ދެ އަހަރުވީ ޣައްޒާ ހަނގުރާމަ ހުއްޓައިލަން މި ދިޔަ އަހަރު އޮކްޓޫބަރުގައި ޣައްޒާ ހިންގާ ހަމާސް އާއި އިސްރާއީލާ ދެމެދު އެމެރިކާއިން މެދުވެރިވެގެން ސީޒްފަޔާއެއް ގާއިމުކުރިޔަސް، އެ ސީޒްފަޔާއާ ހިލާފަށް އިސްރާއީލުން ކުރިއަށްގެންދާ ހަމަލާތަކުގައި ނިސްބަތުން ދުވާލަކު ކުއްޖަކު ޣައްޒާގައި އިސްރާއީލުން ޝަހީދުކުރަމުންދާކަމަށް އދ.އިން ބުނެފިއެވެ.
އދ.ގެ ކުޑަކުދިންނާ ބެހޭ އިދާރާ ޔުނިސެފުން ބުނީ ސީޒްފަޔާއަށްފަހު ޣައްޒާގައި މިހާތަނަށް 265 ކުދިން ޝަހީދުކޮށްލައިފައިވާކަމަށެވެ. މީގެ އިތުރުން 400 އަށްވުރެ ގިނަ ކުދިން ޒަހަމް ވެސް ކޮށްލައިފައިވާކަމަށެވެ.
"އަށް މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގައި، ރައްކާތެރި ދުވަސްތަކެއްކަމަށް ބެލެވުނު ވަގުތުގައި ވެސް ނިސްބަތުން ކޮންމެ ދުވަހަކު ކުއްޖަކު ޝަހީދުކޮށްފައިވޭ،" ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ބުންޏެވެ.
އޭނާ ބުނީ މިއީ މީހެއްގެ "ހިޔާލަށް ވެސް ނުގެނެވޭނެ" އަދި "ހިތާމައިން ފުރާލާ ފަދަ އަދަދެއް"ކަމަށެވެ.
އެލްޑާ ބުނީ އިސްރާއީލުން ފަލަސްތީން ކުދިން ޝަހީދުކުރަމުންދަނީ ބަޑިޖަހައިގެންނާއި ބޮންއަޅައިގެންނާއި އަދި ޑްރޯން ހަމަލާތަކުންކަމަށެވެ. އެ ގޮތުން 90 ޕަސެންޓަށްވުރެ ގިނަ ކުދިން ސީދާ ޝަހީދުކޮށްލިކަމަށެވެ. މި ދިޔަ އާދީއްތަ ދުވަހު ވެސް ތިން އަހަރުގެ ފިރިހެންކުއްޖެއްގެ ބޮލަށް ބަޑިޖަހައި ޝަހީދުކޮށްލައިފައިވެއެވެ.
ފަލަސްތީންގެ ސިއްހީ ވުޒާރާއިން ބުނީ ސީޒްފަޔާ މުގުރައިލައިފައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެ ސީޒްފަޔާ މުގުރައިލި ފަހުން މިހާތަނަށް 1،000 އެއްހާ މީހުން ޝަހީދުވެއްޖެކަމަށެވެ. އަދި ޣައްޒާއަށް އިސްރާއީލުން އަދިވެސް ހަމަލާދެމުންދާތީ ދެ އަހަރުވީ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ޖުމުލަ 73،000 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެކަމަށެވެ.



advertisment