Support Us

ޣައްޒާގެ ސަރަހައްދެއްގައި ކުރިން އިމާރާތްތައް ހުރިއިރު (ވ) އަދި މިހާރު އެ ތަންތަން ސުންނާފަތިކޮށްލައިފައިވާ މަންޒަރު

އާ ސެޓެލައިޓް ފޮޓޯތަކުން ފެންނަނީ ޣައްޒާގެ ދެކުނު ސަރަހައްދު ފުޅާ ދާއިރާއެއްގައި ސުންނާފަތިކޮށްލައިފައިވާ މަންޒަރު: ދިރާސާ

އާ ސެޓެލައިޓް ފޮޓޯތަކުން ފެންނަނީ ޣައްޒާގެ ދެކުނު ސަރަހައްދު ފުޅާ ދާއިރާއެއްގައި ސުންނާފަތިކޮށްލައިފައިވާ މަންޒަރު ކަމަށް ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލް ޖަޒީރާއިން ކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.

އިސްރާއީލުން ޣައްޒާގެ ދެކުނު ސަރަހައްދު ހިފަމުންދާއިރު ގަބުރުސްތާންތަކާއި ގެތަކާއި ގޮވާންކުރާ ދަނޑުތަކާއި އަދި ބައެއް ނޭބަހުޑްތައް އެއްކޮށްދަނީ ބިމާހަމަކޮށްލަމުންނެވެ. އަދި އެ ތަންތަނުގައި އިސްރާއީލުގެ އަސްކަރީ މަރުކަޒުތައް ގާއިމުކުރަމުންނެވެ.

އދ.ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ، ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފް.އޭ.އޯ)އިން ބުނީ ޣައްޒާގައި ދަނޑުވެރިކަމަށް އެކަށޭނަ ފަސް ޕަސެންޓް ބިން ވެސް މިހާރު ނެތް ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދި ފަހުން ވަނީ ޣައްޒާގެ 70 ޕަސެންޓް ބިން ހިފުމަށް އިސްރާއީލުގެ ސިފައިންނަށް އަމުރުކޮށްފައެވެ. އެއީ އިސްރާއީލުގެ ސަލާމަތަށްޓަކައި ބަފަރު ޒޯންތަކެއް (ވަކި ގައުމަކަށް ނިސްބަތްނުވާ ސަރަހައްދުތަކެއް) ގާއިމުކުރަން ކަމަށް ބުނެފައެވެ.

"މި ވަގުތު ޣައްޒާގެ ބިމުގެ 60 ޕަސެންޓް ވަނީ އަހަރެމެންގެ ފުރިހަމަ ބާރުގެ ދަށުގައި. އަހަރެން މި އަމުރުކުރަނީ 70 ޕަސެންޓް ބިން ހިފުމަށް. އަހަރެމެން މި ދަނީ ތަރުތީބުން. ފުރަތަމަ 70 ޕަސެންޓް. ފަށާނީ އޭގެން،" ޣައްޒާ އެއްކޮށް ހިފާނެކަމުގެ އިޝާރާތެއް ދެމުން ނަތަންޔާހޫ ބުނެފައިވެއެވެ.

އޮކްޓޫބަރު 2023 ގައި ފެށި ޣައްޒާ ހަނގުރާމަ މި ދިޔަ އަހަރު އޮކްޓޫބަރުގައި ހުއްޓައިލަން ހަމާސް އާއި އިސްރާއީލާ ދެމެދު ހެދި، ނަމެއްގައި އޮތް އެއްބަސްވުމާ ހިލާފަށް އިސްރާއީލުން އަދިވެސް ޣައްޒާއަށް ހަމަލާދެމުންދާތީ ފަލަސްތީން ރަށްވެހިންގެ ގެދޮރު ނެތެމުންދާ ކަމަށާއި އިސްރާއީލުން ޣައްޒާގެ އާއްމު އިންފްރާސްޓްރަކްޗަރުތައް ނައްތައިލަމުންދާ ކަމަށް ވެސް ހަމާސް އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ.

އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ، ޔުނިސެފުން ބުނީ ޣައްޒާގައި ހުރި 97 ޕަސެންޓް ސްކޫލްތައް ވަނީ ހަލާކުކޮށްލައި ނުވަތަ ސުންނާފަތިކޮށްލައިފައި ކަމަށެވެ.

ޣައްޒާގެ 2.3 މިލިއަން ރަށްވެހިންގެ ތެރެއިން 1.9 މިލިއަން ރަށްވެހިން ގެދޮރު ދޫކޮށްފައި ދާން ޖެހުމުން މިހާރު ދިރިއުޅެނީ ވަގުތީ ހިޔާތަކުގައެވެ. އާބާދީގެ ގާތްގަނޑަކަށް 60 ޕަސެންޓް މީހުންގެ ގެދޮރު ވަނީ ސުންނާފަތިކޮށްލައިފައެވެ.

ހަމާސްއާއެކު ހެދި އެއްބަސްވުމުގައި ބުނާ ގޮތާ ހިލާފަށް އިސްރާއީލުން ދަނީ ޣައްޒާގެ ބިންތައް ހިފަމުންނެވެ.

ޣައްޒާ އާރާސްތުކުރުމަށް އެމެރިކާއިން ހެދި ސުލްހައިގެ ބޯޑުން މި ދިޔަ ހަފުތާގައި އދ.ގެ ސަލާމަތީ މަޖިލީހުގައި ބުނީ ޣައްޒާގެ މިހާރުގެ ސީރިއަސް ހާލަތު އެ ގޮތަށް އޮންނަ ދާއިމީ ހާލަތަކަށް ވެގެން ހިނގައިދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *