ވޭތުވެދިޔަ ދަހަރުތަކުގައި ލުބްނާން ތެރެއަށް ނުވަންނަ ވަރަށް އިސްރާއީލު ސިފައިން ލުބްނާނަށް ވަދެއްޖެއެވެ.
އީރާނުން ވާގިވެރިވާ ހިޒްބުﷲއަށް އިސްރާއީލުގެ އުތުރު ސަރަހައްދަށް ހަމަލާ ނުދެވޭނެ ވަރަށް ލުބްނާންގެ ދެކުނު ސަރަހައްދުން ހިޒްބުﷲ ހަނގުރާމަވެރިން ދުރުކުރުމަށް ކަމަށް ބުނެ އިސްރާއީލުން މިހާރުވަނީ ލުބްނާންގެ 600 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަކި ގައުމެއްގެ ބިމެއް ނޫން ކަމަށް ނުވަތަ ބަފަރު ޒޯނެއް ކަމަށް އިއުލާންކޮށްފައެވެ. މިއީ ލުބްނާންގެ ބިމުގެ 5.8 ޕަސެންޓެވެ.
މީގެ އިތުރުން އެ ޒޯނުން އާއްމުން ބޭރުކޮށްލުމުންނާއި އެ ޒޯނުން ބޭރަށް ވެސް ވައިގެ ހަމަލާދީ، އިސްރާއީލު ސިފައިން ކޮންޓްރޯލްކުރާތީ ލުބްނާންގެ ފަސްބައިކުޅަ އެއްބައި ބިން މިހާރު ވަނީ ލުބްނާންގެ ރައްޔިތުންނަށް ނުވަދެވޭ ސަރަހައްދަކަށްވެފައެވެ. މިއީ 2،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. އަދި މި ސަރަހައްދު ދޫކޮށްދިއުމުން ލުބްނާންގެ 1.6 މިލިއަން މީހުން ވަނީ މަގުމަތިވެފައެވެ.
އިސްރާއީލުން އެންމެ ފަހުން ވަނީ ލުބްނާންގެ ދެކުނު ސަރަހައްދުގެ ނަބަތިޔާ ޑިސްޓްރިކްޓްގެ އަރްނައުން ވިލެޖަށް ހަމަލާދީ އެ ތާނގައި ހުންނަ ތާރީހީ ބޯފޯޓް ގަނޑުވަރު ހިފައިފައެވެ.
"މިއީ ހިޒްބުﷲއާ ދެކޮޅަށް އަހަރެމެން ހިންގަމުންދާ ކެމްޕޭނަށް ލިބުނު ބޮޑު ބަދަލެއް،" މި ކަމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުންޏެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް ބުނީ ލުބްނާންގެ ދެކުނު ސަރަހައްދުގައި އިސްރާއީލުން ގާއިމުކުރި "ސަލާމަތީ ޒޯޏް" ދަމަހައްޓާނެ ކަމަށެވެ.
ވަކި ހަމައެއް ނުބަލާ އިސްރާއީލުން ލުބްނާންގެ ބިންތަކަށް ހަމަލާދެމުންދާތީ ލުބްނާންގެ ބޮޑުވަޒީރު ނަވާފު ސަލާމު އެ ކަން ކުށްވެރި ކުރެއްވިއެވެ.
"މި ކަމުގެ ސަބަބުން އަހަރެމެންގެ ޓައުންތައް ސުންނާފަތިވެ، އާއްމުން އެ ތަންތަން ދޫކޮށް ދާން ޖެހިފައިވަނީ،" އޭނާ ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބޯފޯޓް ގަނޑުވަރު ހުންނަ ސަރަހައްދާއި އެ ހިސާބުގެ ވިލެޖްތައް ކައިރީގައި ހިޒްބުﷲ ހަނގުރާމަވެރިން ދަނީ އިސްރާއީލު ސިފައިންނާ ހަނގުރާމަ ކުރަމުންނެވެ.
މި ދިޔަ މަހު 16 ގައި އެމެރިކާއިން އިސްރާއީލާއި ލުބްނާނާ ދެމެދު ގާއިމުކޮށްދިން ސީޒްފަޔާ 45 ދުވަހަށް ދިގުދަންމައިލިޔަސް އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ގެންދަނީ ކުރިއަށެވެ.
އެމެރިކާ މެދުވެރިވެގެން ލުބްނާނާއި އިސްރާއީލާ ދެމެދު ކުރިއަށްދާ، ލުބްނާން ސަރުކާރުން ބޮއިކޮޓް ކުރުމަށް ހިޒްބުﷲއިން ގޮވައިލައިފައިވާ ސުލްހައިގެ ވާހަކަތަކުގައި މިހާރު އެންމެ ބޮޑު މައްސަލައަކަށްވެފައިވަނީ ލުބްނާންގެ ދެކުނު ސަރަހައްދުން، ލުބްނާނުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފައިވާ ހިޒްބުﷲގެ ހަނގުރާމަވެރިން ދުރުކުރަން ކަމަށް ބުނެ އިސްރާއީލު ސިފައިން "ސަލާމަތީ ޒޯން" ހަދައި، އެ ތާނގައި ތިބުމުންނެވެ. ލުބްނާނުން ބުނީ މިއީ އިސްރާއީލުން ލުބްނާންގެ ސިޔާދަތަށް ނުރައްކާކުރުން ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އިސްރާއީލުން މިހާތަނަށް ވެސް އަމަލުނުކުރާ، ނޮވެމްބަރު 2024 ގައި އިސްރާއީލާއެކު ހިޒްބުﷲއިން ގާއިމުކުރި ސީޒްފަޔާ މުގުރައިލައިފައި ހިޒްބުﷲއިން ވެސް އިސްރާއީލަށް ހަމަލާދޭން ފެށުމުން އިސްރާއީލުން ލުބްނާނަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 3،000 އަށްވުރެ ގިނަ ލުބްނާން މީހުން މަރުވެފައިވެއެވެ.



advertisment