ޣައްޒާ އެއްކޮށް ހިފާނެކަމުގެ އިޝާރާތެއް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފިއެވެ.
ޣައްޒާގެ ބިމުގެ 70 ޕަސެންޓް ހިފުމަށް ނަތަންޔާހޫ އިއްޔެ ވަނީ އިސްރާއީލު ސިފައިންނަށް އަމުރުކޮށްފައެވެ. އިސްރާއީލުން މިހާރު ވެސް ޣައްޒާގެ ބިމުގެ 64 ޕަސެންޓް ވަނީ ހިފައިފައެވެ.
"އަހަރެމެން މި ދަނީ ތަރުތީބުން. ފުރަތަމަ 70 ޕަސެންޓް. ފަށާނީ އޭގެން،" ނަތަންޔާހޫ ބުންޏެވެ.
އޭނާ ބުނީ އިސްރާއީލުން މިހާރު ވެސް ހިފައިފައިވާ ޣައްޒާގެ ސަރަހައްދުތަކަކީ ބަފަރު ޒޯންތަކެއް ކަމަށެވެ. މާނައަކީ ވަކި ގައުމެއްގެ ބިމެއްގެ ގޮތުގައި ނުބެލެވޭ ސަރަހައްދުތަކެކެވެ.
އޭނާ ބުނީ ބަފަރު ޒޯންތައް ގާއިމުކުރީ 2023 ގެ އޮކްޓޫބަރު ހަތެއްގައި ޣައްޒާ ކޮންޓްރޯލްކުރާ ހަމާސްއިން އިސްރާއީލަށް ހަމަލާދީ، 1،000 އަށްވުރެ ގިނަ މީހުން މަރައިލައި، 200 އަށްވުރެ ގިނަ މީހުން ރަހީނުކުރީމާ ކަމަށެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނީ ޣައްޒާގެ 70 ޕަސެންޓް ބިން އިސްރާއީލުން ހިފައިފިނަމަ ޣައްޒާގެ ރަށްވެހިންގެ ގެދޮރު ދާއިމީ ގޮތެއްގައި ގެއްލިދާނެ ކަމަށާއި ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ މިހާރަށްވުރެ ވެސް ގޯސްވެދާނެ ކަމަށެވެ. އެ ގޮތުން ޣައްޒާގެ 2.2 މިލިއަން ރަށްވެހިންނަށް އުޅެން ޖެހޭނީ މިހާރަށްވުރެ ވެސް ތޮއްޖެހިފައިވާ ހިޔާތަކުގައި ނުރައްކާތެރި ހާލަތްތަކުގައި ކަމަށެވެ.
އެމެރިކާއިން މެދުވެރިވެގެން ހަމާސް އާއި އިސްރާއީލާ ދެމެދު މި ދިޔަ އަހަރު އޮކްޓޫބަރު 10 ގައި ގާއިމުކޮށްދިން ސުލްހައިގެ މުއާހަދާއަށްފަހު ވެސް އިސްރާއީލުން ޣައްޒާއަށް ކެނޑިނޭޅި ހަމަލާދެމުންދާތީ ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 72،000 އަށްވުރެ މައްޗަށް އަރައިފައެވެ.



advertisment