ރޭޑިއޯ މޯލްޑިވްސްގައި ކުރެވުނު ބައެއް މަސައްކަތް
ރޭޑިއޯގެ ހަޔާތުގައި ވަރަށް ގިނަ ވެރިން ބަދަލުވަމުން ދިޔައެވެ. ހަމަ ކޮންމެ ވެރިއަކީވެސް، ސްޓޭޝަނަށާއި މުއައްޒަފުންނަށް ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންކޮޅެކެވެ. ރޭޑިއޯ މޯލްޑިވްސްގެ ތަފާތު ހިސާބުތަކުގައި ސްޓޭޝަންގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ އިތުރުން، ސްޓޭޝަންގެ ޕްރޮގްރާމް ސެކްޝަންގައި އުޅުއްވި ހަމަ ކޮންމެ ބޭފުޅަކީ، އެބޭފުޅުންގެ ހިތާއި ރޫޙުން ރޭޑިއޯ މެދުވެރިކޮށް ގައުމަށާއި ރައްޔިތުންނަށް ބުރަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންކޮޅެކެވެ. ކޮންމެ ބޭފުޅަކީވެސް އެބޭފުޅުންގެ ރޮނގުން ގުނާލެވޭ ފެންވަރުގެ ބޭފުޅުންނެވެ.
ބްރޯޑްކާސްޓިންގެ ރޮނގުން ކިރިޔާވެސް އެއްޗެއް އެނގިގެން އައިސް މި ހުރީ އަޅުގަނޑެވެ. އަޅުގަނޑު ގަބޫލުކުރީ، ރޭޑިއޯ ބްރޯޑްކާސްޓިންގ ރާއްޖޭގައި ކުރިއަށް ގެންދަން ބޭނުން ކަމުގައި ވާނަމަ، މި މަސައްކަތުގައި އުޅޭ ކޮންމެ މީހަކަށްވެސް، މި މަސައްކަތް ރަނގަޅަށް އެނގެންޖެހޭނެ ކަމެވެ. އެހެންކަމުން، އެންމެ އިސް ކަމެއްގެ ގޮތުގައި އަޅުގަނޑު ކުރަންފެށި ކަމަކީ، ތަނުގައި ތިބި މީހުނަށް އަމާޒުކޮށްގެން، ތަމްރީން ޕްރޮގްރާމްތަކެއް ރޭވުމެވެ. ހަމައެކަނި، ޕްރޮޑިއުސަރުން އެނައުންސަރުންނެއް ނޫނެވެ. އޮޕަރޭޓަރުންވެސް ހިމެނޭ ގޮތުން ތަމްރީން ޕްރޮގްރާމްތަކެއް ރާވައި ހިންގަންފެށީމެވެ.
ރޭޑިއޯ ޕްރޮގްރާމެއް ފުރިހަމަ ކުރެވޭނީ، މުހިންމު ތިން މީހެއްގެ އެހީ ލިބިގެންނެވެ. އެ ތިން މީހުން އެކައްޗެއް ކިޔައިގެންނެވެ. އެ ތިން މީހުންނަކީ، ޕްރޮގްރާމްގެ ޕްރޮޑިއުސަރާއި ޕްރޮގްރާމްގެ ޕްރެޒެންޓަރާ އަދި ޕޮރޮގްރާމްގެ އޮޕަރޭޓަރެވެ. މި ތިން މީހުން އެކައްޗެއް ނުކިޔަންޏާ، ޕްރޮގްރާމް ރަނގަޅަކަށް ނުގެންދެވޭނެއެވެ.
ތެދުތެދަށް ދަންނަވާނަމަ، އެ މަސައްކަތެއް އެނގޭ މީހަކު ލައްވާ މަސައްކަތް ކުރެއްވުމުގެ ގޮތުން، އަލްމަރުހޫމު ޢުމަރު ޒާހިރަކީ ލާމަސީލު ވެރިއެކެވެ. އެ މަނިކުފާނު ރޭޑިއޯގެ ހުންގާނުގައި ހުންނެވި ދުވަސްވަރު، ވަރަށް ގިނަ މަސައްކަތް ކުރެވި، ސްޓޭޝަނަށް އިތުރު އެތަކެއް ކުރިއެރުން ލިބިގެންދިޔައެވެ. އަމިއްލަ ގޮތްތަކެއް ހެދުމަށް ބާރުއެޅުއްވުމުގެ ބަދަލުގައި ޢުމަރު ޒާހިރު ގެންގުޅުއްވި އުޞޫލަކީ، އެހެން މީހުންގެ އަޑުއައްސަވައިގެން، ދަންނަ މީހުން ލައްވާ ކަންތައް ކުރެއްވުމެވެ.

އަޅުގަނޑު ކިޔަވައިގެން 1972 ވަނަ އަހަރުގެ ކުރީކޮޅު މާލެ އައިސް، ރޭޑިއޯގައި މަސައްކަތް ކުރަން ފެށުމާއެކު، އަޅުގަނޑަށް ސިންގަޕޫރުން ފެނި، އޭގެ ބޭނުމާއި ފައިދާ ތަޖުރިބާ ކުރެވިފައި ހުރި، ބައެއް ކަންތައްތައް، ރޭޑިއޯ މޯލްޑިވްސްއަށް ގެނެވިދާނެ ކަމުގައި ގަބޫލު ކުރެވިގެން ޢުމަރު ޒާހިރަށް ދަންނަވައިލުމުން އެކަންތައް ތަކުގެ ތެރެއިން ވަރަށް ގިނަ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވައިފައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ، ރޭޑިއޯގެ ރެކޯރޑިންގ ސްޓޫޑިއޯއެއް ފަރީދީ ސިނެމާގައި ހެދުމެވެ. އަޅުގަނޑުގެ ފިކުރުގައި އޮތީ، އެންމެ މޮޅަށް ސްޓޫޑިއޯ ތައްޔާރު ކުރުމެއްނޫނެވެ. ލަވައާއި މިޔުޒިކާއި އަދި ބައެއް ޕްރޮގްރާމް ލައިވްކޮށް ސިދާ ސްޓޫޑިއޯއިން ގެނެސްދެވޭ ކަހަލަ ގޮތަކަށް، އެތަނުގައި ކަމުދާ ފެންވަރަކަށް ސައުންޑް ޕްރޫފްކޮށްގެން ސްޓޫޑިއޯއެއް ތައްޔާރުކުރުމެވެ. އެގޮތުން ގޯނި ޖަހައިގެން، ސްޓޫޑިއޯއެއް ތައްޔާރު ކުރީމާ، އަޅުގަނޑު ބޭނުންވާ ގޮތަށް އަޑުތައް ރެކޯޑް ކުރެވޭނެކަމުގެ ކިހާވަރެއްގެ ޔަޤީންކަމެއް އޮތްތޯ ސުވާލު ކުރެއްވިއެވެ. އަދި، މިޔުޒީޝަނުންގެ ރެކޯޑިންގ ބޫތުތައް، ސޮފްޓް ބޯޑުން ތައްޔާރުކޮށް، އެއަރކޮންޑިޝަންގެ ތެރޭގައި، ފިނީގައި ބެހެއްޓީމާ، ކަތުރުފަނި ނާޅާނެކަމުގެ ޔަޤީންކަން އޮތްތޯ ޢުމަރު ޒާހިރު ސުވާލު ކުރެއްވިއެވެ.
ޙަޤީޤަތުގައި، މިއިން އެއްވެސް ކަމެއްގެ ޔަޤީންކަމެއް އަޅުގަނޑަކަށް ނުދެވުނެވެ. "އިރާދަފުޅު ކުރެއްވިއްޔާ އެކަހަލަ ކަމެއް ނުވާނެ!" މިނޫން އެއްޗެއް އަޅުގަނޑަކަށް ނުބުނެވުނެވެ. ކޮންމެއަކަސް، އެދުވަސް ހަނދާނަށް ގެނައިމާ، ހިނގާފަ އިހުރި ބައެއް ކަހަލަ ހިތާމަވެރި އަދި ހެއްވާ ކަންތަކުގެ މަތިން ހަނދާންވެއެވެ.
"ގޯނި ސްޓޫޑިއޯ"ގެ މަސައްކަތް
ސްޓޫޑިއޯގެ އެތެރޭގައި މިޔުޒިކް ބޭންޑެއް ރެކޯޑްކުރުމަށް ރާވާލާއިރު، ވޯކަލިސްޓް (ލަވަކިޔާމީހާ) އާއި ޑްރަމަރު (ބެރުޖަހާ މީހާ)ގެ އަޑު ވަކިން މިކްސަރުން ކޮންޓްރޯލް ކުރެވޭނެ ގޮތް ހެދުމަށްޓަކައި، އެ ދެ އާޓިސްޓުންނަށް ޚާއްޞަ ދެ ބޫތް، ސޯފްޓް ބޯޑުން ތައްޔާރުކުރަން ޖެހެއެވެ. މި ދެ ބޫތުގައިވެސް މޫނުމަތީގެ ވަކި ހިސާބެއްގައި ހުންނަން ޖެހެނީ، ބިއްލޫރި ލައްވާފައެވެ. މައިކްރޯފޯންތައް ހުންނާނީ، ކޮށިގަނޑުގެ އެތެރޭގައެވެ.
މިތަކެތީގެ މިންތައް ދިނީ އަޅުގަނޑެވެ. އަޅުގަނޑު ސިންގަޕޫރުގައި ކިޔަވަމުންދިޔަ ދުވަސްވަރު، އެތަނުގެ ޓެކްނިކަލް މީހުން ލައްވާ ކުރައްސާފައި އޮތް ކުރެހުމެއް އަޅުގަނޑުގެ އަތުގައި އޮތެވެ. އަޅުގަނޑު އެ ކުރެހުމާއެކު، އަޅުގަޑު ޚިޔާލުކުރާ ގޮތް ލިޔުމުން ހުށައެޅީމެވެ. މާ ލަހެއްނުވެ، އެޕްރޫވަލް ލިބިގެން އެ މަސައްކަތް، ރޭޑިއޯ މޯލްޑިވްސްގެ ފިނޭންސް ޑިޕާޓްމެންޓުން ކާޕެންޓްރީއަކާ ޙަވާލު ކުރައްވައިފިއެވެ.
ދުވަސްކޮޅެއްގެ ތެރޭގައި، އަޅުގަނޑުމެން ފަރީދީ ސިނަމާގައި ގޯނިން ތައްޔާރުކުރަމުންދިޔަ ސްޓޫޑިއޯ ނިމިއްޖެއެވެ. ސްޓޫޑިއޯގެ ވަޔަރިންގ މަސައްކަތްކުރީ އަޅުގަނޑުމެން އޮޕަރޭޓަރުންނެވެ. ޑިރެކްޓަރ އުމަރު ޒާހިރު، މަސައްކަތްކުރާ ހަމަ ހުރިހާ ވަގުތެއްގައި، ސްޓޫޑިއޯގައި އުޅުއްވައެވެ. ސްޓޫޑިއޯގެ އެތެރެއަށް ވައްދަންޖެހޭ ކޮށިތައް (ބޫތުތައް)، ނުނިމޭތީ އަދި އެތަކެތި ސްޓޫޑިއޯއަކަށް ނުގެނެއެވެ. ނަމަވެސް، "ގޯނި ސްޓޫޑިއޯ"ގެ މަސައްކަތްނިމި، އެތަނުގައި މިޔުޒިކް ރެކޯރޑްކުރުން ފިޔަވާ އެހެނިހެން ރެކޯރޑިންގެ މަސައްކަތް ކުރަން ފެށިއްޖެއެވެ.
ގޯނި ޖަހާފައި ހުރި ކަމުގައިވީ ނަމަވެސް، ރެކޯޑްކުރާ ތަކެތީގެ އަޑުތައް ކުރިއަށްވުރެ މާބޮޑަށް ސާފުވެފައި މަސައްކަތް އިންތިހާއަށް ފަސޭހަވެއްޖެއެވެ. ކުރީގައި، ގޯތިތެރޭގައި ރެކޯޑްކުރަމުން ގެންދިޔައިރު، ފުރާޅުމައްޗަށް އެއްޗެއް ވެއްޓުނަސް، މަގުމަތިން ކާރެއްގެ ބަރުގޮނުގެ އަޑުއިވުނަސް، ރެކޯޑިންގ ހުއްޓާލާފައި، އަލުން ސުމަކުން ފައްޓާ ފެއްޓުން މި ހިސާބުން ނިމުމަކަށް އައީއެވެ. އަދި ވަށާ ހުރި ފާރުތަކުގައި އަޑުޖެހިފައި، އެކޯވުން، މުޅިންހެން ކެނޑިއްޖެއެވެ. މިއީ ވަރަށް ހިތްހަމަޖެހުނު ކަމެކެވެ. ގޯނީގެ މަތިން، ދެން ދެމީ ފޮތީގެ ފަރުދާއެކެވެ.
ރެކޯޑިންގ އޮޕަރޭޓަރަކީ ހަމަ މުޙަންމަދު ސަމީރެވެ. އޭނާ ރެކޯޑްކުރާ ލަވަތަކުގެ ކޮލިޓީ ރަނގަޅުކުރުމަށް އަބަދު މަސައްކަތް ކުރާނެއެވެ. އަޅުގަނޑުވެސް އޭނާއަށް ޔަގީންކަން ދެމުން ގެންދިޔައީ، އެއްކަލަ ބޫތުތައް ނިމިގެން ގެނައިމާ، އަދި އަޑުތައް މާ ފުރިހަމަވާނެ ކަމުގައެވެ. ސަމީރު ބޭނުންވާ ގޮތަށް، ރެކޯޑުކުރުމުގެ ކަންތައްތައް ކޮންޓްރޯލް ކުރެވޭނެ ކަމުގައެވެ.
އެހެން ނަމަވެސް، ކަންތައް ދިމާވީ ވަރަށް ދެރަ ގޮތަކަށެވެ. އަޅުގަނޑު ސިންގަޕޫރުން ކުރަހައިގެން ގެނައި ބޫތުތައް ކާޕެންޓްރީއަކުން ޖަހައިގެން ގެނެސް، ސްޓޫޑިއޯގައި ބަހައްޓައިގެން މިޔުޒިކް ރެކޯޑްކުރިއެވެ. ނަމަވެސް، އަޑުތައް ކޮންޓްރޯލު ކުރެވޭ ގޮތެއް ނުވިއެވެ. ރެކޯޑްކޮށްގެން ފަހުން އަޑުއަހާލިއިރު، ހުންނަނީ، ދަޅަކުން ނިކުންނަ އަޑެއް ހުންނަ ގޮތަށެވެ. އަޅުގަނޑު ވަރަށް ދެރަވެ، އަދި ލަދުވެސް ގަތެވެ.
އަނެއް ދުވަހު، އަޅުގަނޑު ސްޓޫޑިއޯއަށް ދިޔައީ، އަޅުގަނޑުގެ އަތުގައި އޮތް ކުރެހުން ހިފައިގެންނެވެ. އެތެރޭގައި ހުރި ބޫތުތަކުގެ މިންތައް ރަނގަޅަށް ބަލައިލިއިރު، ކޮންމެ ބޫތެއް އެތައް އިންޗިއަކުން ތަފާތެވެ. ސައިޒުތައް މާބޮޑަށް ވެސް ހަނިވެފައި، ލިބެން ބޭނުންވާ ފުންމިނެއް އެއްވެސް ބޫތެއްގެ އެތެރެއަކުން ނުލިބެއެވެ. އެ ވާހަކަ ޑިރެކްޓަރަށް ދަންނަވައިފީމެވެ. އަޅުގަނޑުގެ ސަލާމަތް ހޯދަން އެބަ ޖެހޭ ދޮގެއްތޯއެވެ؟
ފަހުން އަޅުގަނޑުމެނަށް އެނގުނު ގޮތުގައި، ޕްރޮޖެކްޓްގެ ކޮންމެވެސް ހިސާބަކުން، ކުރެހުމަށް ބަދަލުގެނެސް، ބަޖެޓަށް ފެތޭގޮތަށް އެ ބޫތުތަކަށް ވަނީ، ބަދަލުގެނެސްފައެވެ. ކޮންމެއަކަސް މިއީވެސް ވަޒީފާގެ ތަޖުރިބާއެވެ.
ރޭޑިއޯ މޯލްޑިވްސްގެ ލޯގޯއެއް ފަރުމާކުރުން
ސިންގަޕޯރ ރޭޑިއޯ "އާރ.ޓީ.އެސް"ގައި އަޅުގަނޑު ކިޔަވަމުންދިޔަ ދުވަސްވަރު ޚިޔާލަށް އައި އެއްކަމަކީ، ރޭޑިއޯ މޯލްޑިވްސްގެ ޚާއްޞަ ލޯގޯއެއް ފަރުމާކުރުމުގެ ޚިޔާލެވެ. އަޅުގަނޑަކީ، މާބޮޑު ކުރެހުންތެރިއެއް ކަމަށް ނުވާތީ، އަމިއްލައަށް އެކަހަލަ އެއްޗެއް ފަރުމާކޮށްލުމަކީ، އަޅުގަނޑަށް ވާނެކަމެއް ނޫންކަމަށް އޭރުވެސް ގަބޫލު ކުރެވެއެވެ. އެހެން ނަމަވެސް، RTSގެ ލޯގޯ ފެނިފައި، އަޅުގަނޑުގެ ސިކުނޑީގައި ބައިވަރު ޚިޔާލު އެނބުރެން ފަށައިފިއެވެ.

ކޯސް ނިންމާލުމަށްފަހު، 1971 ގައި އަޅުގަނޑު އެނބުރި މާލެއައިސް އޮފީހުގައި އުޅުނު އުޅުމުގެ ތެރެއިން، އެއް ދުވަހަކު، ވަޑި އިސްމާއިލް ޢަބުދުﷲ އާ މި ޚިޔާލު ބަދަލުކޮށްލީމެވެ. އިސްމާއިލަކީ، އެ ދުވަސްވަރު ރޭޑިއޯ މޯލްޑިވްސްގެ ސްޓޮކް ކީޕަރެއްގެ ވަޒީފާގައި ހުންނެވި ބޭފުޅެކެވެ. އިސްމާއީލަކީ، "ކުއިކް ސޭންޑް" މިޔުޒިކް ގްރޫޕް، ރޭޑިއޯ މޯލްޑިވްސްއަށް ވެދެއްވި ގިނަގުނަ އެހީތަކުގައި، އެ ގްރޫޕްގެ މުހިންމު އެއް މެންބަރެވެ. އާދެ، ކުއިކް ސޭންޑްގެ އޭރުގެ ޑްރަމަރެވެ.
ރޭޑިއޯ މޯލްޑިވްސްގެ ލޯގޯއެއް ކުރަހާއިރު އޭގައި އެންޓެނާއެއް ހުންނަން ބޭނުމެވެ. އެހެން ނަމަވެސް، ރޭޑިއޯ މޯލްޑިވްސްގެ ލޯގޯގައި، ދުނިޔޭގެ ކުރެހުމެއް (ގްލޯބް) ބޭނުމެއް ނުވާނެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ، ރޭޑިއޯ މޯލްޑިވްސްއިން ބްރޯޑްކާސްޓް ކުރަމުން ގެންދަނީ، ހަމައެކަނި ދިވެހިރާއްޖެއަށް ކަމަށް ވާތީއެވެ. އެ ދުވަސްވަރު، ޓެކްނިކަލް ގޮތުން ރާއްޖޭގައި ދުނިޔެ ކަވަރުކުރެވޭހައި ފެންވަރު ހުރި ކަމަކަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭތީއެވެ. އަދި މިއުޅެނީ، ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އަޅުގަނޑުމެންގެ ސިގުނަލު ފޯރުކޮށްނުދެވިގެންނެވެ. އަޅުގަނޑުމެން ނިންމީ، އެންޓެނާ ދަނޑިއަކާއިއެކު، ދިވެހި ސަގާފަތު ހިމެނޭގޮތުން އެއްޗެއް ކުރެހުމަށެވެ. ހުރިހާ ދިވެހިންވެސް، އަދި މުޅި ދިވެހިރާއްޖެ އެ އެއްޗެއް ދަންނަ، އެ އެއްޗަކަށްޓަކައި ފަޚުރުވެރިވާ އެއްޗަކަށް އަލުގަނޑުގެ ހިތަށް ގެނެވުނީ، ދިވެހިންގެ ދީނީ ޢަޤީދާ އެ އެއްޗަކާ ގުޅި ލާމެހިފައިވާ ދިވެހިންގެ ގަދީމީ އާސާރު، މާލޭ ހުކުރުމިސްކިތް ދޭހަވާނެ ކަހަލަ އެއްޗެކެވެ.
އާދެ އެއީ، މުންނާރެވެ.
އިސްމާޢީލް ޢަބުދުﷲގެ އާޓިސްޓިކް ހުނަރުގެ ތެރެއިން، މި ޚިޔާލު ކަރުދާހަށް ގެންނާކަށް މާގިނަ ވަގުތުތަކެއް ނުނަގައެވެ. އިސާހިތު އޭނާ ރޭޑިއޯ މޯލްޑިވްސްގެ ލޯގޯ ފަރުމާކޮށްލައިފިއެވެ.

އިސްމާލާއި އަޅުގަނޑާ ދެމީހުންވެގެން ކުރި މަސައްކަތުގެ ނަތީޖާއާ ދޭތެރޭ އަޅުގަނޑުމެން ފުދޭ ވަރަކަށް ހިތްހަމަޖެމުން، ދެން އަޅުގަނޑުމެންގެ ވެރިންގެ އަރިހަށް ގޮސް މިކަމުގެ ލަފައަކަށް އެދުމުން، ލޯގޯ ވަރަށް ކަމުދާ ކަމަށް ހުރިހާ ބޭފުޅުންނަށްވެސް އެއްބަސްވެވުނެވެ. ތިރީގައި މިވަނީ، އެގޮތުން އިސްމާޢީލް ޢަބުދުﷲ އާއި އަޅުގަނޑާ ދެ މީހުން ފަރުމާކުރި ލޯގޯއެވެ.

މުންނާރު ހިމެނުމުން އެ ދޭހަކޮށްދެނީ ހަމައެކަނި ދިވެހި ސަގާފަތެއް ނޫނެވެ. ދިވެހިންގެ ދީންވެސް އެއިރުން އެބަ ފާޅުކޮށްދެވެއެވެ.
މި އަދުވެސް ދިވެހިރާއްޖޭގެ އަޑުގެ ލޯގޯ އަކީ، މި ދެންނެވި ކޮންސެޕްޓް ހިމެނިގެން، މި ދެންނެވި ދުވަސްވަރު ރޭޑިއޯ މޯލްޑިވްސްގައި ބޭނުންކުރި ލޯގޯއެވެ. ނަމަވެސް، 1980 ވަނަ އަހަރު "ރޭޑިއޯ މޯލްޑިވްސް"ގެ ނަން "ދިވެހިރާއްޖޭގެއަޑު" ކަމަށް ހަމަޖެހުނު ފަހުން، އެ ލޯގޯއަށް ބަދަލުތަކެއް ގެނެވުނެވެ. އެކަންވެސް ކޮށްދެއްވީ ހަމަ ވަޑި އިސްމާއީލެވެ. އޭރު އިސްމާއިލް އުޅުއްވަނީ، ދިވެހިރާއްޖޭގެއަޑުގެ ޖޫނިއަރ ޕްރޮޖެކްޓް އޮފިސަރެއްގެ ވަޒީފާގައެވެ. ދިވެހިރާއްޖޭގެއަޑުގެ މިހާރުގެ ލޯގޯގައި، ދިވެހިރާއްޖޭގެއަޑުގެ މޮޓޯ "ތިޔަބޭފުޅުންގެ ފާޑުވިދާޅުވުމަކީ، އަޅުގަނޑުމެންގެ ކުރިއެރުން" މި ޢިބާރާތް ވަށްބުރެއްގެ ތެރޭގައި ލިޔެވިފައި ވާނެއެވެ.
މި ޢިބާރާތް ލޯގޯގައި ހިމަނައިލެވުމުން، ލޯގޯ މާ ފުރިހަމަ ކަމަށް ދައްކައެވެ. މި ފަހަރު މި މަސައްކަތް ކުރުމުގައި އިބްރާހީމް މަނިކު (ސަމަރޭ) އަކީ، ވަރަށް ގާތުން މި މަސައްކަތުގައި އުޅުއްވި އެއް ބޭފުޅެކެވެ.

އިސްމާޢީލް ޢަބުދުﷲ އަކީ، ހަމަ މުޅިން ހިލޭސާބަހަށް ރޭޑިއޯ މޯލްޑިވްސްގެ ދައުރުގެ ވަކި ހިސާބަކުން ފެށިގެން، ދިވެހިރާއްޖޭގެ އަޑުން އަޅުގަނޑާ ސަމަރޭ ވަކިވުމަށް ދަންދެންވެސް، ތަފާތު ދާއިރާތަކުން، ރޭޑިއޯއަށް ޚިދުމަތްކޮށްދެއްވަމުން ގެންދެވި ބޭފުޅެކެވެ.
އިއްޔެ ދިވެހިރާއްޖޭގެއަޑުގައި އުޅުއްވި ކޮންމެ ބޭފުޅަކަށްވެސް އިސްމާޢީލުގެ އިތުރު ތަޢާރަފެއްވެސް އަދި އިސްމާއީލް ކޮށްދެއްވާފައިވާ ޚިދުމަތްތަކެއްވެސް ނޯޅޭނެއެވެ.
ޕްރޮގްރާމްތަކަށް ބަދަލު ގެންނަން ފެށުން
"ރޭޑިއޯމޯލްޑިވްސް"ގެ ހަޔާތުގެ ފުރަތަމަކޮޅު، ފާހަގަކޮށްލެވޭ އެއްކަމަކީ، ޕްރޮގްރާމްތަކަށް ގެނެވުނު ހެޔޮ ބަދަލުތަކެވެ. ފާއިތުވީ ތަނުގައި، ރޭޑިއޯއިން ފޮނުވާ އެއްޗެތީގައި މާގިނަ ތަފާތުތަކެއް ނެތުމާއި، އަދި އަމުދުން ރޭޑިއޯއާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނާ އޮންނަ ގުޅުން ވަރަށް ހީނަރު ކަމަށް ފާހަގަކުރެވި، އެކަންތަކަށް އިޞްލާޙެއް ގެނައުމުގެ މަސައްކަތް ފެށިއްޖެއެވެ.
ކޮންމެ ބައެއްގެވެސް، މާލީ ޙާލަތަކީ، މިކަހަލަ ކޮންމެ ކަމަކަށްވެސް އެޅޭ ހުރަހަކަށް ވާތީ، ރޭޑިއޯއިންވެސް އެންމެ އެދެވޭ ގޮތަކަށް މިކަމަށް ހައްލެއް ނުގެނެވުނެވެ. އަޅުގަނޑުމެނަށް މަޖުބޫރު ވެފައިވަނީ، މާލޭގައި ތިބެގެން، "ލިބުނު އެއްޗަކުން ފުއްދައިލާށެވެ."
މިކަހަލަ ޙާލެއްގައި އުޅެމުންވެސް ބައެއް އަމިއްލަ ޕްރޮގްރާމްތައް އުފައްދަން ފެއްޓީމެވެ. މުޖުތަމަޢުގެ ތެރޭގައި ހުންނަ ގިނަ ކަންތައްތަކަށް އަމާޒުކޮށް ޕްރޮގްރާމް އުފައްދާ ކުރިއަށް ގެންދަންފެށީމެވެ. އެގޮތުން ސިއްޙީ ދުޅަހެޔޮކަން، ކުޑަކުދިން، ގޭތެރޭގެ ދިރިއުޅުން ފަދަ މައުޟޫޢުތަކަށް ޕްރޮގްރާމްތައް ތައްޔާރުކުރަން ފަށައިފީމެވެ. އަދި ދިވެހި ސަގާފީ މިޔުޒިކާ ލަވައިގެ ތެރެއިން ވެސް، ރައިވަރު، ބޮޑުބެރު، ބަނދި މިކަހަލަ ކޮންޓެންޓް ހިމަނައިގެން، ސަގާފީ ޕްރޮގްރާމް ތަކެއްވެސް ބައްޓަންކުރީމެވެ. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ މާދަރީބަސް ކަމުގައިވާ ދިވެހިބަސް، ނަގަހައްޓާ ދެމެހެއްޓުމުގެ ގޮތުންވެސް ޕަރޮގްރާމްތަކެއް އުފެއްދީމެވެ.
މިހަނދާންތައް އާވަމުންދާއިރު، އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ، ސަމަރޭ ރޭޑިއޯއާ ގުޅިލެއްވި ހިސާބުން، ސަމަރޭގެ ފަރާތުންނެވެ. އޭނާ ފުރަތަމަ ހުންނެވީ، އެޑްމިނިސްޓްރޭޝަންގައެވެ. ނަމަވެސް، ރޭޑިއޯއަށް ހުރި ޝައުޤުވެރިކަން ބޮޑުކަމުން، އަމިއްލައަށް އަޅުގަނޑާއެކު، އެކިއެކި ކަންތަކުގައި ބައިވެރިވެ އުޅުއްވާނެއެވެ. ޕްރޮޑިޔުސަރުންނާއެކު ބާއްވާ އެކިއެކި މީޓިންގ ތަކުގައިވެސް ސަމަރޭގެ ޚިޔާލު ހުށައެޅުއްވުމަށްވެސް ފުރުޞަތު ދެމެވެ. ސަމަރޭ ބައިވެރިކޮށްގެން ގެންދިޔައިމާ، އިތުރު ޚިޔާލުތަކާއި، ޕްރޮގްރަމްގެ ފުރުޞަތުތައް އާވެގެން އާދެއެވެ.
އަޅުގަނޑު ފުރަތަމަ އުފައްދަން ފެއްޓި ޕްރޮގްރާމްތަކުގެ ތެރޭގައި، "އެބޫޅޭ މިބޫޅޭ" ހިމެނެއެވެ. އެއީ، ކުޑަކުދިންނަށް ޚާއްޞަކޮށްގެން އުފެއްދި ޕްރޮގްރާމެކެވެ. އޭގައި ކިޔައިދޭނީ ވާހަކައެކެވެ. ވާހަކައިގާ ޑްރެމަޓައިޒް ކޮށްފައި އޮންނަ ބައިގައި ގިނައިން އުޅޭނީ މުޅިންވެސް ޖަނަވާރެވެ. މިސާލަކަށް މީދަލާއި ބުޅަލުގެ ވާހަކައެއް ނުވަތަ ސާރިދޯޅަކާއި ފުއްލާއެއްގެ ވާހަކައެއްވެސް ގެނެސްދިނީމެވެ. ޖަނަވާރުތަކުގެ އަޑުތައް ހުންނާނީ، ވީހާވެސް އެސޮރުމެންގެ އަޑާއި އެއްވައްތަރުވޭތޯ ބަލާފައެވެ. މީދަލާއި ބުޅަލުގެ ވާހަކައިގާ މީދަލުގެ ޑަޔަލޯގް ކިޔާ ކުއްޖާގެ އަޑު، ސްޕީޑް އަވަސްކޮށްލާފައި ރެކޯޑް ކުރަނީއެވެ. މިކަމުގައި އޮޕަރޭޓަރުން ވަރަށް ފަރިތައެވެ. ސަމީރު އަދި ރުޝްދީ ކައިރީގައި މިހެން ހަދާލަދޭށޭ ބުނާއިރަށް އެމީހުން އެކަންވޭތޯ މަސައްކަތް ކުރާނެއެވެ.
"އެބޫޅޭ މިބޫޅޭ" ޕްރޮގްރާމް ފަހުން ކުރިއަށް ގެންގޮސްދެއްވީ، މަރުޙޫމާ ޒާހިދާ އިބްރާހީމެވެ. އަޅުގަނޑު ހަނދާންވާ ގޮތުން، ޒާހިދާ ނިޔާވަންދެންވެސް އެ ޕްރޮގްރާމް އޭނާ އުފެއްދެވިއެވެ. މީ ހަމަ ފާހަގަކޮށްލެވޭ ޕްރޮޑަކްޝަނެއްވީމާ، މީގައި ފާހަގަކޮށްލީއެވެ.
ދިވެހި މުސްކުޅި ލަވަތަކަށް، ނުވަތަ ދިވެހިންގެ މިޔުޒިކީ ދުނިޔެގައި މާޒީވެ ގޮސްފައިވާ ވަރަށްގިނަ ލަވައާއި ރައިވަރު އަޅުގަނޑުމެން އެއްކުރީމެވެ. މަޝްހޫރު ބައެއް ފަންނާނުންގެ އަރިހުން އެހީތެރިކަން ވަރަށްބޮޑަށް ލިބުނެވެ. އެބޭފުޅުންގެ ތެރޭގައި، މަޝްހޫރު މުޙަންމަދު ނިޒާރު (ރަތް ނިޒާރު)، ގަސް ކުޑަހުއްތު، އަދި ހޯރަފުށީ ފަރީދާ އަކީ، ފާހަގަކޮށްލެވޭ ބޭފުޅުންކޮޅެކެވެ.
ހަމަ އެ ދުވަސްވަރު "މަގުމަތިން" ކިޔާ ޕްރޮގްރާމެއް އުފެއްދީމެވެ. މި ޕްރޮގްރާމަކީ، އަތޮޅު ތެރެއިން މާލެ ވަޑައިގެން އުޅުއްވާ ބޭފުޅުންނާ ބައްދަލުކޮށް، އެ ރަށްރަށުގެ ޙާލަތު އޮޅުންފިލުވައިލުމާއި، އެބޭފުޅުންގެ ދިރުއުޅުއްވުމުގެ ކަންތައްތައް ބައްޓަން ކުރައްވަމުން ގެންދަވާ ގޮތް އޮޅުންފިލުވާލުމެވެ. އަދި ރަށުގައި ތިއްބެވި ޢާއިލާގެ ބޭފުޅުންނާ ގާތް ރަޙުމަތްތެރި ބޭފުޅުންނަށް ދެއްވަން ބޭނުންފުޅުވާ މެސެޖެއް އޮތް ނަމަ، އެ މެސެޖެއް ރޭޑިއޯ މެދުވެރިކޮށް ފޮނުވައިދިނުމެވެ.

މި ޕްރޮގްރާމް އުފެއްދުމުގައި ދެ މަޤުޞަދެއް ވެއެވެ. އެއް މަޤުޞަދަކީ ތަޖުރިބާ ޙިއްސާކުރުމެވެ. ރާއްޖޭގެ އެއްކޮޅުގައި ދިރިއުޅުއްވާ ބޭފުޅެއްގެ މަސައްކަތްތެރިކަމުގެ ތަފާތު ތަޖުރިބާތައް މުޅި ރާއްޖެއާ ޙިއްސާ ކޮށްލުމުން، އެތަޖުރިބާ ތަކުގެ ސަބަބުން، ރާއްޖޭގެ އެހެން ހިސާބުތަކުގައި ދިރިއުޅުއްވާ ބޭފުޅެއްގެ ޚިޔާލު މުއްސަނދި ވެގެންދިއުމެވެ.
"މަގުމަތިން" ޕްރޮގްރާމުގެ އަނެއް މަޤުޞަދަކީ، އަތޮޅުތެރެއިން އެކިއެކި ކަންކަމުގައި، މާލެއަށް ދަތުރުކުރަންޖެހޭ ޙާލާއި އެބޭފުޅުން ކުރައްވަން ޖެހޭ ޚަރަދުތައް، އަދި މާލޭގައި ހޭދަވާ ދުވަސްތަކުގެ ވާހަކަތައް، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުންނާ ހަމައަށް ވާޞިލު ކޮށްދިނުމެވެ. މުސްތަގުބަލުގެ ތަރައްޤީގެ މަޝްރޫޢުތައް ރާއްވަވާ އަދި އެކަންކަން ހިންގެވުމަށް ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުންގެ ކަންފަތްޕުޅުތަކާ ހަމައަށް ގެނެސްދިނުމެވެ. ގައުމުގެ ކަންކަން އިޞްލާޙުކޮށް ތަރައްޤީ ކުރުމުގައި، އެހީއަކަށް ވާނެކަމުގެ ޔަޤީންކަމާ އެކުގައެވެ.

މިޕްރޮގްރާމަކީވެސް ތަފާތު ގޮތަކަށް މުޖުތަމައުއަށް އޭގެ ފައިދާ ކޮށްދިން ޕްރޮގްރާމެވެ. މި ދުވަސްވަރު ޕްރޮގްރާމް އުފެއްދުމުގައި ހަމަ މުޅިންހެން އެކަނި، ހޭދަކުރެވުނު ކޮންމެ ސިކުންތަކީ، އަދި ކޮންމެ މިނިޓަކާއި ކޮންމެ ގަޑިއަކީވެސް، ރޭޑިއޯ ބްރޯޑްކަސްޓިންގ އަކީ ކޮން އެއްޗެއްކަމާއި އެކަމުގައި ހުރި އުނދަގޫތަކާއި އެކަންކަން ޙައްލުކުރާނެ ގޮތަކީ ކޮބައިކަން، ތަޖުރިބާގެ އަލީގައި އަޅުގަނޑަށް ދަސްވަމުންދިޔަ މިނިޓްތަކަކާއި ގަޑިތަކެކެވެ. އަދި ހަމަ އެއާއެކު، ދިވެހިރާއްޖެއަށް ރޭޑިއޯގެ ބޭނުންތެރިކަން، ނިހާޔަތަށް ބޭނުންތެރިކަން ސާބިތުވަމުންދިޔަ ދުވަސްތަކެކެވެ.
މަގުމަތިން ދިމާވާ މީހުނާ ވާހަކަދައްކައިގެން ކުރެވޭ އިންޓަވިޔުއެއް ބްރޯޑްކާސްޓް ކުރާއިރު، އެ ދެއްކެނީ ކޮން ކަހަލަ ވާހަކައެއްކަމާއި، އެ ވާހަކައެއްގެ ސަބަބުން އެހުންތެރިންނަށް ކުރާނެ އަސަރަކާއި، އަދި ޖުމުލަކޮށް މިކުރެވޭ ކަމެއްގައި ނުވަތަ މިކުރެވޭ ސުވާލަކުން އަނެކާގެ ޢިއްޒަތާއި ކަރާމަތަށް ކޮށްފާނެ އަސަރަކާ ދޭތެރޭ ފިސާރި ފުންކޮށް ވިސްނަން އެބަޖެހޭކަން ދަސްވިއެވެ.
އަޅުގަނޑަށް ކޮށްލެވޭ ސުވާލަކުން، ނުވަތަ އެފަރާތުން ލިބޭ ޖަވާބަކުން، ބައެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގައި ދުރާލާ ވިސްނަން ދަސްވިއެވެ. ސުވާލެއް ކުރާއިރު މިކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭނެކަން ހަނދާނުން ހަމަ ކުޑަ ހިނދު ކޮޅަކަށްވެސް ފޮހެވިގެން ނުވާނެކަން ވިސްނުނެވެ.
މަގުމަތީ ޕްރޮގްރާމްގައި ރާއްޖެތެރެއިން އެކި ބޭނުންތަކުގައި މާލެ ވަޑައިގެން އުޅުއްވާ ބޭފުޅުންނާ ދައްކާލެވުނު ވާހަކަތަކުގެ ތެރެއިން ރޭޑިއޯއަށް އުފަންވި ކިތަންމެ ޕްރޮގްރާމެއްވާނެއެވެ. ހަމަ ގައިމުވެސް ދެ ޕްރޮގްރާމެއް މިހާރުވެސް ހަނދާނަށް އާދެއެވެ. އެއް ޕްރޮގްރާމަކީ، "ފުރާދުއްވާ އެއްޗެތީގެ ޙަރަކާތް" ކިޔާ ޕްރޮގްރާމެކެވެ. ވަގުތާއި ޙާލަތުގެ ގޮތުން، އެ ދުވަސްވަރަށް އިންތިހާއަށް ބޭނުންތެރި ޕްރޮގްރާމެކެވެ. އަނެއް ޕްރޮގްރާމަކީ، "މޫސުމާއި މަސްވެރިކަން" ކިޔާ ޕްރޮގްރާމެކެވެ. މި ދެ ޕްރޮގްރާމަކީ، ސީދާ މަގުމަތީ ޕްރޮގްރާމްގައި އަޅުގަނޑާ ބައްދަލުވި ބައެއް ބޭފުޅުން ދެއްވި ޚިޔާލުތަކަކާއެކު އުފަންވެގެން އައި ޕްރޮގްރާމް ތަކެކެވެ.
އަދި މިނޫންވެސް ގިނަ ޚިޔާލުތަކެއް ލިބި، ކަންތައްތަކަކަށް ބަދަލުތަކެއް ގެނެވުނެވެ. އަޞްލު ސަބަބަކީ، ގިނަ މީހުނާ ވާހަކަދައްކާލުމުގެ ފުރުޞަތު، "މަގުމަތިން" ޕްރޮގްރާމުން ހުޅުވިގެންދިޔަކަމެވެ. މޫސުމާބެހޭ ޕްރޮގްރާމް އިތުރު ގަޑިތަކުގައި ކިޔަން ފެށި ފެށުމަކީވެސް، "މަގުމަތިން" ޕްރޮގްރާމުން ދިމާވި ބޭފުޅަކު އަޅުގަނޑަށް ވިސްނައިދެއްވި، ދިވެހިންނަށް ޚާއްޞަކޮށް މަސްވެރިންނަށާއި ދަތުރުވެރިންނަށް މޫސުމަށް ވަމުންދާ ގޮތް ވީހާ ގިނަގިނައިން އިއްވައިދިނުމުގެ ބޭނުންތެރިކަމުގެ ބޮޑުކަމެވެ.
އާދެ! ކޮންމެ ޕްރޮގްރާމަކީވެސް އެ ޕްރޮގްރާމުގެ ޒާތުގައި، ފައިދާތަކެއް ކޮށްދީފައިވާ ޕްރޮގްރާމެކެވެ. އަޅުގަނޑުމެން ޕްރޮގްރާމް ފޮނުވާ މީހުންނަށާއި، އެ ޕްރޮގްރާމްގެ އެހުންތެރިންނަށެވެ.

"މަގުމަތިން" ޕްރޮގްރާމް ރެކޯރޑް ކުރުމުގައި އަޅުގަނޑު
އެހުންތެރިންގެ އިތުބާރާއި ޔަގީންކަން، އެމީހުންގެ ލޯތްބާއި އިހުތިރާމް ލިބޭނީ، ވީހާ ސާފު، ތެދު މައުލޫމާތު އެހުންތެރިނާ ޙިއްޞާ ކުރިވަރަކުންނެވެ. ރޭޑިއޯއަކީ އެންމެނަށް ފޮނުވާ އެއްޗަކަށްވެފައި، ހަމައެކަނި މާލޭގައި ދިރިއުޅޭ މީހުންގެ ފަރާތުން، މާލޭގައި ކުރިމަތިވާ މައްސަލަތަކާ ދޭތެރޭ އެކަނި ވާހަކަ ދައްކާ ބަހުސްކޮށް، ޙައްލު ހޯދައިދޭ އަޑު، އަތޮޅުތެރޭގެ ގިނަ ބޭފުޅުންނަށް އިވުމުން، އެ ބޭފުޅުންނަކީ، ރޭޑިއޯގެ އަހުލުވެރިން ކަމުގެ އިޙްޞާސެއް އެބޭފުޅުންނަކަށް ނުކުރެވެއެވެ.

އާދެ، ދިވެހިރާއްޖޭގެ ރޭޑިއޯ ވެފައި އޮންނަނީ، މާލޭގައި ދިރިއުޅޭ މީހުންނަށް އެކަނި ފޮނުވާ އެއްޗަކަށެވެ. މާލޭގައި ދިރިއުޅޭ މީހުނަށް ޚާއްޞަ ކުރެވިގެން ބައްޓަން ކުރެވިފައިވާ ޕްރޮގްރާމް ތަކެއްގެ ސަބަބުން، އަތޮޅު ތެރޭގައި ރޭޑިއޯއަކަށް މާބޮޑު ސަމާލުކަމެއް ދެވިފައެއް ނުވެއެވެ. މިގޮތަށް މިކަން ދިމާވަނީ، ޕްރޮގްރާމްތައް އުފައްދަންޖެހެނީ، މާލެއިން ލިބުނު މެޓީރިއަލްއެއް ބޭނުން ކޮށްގެން ކަމުގައިވާތީއެވެ. އަތޮޅުތެރެއަށް ދަތުރުކޮށް، މައުލޫމާތެއް ލިބޭނެ ގޮތްތައް ފަހިވެފައި ނުވާތީއެވެ.

ރޭޑިއޯއަކީ، ޤައުމުގެ ތަރައްޤީގެ އެންމެ ބޮޑު އެއް ޙިއްސާދާރުކަން ދަންނަ މީހުން، މުހިންމު ދާއިރާތަކުގައި، އަދި ނުފޫޒު ގަދަ ވަޒީފާ ތަކުގައި ނެތުން ނުވަތަ މަދުވުން، މިއީ އެންމެ ބޮޑު އެއް ސަބަބެވެ. ރޭޑިއޯއަކީ، މައުލޫމާތު ތަކެއްގެ އަލީގައި މުޖުތަމަޢުގެ ތެރެއިން ބޮޑު ޕަސެންޓެއްގެ ވިސްނުމާއި އާދަކާދަ ބަދަލު ކޮށްލުމުގެ ބާރާއި ނުފޫޒު ލިބިފައިވާ އެއްޗެއްކަން ދަންނަ މީހުން، ޑިޒިޝަން މޭކިން ލެވެލްގައި މަދުކަމުންނެވެ. ގިނަ މީހުން ދެކެމުންއައީ، ރޭޑިއޯއަކީ ލަވަފޮއްޓެއްގެ ސިފައިގައެވެ. ރީތި ލަވަތަކާއި މަޖާ ވާހަކަތަކުން ގަޑި ފުރާލާ އެއްޗެއްގެ ގޮތުގައެވެ. އެހެންކަމުން ރޭޑިއޯއިން ޤައުމަށް ކިހާވަރެއްގެ ޚިދުމަތެއް ކޮށްދެވިދާނެތޯ ބަލައިލާކަށް ވެސް ބޭނުމެއް ނުވެއެވެ. އެއް ބަޔަކު ދެކޭގޮތުގައި، ރޭޑިއޯ މޯލްޑިވްސްއަށް ކުރާ ޚަރަދަކީ، ދައުލަތުގެ ޚަޒާނާއިން ކުރާ ބޭކާރު ޚަރަދު ތަކެކެވެ.

ރޭޑިއޯ ހިންގުމަށް ލިބޭ ބަޖެޓްވެގެންދަނީ، ހަމަ ކިރިޔަކިރިޔާ ހިންގުމުގެ ޚަރަދުތައް ފުއްދައިލެވޭވަރުގެ ބަޖެޓަކަށެވެ. ޕްރޮގްރާމްތަކަށް ބަޖެޓް ކުރެވިފައިވަނީ، ވަރަށް ނިކަމެތި ގޮތަކަށެވެ. ޤައުމުގެ ތަރައްޤީގައި ރޭޑިއޯއިން ކުރަން ބޭނުންވާ ވަރަށްގިނަ ކަންތައްތައް، ބަޖެޓްގެ ތާށިކަމުގެ ސަބަބުން އޮންނަނީ ނުވެފައެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ، ރައްޔިތުންގެ ބައިވެރިވުމާއެކު، ޕްރޮގްރާމް ތަކެއް އުފެއްދުމެވެ. ރައްޔިތުންނޭ އަޅުގަނޑު މިދެންނެވީ، މުޅި ރާއްޖެ ހިމެނޭ ގޮތުންނެވެ. އަދި ހަމައެގޮތަށް ފައިސާގެ ދަތިކަމާހެދި، މުއައްޒަފުންގެ ތަމްރީން ވެސް އެދެވޭ ވަރަކަށް ގެންދެވިފައެއް ނުވެއެވެ. އަޅުގަނޑުމެންގެ ޤައުމަކީ، ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވޭ އާބަދީއެއް ދިރިއުޅޭ ގައުމެކެވެ. އެ އާބާދީގެ ހަމަކޮންމެ މީހަކީވެސް ބޭނުންތެރި ރައްޔިތެކެވެ. ޤައުމު އާރާސްތު ކުރުމުގައި އޭނާގެ ޙިއްޞާވެސް އިންތިހާއަށް ބޭނުމެވެ. އެކަންކުރެވޭނީ ރޭޑިއޯއިންނެވެ.
ރާއްޖޭގެ ތަފާތު ހިސާބުހިސާބަށް ދަތުރުކޮށް، ގިނަ ރައްޔިތުން ތަކަކާއި ބައްދަލުކޮށް، އެމީހުންގެ ދިރިއުޅުމުގެ ހާލަތާ އުފެއްދުންތެރިކަމުގެ ނިސްބަތް، އަދި ދިރިއުޅުމަށް ކުރަމުންގެންދާ ބުރަ މަސައްކަތް އެއްގޮތަކަށްވެސް، އަޅުގަނޑުމެނަކަށް ނޭނގެއެވެ. ތެދުތެދަށް ދަންނަވާނަމަ، އެމީހުންގެ ދިރިއުޅުމާ ބެހޭގޮތުން، ހަމަ އެކައްޗެއްވެސް ނޭނގެއެވެ. އަދި އަމުދުން މި ދާއިރާއިން ރޭޑިއޯގައި، އެއްވެސް ޕްރޮގްރާމެއް އުފެއްދިފައެއް ނެތެވެ. އަދި އުފައްދާކަށް މަސައްކަތް ކުރެވިފައެއް ވެސް ނެތެވެ. އަތޮޅު ތެރެއަށް ރޭޑިއޯގެ މީހަކު ދިޔަކަމަށް ވާނަމަ، ދެވިފައި ވަނީ ސަރުކާރުގެ ކޮންމެވެސް އެހެން ބޮޑު މަޝްރޫޢެއްގެ ތެރެއިން، އެ މަޝްރޫޢާ ގުޅޭ އޮފީހެއް ނުވަތަ މިނިސްޓްރީއެއްގެ ބަޖެޓްގެ ތެރެއިންނެވެ. މިއީވެސް ދެރަގޮތެއް ނޫނެވެ. ރޭޑިއޯއަށް ލިބިފައިވާ ބަޖެޓްގައި ދަތުރުފަތުރުގެ ބައި ހިމެނިފައި ނުވާތީއެވެ. ނުވަތަ، ހިމެނިފައިވާ ޢަދަދު ކުޑަކަމުން އެކަމަށްވުރެ މުހިންމު އެހެން ކަންތައްތައް ގިނައީ ކަމަށްވުން އެކަށީގެންވެއެވެ. ރައްޔިތުންގެ ޝުއޫރުތަކާއި އިހުސާސްތައް، ވެރިންނާ ހަމައަށް ގެނެސްދެވިފައެއް ނެތެވެ. މިއީ ދައުލަތެއް ހިންގުމުގެ ނިޒާމުގައި ކިހާ މުހިންމު އެއްޗެއްކަން ވިސްނިފައެއްނެތެވެ.

އޮފީސްތަކުގެ އެހީގައި، ގިނަ ދަތުރު މިގޮތަށް ކުރެވިފައިވަނީ އަޅުގަނޑަށެވެ. އެގޮތަށް ލިބޭ ދަތުރެއްގައި "އެއް ދޮނުގައި ދެބުޅި" ޖަހަމެވެ. އެއީ، އަޅުގަނޑަށް ޚަރަދު ކުރައްވައިގެން ގެންދަވާ މިނިސްޓްރީ ނުވަތަ އޮފީހުގެ ފަރާތުން އެދިވަޑައިގަންނަވާ ކަންތައްތަކާއި، އަދި އަޅުގަނޑު ރޭޑިއޯގެ ޕްރޮޑިއުސަރެއްގެ ޙައިސިއްޔަތުން ކުރަން ބޭނުންވާ، މަސައްކަތްތަކެވެ. އެ މަސައްކަތް ތަކަކީ، ކުރިން ދެންނެވި ފަދައިން، ރޭޑިއޯ ރައްޔިތުންގެ ތެރެއަށް ނެރުމެވެ.

(މި ބޭބޭފުޅުންގެ ނަންތައް އަޅުގަނޑަށް އޮޅުންފިލުވައިދެއްވީ މުޙަންމަދު އިސްމާޢީލްފުޅެވެ. އާދެ، "ފުޅަށް" ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.)
ވީވަރަކުން ޢާންމުންގެ ތެރެއަށް ނިކުމެ، އެ މީސްމީހުންގެ މަސައްކަތުގެ ޚަބަރުތަކާއި ވާހަކަ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރެކޯރޑް ކޮށްގެން މާލެއަށް ގެނެސް، ރޭޑިއޯގައި ރާއްޖެތެރޭގެ ރައްޔިތުންގެ ހިއްސާ އިތުރު ކުރުމަށްޓަކައި އެތަކެތި ބްރޯޑްކާސްޓް ކުރުމެވެ. ވަގުތުން ލައިވް ކުރުމުގެ ކަންތައް އެދުވަސްވަރު ހަމަޖެހިފައިވާ ގޮތުން، މާލެ ފިޔަވާ އެހެން ތަނަކުން، ޕްރޮގްރާމެއް ހިނގަމުންދާ ވަގުތުން ގެނެސްދިނުމަކީ، ކުރެވޭނެ ކަމެއްނޫނެވެ. މިގޮތަށް ރައްޔިތުންގެ ހިއްސާ ރޭޑިއޯގައިވެސް އެކުލެވިގެންމެނުވީ، ކުރިން ދެންނެވި ފަދައިން، "ތިޔައީ މާލޭ މީހުނަށް ފޮނުވާ މާލޭގެ ރޭޑިއޯ" އެކޭ ބުނާ ބުނުން ވާނީ އިތުރެވެ.

(ނުނިމޭ)
—
އެޑިޓަރުގެ ނޯޓު:
މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.
"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.
ޝުކުރިއްޔާ!
އެހެނިހެން ލިއުންތައް:
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 1
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 2
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 3
-
ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 4



advertisment