Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހެޓީ ގްރީން- ދުނިޔޭގެ އެންމެ ދަހި، އެންމެ މުށްބާރު މީހާ، ޖަންގިޔާތައް ވެސް ބަދަލެއްނުކުރޭ

ހެޓީ ގްރީނަކީ މުށްބާރުކަމަށާއި ދަހިކަމަށް މަޝްހޫރު މީހެކެވެ. ނަމަވެސް އެ މަޝްހޫރުކަމަކީ ހަގީގީ މާނައިގައި މަޝްހޫރުކަމެއް ނޫނެވެ. ސަބަބަކީ އޭނާ ވެފައިވަނީ އެއްވެސް މީހެއްގެ މަގުބޫލުކަން ލިބުނު އަންހެނަކަށް ނޫނެވެ.

ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ދަހި އަދި މުށްބާރު މީހާ ގޮތަށް ފާހަގަކުރެވުނު ހެޓީގެ މިލްކިއްޔާތުގައި 2.3 ބިލިއަން ޑޮލަރު (35 ބިލިއަން ރުފިޔާ) ހުރިކަމަށް އަންދާޒާކުރެވިފައިވެއެވެ.

އެމެރިކާގައި 1835 ގައި އުފަންވި ހެޓީއަށް "ވިޗް އޮފް ވޯލް ސްޓްރީޓް" ނުވަތަ ވޯލް ސްޓްރީޓްގެ "ސިހުރުވެރިޔާ"ގެ ނަމުން ވެސް އޭނާއާ މުހާތަބުކުރެވުނެވެ. (ވޯލް ސްޓްރީޓަކީ އެމެރިކާގެ ނިއު ޔޯކް ސްޓޭޓްގައި ހުންނަ ބޮޑެތި ވިޔަފާރިތައް ހިންގާ މަގެކެވެ.)

ހެޓީއަކީ މުއްސަނދި ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި އަންހެން ދަރިއެވެ. އޭނާގެ ބައްޕަގެ ފަރާތުން އޭނާއަށް 7.5 މިލިއަން ޑޮލަރު (115 މިލިއަން ރުފިޔާ) ވާރުތަވިއެވެ. ވޯލް ސްޓްރީޓްގައި ފައިސާ އިންވެސްޓްކުރަން އޭނާ ނިއު ޔޯކަށް ދިރިއުޅުން ބަދަލުކުރީ އުމުރުން 21 އަހަރުގައެވެ.

ހެޓީ ކައިވެނިކުރީ މިލިއަނަޔަރަކާއެވެ. ނަމަވެސް އެ ވަރުން ވެސް އޭނާ އުޅުނީ މުށްބާރު ދިރިއުޅުމެކެވެ. އެހެން މީހުން ކައިފައި ހުންނަ ކޭކުތަކުގެ ބާކީވާ ބައި އޭނާ ކައެވެ. ގްރޯސަރީތަކުގައި ބިންދައިގެން ގޮސް ހަލާކުވެފައި ހުންނަ ބިސްކޯދު ވެސް ކައެވެ. މީގެ އިތުރުން އެމެރިކާގެ ފައިސާގެ ދެ ސެންޓް ނުވަތަ ދިވެހި ފައިސާއިން 30 ލާރިއަށް ވިއްކާ ޕައި ވެސް ކައިގެން އުޅުނެވެ. އަދި އޭނާގެ ކުއްތާއަށް ކޮންމެ ދުވަހަކު ހިލޭ ކާއެއްޗެއް ދޭތޯ ވެސް ފިހާރަތަކުގައި އަރައިރުންވިއެވެ.

މި ކަހަލަ ކަންތައްތަކާހުރެ، އަތުގައި ކިތައްމަ ފައިސާއެއް ހުރި ނަމަވެސް، ހެޓީ ވީ ވަރަށް ހިތްދަތި މީހަކަށެވެ.

އުމުރުން 16 އަހަރުގައި ހެޓީ ޖަންގިޔާ ފަހަން ފެށިއެވެ. އެކަމަކު އޭނާގެ މަރުދުވަހާ ޖެހެންދެން ވެސް އޭނާ ލީ ޖަންގިޔާތައް ބަދަލެއް ނުކުރެއެވެ. އަދި އާ އެހެން ޖަންގިޔަލެއް ނުވެސް ގަނެއެވެ.

ހެޓީ ހޫނު ފެން ވެސް ބޭނުންނުކުރާ ކަމަށްވެއެވެ. ލައިގެން އުޅޭ ކަޅު ކުލައިގެ ހެދުން އެއްކޮށް ބާވުމުން ނޫނީ އާ ހެދުމެއް ނުގަނެއެވެ.

