Support Us

މި ދިޔަ ބުދަ ދުވަހު ފްރާންސްގައި ނިންމައިލި ޖީ7 ސަމިޓުގައި ދެކުނު ކޮރެއާގެ ރައީސް އީ ޖެ-މްޔަންގް (ކ-3) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ-4)

އީރާނަށްފަހު ޓްރަމްޕްގެ ނަޒަރު އުތުރު ކޮރެއާ އަށް

އީރާނާއެކު މިހާރު ސުލްހައިގެ ފަހުމްނާމާއެއްގައި ސޮއިކުރެވުމުން، އުތުރު ކޮރެއާގެ ނިއުކްލިއަ ޕްރޮގްރާމް ހުއްޓުވައިލައްވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕް ވިދާޅުވެއްޖެއެވެ.

މި ކަން ހާމަކުރެއްވީ މި ދިޔަ ބުދަ ދުވަހު ފްރާންސްގައި ނިންމައިލި ދުނިޔޭގެ އެންމެ ބާރުގަދަ އިގުތިސާދުތަކުގެ ތެރޭގައި ހިމެނޭ ހަތް ގައުމެއް ނުވަތަ ގްރޫޕް އޮފް ސެވަން (ޖީ7)ގެ އެންމެ އިސްވެރިންގެ ސަމިޓުގައި އޮބްޒާވާއެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތް ދެކުނު ކޮރެއާގެ ރައީސް އީ ޖެ-މްޔަންގްއެވެ.

"އުތުރު ކޮރެއާގެ މައްސަލައަށް ސަމާލުކަން ދޭން ޖެހޭ ވަގުތު ޖެހިއްޖެ،" ޓްރަމްޕް އީ އަރިހުގައި ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލައި، މެދުއިރުމައްޗަށް ފުޅާ ދާއިރާއެއްގައި ހަމަޖެހުން ގެނެވޭނެ ފަދަ ސުލްހައިގެ ފަހުމްނާމާއެއްގައި އީރާނާއެކު ސޮއިކުރެވުމުން މިހާރު އެމެރިކާގެ ފޯކަސް އުތުރު ކޮރެއާގެ ނިއުކްލިއަ ޕްރޮގްރާމަށް އަނބުރާލެވިދާނެކަމަށެވެ.

އޭނާ ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއަ ޕްރޮގްރާމް ހުއްޓުވައިލުމުގެ މަސައްކަތް މަރުހަލާތަކަކަށް ބަހައިލައިގެން ކުރިއަށްގެންދެވިދާނެކަމަށެވެ. އެ ގޮތުން ފުރަތަމަ މިސައިލް ތަރައްގީކުރުން ހުއްޓުވައިލައި، ދުރު ކުރިމަގެއްގައި އުތުރު ކޮރެއާގެ ނިއުކްލިއަ ޕްރޮގްރާމް އެއްކޮށް ނައްތައިލެވިދާނެކަމަށެވެ.

"ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކުން އެކަނި ނުފެދޭ،" އުތުރު ކޮރެއާގައި މިހާރުވެސް ނިއުކްލިއަ ގާބިލުކަން ހުރިކަން ފާހަގަކުރައްވަމުން އީ ވިދާޅުވިއެވެ.

ޓްރަމްޕް އާއި އީގެ މި ވާހަކަތަކާމެދު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަދި ވަކި އެއްޗެއް ވިދާޅެއްނުވެއެވެ. ނަމަވެސް އުތުރު ކޮރެއާގައި ނުފޫޒުގަދަ ކިމްގެ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގް ބުނީ އުތުރު ކޮރެއާގެ ނިއުކްލިއަ ޕްރޮގްރާމާ ބެހޭ ގޮތުން މަޝްވަރާއެއްނުކުރެވޭނެކަމަށާއި އެ ގައުމުގެ ނިއުކްލިއަ ޕްރޮގްރާމަށް ގޮންޖެހުންވެގެންދާނީ "ބުއްދި ހަމަނުޖެހޭ ނިންމުމަކަށް"ކަމަށެވެ.

އުތުރު ކޮރެއާގެ ނިއުކްލިއަ ހަތިޔާރު ޕްރޮގްރާމާ ގުޅޭ ގޮތުން ޓްރަމްޕް މި ގޮތަށް ކުރެއްވި ކޮމެންޓްތަކުގެ ސަބަބުން އެމެރިކާ އާއި އުތުރު ކޮރެއާއާ ދެމެދު އަލުން ޑިޕްލޮމެޓިކް ވާހަކަތައް ފެށުން އެކަށީގެންވާކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ. މީގެ ކުރިން 2018 އާއި 2019 އާ ދޭތެރޭ ބޭއްވި ވާހަކަތައްވަނީ ކޮޅެއްގައިނުޖެހި ނިމިފައެވެ.

އުތުރު ކޮރެއާއިން ނިއުކްލިއަ ހަތިޔާރު އުފައްދާ މިންވަރު އާދަޔާހިލާފަށް އިތުރުކުރާނެކަމަށް ކިމް ދާދި ފަހުންވަނީ ވިދާޅުވެފައެވެ.

އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ނިއުކްލިއަ ޓެސްޓެއްކުރީ 2006 ގައެވެ. އަދި މިހާރު އެތައް ދޮޅަހެއްގެ ނިއުކްލިއަ ހަތިޔާރު އެ ގައުމުގައި ހުރިކަމަށް ބެލެވެއެވެ.

އުތުރު ކޮރެއާގެ ނިއުކްލިއަ ޕްރޮގްރާމްގެ ފުޅާކަމާއި އެ ގައުމާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާމެދު އެއްބަސްވުމަކަށް ނާދެވިގެން، ކިމް އާއި ޓްރަމްޕް 2019 ގައި ބޭއްވެވި ސަމިޓަކަށްފަހު އުތުރު ކޮރެއާއިން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމަކީ ނިއުކްލިއަ ބާރު އޮތް ގައުމެއްކަމަށެވެ.

ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި އޭނާވަނީ ކިމްއާ ތިން ފަހަރު ބައްދަލުކުރައްވައިފައެވެ. އެއީ އުތުރު ކޮރެއާގެ ނިއުކްލިއަ ގާބިލުކަން ނައްތައިލާނެ ޑީލެއް ހެދޭތޯއެވެ. ނަމަވެސް އެ ކަމަށް ކުރިއެރުމެއް މިހާތަނަށް ނުލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *