ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދާއިމީކޮށް ހުއްޓައިލަން މި މަހު 17 ގައި އެމެރިކާ އާއި އީރާނުން ސުލްހައިގެ ފަހުމްނާމާއެއްގައި ސޮއި ކުރުމަށްފަހު އީރާނާއި އެމެރިކާއިން އަނެއްކާވެސް ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
އެމެރިކާއިން އިއްޔެ އީރާންގެ މިސައިލް، ޑްރޯން އަދި ރާޑަރު މަރުކަޒުތަކަކަށް ހަމަލާދިނެވެ. އެއީ ސިންގަޕޫރުގައި ރަޖިސްޓްރީ ކޮށްފައިވާ "އެވާ ލަވްލީ" ނަމަކަށް ކިޔާ ވިޔަފާރި އުޅަނދަކަށް ބުރާސްފަތި ދުވަހު އީރާނުން ޑްރޯނުން ހަމަލާދިނުމުންނެވެ. އެމެރިކާއިން ބުނީ މިއީ އީރާނުން ފަހުމްނާމާއާ ހިލާފަށް ދިން ހަމަލާއެއް ކަމަށެވެ.
"އަހަރެމެން ހަމަލާދިނީ އީރާނުން އެ އާގުބޯޓަށް ހަމަލާދޭން ބޭނުންކުރި މަރުކަޒުތަކަށް،" އެމެރިކާގެ އަސްކަރީ އޮފިޝަލަކު ބުންޏެވެ.
އެމެރިކާއިން ދިން ހަމަލާތައް އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވާންސް ދިފާއު ކުރެއްވިއެވެ.
"އަނިޔާވެރިކަމުގެ ބަދަލުގައި ދޭނީ އަނިޔާވެރިކަން. އީރާނުން 'އެވާ ލަވްލީ’އަށް ދިން ހަމަލާއަކީ ފަހުމްނާމާއާ ހިލާފަށް ދިން ހަމަލާއެއް،" އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން ދިން ހަމަލާތައް އީރާނުން ހަރުކަށިކޮށް ކުށްވެރިކުރިއެވެ. އީރާނުން ބުނީ އެއީ ފަހުމްނާމާއާ ހިލާފަށް އެމެރިކާއިން ދިން ހަމަލާތަކެއް ކަމަށެވެ.
އީރާނުން ބުނީ "އެވާ ލަވްލީ"އަށް ހަމަލާދިނީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން، އީރާނުން ހުއްދަ ނުދޭ މަގަކުން ހުރަސްކުރީމާ ކަމަށެވެ. އީރާނުން މި އިޝާރާތްކުރީ އުމާންގެ އައްސޭރިފަށާ ކައިރިން ހިލޭ ދަތުރުކުރެވޭ މަގެއް ހުރުމުޒުން ދާދި ފަހުން އުމާނުން ހުޅުވައިލުމުން އެ ކަމަށް ކަމަށް ބެލެވެއެވެ. އީރާނުން ވަނީ މި ކަމާ ގުޅިގެން އިންޒާރެއް ވެސް ދީފައެވެ.
އީރާންގެ އިސްލާމީ އިންގިލާބީ ލަޝްކަރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައި.އާރް.ޖީ.ސީ)އިން ބުނީ މީގެ ފަހުން އެމެރިކާއިން އިތުރަށް ހަމަލާދީފިނަމަ މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އީރާނުން ރައްދު ދޭނެ ކަމަށެވެ.



advertisment