ހެޓީ މަޝްހޫރުވި ކަންތައްތަކުގެ ތެރޭގައި ކޮންމެހެން ބޭނުން ނޫން އެއްޗެއްސަށް ހަރަދުނުކުރުން ހިމެނެއެވެ. ފަސޭހައިން ގަނެލެވޭ އެއްޗެއް ވިޔަސްމެއެވެ. މީގެ ތެރޭގައި އޭނާގެ އާއިލާއަށް ކޮންމެހެން ފައިސާގެ ބޭނުން ޖެހިފައިވާ ވަގުތުގައި ވެސް އޭނާ ހަރަދެއް ނުކުރެއެވެ. އެއީ ސިއްހީ ކަމަކަށް ބޭނުންޖެހިގެން ވިޔަސްމެއެވެ. އެ ގޮތުން އޭނާގެ ފިރިހެން ދަރިފުޅުގެ ފައި ބިންދައިގެންދިއުމުން ހޮސްޕިޓަލުން ފަރުވާ ދޭން ހެޓީ ބޭނުން ވީ ހޮސްޕިޓަލުން ހިލޭ ހިދުމަތް ދޭ ގޮތަށެވެ. މިހެންވެ، ފަރުވާއަށް ފައިސާ ހަރަދު ނުކުރުމުން ދަރިފުޅުގެ ފައި ޖެހުނީ ބުރިކޮށްލާށެވެ.

ހެޓީއަކީ ވިޔަފާރީގައި ހަރުކަށި އުސޫލުތަކެއް ގެންގުޅުމަށް ވެސް މަޝްހޫރު މީހެކެވެ. އޭނާގެ މުށްބާރުކަމުން އެތައް ބައެއްގެ ނުރުހުމާއި ނަފުރަތު އޭނާއަށް އަމާޒުވިއެވެ.

ކެއިންބުއިމަށް ވެސް ރަނގަޅަށް ހަރަދުނުކުރާ، އަދި އާއްމު މީހުން އުޅޭ އާދައިގެ ގޮތްތަކާ ހިލާފަށް އަމަލުކުރާތީ މީހުންނަށް އޭނާއާމެދު ދެކެވުނީ އޭނާއަކީ އެހެން މީހުންނާމެދު އަޅާލުމެއް ނުބަހައްޓާ، އެކުވެރިކަމުގެ ސިފަ ނުހުންނަ މީހެއްގެ ގޮތުގައެވެ.

މި ފަދަ ކަންތައްތަކުގެ ސަބަބުން ހެޓީ ވެފައިވަނީ އޭނާގެ ޒަމާނުގައި މީހުންނަށް ކަމުނުދިޔަ އަދި އޭނާއާމެދު ތަފާތު ގޮތްގޮތަށް ވާހަކަދެކެވި، ބަހުސްކުރެވުނު ޝަހުސިއްޔަތަކަށެވެ.

އުމުރުން 81 އަހަރުގައި، 1916 ގައި ނިއު ޔޯކް ސިޓީގައި މަރުވި ހެޓީ ދުނިޔޭގެ ރެކޯޑް ފޮތަށް އެރީ "ދުނިޔޭގެ އެންމެ ދަހި މީހާ"ގެ ލަދުވެތި މަގާމުގައެވެ.

ހެޓީ މަރުވީ ސްޓްރޯކެއް ޖެހިގެންނެވެ. ވަރަށް އާދަޔާހިލާފު ސްޓްރޯކެކެވެ. ސްޓްރޯކް ޖެހުނީ އޭނާގެ ގޭގައި ގެންގުޅޭ ނޯކަރު ނުވަތަ މެއިޑްއަށް ދޭ ކުޑަ އުޖޫރަ ބޮޑުކޮށްދިނުމަށް މެއިޑް އެދުމުން އެ ކަމާ ގުޅިގެން ހިނގި އަރައިރުންވުމެއްގައެވެ.

ހެޓީ މަރުވީ ގިނަ އަދަދެއްގެ ފައިސާ އޭނާގެ ވާރުތަވެރިންނަށް ދޫކޮށްފައެވެ. ނަމަވެސް އޭނާގެ ހައްދުފަހަނަޅާފައިވާ ދަހިކަމާއި މުށްބާރުކަން އޭނާގެ މުދަލާއި މުއްސަނދިކަން ވާރުތަވި ފަރާތްތަކަށް ވާރުތައެއް ނުވެއެވެ. އެއާ ހިލާފަށް ހެޓީގެ ވާރުތަވެރިން އެހެން މީހުންނަށް ދެއްކި ހެޔޮކަމަކީ ވެސް އެހާ މަޝްހޫރު ކަމެކެވެ. އެ ގޮތުން ހެޓީގެ ފައިސާ ބޭނުންކޮށްގެން އޭނާގެ އަންހެން ދަރިފުޅު ވަނީ ހިލޭ ހިދުމަތް ދޭ ހޮސްޕިޓަލެއް ބިނާކޮށްފައެވެ!