ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލަން ސުލްހައިގެ ފަހުމްނާމާއެއްގައި އެމެރިކާ އާއި އީރާނުން ސޮއިކޮށްފައި އޭގެ ދަށުން ދެ މަސް ދުވަހުގެ ތެރޭގައި ދާއިމީ ޑީލެއް ހަދަން އުޅެނިކޮށް ހުރުމުޒު ކަނޑުއޮޅި ހިލޭ ހުރަސްކުރެވޭނެ އާ މަގެއް އުމާނުން ހުޅުވައިލުމުން އީރާނުން އިންޒާރެއް ދީފިއެވެ.
ފަހުމްނާމާގެ ދަށުން އީރާނުން ވަނީ ހުރުމުޒު ހުޅުވައިލައިފައެވެ. ނަމަވެސް އެމެރިކާގެ އެދުމާ ހިލާފަށް، އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުގެ ކިބައިން ޓޯލްގެ ބަދަލުގައި "މެރިޓައިމް ސާވިސް ފީ" ނުވަތަ ލަފުޒީ މާނައިން "ކަނޑުގެ ހިދުމަތުގެ ފީ"އެއް ނަގަން ފަށައިފައެވެ.
އެހެން އޮއްވައި، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ، 18 މޭލު ފުޅާމިނުގައި ހުންނަ ހުރުމުޒު ކަނޑުއޮޅި އުމާންގެ އައްސޭރިފަށާ ކައިރިން ދަތުރު ކުރެވޭނެ މަގެއް އުމާނުން ހުޅުވައިލުމުން ބައެއް އުޅަނދުތައް ވަނީ އީރާނަށް ފީ ނުދައްކާ ހުރުމުޒު ހުރަސްކުރަން ފަށައިފައެވެ.
އީރާންގެ އިސްލާމީ އިންގިލާބީ ލަޝްކަރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައި.އާރް.ޖީ.ސީ)އިން ބުނީ އީރާންގެ ހުއްދަ ނެތި އެއްވެސް އުޅަނދަކަށް ހުރުމުޒު ހުރަސް ނުކުރެވޭނެ ކަމަށެވެ.
"އީރާނުން ހުއްދަ ނުދޭ މަގުތަކުން ހުރުމުޒު ހުރަސްކުރާ އުޅަނދުފަހަރާ ދެކޮޅަށް ފިޔަވަޅު އަޅާނަން،" އައި.އާރް.ޖީ.ސީގެ ކަނޑުގެ ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް، އަލީ ރިޒާ ތަންކްސީރީ ބުންޏެވެ. ނަމަވެސް އެއީ ކޮން ކަހަލަ ފިޔަވަޅެއް ކަމެއް އޭނާ ނުބުނެއެވެ.
އޭނާ ބުނީ ހުރުމުޒު ހުރަސް ކުރާ ހުރިހާ އުޅަނދުފަހަރުގެ ކަންތައްތައް ވިލަރެސްކޮށް ބަލަހައްޓާނީ އީރާނުން ކަމަށެވެ.
އުމާނުން ބުނީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ރައްކާތެރި އަދި ޓޯލް ނުނަގާ ގޮތަށް އުޅަނދުފަހަރަށް ހުރުމުޒު ހުރަސްކުރަން ފުރުސަތު ދޭނެ ކަމަށެވެ.
އެމެރިކާއިން އިރާނަށް ފާޑުކިޔެވެ. އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ ވިދާޅުވީ ހުރުމުޒަކީ ބައިނަލްއަގުވާމީ ކަނޑުއޮޅިއެއް ކަމަށާއި އެ ތަނަށް ވަކި ގައުމެއްގެ ބާރު ނުހިނގާނެ ކަމަށެވެ.
އެމެރިކާ އާއި އީރާނުން ސުލްހައިގެ ފަހުމްނާމާގައި މި މަހު 17 ގައި ސޮއިކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ހުރި އަގާ ދާދި ކައިރީގައެވެ. އެއީ ތެޔޮ ފީފާއެއް 72 ޑޮލަރު (1،110ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment