. އަދި ބުންޏެވެ. "މުހިންމީ މޭވާއިން ޖޫސް ފެލާ ގޮތް. ހަށިގަނޑަށް ފައިދާހުންނަ ގޮތަށް ޖޫސް ފެލޭނީ އެކަމަށް ޚާއްޞަ، ވަރަށް އަގުބޮޑު މެޝިނަރީ ބޭނުންކޮށްގެން. އެހެން ވީމައި، އަޅުގަނޑު ހުށައަޅަނީ ތިޔަ ބޭފުޅާ މޭވާ ފެއްލަވާން ނުއުޅުއްވައި، ނުވަތަ ތިޔަ ބޭފުޅާގެ ނޯކަރުން މޭވާ ފެލާން ނުއުޅެ، މިހައިރު ވަސްތާތިޔާއަށް އަލަށް ގެނެސްގެން އުޅޭ، ސްޕޭންގެ މޮޅު އުފެއްދުމެއް ކަމަށް ވާ 'ގުސްތޯ ކަރޯ' މަރުކާގެ ޖޫސް ބައްލަވައިގަތުން. އެ ޖޫހަކީ ޖޫސް ޕެކެޓުގައި ކޮންމެހެން ހުންނާން ނުޖެހޭ މަޞްނޫޢީ އެއްވެސް މާއްދާޔެއްވެސް ނުލައި ބަންދުކޮށްފައި ހުންނަ ޖޫހެއް."
"ޑޮކްޓަރު ދެންމެ ތިޔަ ވިދާޅުވި 'ޑިވިޓިއަމޯލް' އެއީ ބޭސްސިޓީޔަށް ދޫކުރާ ބޭހެއްތޯ؟" ތަނަވަސްކަމުގެ އަހުލުވެރި ބަލިމީހާ އަހައިލިއެވެ.
"ނޫން!" ޑޮކްޓަރު ޖަވާބުދޭން އަވަސްވެގަތެވެ. އެކަމަކު ދެން އަދި އިތުރަށް ބުނެލިއެވެ. "އެހެން ނަމަވެސް، އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުގަނޑުގެ ސިޓީއެއް ހިއްޕަވައިގެން ފެންވަރު ރަނގަޅު ބޭސްފިހާރަޔަކަށް ވަޑައިގަތުން ބުއްދިވެރިވާނޭ ކަމަށް އަޅުގަނޑަށް ފެނޭ. އަޅުގަނޑު މި އަރުވަނީ ސިޓީ. 'ޑިވިޓިއަމޯލް' އަކީ މި ޤައުމުގެ ޤައުމީ ސުރަކްޝާ ޕްލޭން އަށްވެސް މިހައިރު ލައިފައިވާ ބޭހެއް. އެހެން ކަމުން، ބޭސް ހިލޭ ލިބިވަޑައިގަންނަވާނެ މި ސިޓީ އެ ފަދަ ތާކަށް ގެންދަވައިފިއްޔާ. އެނގިވަޑައިގަންނަވާތޯ، އަޅުގަނޑުމެން ހާދަ މަސައްކަތެއް ކޮށް، މުހިންމު ބައެއް ބޭފުޅުން އަރިހަށް ހާދަ ގިނަގިނައިން ހިގައިގެންނޭ 'ޑިވިޓިއަމޯލް' ސުރަކްޝާޔަށް ލެވުނީ."
ދެން ފަހެ، ފަހުން މިދެންނެވި ބަލި މީހާ ކުލިނިކުން ނިކުމެ، އޭނާގެ އަގުބޮޑު މަރސީޑީޒް ކާރު ވަސްތާތިޔާގެ ވެރިރަށުގެ ޒަމާނީ މަގުތަކުގައި ދުވެދުވެ އޮތް އަޅިކުލައިގެ ކޯރުތަކުގައި ދުއްވައިފައި އެ ދިޔައީ ރަށުގައި ހުރި އެންމެ މޮޅު ބޭސްފިހާރަޔަށެވެ. އަދި ޑޮކްޓަރުގެ ސިޓީޔަށް ސުރަކްޝާ ޕްލޭންގެ ދަށުން ހިލޭ ދޫކުރި މޮޅުގެ މޮޅު 'ޑިވިޓިއަމޯލް' ބޭސް ނަގައިގެން އޭނާ ދެން އެ ދިޔައީ ރަށުގެ މައި މަގެއްގައި ހުރި އެންމެ މޮޅު ސުޕަރމާކެޓް އަށެވެ. އެ ތަނުން 'ގުސްތޯ ކަރޯ' މަރުކާގެ ހައެއްކަ ވައްތަރުގެ މޮޅު ޖޫސް ޕެކެޓުގެ ޑަޒަނެއް ގަނެގެން އެ ދިޔައީ އޭނާގެ އަގުބޮޑު އެޕާޓްމަންޓަށެވެ. ހީކެރުވުމަކާއި، ހުންއައުމަކާއި، އެތަންމިތަނުގައި ވޭންއަޅައިލުމަކާއި، ގައިގައި ރިއްސުމެއްގެ އަސަރު ހަށިގަނޑުގައި ހުއްޓަސް، އަމިއްލަ ތަނަވަސްކަމުގެ ހިތްގައިމުކަމުން އެކަންކަމަށް ކުޑައިކޮށް ހުރަސްއަޅާ ކަމުގެ އިޙްސާސެއްވެސް ކުރަމުންނެވެ.
ދެންމެ އެމީހެއްގެ ވާހަކަ މި ދެންނެވި، ތަނަވަސްކަމުގެ އަހުލުވެރިޔާޔަށް ނޭނގި އޮތް އެއްޗަކީ، ޑޮކްޓަރު އޭނާޔަށް ލިޔެދެއްވި މޮޅު ބޭސް ކަމަށް ވާ 'ޑިވިޓިއަމޯލް' ގެ ޙަޤީޤަތެވެ. 'ޑިވިޓިއަމޯލް' އަކީ ހަމަ އާދައިގެ ޕެރެސެޓަމޯލްގެ 500 މިލިގުރާމް ފިޔަވައި ބޭހަކަށް ފުދޭ އިތުރު އެއްވެސް އެއްޗެއް އޭގައި އެކުލެވިގެން ނުވާ އެއްޗެއް ކަމެއް އޭނާޔަކަށް ނޭނގެއެވެ. އަދި ހަމަ އެޔާ އެކު، 'ގުސްތޯ ކަރޯ' ޖޫހުގައި މަޞްނޫޢީ އެތައް މާއްދާޔެއް ހިމެނޭކަމާއި، އެ ޖޫހުގައި ނުހުންނަނީ ކޮންމެން ހުންނާން ނުޖެހޭ މާއްދާތައް ކަން އޭނާޔަށް ނުވިސްނުނުކަމީ… އެހެން ނޫންތޯއެވެ؟
ތަނަވަސްކަމުގެ އަހުލުވެރިޔާޔަށް ދެންވެސް ނޭނގޭ ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި ހިމެނޭ ދެ ކަމެއް މިތާނގައި ލިޔެލާނަމެވެ. އެއީ މިތާ މދެންނެވި "ސުޕާ އިސްޕެސަލިސްޓު" ޑޮކްޓަރާ އެހެން ކޮންމެވެސް ދެ ފަރާތަކާ ދެމެދު ފޯނުން ކުރެވުނު ދެ މުޢާމަލާތެއްގައި ހިމެނޭ މުހިންމު ވާހަކަކޮޅެކެވެ. އެ ދެ ވާހަކަކޮޅެ ވަކީން އައްސަވާށެވެ.
"ގުޑް މޯނިންގް!" ވާހަކަދެއްކީ ރަށުގައި ހުރި އެންމެ މޮޅު ބޭސްފިހާރައިގެ އިސް މުވައްޒަފެކެވެ. "ޑޮކްޓަރު ސިޓީ ދެއްވައިފައި ފޮނުއްވި، މިއުޅޭ ވައިރަލް ރޯގާ ޖެހުނު ދިހަ ކަސްޓަމަރުންނަށް މިހަފުތާގައި އަޅުގަނޑުމެން ޚިދުމަތް ދީފިން. އެއިން ކޮންމެ މީހަކަށް 'ޑިވިޓިއަމޯލް' ގެ 12 ގުޅައިގެ ފުރިހަމަ ޑޯޒް އެއް ހިލޭ ދޫކުރިން، މިތަނުން ޤައުމީ ސުރަކްޝާ ޕްލޭން އަށް ގުޅަޔަކަށް އެމެރިކާ ޑޮލަރުގެ 25 ޑޮލަރު ގެ ރޭޓުން ބިލުވެސް ކޮށްފިން. އެހެން ވީމައި، ޑޮކްޓަރަށް މި ހަފުތާގައި ފޮނުވާނީ ޢާންމުކޮށް ފޮނުވާ ޒާތުގެ ކޮމިޝަން ޗެކެއްތޯ؟ ނޫނީ ޑޮކްޓަރުގެ އެކައުންޓަށް ޓްރާންސްފަރެއްތޯ ހަދާން ވީ؟"
ހަމަ އެ ދުވަހުގެ ހަވީރު، 'ގުސްތޯ ކަރޯ' ޖޫސް ވަސްތާތިޔާގައި ވިއްކާން ޙަވާލުވެގެން ހުންނަ އިސް މާކެޓިންގް މެނޭޖަރު ޑޮކްޓަރަށް ފޯނުކުރިއެވެ. އޭނާ ޑޮކްޓަރު ގާތު ބުނީ މިހެންނެވެ. "އަޅުގަނޑުމެން ދެ ފަރާތް ދެމެދުގައި ދާދި ފަހުން ބޭއްވުނު ފައިދާހުރި ބައްދަލުވުމަށް ފަހު، އަޅުގަނޑުމެންގެ ޖޫސް ވަސްތާތިޔާގައި ވިކޭ ނިސްބަތަށް 350 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ. އެހެން ކަމުން، އަޅުގަނޑުމެންގެ ޝުކުރުވެރިކަން ފައުޅުކުރުމުގެ ގޮތުން ޑޮކްޓަރަށް ފައިސާގެ ކުޑަ ހަދިޔާޔަކާއި، ޑޮކްޓަރުގެ ޢާއިލާގެ ބޭނުމަށް 'ގުސްތޯ ކަރޯ' ގެ ފަންސާސް ގުރުސް ޖޫސް ޕެކެޓު އެބަ ފޮނުވަން."
މި ވާހަކަތައް މިހެން ދެކެވިފައި އޮއްވައި، ވަސްތާތިޔާގެ ސަރުކާރުގެ ފަރާތުން ޤައުމަށް ގެންނެވި ބިދޭސީ ވިލަރެސްވެރީން ކުރި ދިރާސާޔެއް ދެއްކި ގޮތުގައި، އަލަށް ފެނުނު ނަން ނެތް ވައިރަސްގެ ސަބަބުން ޖެހޭ ރޯގާ ޖެހިފައި އަވަހަށް ރަނގަޅުވާ މީހުންގެ ނިސްބަތް ޤައުމުގެ ރަށްފުށުގައި ދިރިއުޅޭ މީހުންގެ ތެރޭގައި މާ ރަނގަޅެވެ. ތަނަވަސްކަމުގެ އަހުލުވެރީން އުޅޭ މައި ސަހަރުތަކުގައި އެ ނިސްބަތް އުޅެނީ ކުޑައިކޮށަށް ވުރެ ތަންކޮޅެއް ބޮޑުކޮށް ދަށުގައެވެ. މިކަމާ ވަސްތާތިޔާގެ ކަމާ ބެހޭ ވެރީން ނިންމެވީ ބިދޭސީ ވިލަރެސްވެރީން ލައްވައި ޤާބިލް ސައިންވެރީން ކޮޅެއް ހޯދައިގެން ކަމާ ބެހޭ ދިރާސާޔެއް ސައިންސުގެ އަލީގައި ހެދުމަށެވެ.
ކަމާ ބެހޭ އިޖްތިމާޢީ-އިޤްތިޞާދީ ސަބަބުތަކަށް ބަލައިލާނޭ ދިރާސާޔެއް ކުރާކަށް އެއްވެސް މީހެއްގެ ހިތަށް އެރިކަމެއް ފައުޅުގައި އެނގޭކަށް ނެތެވެ.
ވަސްތާތިޔާޔަކީ ދުނިޔޭގެ ކޮން ބައްރެއްގައި އޮތް ޤައުމެއް ކަން އަދި ނޭނގުނަސް، ޤައުމުގެ ރަސްމީ ބަހަކީ އިނގިރޭސިބަހޭ ބުނުމުން އެތައް ބަޔަކަށް އެކަމުގެ ޙިމާޔަތް ލިބިދޭ ފަދައިންނެވެ.
